ރައީސް މުހައްމަދު މުއިއްޒު އެއްޗެއްގައި ސޮއިކުރައްވަނީ: ވޭޕް މަނާކުރުމަކީ ބޮޑު ނިންމެވުމެއް (ފޮޓޯ/ރައީސް އޮފީސް)

ވޭޕް

ވޭޕާ ދެކޮޅަށް ރައީސްގެ ކުއްލި ނިންމުން އައީ ބޮޑު ހަލާކެއްގެ ބިރުވެރިކަމާ އެކު

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އާންމުންނަށް ނޭނގޭ ނުރައްކާތެރިކަން ބޮޑު އަމަލްތަކެއް ވޭޕާ ގުޅުވައިގެން ހިންގަމުން އަންނަ ކަމަށް
15 އޮކްޓޯބަރު 2024
5

މުހިންމު ނުކުތާތައް

މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ބައެއް ގްރޫޕްތަކުން ވޭޕް މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުން އޭގެ ތެރެއަށް ވައްދާ

ފުލުހުންނަށް ލަފާކުރެވުނީ ފިޔަވަޅު ނާޅައިފި ނަމަ ރާއްޖޭގެ ހައި ސްކޫލްގެ މުޅި ނިޒާމް ވެސް ފުނޑިދާނެ ކަމަށް

ގިނަ ބަޔަކު ރުޅިއަޔަސް ބައެއް ފިޔަވަޅުތައް ސަރުކާރުން އެޅުމަކީ ކުރިމަގަށް މުހިންމު ކަމެއް

ވޭޕަކީ މިހާރު ފެޝަނެކެވެ. ފުރާއުމުރާއި ދެ ޖިންސްގެ ޒުވާނުންގެ އަތުގައި ވޭޕްގެ ރީތި އާލާތެއް ނެތް ނަމަ އެއީ ބަޔަކަށް ނުވުމުގެ ވިސްނުން ވެސް އުފެދެން އޮތީ ފެށިފަ އެވެ.

އެކަމަކު ރައީސް މުހައްމަދު މުއިއްޒު ރޭ އެ އިއުލާންކުރެއްވި ނިންމެވުމާ އެކު ރާއްޖޭގައި ވޭޕްކުރުން ވެސް، ވޭޕްއާ ގުޅޭ އެއްވެސް އެއްޗެއް އެތެރެކުރުމާއި ވިއްކުން ވެސް، މަނާވީ އެވެ.

ރައީސްގެ އެ ނިންމެވުމަށް އެތައް ބައެއްގެ ތައުރީފް އޮހުނެވެ. އަނެއް ބަޔަކަށް އެއީ ޒުވާނުންގެ 'އުފަލަށް އެޅި ހުރަހެކެ'ވެ. ނުވަތަ ސިނގިރޭޓްގެ ވިޔަފާރިއަށް މަގު ކޮށައިދިނުމެވެ.

އެމީހަކު ބޭނުން ގޮތަކަށް ވިސްނަންވީ އެވެ. އެކަމަކު 'ވޭޕްގެ ފެޝަން' ނައްތާލަން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭކަން މީގެ އަހަރުތަކެއް ކުރިން ވެސް، ސަރުކާރުގެ ބައެއް ވެރިންނާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި ފުލުހުންގެ ތެރޭގައި އައީ ވާހަކަ ދެކެވެމުންނެވެ.

"މި ސަރުކާރުގެ ގިނަ ސިޔާސަތުތަކާ އަޅުގަނޑު އެއްބަހެއް ނުވަމެވެ. އެކަމަކު ވޭޕް މަނާކުރުމަކީ ވަރަށް ރަނގަޅު ފިޔަވަޅެކެވެ،" މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަދި އެމްޑީޕީ ސަރުކާރުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގެވުމުގައި ވެސް އިސްކޮށް ހުންނެވި ޝަމާއު ޝަރީފް، އެކްސްގައި ލިިއުއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ މުސްތަގުބަލުގެ ޖީލުތަކުގެ ސިއްހަތު ހިމާޔަތްކުރެވޭނެ ފިޔަވަޅެކެވެ. އާންމު ސިއްހަތުގެ ކަންކަން އިސްކުރުމަކީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، ސިއްހަތު ރަނގަޅު މުޖުތަމައުއެއްގެ ފެށުމެވެ.

