ހެޔޮނުވާނެ، ވިލިމާލެ ހަލާކުކޮށްނުލާ!
މުހިންމު ނުކުތާތައް
ގައުމިއްޔަތުގެ އެއް ބަޔަކީ ތަރިކަ ހިމާޔަތްކުރުން. ތިމާވެއްޓަކީ އެ ތަރިކައިގެ ބައެއް
ޒަމާނީ ތަަރަައްގީގެ ނަމުގައި ވިލިމާލޭގެ މުހިންމު ސިފަތައް ގުރުބާންކުރެވިގެން ނުވާނެ
މާލެއާ ކައިރީގައި އެފަދަ ރަށެއް އޮތުމަކީ އެތައް ބަޔަކަށް ލިބޭނެ ނަސީބެއް
ވިލިމާލެ - އައިޝަތު އަމީލާގެ ނަޒަރު ގޮސް ހުއްޓުނީ ޗައިނާގެ އަންހެން ފަތުރުވެރިޔަކަށެވެ. އެމީހާ އުޅުނު ގޮތުން ކޮންމެވެސް އެހީއެއް ބޭނުންވަނީކަން އިހުސާސްކުރެވުނެވެ. ކައިރިއަށް ގޮސް ވާހަކަ ދައްކާލުމުން އޭނާ އެދުނީ ހަމައެކަނި ގުދުރަތީ ރީތިކަން ފެންނާނެ ގޮތަށް ފޮޓޯއެއް ނެގޭނެ ތަނެއް ބުނެދިނުމަށެވެ. އޭރު ވެސް އޭނާ ވަނީ މިރަށުގެ އެކި ހިސާބުތަކުގައި ހުރެގެން ފޮޓޯތަކެއް ނަގައިފަ އެވެ. އެކަމަކު އެއިން ކޮންމެ ފޮޓޯއެއްގެ ފަހަތަށް ވެސް އަރާފައި ހުންނަނީ ކޮންކްރީޓް އިމާރާތެއް، ހިއްކާފައި އޮތް ވެލިގަނޑެއް ނުވަތަ މިހާރު ހަދަމުން އަންނަ ބްރިޖާ ގުޅޭ ކޮންމެވެސް ތަނެކެވެ.
"އޭނާ ގޮވައިގެން ވިލިމާލެ ވަށައިގެން ހިނގި އިރު ވެސް އެކަހަލަ ފޮޓޯއެއް އަތެއް ނުވި. ދެން އަހަރެން ބުނެފިން ތުލުސްދޫ ކަހަލަ ރަށަކަށް ގޮސްގެން ފޮޓޯއެއް ނެގިދާނެއޭ،" އަމީލާ ބުންޏެވެ.
އެކަމަކު ޗައިނާގެ އެ ފަތުރުވެރިޔާ ފުރަން އޮތީ އަނެއް ދުވަހު އެވެ. އެހެންކަމުން މާލެ ސަރަހައްދުން ބޭރަށް އޭނާއަށް ދެވޭނެ ގޮތެއް ނެތެވެ.
ޒަމާނީ ތަރައްގީގައި ހިމެނޭ ކޮންކްރީޓްގެ ހުރިހާ ރީތިކަމެއް ޗައިނާއިން ފެންނާނެ އެވެ. އޭގެ ބަދަލުގައި ޗައިނާގެ ފަތުރުވެރިޔާގެ ހިތްދަމައިގަތީ ރާއްޖޭގެ ގުދުރަތީ ރީތި މާހައުލަށެވެ. އޭނާ ބޭނުންވީ ވިލިމާލެ ކަހަލަ އަތިރިމައްޗެއް އޮތް ރަށެއްގައި ހުރެ، ވަށައިގެން ވެސް ގުދުރަތީ ކުލަތައް ފެންނާނެ ފޮޓޯއެކެވެ.
އެކަމަކު އެ ފޮޓޯ ވިލިމާލެއިން ވެސް މިހާރު ލިބޭކަށް ނެތެވެ. އިރުމަތީ ފަރާތުގައި އޮތީ މާލެ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ކޮންކްރީޓް ޖަންގައްޔެވެ. ހުޅަނގު ފަރާތުން ނަމަ ޖެހިފައި އެ އޮތީ ގުޅީފަޅެވެ. އެތަން ފުރިފައި ވަނީ ބްރިޖަށް ބޭނުންވާ ސާމާނުންނެވެ. ދެކުނު ފަރާތަށް ޖެހިލައިފި ނަމަ ބްރިޖްގެ މަސައްކަތެވެ.
ނަސީބު ރަނގަޅު ކަމުން މިރަށް އަދި ކޮންކްރީޓް ޖަންގައްޔަކަށް ބަދަލެއް ނުވެ އެވެ. މި ރަށުން އަދިވެސް ރާއްޖޭގެ އާންމު ރަށެއްގެ ބައެއް ސިފަތައް އެބަ ފެނެ އެވެ. ބައެއް ސަަރަހައްދުތައް ހުރީ ހިމާޔަތްކޮށްފަ އެވެ. އިންޖީނުލީ ދުއްވާ އެއްޗެހި މަދެވެ. ގިނަ ގެތައް ހުރީ ދެތިން ބުރިއަށެވެ. ގަސްތައް ގިނަ އެވެ. ހަމަހިމޭންކަން ބޮޑެވެ.
'ބަގީޗާ އަވަށެއް'
ކުރީގެ ވިލިނގިލީ ޓޫރިސްޓް ރިސޯޓް 1990ގެ ކުރީކޮޅު ސަރުކާރަށް ނެގުމަށް ފަހު 1993ގައި މި ރަށް އާބާދުކުރީ މާލޭގެ ރަށްވެހިންނަށެވެ. އޭރުއްސުރެ މިރަށް ބޭއްވޭތޯ ބަލަމުން އައީ، މާލެއާ ތަފާތު ތަނެއްގެ ގޮތުގަ އެވެ. ބަގީޗާއިން ފުރާލަން ވެސް އެއްއިރެއްގައި މަސައްކަތްކުރި އެވެ.
"އެންމެ ފަސޭހަ ގޮތަކީ ވިލިމާލެއަކީ ރާއްޖޭގެ ރީތި ރަށެކޭ ބުނުން. ރީތި ރަށެކޭ މި ބުނަނީ ގޮނޑުދޮށެއް އެބަ އޮތް. ގަސްގަހާގެހި އެބަހުރި. ފުދޭވަރަކަށް ރަނގަޅަށް ފެހިކަން އެބަ އޮތް މިރަށުގައި އަދިވެސް. ދެން ހަމަހިމޭންކަމާ އެކު ދިރިއުޅެވޭނެ ވެއްޓެއް އެބަ އޮތް،" ވިލިމާލެ ސިފަކޮށްދެއްވާނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން މުހައްމަދު ޝިހާބު ވިދާޅުވި އެވެ.
ކުރިން އެކި ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކުރެއްވި އަދި އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވި ޝިހާބު މި ރަށުގައި ދިިރިއުޅުއްވާތާ 25 އަހަރު ވެއްޖެ އެވެ. މި ރަށާ މެދު އޭނާގެ ހިތްޕުޅުގައި އޮތް ލޯބި ފުނެވެ. އޭނާގެ އަމިއްލަ ބަހުން ނަމަ ރަށުގެ އެކުވެރި މުޖުތަމައުއަކީ އަގުނުކުރެވޭ ފަދަ ނިއުމަތެކެވެ. އެ ގާތްކަމާއި އަޅާލުމެވެ.
މާލެ އާއި ހުޅުމާލެ ކޮންކްރީޓް ސިޓީތަކަށް ބަދަލުވަމުން ދިޔައިރު ވެސް، މިދިއަ 30 އަހަރު އެކި ސަރުކާރުތަކުން ވިލިމާލެ އޮތީ ހިމާޔަތްކޮށްފަ އެވެ. ފަސް ބުރިއަށް ވުރެ އުސްކޮށް އާންމު ގެތައް އިމާރާތެއް ނުކުރެވެ އެވެ. އިންޖީނުލީ އުޅަނދުފަހަރު މަނަ އެވެ. އެހެންކަމުން ގިނަ މީހުން އާންމުކޮށް އުޅެނީ ފައިމަގުގަ އެވެ.
ވިލިމާލެއަކީ ތަފާތު ރަށެއްގެ ގޮތުގައި ބާއްވަން ކުރިންސުރެ ވެސް މަސައްކަތްކުރާކަން މީގެ 17 އަހަރު ކުރީގެ 'ހަވީރު'ގެ ސަފުހާތަކުން ސާބިތުވެ އެވެ. އެގޮތުން އެ ނޫހުގައި ޖެހި އެއް ރިޕޯޓެއްގައި އޭރު މާލޭ މުނިސިޕަލްޓީގެ ރައީސް އަލީ ހުސެއިން ދީދީ (އަލިދީ) ވިދާޅުވެފައި އޮތީ ބޭނުމަކީ 'ބަގީޗާ އަވަށެއްގެ ގޮތުގައި ވިލިނގިލި އުފެދިގެން އައުން' ކަމަށެވެ.
"ދުއްވާ އެއްޗެހި މަދު. އެތަނުގެ ސާފުތާހިރުކަން އިތުރުވެ އަދި އެ މާހައުލުގައި އުޅޭ މީހުންގެ ހިތްހަމަޖެހުން އިތުރުވުން،" ލާމަރުކަޒީ ނިޒާމު ތައާރަފުވުމުގެ ކުރިން މާލޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން ގެންދިޔަ މާލޭ މުނިސިޕަލްޓީގެ ވެރިޔާ ވިދާޅުވި އެވެ.
މިހާރު ވެސް އޭގެ ބައެއް ސިފަތައް މިރަށުން ފިލައިގެން ނުދެ އެވެ. މި މާހައުލުގެ ހިތްގައިމުކަމުގެ ތެރޭގައި އުޅެ ބޮޑުވަމުން އަންނަ އަހުމަދު ޒައީމް މުއުތަސިމް ދެކޭ ގޮތުގައި އެއީ އޭނާގެ ނަސީބެވެ. އެ ނަސީބު މާލޭގައި ދިރިއުޅޭ އޭނާގެ އުމުރުގެ ކުދިންނަށް ނެތް ކަމަށް ބުންޏެވެ.
"އަސްލު މިކަހަލަ ހިމޭން މާހައުލެއް އޮތީމާ މިހެން ބޭރަށް ނުކުމެލާ އުޅެން ވަރަށް ހިތްހަމަޖެހޭ. އެއާ ހިލާފަށް މާލޭގައި ބޭރަށް ނުކުމެ އުޅެން ވަރަށް ތަފާތުވާނެ،" ވިލިމާލޭގައި ހުންނަ މުހިއްޔިއްދީން ސްކޫލްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ 15 އަހަރުގެ ޒައީމް ބުންޏެވެ.
އަހަރެމެންނާ އަމީލާ ބައްދަލުކުރީ ނުކުޅެދުންތެރިކަން ހުރި ފަސް އަހަރުގެ ދަރިފުޅު ގޮވައިގެންނެވެ. ޕްރޭމްގައި އޮތް ދަރިފުޅު ކޮންމެ ދުވަހަކު މޫދަށް ގެންގޮސް ވެލިމޮޑެދިނުމާއި މޫދު ކަސްރަތުތަކަށް ވެސް މިއީ ދޫކޮށްލެވެން ނެތް މާހައުލެކެވެ.
އަމީލާއަކީ ވިލިމާލޭގެ ހިމާޔަތުގައި އަޑުއުފުލަން ކެރޭ އަންހެނެކެވެ. މިރަށް ހަލާކުވާތަން ބަލަން ހުންނާކަށް އޭނާއަށް ކުޅަދާނައެއް ނޫނެވެ. އެހެންކަމުން ރަށުގެ ގުދުރަތީ މާހައުލަށް ބަދަލު އަތުވެދާނެ ކަމެއް ފެންނަ އިރަށް އެކަމާ ވާހަކަ ނުދައްކާ ނުހުރެވެ އެވެ. އެކަން ހުއްޓުވުމުގެ ގްރޫޕް މަޝްވަރާތަކުގައި ބައިވެރިވެ އެވެ.
ދެ ކުދިންގެ މަންމަ މިރަށުގައި އުޅެނީ ކުއްޔަށެވެ. އެކަމަކު މިއީ މިހާރު އޭނާގެ ރަށެވެ. އެހެންކަމުން ވިލިމާލެއަށް އަތުވެދާނެ ނުރަނގަޅު ބަދަލުތަކާ މެދު އޭނާ ވިސްނަ އެވެ. މިސާލަކަށް ބޮޑެތި ފުނަ ގަސްތައް ހިމެނޭ އަދި ހިމާޔަތްކޮށްފައި އޮތް 'ފުނަވާ' ސަރަހައްދު އެގޮތަށް ބާއްވާނެކަމެއް ނެތޭ ބުނެ ބައެއް މީހުން ދައްކާ ވާހަކަތައް އަޑުއަހަން އޭނާއަށް ފަސޭހައެއް ނޫނެވެ.
"ކޮންމެވެސް ބަޔަކު އެވާހަކަ ދެއްކި. ކީއްކުރަން ބާއްވާ ތަނެއްހޭ. އިމާރާތްކުރަންވިއްޔޭ. އެކަމަކު އޮންނަ ހުރިހާ ހުސް ބިމެއްގައި އިމާރާތެއް ހަދާކަށް ނުޖެހޭނެތާ،" އަމީލާ ބުންޏެވެ.
"އެތަން ވެސް އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދަންވީ އަސްލު. ގޮނޑިތައް ޖަހާ ހެދީމާ މީހުން ގޮސް ތިބޭނެ ހިތްފަސޭހަކޮށްލަން."
ދެން އޮތީ ހަލާކުގެ ދުވަސްތަކެއް ބާ؟
އަލިދީ ދެކެވަޑައިގަންނަވަން ބޭނުންފުޅުވި މަންޒަރު މިރަށުން މުޅިން ނުފެނުނު ނަމަވެސް ބަގީޗާ އަވަށެއްގެ ހުރިހާ ސިފައެއް އަދި ނުގެއްލެ އެވެ. އެކަމަކު ވިލިމާލޭގެ ގެތައް 10 ބުރިއަށް ހަދަން ހުއްދަ ދޭން ސަރުކާރުން ނިންމުމަކީ ގުދުރަތީ ފެހިކަން ގެއްލުވާލުމުގެ ފިޔަވަޅެއް ކަމަށް، އަމީލާ އާއި ޝިހާބުގެ އިތުރުން ޒައީމް ވެސް ގަބޫލުކުރެ އެވެ. އެ އެންމެންނަށް އެއީ ފާޑެއްގެ ބިރެއް ކަމަށް ބަލަމާ ހިނގާށެވެ.
"އަޅުގަނޑު ހިތަށްއަރަނީ މާލެ އާއި ހުޅުމާލެ އާއި ގުޅިފަޅު އެ އޮތީ 10 ބުރިއަށް ވެސް މައްޗަށް ނެގޭ ގޮތަށޭ. ދެން ކީއްކުރަންހޭ މިރަށް ހަލާކުކުރަންވީ،" އަމީލާ ބުންޏެވެ.
ޝިހާބުގެ ނަޒަރުގައި ސިޔާސަތުތައް އެގޮތަށް ބަދަލުވަނީ ނުފޫޒު ގަދަ ކޮންމެވެސް މީހަކު އެގޮތް ބޭނުންވުމުންނެވެ. އެކަމަކު މީހުން ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުން ވެސް ކޮށްދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެވެސް ކަހަލަ ބުރައެއް އުފަލައިގެން އުޅެން ޖެހޭ ގޮތްތަކެއް ވެސް ހޯދަން ޖެހޭނެ،" ޝިހާބު ވިދާޅުވި އެވެ.
ގެތައް 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދިނުމަކީ މިރަށުގެ އަސްލު ޕްލޭނަށް ވެސް ބޮޑެތި ބަދަލުތަކެއް އައުމެވެ. މިސާލަކަށް ރަށުގެ ނަރުދަމާ އާކުރަން ޖެހޭނެ އެވެ. މަގުތައް އަލުން ކޮންނަން ޖެހުމުން އަލުން އެ މަގުތައް ހަދާ ހިސާބަށް ވެސް ދިއުން އެކަށީގެންވެ އެވެ. އެކަމަކު އެ މަގުތައް ހަލާކުކުރުމުގެ ބޭނުމެއް ނެތެވެ. މިހާތަނަށް ކުރި ބޮޑެތި ވިއްސާރަތަކުގައި މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށް ފެނު އަޑިއަށް ދިޔައިރު މިރަށުގައި ފެން ބޮޑުވެފައެއް ނުވެ އެވެ. އެހެންކަމުން ރަށް އޮތީ ބައެއް މީހުން ސިފަކުރާ 'ޒަމާނީ ތަރައްގީއަށް' ވުރެ ރަނގަޅަށް ކަން އެބަ އެނގެ އެވެ.
"މިރަށުގައި މީހުން އުޅޭނެ ވަރަށް ޑިޒައިންކޮށްފައި އޮތް ގޮތަށް މީހުން އުޅޭ ކަމަށްވާ ނަމަ ވަރަށް ދެމެހެއްޓެނިވި ތަަރައްގީއެއްގެ މަތީގައި އޮވެވޭނެ ރަށެއް މި ރަށަކީ،" ޝިހާބް ވިދާޅުވި އެވެ.
ޒައީމްއަށް ސިފަކުރެވެނީ 10 ބުރިއަށް އިމާރާތްތައް އަރާ ނަމަ އޭނާގެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށްވާ 'ހިމޭންކަން ގެއްލޭނެކަމެ'ވެ.
"އިމާރާތްތައް ބޮޑުކޮށް ނަގަންޏާ މިރަށުގައި ތޮއްޖެހުން ހަމަ އިތުރުވާނެ. އެއީ މިސާލަކަށް ފަސް ބުރީގެ އިމާރާތުގައި މީހުން އުޅޭއިރު އެތަން 10 ބުރިއަށް ނެގީމާ ދެ ގުނަ މީހުން އުޅޭނެތާ. އެހެންވެއްޖެއްޔާ މީހުން ވެސް ގިނަވާނެ. އަދި ބްރިޖް އަޅައިފިއްޔާ އިތުރަށް މީހުން އަންނަން ވެސް އަންނާނެ ފަސޭހަވީމާ އަންނަން،" ޒައީމް ބުންޏެވެ.
"އަނެއްހެން ބުނަންޏާ ހަމަހިމޭންކަން ގެއްލުމުގެ ފުރުސަތު އެބަ އޮތް."
ރަށުގެ އިރުދެކުނު ފަރާތަށް ޖެހިލުމުން މިހާރު ފެންނާނީ ބްރިޖްގެ މަސައްކަތެވެ. އެ ބުރިޖާ އެކު އަންނަ ދަތުރުފަތުރުގެ ފަސޭހަ އާއި 10 ބުރިއަށް އިމާރާތްކުރަން ފެށުމުން ފެންނާނެ ބަދަލުތަކުން ވިލިމާލޭގެ ސިފަތައް ބަދަލުވާނެކަމާ މެދު ޝައްކެއް ނެތެވެ.
އެކަމަކު ޝިހާބުގެ ނަޒަރުގައި ތަރައްގީއަކީ އުސް އިމާރާތްތަކާއި ބްރިޖްތަކާއި ފައިސާއެއް ނޫނެވެ. ދިރިއުޅުން ފުރިހަމަކުރަން އެއަށް ވުރެ މުހިންމު ސިފަތައް ވެސް ހުރެ އެވެ. އޭގެ ތެރޭގައި ގުދުރަތީ މާހައުލު ހިމާޔަތްކުރުން ވެސް ހިމެނެ އެވެ. އެކަމަކު ސަރުކާރުތަކުން ބައެއް ސިޔާސަތުތައް ކަނޑައަޅަނީ އެ މިސްރާބުން ނެއްޓި، އާންމުންގެ 'ޕޮޕިއުލާ ޑިމާންޑާ އެއްގޮތަށެ'ވެ. އެއީ އޭނާގެ ނަޒަރުގައި ހަލާކެކެވެ.
އަޅުގަނޑު ދަންނަވާނީ "ތަރައްގީއަކީ ހަމައެކަނި މުދަލާއި ފައިސާ އާއި އުސް އިމާރާތްތަކާއި ބޮޑެތި ގެތަކާއި ބޮޑެތި ސްޓްރަކްޗާތަކޭ ވިސްނާ ވިސްނުން އެއީ ފަނާކުރުމުގެ ވިސްނުމެކޭ. އެއީ ބިނާކުރުވަނި ވިސްނުމެއް ނޫނޭ،" ވިލިމާލެއަށް އަތުވެދާނެ ބަދަލުތަކަށް އިޝާރަތްކުރައްވާ ޝިހާބު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ތަރައްގީއަކަށް ވާން ޖެހޭނީ އުފަލާއި ހިތްހަމަޖެހުމާ އެކު އުޅެވޭނެ ތަނެއް ބިނާކުރުން. އެކަން މި އޮތީ ވިލިމާލޭގައި."
މިރަށުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ހިނގާލުމަކީ ވެސް، މާލޭގެ ބިޒީ ކާރޫބާރޫ ބޮޑު ސިޓީގެ އުދާސްތަކުން ސަލާމަތްވުމެކެވެ. އެފަދަ ތަފާތު މާހައުލެއް މާލެއާ ޖެހިގެން އޮތުމަކީ ނަސީބެއް ވެސް މެ އެވެ. ޗުއްޓީ ދުވަސްތަކުގައި މިރަށަށް މާލެއިން ޒިޔާރަތްކުރާ މީހުން އެ ހޯދަނީ، ދެތިން ގަޑިއިރަށް ނަމަވެސް، އެ ނަސީބުން ތަންކޮޅެކެވެ.
އެކަމަކު ރަށުގެ މުޅި މާހައުލު ބަދަލުވެ، ތޮއްޖެހުން ބޮޑުވާނެ ގޮތަށް ކުރިމަގުގައި އަންނަން ހުރި ތަރައްގީގެ ރާޅުތަކުން ސަލާމަތްވުން ފަސޭހައެއް ނުވާނެ އެވެ. އޭގެ މާނައަކީ ވިލިމާލޭގެ އަސްލު ސިފަތައް ނެތިދިއުން ކައިރިކަމެވެ.
ޝިހާބު ދެކެވަޑައިގަންނަވާ ގޮތުގައި ތިމާވެއްޓަކީ ގައުމިއްޔަތުގެ ވެސް ބައެކެވެ.
"ސަރުކާރަކަށް މުހިންމުވާން ޖެހެނީ ހަމައެކަނި ފައިސާ އާއި ބޮޑެތި ޕްރޮޖެކްޓްތަކުން ލިބޭ މަންފާ ހޯދުން އެކަންޏެއް ނޫން. ސަރުކާރަށް މުހިންމުވާން ޖެހޭނެ އަޅުގަނޑުމެންގެ ތަރިކަ ދެމެހެއްޓުން،" ޝިހާބު ވިދާޅުވި އެވެ.
"މިހާރުވެސް މި ދައްކަނީ ގައުމިއްޔަތު ދިރުވުން. ގައުމިއްޔަތުގެ ބޭނުމެއް ކޮބައިތޯ ތަރިކައާ ނުލައި؟ ތަރިކައެއް ކޮބައިތޯ އަޅުގަނޑުމެންގެ ވެއްޓާ ނުލައި؟ އެހެންވީމާ ވިލިނގިލީގައި މި އޮތް މާހައުލު މިގޮތަށް ދެމެހެއްޓުމުގައި އޮތް އެންމެ ބޮޑު ފައިދާއަކަށް ވާނީ އަދި އެކަން ކުރަން ޖެހޭ ސަބަބަކަށް ވާނީ [ތަރިކަ ދެމެހެއްޓުން]."
ވިލިމާލޭގެ ތިމާވެށީގެ ހިމާޔަތުގައި އުޅޭ ހަރަކާތްތެރިން ގޮވާގޮވާލުންތައް އަޑުއަހަން ސިޔާސީ މީހުން ބޭނުންނުވެދާނެ އެވެ. އެކަމަކު ރާއްޖޭގެ އާންމު ރަށެއްގެ ސިފަތައް ވިލިމާލެއިން ނެތިދާން ބޭނުން ނޫން މީހުން އެ ގޮވުންތައް ގޮވާނެ އެވެ. އަބަދުވެސް އެ އަޑު އިވިއިވި ހުންނާނެ އެވެ.
އެންމެ ފަހަށް ވެސް ޝިހާބަށް ވިދާޅުވެވެން އޮތީ މި ވާހަކަ އެވެ. އެދެން އޮތީ މި އެދުމެވެ:
"ހެޔޮނުވާނޭ، ވިލިމާލެ ހަލާކުކޮށް ނުލައްވާށޭ!"
ކޮމެންޓް (6)
މަރީ
ސައިމާ
ހަގީގީ ރައްވެހިން
ސޯ ޓުރޫ
ރައްޔިތުމީހާ
ޗިހާބު