ވިލިމާލޭގެ މަގެއް: ބްރިޖާ އެކު އަތުވެދާނެ ބަދަލުތަކާ މެދު މި ރަށުގެ ބައެއް މީހުންގެ ކަންބޮޑުވުން އެބަ އޮތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ބްރިޖާ އެކު އުޅަނދުތަކުން ވިލިމާލެ ފުރިދާނެތަ؟
ވިލިމާލެ - މިރަށުގެ އެކަކު ސިފަކުރި ގޮތުގައި މާލޭގައި އުޅެފައި ވިލިމާލެއަށް އައުމުން އެންމެ ފުރަތަމަ ވެސް ލިބޭ ހިތްހަމަޖެހުމަކީ ހަމަހިމޭންކަމެވެ. އެއްގަމު އުޅަނދުގެ އަޑުފައްގަނޑާއި ބަރުގޮނުގެ އަޑު ރަށުތެރެއިން ނީވޭތީ އެއީ ސިކުނޑިއަށް އޮތް ބޮޑު ލުޔެކެވެ.
އޭނާގެ ނަޒަރުގައި ވިލިމާލޭގެ ރައްޔިތުން ވަނީ ކުރިންސުރެ ފެރީގެ ދަތުރުތަކަށް ހޭނިފަ އެވެ. އެހެންކަމުން މާލެ އާއި ވިލިމާލެ ގުޅުވާލަަން އަޅާ ބްރިޖަަކީ ވިލިމާލޭގެ އެންމެން ބޭނުން ގޮތެއް ނޫނެވެ.
"މިތަނުގައި މަދީ ބްރިޖެއް ނޫން، ހިދުމަތްތައް މަދީ. ހޮސްޕިޓަލްގެ ފެންވަރު ރަނގަޅު ކުރުން ކަހަލަ މާ މުހިއްމު ކަންކަން އެބަހުރި،" މިރަށުގެ އަތިރިމަތިން ބައްދަލުވި އަންހެނަކު ބުންޏެވެ.
"ކައުންސިލަށް ލާން ޖެހޭ ފޯމެއް ވެސް މި ލެވެނީ މާލެ އަށް ގޮސްގެން."
ނަމަވެސް ވިލިމާލެ އާއި މާލެ ބްރިޖަކުން ގުޅުވާލުމަކީ އެތައް ބައެއްގެ ދުވަހީ ދިރިއުޅުމަށް ލުއިފަސޭހައަކަށް ވާނެތީ އެ މަޝްރޫއުއާ އޭނާ ދެކޮޅެއް ނުހަދަ އެވެ.
ތިމާވެށީގެ ނަޒަރަކުން ބަލާ ނަމަ ބްރިޖުގެ ސަބަބުން ލިބޭ ފައިދާއަށް ވުރެ ވާ ގެއްލުން ބޮޑުވާނެ ކަން ޔަގީނެވެ. ބްރިޖްގެ ތަނބުތައް ޖަހަނީ ފަރުމަތީގައި ކަމުން މިހާރު ވެސް ހުންނާނީ އެތައް ގެއްލުމެއް ލިބިފަ އެވެ.
އިންޑިއާގެ އެފްކޮންއާ ހަވާލުކޮށްގެން ހިންގާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމެއް އޮގަސްޓް 2022ގައި ވިލިމާލެ ފަރަށް އުރި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި އެވެ.
ދެ ހަފްތާ ދުވަސް ވަންދެން އެ ޕްލެޓްފޯމް އޮތީ 'ވީ ހާލެއްގައި ވާން' ދޫކޮށްލާފަ އެވެ. އީޕީއޭގެ ތަހުގީގަށް ފަހު ފަރަށް ލިބުނު ގެއްލުމަށް 69 މިލިއަން ރުފިޔާއިން އެފްކޮން ޖޫރިމަނާކުރި އެވެ.
ތިލަފުއްޓާ ހަމައަށް ދެމިގެންދާ ބްރިޖް ވިލިމާލެއާ ގުޅޭ ބައިގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދެ އެވެ.
ވިލިމާލޭގައި ހަރަކާތްތެރިވާ އެންޖީއޯއެއް ކަމަށްވާ ސޭވް ދަ ބީޗްގެ ހަރަކާތްތެރިންނަށް ބްރިޖްގެ މަޝްރޫއުއާ އެކު އޮތީ ކަންބޮޑުވުންތަކެވެ. އެ ޖަމިއްޔާގެ އެއް ބާނީ ތަންޒީލާ ނައީމް ބުނާ ގޮތުގައި ބްރިޖާ އެކު ވިލިމާލޭގެ އިރުދެކުނު ފަރާތުން ފަރު އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފަ އެވެ.
ވިލިމާލޭގައި މީހުން އާބާދުކުރަން ފެށިއިރު ކަނޑައަޅާފައި އޮތީ އެއީ 'ފެހި ރަށެއް'ގެ ގޮތުގައި ބޭއްވުމަށެވެ. އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނަ އެވެ. އެހެންކަމުން ހަނި ގޯޅިގޯޅިން ދުންޖަހާފައި ދާ ސައިކަލްތަކެއް ނެތެވެ. ހަތަރު ފުރޮޅުލީ އުޅަނދުތަކުން މަގުތައް ބެދިފައި އޮންނަ ތަނެއް ވެސް ނުފެނެ އެވެ.
މި ރަށުން ފެންނަނީ ހަނި ގޯޅިތަކުގައި ކުދިން މަގުމައްޗަށް ނުކުމެ ކުޅޭތަނެވެ. ދޮށީ އުމުރުގެ މީހުން ޖޯލިފަތިތަކުގައި ޖައްސާލަައިގެން ތިބޭ ތަނެވެ. ރަށުތެރޭގައި ހަމަޖެހިލައިގެން މީހުން ހިނގާ ތަނެވެ. ނަމަވެސް މިފަހަކަށް އައިސް ބެޓެރި ސައިކަލް ގިނަވާން ފެށުމުން މައްސަލަތަކެއް ދަނީ ނުކުންނަމުންނެވެ.
ތަންޒީލާ ބުނާ ގޮތުގައި އެހާ ވަރަށް ބެޓެރީ ސައިކަލް އިތުރުވީ ގަވާއިދުން ބަގީގެ ހިދުމަތް ނުދެވޭތީ އެވެ. އެންމެ ބޭނުންވާ ގަޑީގައި ބަގީ ލިބުމުގެ ދަތިތަކާ ކުރިމަތިލާން ޖެހި އެހެން ގޮތެއް ހޯދަން ޖެހުނީ އެވެ. މިހާރު ވިލިމާލޭގައި ބަސް ވެސް ދުއްވަ އެވެ. ނަމަވެސް ބެޓެރީ ސައިކަލް ދަނީ ގިނަވަމުންނެވެ.
ސޭވް ދަ ބީޗްއިން ބުނާ ގޮތުގައި ބްރިޖާ އެކު މިރަށުގެ ހިމޭންކަން ގެއްލި މަގުތަކުގެ އަމާންކޮށް ނޯންނާނެ ކަމުގެ ބިރު މިހާރު ވެސް އުފެދެ އެވެ. ސަބަބަކީ ބްރިޖާ އެކު ރަށުތެރެއަށް އިންޖީނުލީ ދުއްވާ އުޅަނދުތައް ވަންނާނެތީ އެވެ.
ބްރިޖް ތަރައްގީގެ މަޝްރޫއުގެ ކޮންސެޕްޓް ކަރުދާސްތަކުގައިވާ ގޮތުން ވިލިމާލެ ތެރެއަށް ދުއްވާ އުޅަނދުފަހަރު ޕާކްކުރެވޭނެ ޖާގައެއް އޮންނާނެ އެވެ.
"ވިލިމާލެއަކީ ހަފްތާ ބަންދުތަކުގައި މުޅި ރަށް ފުރޭ ރަށެއް. މިހާރު މައުލޫމާތު ލިބިފައިވާ ގޮތުން 600 ޖާގައިގެ ވެހިކަލް ޕާކްކުރެވޭ ގޮތަށް އޮންނާނެ ކަމަށް [ބެލެވެނީ]،" އޭނާ ބުންޏެވެ.
މިއީ ބްރިޖް ހުރަސްކޮށް ވިލިމާލެ ޒިޔާރަތްކުރާ އެންމެންނަށް ފުދޭ މިންވަރަކަށް ނުވާނެ ކަމަށް ސޭވް ދަ ބީޗްއިން ދެކެ އެވެ. މި ކަންބޮޑުވުމާ ގުޅިގެން ކުރީގެ އަދި މިހާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، މާލޭ ކޮޅުން ނައްޓާލުމުގެ ކުރިން ވިލިމާލޭގައި ޕާކިން ޖާގަ ހުރި ވަރު ދެނެގަނެވޭނެ ނިޒާމެއް ގާއިމްކުރަން ވާހަކަ ދައްކާފައިވާނެ ކަމަށް ތަންޒީލާ ބުންޏެވެ.
"އެމީހުން ވެސް ގަބޫލުކުރޭ މިއީ މުސްތަގުބަލުގައި މަައްސަލައަކަށް ވެދާނެ ކަމަކަށް،" އޭނާ ބުންޏެވެ.
ހުރިހާ ގޮތަކުން ވިލިމާލެ ހިމާޔަތްކުރަން މިރަށުގެ ރައްޔިތުން ބޭނުންވެ އެވެ. އެމީހުންގެ ތެރޭގައި އެކަންކަމަށް އަޑުއުފުލާ އެކި ގްރޫޕްތައް ވަނީ އުފެދިފަ އެވެ. ގަވާއިދުން ބައްދަލުކޮށް މަޝްވަރާތަކާއި ބަހުސް ވެސް ހިނގަ އެވެ.
ބްރިޖާ ގުޅިގެން ފަރާއި ގޮނޑުދޮށަށް އަތުވެދާނެ ބަދަލުތަކުގެ ކަންބޮޑުވުން އެތައް ބައެއްގެ ހިތުގައި މިހާރު ވެސް އޮތީ އުފެދިފަ އެވެ. ދެން ރަށުތެރޭގެ އަމާންކަމާއި މިހާރު ދަމަހައްޓަމުން އަންނަ ތަރުތީބު ގެއްލިދާނެކަމުގެ ބިރު ވެސް އުފެދިއްޖެ އެވެ.
ޒަމާނީ ކޮންމެ ތަރައްގީއަކާ އެކު ގެއްލުމަކާ ވެސް ކުރިމަތިވެ އެވެ. މި ތަފާތު ރަށުގެ ރައްޔިތުން ތިބީ ބްރިޖް ނިމި، ހުޅުވާލުމުން ދެންވާނެ ގޮތެއްގެ ސުވާލުގަ އެވެ.
ކޮމެންޓް (3)
މީމަ
ހަމްދޫން
ކަލޯބެއްޔާ