ނަމަވެސް އޭނާގެ އެ ޕޯސްޓަށް ކޮމެންޓްކުރި އެކެއްގެ ވާހަކަ މުޅިން ތަފާތެވެ. އަހުމަދު ސިނާންގެ ނަޒަރުގައި އެ ނިންމެވުމަކީ މުއްސަނދި ސިނގިރޭޓްގެ ވިޔަފާރިވެރިންގެ ލޮބީކުރުމުގެ ނަތީޖާ އެވެ. ވޭޕްކުރުމުން ޒުވާނުން ސަލާމަތްކުރަން ބޭނުން ނަމަ ސިނގިރޭޓް ވެސް މަނާކުރަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.

"ނިކޮޓިންއަށް ދެވިހިފާފައިވާ ޒުވާނުން ދެން ދާންވީ ސިނގިރޭޓަށް ހެއްޔެވެ؟" އޭނާ ސުވާލުކުރި އެވެ.

ވޭޕްގެ ކަންކަން އޮތީ މާ ނުރައްކާތެރި ހާލަތެއްގައި

ކޮންމެވެސް ހިސާބަކުން ފިޔަވަޅު ނާޅާ ނުދެވޭ ވަރަށް ބައެއް އަމަލްތަކުގެ ނަތީޖާ ފެނެ އެވެ. ވޭޕަކީ އޭގެ ބައެއް ކަމަށް، ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. އެއީ ކީއްވެގެން ހެއްޔެެވެ؟ މަސްތުވާތަކެތި ބޭނުންކުރާ ވަސީލަތަކަށް ވޭޕްވެ، ފުރާއުމުރާއި ޒުވާނުން އެ އާދައިގައި ބެނދެވެމުން ދިއުމެވެ.

"އާންމުންނަށް އެނގޭ ވަރަށް ވުރެ މާ ނުރައްކާ ހާލަތެއްގައި ވޭޕްކުރުން އޮތީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ އުކުޅުތައް އޭރަކު ފެންނަ ބައެއް އާދަތަކާ ގުޅުވާލަ އެވެ. އެގޮތުން ފުލުހުންނަށް އެނގުނީ މަސްތުވާތަކެތި ހިމެނޭ ފްލޭވާތައް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަމުން ދާ ކަމެވެ. އޭގެ ބޭނުން ހިފާ ފުރާއުމުރާއި ޒުވާނުންގެ އާބާދީ ބޮޑުވަމުން ދިއުމުގެ ނުރައްކާތެރި ރަނގަބީލު ވެސް ޖަހަން ފެށީ އެވެ.

ވޭޕްކުރުމަކީ މިހާރު މުޅި ދިނިޔެއިން ވެސް ކަންބޮޑުވަމުން އަންނަ އަމަލެއް (ފައިލް ފޮޓޯ)

ފުލުހުންގެ އޮފިޝަލް ވިދާޅުވި ގޮތުގައި އަޅާނުލާ ދޫކޮށްލައިފި ނަމަ ރާއްޖޭގެ ހައި ސްކޫލްގެ ނިޒާމް ވެސް މުޅިން ފުނޑިދާނެ ފަދަ ހާލަތަކަށް ދިއުމުގެ ފުރުސަތު އޮތްކަން، ލަފާކުރެއްވުނެވެ. 

"ވޭޕްގެ ތެރެއިން ދަރިވަރުންނާއި ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވައްދަމުން ދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

"މިއީ ޑްރަގް ވިއްކާ ގްރޫޕްތަކުން ރާވައިގެން ކުރަމުން ދާ ކަމެއް. އެކަން އެގޮތަށް ދޫކޮށްލައިފި ނަމަ ރާއްޖޭގެ ހައި ސްކޫލްގެ މުޅި ނިޒާމް ވެސް ފުނޑިދާނެއޭ ހީކުރެވުނީ. އެއީ ވޭޕްކުރާ ދަރިވަރުން އެހާ ވެސް ގިނަވެދާނެއޭ."

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި ވަރަށް ސީރިއަސްކޮށް އެ މަޝްވަރާތައް ފެށި އެވެ. އެންމެ ފަހުން ކެބިނެޓްގައި ވެސް ވޭޕްގެ ނުރައްކާތެރިކަމާ މެދު މަޝްވަރާކޮށް، ރައީސް މުއިއްޒުގެ އެ ނިންމެވުމާ ހަމައަށް ވަޑައިގެންނެވުނީ އެވެ.

މިއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 1968ގައި އުފެދުނު ފަހުން، އާންމުންގެ މެދުގައި 'މަގުބޫލު' އެއްޗެއް މަނާކުރައްވަން ރައީސަކު ނިންމެވި އެންމެ ވަރުގަދަ ނިންމެވުމެވެ. ރާއްޖޭގެ ބައެއް ޒުވާނުންގެ މެދުގައި ވޭޕްގެ އާދަ އޮތީ އެއާ ނުލައި ދިރިއުޅެން ވެސް އުނދަގޫވެދާނެ ފެންވަރުގަ އެވެ. އެހެންކަމުން ރައީސްގެ ނިންމެވުމާ ގުޅިގެން ވަކި އާބާދީއެއްގެ މެދުގައި ހިތްހަމަނުޖެހުމާއި ރުޅިވެރިކަން ވެސް އުފެދޭނެ އެވެ.

އެކަމަކު ކުރިމަގުގެ އާބާދީ ނުރައްކަލުން ސަލާމަތްކުރުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް ވެސް މެ އެވެ. ވޭޕްގެ ނުރައްކާ، އެމެރިކާ ފަދަ ގައުމުތަކުގެ ސައިންސްވެރިންގެ ދިރާސާތަކުން އެހެރީ ފެންނާށެވެ. އެމެރިކާގެ ޒުވާނުންގެ މެދުގައި ބަލިމަޑުކަމެއްގެ ގޮތަށް ބެލެވޭ ފެންވަރަށް ވެސް ވޭޕްގެ އާދަ ބޮޑުވަމުން އެ ދަނީ އެވެ. އެއާ ދެކޮޅަށް ފިޔަވަޅު އަޅަން، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ގޮވާލަމުންނެވެ.

ރާއްޖެއަށް އެތެރެކުރި މަސްތުވާ އެއްޗެހިތަކެއް އަތުލައިގެންފައި: ވޭޕް މެދުވެރިކޮށް މަސްތުވުމުގެ އާދައެއް އަށަގަންނަވަމުން އަންނަ ކަމަށް ފުލުހުން ބުނޭ (ފޮޓޯ/ކަސްޓަމްސް)

"އެއްގޮތަކަށް ވެސް މިއީ ސިނގިރޭޓް އެތެރެކޮށް ވިއްކާ މީހުންނާ ގުޅުން އޮތް ނިންމުމެއް ނޫން،" ބައެއް އާންމުންގެ ތުހުމަތާ މެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"މިއީ ހަމަ އޭގެ ނުރައްކާ ބޮޑުވާނެކަން ފެންނާތީ، ފުލުހުން ވެސް ކަންބޮޑުވެގެން ކުރަމުން އަންނަ މަސައްކަތެއް."

ސިނގިރޭޓާއި ވޭޕް ތަފާތެވެ. ސިނގިރޭޓް ފޮއްޓެއް ސްކޫލަށް ވެއްދުމާއި ވޭޕްގެ 'ގަލަމެއް' 'ޕޮޑެއް' ވެއްދުމާ ވެސް ތަފާތެވެ. ވޭޕްގެ އާލާތްތައް ޑިޒައިންކޮށްފައި ހުންނަނީ ވެސް، ކުޑަކުދިންނާއި ޒުވާނުންނަށް ކަމުދާ ގޮތަށެވެ. ސިނގިރޭޓާ އެއްގޮތަށް، ނިކޮޓިންގެ ތެރެއިން ވޭޕަށް ދެވިހިފުމުގެ ބައި ވެސް ބޮޑުކަން، ބައެއް ދިރާސާތަކުން ދައްކަ އެވެ.

