ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މާލެއިން ފުރާވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސްގެ އިިންޑިއާ ދަތުރުފުޅު ހާރިޖީ އަދި އިގްތިސޯދީ ގޮތުން ވެސް މުހިއްމު
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލަން ވެވަޑައިގަތް ވައުދާ އެކު އެވެ. އިންޑިއާގެ މީޑިއާއިން ރައީސް މުއިއްޒު ސިފަކުރީ ވެސް އިންޑިއާގެ ވާދަވެރި ޗައިނާއާ ގުޅުން ބަދަހިކުރައްވާ ވެރިއެއްގެ ގޮތުގަ އެވެ.
އާންމުކޮށް ރާއްޖޭގެެ ރައީސުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފުރަމާނަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވި ނަމަވެސް ރައީސް މުއިއްޒުގެ އިންޑިއާ ފުރަމާނަ ދަތުރުފުޅު އިއްޔެ ފެއްޓެވީ ވެރިކަމަށް 10 މަސް ފުރުނު ފަހުންނެވެ. ރައީސް އިންޑިއާއަށް ވަޑައިގަތީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ.
ޗައިނާއާ އެކު ރާއްޖެއިން ގުޅުން ބަދަހިކުރުމާ މެދު އިންޑިއާއިން ފާރައަށް އޮއްވާ، ރާއްޖެ-އިންޑިއާ ގުޅުން މި އަހަރުގެ ކުރީކޮޅު ގޯސްވި އެވެ. ދެ ގައުމުގެ ގުޅުން ގޯސްވީ އޭރު ރާއްޖޭގެ ޑެޕިޔުޓީ މިނިސްޓަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ ވާހަކަތަކާ އެކު އިންޑިއާގެ އާންމުން ރުޅިގަދަވި އެވެ. ސޯޝަލް މީޑިއާގައި ރާއްޖެއާ ދެކޮޅަށް ތަފާތު ކެމްޕޭނުތައްކޮށް ރާއްޖޭގެ ޓޫރިޒަމަށް ވެސް އޭގެ އަސަރު ކުރިއެވެ. ރިސޯޓުތަކުގެ ރޭޓިން ދަށްކޮށް ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރުމަށް ގޮވާލި އެވެ. އޭގެ އަސަރު ޓޫރިޒަމް ނަންބަރުތަކުން ފެނުނެވެ. މިދިޔަ ތިން އަހަރު ވެސް ޓޫރިޒަމްގެ އެއްވަނަ މާކެޓުގައި އޮތް އިންޑިއާ އޮތީ ގަދަ ފަހަކަށް ވުރެ ދަށުގަ އެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވެސް ނާރަ އެވެ. އޭގެ ގެއްލުން މިހާތަނަށް 200 މިލިއަން ޑޮލަރަށް އަރާނެ ކަމަށް، ޓޫރިޒަމްގެ ބައެއް ތަޖުރިބާކާރުން ދެކެ އެވެ.
މީގެ ކުރިން ރާއްޖެއަށް ޗުއްޓީ ހަދަން އާންމުކޮށް އަންނަ އިންޑިއާގެ އިންފުލުއެންސަރުންނާއި ފިލްމީ ތަރިން ވެސް ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކޮށް ވާހަކަ ދެއްކި މައްސަލާގައި ރާއްޖޭގެ ބަދަލުގައި އެހެން މަންޒިލުތައް ހިޔާރުކުރަން ފެށި އެވެ. އިންޑިއާއާ އެކު އޮތް ގުޅުން އަހަރު ފެށުނުއިރު ގޯސް ނުވި ނަމަ، މި އަހަރުގެ ޓޫރިޒަމް ނަންބަރުތައް މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާ-ރާއްޖެ ގުޅުން ހީނަރުވެފައި އޮތް ދަނޑިވަޅުގައި ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން އިންޑިއާގެ ނަން ނުގެންނަވާ، ރާއްޖެ ކުޑަވުމަކީ 'ބުލީކުރުމަށް' އޮތް ހުއްދައެއް ނޫން ކަމަށް ވިދާޅުވެ އިންޑިއާއަށް ވަރުގަދަ ރައްދެއް ވެސް ދެއްވި އެވެ.
ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތްކުރައްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވެސް ވާހަކަ ދެއްކެވި އެވެ. ޖައިޝަންކަރު ވަނީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ އެހީތެރިކަން ފާހަގަކުރައްވާ، ބުލީންގެ ފަރާތުން އަވައްޓެރި ގައުމުތަކަށް އެހާ ބޮޑެތި އެހީތެރިކަން ފޯރުކޮށްނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ހޫނުގަނޑުގައި ޖައިޝަންކަރު ވަނީ އެކި ފަހަރު މަތިން ރާއްޖެ-އިންޑިއާ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮޮތުން ކޮންމެ ގައުމަކުން އަބަދު އިންޑިއާއަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށާއި، ދެ ގައުމެއްގެ ދެމެދު ގުޅުން ގޯސްވެއްޖެ ނަމަ، އެކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާއާ އެކު އޮންނަ ގުޅުން ގޯސްވުމުގެ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރަން ފެށުމުން ދިވެހި ސަރުކާރުން ވަނީ އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން އިންޑިއާގައި ރާއްޖެ އިޝްތިހާރުކޮށް އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުމަށް ބާރުއަޅާ ރޯޑް ޝޯތައް ކުރިއަށް ގެންދިޔަ އެވެ.
ދެ ގައުމުގެ ގުޅުން ރަނގަޅުވާން ފަށާފައިވާއިރު އިންޑިއާގެ ފިލްމީ ތަރިންނާއި އިންފުލުއެންސަރުން އަނެއްކާވެސް ޗުއްޓީއަށް ރާއްޖެ އަންނަން ވަނީ ފަށައިފި އެވެ.
ރައީސް މުއިއްޒު އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ފެއްޓެވި އިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ރާއްޖެއަށް ލޯނާއި ހިލޭ އެހީ އެންމެ ގިނައިން ފޯރުކޮށްދޭ އެއް ގައުމަކީ އިންޑިއާ އެވެ. މި ހާލަތުގައި ވެސް އިންޑިއާގެ އެހީ ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ރައީސްްއަށް އެބަ އޮތެވެ.
އިންޑިއާ ދަތުރުފުޅުގެ ކުރިން ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހާލަތު އިންޑިއާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ އެންމެ މުހިއްމު އެއް ބައިވެރިއަކީ އިންޑިއާ ކަމަށާއި ދަތިތައް ހައްލުކުރުމުގައި އެންމެ އަވަހަށް އެހީ ދޭނީ އިންޑިއާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ މަހު އިންޑިއާއިން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019ގައި އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް 100 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުން އެއް އަހަރަށް ފަސްކޮށްދީފަ އެވެ.
އިންޑިއާ ސަރުކާރުން ގެރެންޓީ ދީގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ރާއްޖޭގެ ބްރާންޗުން ޓީބިލްގެ ގޮތުގައި ސަރުކާރަށް ދީފައިވާ އެ ފައިސާގެ ތެރެއިން މިދިޔަ މެއި މަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު ދެއްކުން ވެސް އެ ގައުމުން ފަސްކޮށްދީފައިވެ އެވެ.
ރައީސްގެ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖެއަށް އިތުރު އެހީ ދޭން ނިންމައިފި ނުވަތަ އެފަދަ އެއްބަސްވުންތަކަކާ ހަމައަށް އާދެވިއްޖެ ނަމަ އެއީ ރާއްޖޭގެ އިގުތިސޯދަށް މިވަގުތު ދިމާވެފައިވާ މައްސަލައަށް ލިބޭނެ އެހީއެއްގެ ގޮތުގައި ބީބީސީއިން ވެސް ފާހަގަކުރެ އެވެ. ރާއްޖޭގެ ބޭރުގެ ދަރަނި އަދާނުކުރެވޭނެ ހާލަތަކަށް އިގްތިސޯދު ހިނގައިދާނެ ކަމަށް ލަފާކޮށް ރޭޓިން އެޖެންސީ މޫޑީސް އާއި ފިޗުން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.
އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން ރައީސް ބީބީސީއަށް ވިދާޅުވީ ރާއްޖެ ސޮޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމަށާއި އައިއެމްއެފްގެ ރިލީފް ޕެކޭޖަކަށް ދާން ވެސް ނުޖެހޭނެ ކަމަށެވެ.
"އިގްތިސޯދީ ބަދަލުތައް ގެންނަން ރާއްޖޭގެ އަމިއްލަ އެޖެންޑާއެއް އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމުގެ މައްސަލަ ބޮޑުވެފައިވާއިިރު، ރައީސް އިންޑިއާއަށް ފެއްޓެވި ދަތުރުފުޅުގައި އެންމެ މުހިންމު ކަމަކަށް އެޖެންޑާގައި އޮންނާނީ އިންޑިއާއިން މާލީ އެހީތެރިކަން ލިބޭތޯ މަސައްކަތް ކުރުން ކަމަށް ބީބީސީން ބުންޏެވެ.
އިންޑިއާގެ އެހީގައި ރާއްޖޭގައި މިހާރުވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް އެބަދެ އެވެ. ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ ބްރިޖު މަޝްރޫއަކީ އެ ގައުމުގެ ހިލޭ އަދި ލޯނު އެހީގައި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއެވެ.
މީގެ އިތުރުން މަގު ހެދުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާ އާއި ފްލެޓް އެޅުމުގެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރު އިންޑިއާއިން ހޭދަކުރާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި އިންޑިއާ-ރާއްޖެ ގުޅުން ބަދަހިކުރުމާއި ދެ ގައުމުން ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މޯދީއާ އެކު މިއަދު މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި މުމްބާއީ އާއި ބެންގަލޫރުގައި ކުރިއަށްގެންދާ ބިޒްނަސް ފޯރަމްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އިތުރު އެހީގެ މަޝްވަރާތަކާއެ ކު އެ ގައުމުގެ އިތުރު ވިޔަފާރިވެރިންގެ އިންވެސްޓުމެންޓުތައް ރާއްޖެ ގެނައުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށް ލަފާކުރެވެ އެވެ.
ރައީސްގެ ފަސް ދުވަހުގެެ ދަތުރުފުޅުގައި ނިއު ދިއްލީގެ އިތުރުން މުމްބާއީ އާއި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. އިންޑިއާގެ ފަތުރުވެރިން ރާއްޖެ އައުން އިތުރުކުރުމަށް ވެސް ދަތުރުފުޅުގައި މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާ އަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނަ ގައުމެކެވެ. މާލީ ގޮތުންނާއި އަސްކަރީ ގޮތުން އަދި މީހުން ބިނާކުރުމުގެ ދާއިރާއިންނާއި މަތީ ތައުލީމުގެ އެކި ދާއިރާތަކުން އިންޑިއާ އިން ރާއްޖެއަށް އެހީ ދެއެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅަކީ ރާއްޖޭގެ އިގްތިސޯދަށާއި ރާއްޖެ-އިންޑިއާ ހާރިޖީ ގުޅުމަށް ވެސް މުހިއްމު ދަތުރުފުޅަކަށް ވާނެ އެވެ. އެމަނިކުފާނުގެ މޯލްޑިވްސް ފަސްޓު ސިޔާސަތާ އެކު ރާއްޖެއަށް އެންމެ ފައިދާވާނެ ގޮތަށް ދެ ގައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެ، ރާއްޖޭގެ އިގްތިސޯދަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭނެ ދަތުރަކަށް މި ދަތުރުފުޅުވާނެ ކަމަށް އުއްމީދުކުރެވެ އެވެ.