މިއަދުގެ ދަރިވަރުންނާއި ޒުވާނުންނަކީ މާދަމާ މި ގައުމުގެ ޒިންމާތަކަ ހަވާލުވާން ޖެހޭ އާބާދީ އެވެ. އެ އާބާދީގެ ހައްގުގައި، އެ އާބާދީގެ ރައްކަލަކަށް ފިޔަވަޅު އަޅާނީ މި ވަގުތު އެ ޒިންމާއާ ހަވާލުވެގެން ތިބި ބައެކެވެ. މިއީ 'ޖެން-ޒީ'ގެ އުފާތަކަށް ހުރަސްއެޅުން ކަމަށް ބަލައިގެން ރުޅިއިސްކުރުމުގެ ބޭނުމެއް ނެތެވެ. ނުވަތަ 'ޖެން-ޒީ'ގެ ހިމާޔަތުގެ ނަމުގައި، މި ފިޔަވަޅުން އިތުރު މައްސަލަތަކެއް ކުރިމަތިކުރުމުގެ ފައިދާއެއް ވެސް ނޯންނާނެ އެވެ.

ރައީސް އާއި ސަރުކާރުގެ ކޮންމެ ނިންމުމަކަށް އެންމެންގެ ލޯތްބާއި ތާއީދު އޮންނާކަށް ނުޖެހެ އެވެ. ނުވަތަ ގައުމުގެ ކުރިމަގަށްޓަކައި ކުރަން ޖެހޭ ކަމެއް އާބާދީގެ ވަކި ބަޔަކު ރުޅިއަތުވެދާނެތީ ނުކޮށް މަޑުކުރުމަކީ ވެސް، ބައެއް ފަހަރަށް، އިތުރަށް ހަލާކުވުމެވެ.

"މިއީ އަޅުގަނޑުމެން ބޭނުންވި ވަރަށް މުހިންމު ފިޔަވަޅެއް،" ކުރިން ވާހަކަ ދެއްކެވި ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"ޒުވާނުންނަށްޓަކައި ހަމަ ވަރަށް ރަނގަޅު ކަމެއް މިއީ ކުރަން ޖެހޭ."

ކޮމެންޓް (5)

profile-image-placeholder

އިންވެސްޓަރު

16 އޮކްޓޯބަރު 2024
މިނޫނީ ރަގަޅުކަމައް މިފަހަކުން މިސަރުކާރުން ނުކުރޭ..... ޝުކުރިއްޔާ ރައީސް

އަލިބެ..

16 އޮކްޓޯބަރު 2024
ސިގިރޭޓް ވިއްކާ މައި ސޭޓުން ރާއްޖޭގެ ޓްރެންޑް ބަދަލުވެ އެމީހުންގެ ވިޔަފާރި ޙިމާޔަތް ކުރަން ކުރި ކަމެއް ތީ. ޑިއުޓީ ބޮޑުކުރާއިރު ވޭޕްމަނާ ނުކޮށްފިނަމަ ސިގިރެޓް ފިހާރަތަކަށް ބޮޑު ގެއްލުމެއް ވާނެ. މުސަތަޤުބަލަށް އެހާ ވިސްނަވާނަމަ ވޭޕްއާއި އެކު ސިގިރެޓް ވެސް މަނާ ކުރެވެން ޖެހޭ. ކޮންމެ ކަމެއްވެސް މިދަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމާ އެއްގޮތައް.

ތައުފީގް

15 އޮކްޓޯބަރު 2024
ތިފާޅު ކުރާ ޚިޔާލު ތަކުން ބޭބެމެން މިތިބީ ޙައިރާންވެފަ. ވިޔާނުދާ ކަމެއް މަނާ ކުރީމާވެސް ދެކޮޅަށް.

މީހެއް

15 އޮކްޓޯބަރު 2024
ރައީސަށް މިކަމުގައި ސާބިތުކަން ދެއްވާށި! ހިތަށްއަރައި ރައީސް އަމީނަށް ފަހުގއިވެސް ކޮންމެވެސް ހިސާބަކުން ސިނގިރެޓާމެދު ހަރުކަށި ކުރެވުނުނަމަ ދުންފަތާ މަސްތުވާތަކެތި މިހިސާބަކަށް ނުދިޔައީހޭ.

ބޯހަލާކު

15 އޮކްޓޯބަރު 2024
ފިޔަވަޅު ރަނގަޅު. އެކަމަކު މައްސަލައަށް އެެެއްވެސް ހައްލެއްނާންނާނެ. މަނާވާ ދުވަހުން ފެށިގެން ވޭޕްކުރާ ހުރިހާ ޒުވާނުން / ކިޔަވާކުދިން ޑްރަގްސްއަށް ބަދަކުވާނެ. އެ ހުޅުވުނީ އަދި މާނުރައްކާތެރި ދޮރެއް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް