ވަށައިގެން

ޒުވާނުންގެ ދުލުން: ކަންބޮޑުވުމަކީ މިހާރުގެ މާހައުލު ގެއްލިދާނެތީ

ވިލިމާލެއަށް އެތައް ބަޔަކު ޒިޔާރަތްކުރަނީ އެ ރަށުގެ ގުދުރަތީ ރީތިކަމާއި ހިމޭން މާހައުލުގެ ސަބަބުން. އެކަމަކު ބްރިޖާ އެކު އެހުރިހާ ކަމަކަށް ބަދަލު އަންނާނެ ކަމަށް ބައެއް ޒުވާނުން ގަބޫލުކުރޭ
19 ސެޕްޓެމްބަރު 2024

މުހިންމު ނުކުތާތައް

މާލޭގެ ބިޒީ ދިރިއުޅުމުގެ ތެރެއިން އިރުކޮޅަކަށް ނަމަވެސް ނުކުމެ ސިކުނޑިއަށް ތަސައްލީއެއް ގެނެވޭނެ ތަނަކީ ވިލިމާލެ

މިހާރު ވެސް ބަންދު ދުވަސްތަކުގައި އެތައް ސަތޭކަ ބަޔަކު ހިތްހަމަޖެއްސުން ހޯދަނީ މި ރަށުގެ ގުދުރަތީ މާހައުލުން

ބައެއް ޒުވާނުން ބުނަނީ އަމިއްލަ ރަށަށް ވުރެ ވެސް ވިލިމާލެ ހިތްފަސޭހަ ކަމަށް

ވިލިމާލެ - އާދަޔާ ހިލާފު ތާސްބައެކެވެ. ގަސްތަކުގެ ހިޔަލުގައި، ރީތި ވެލިގަނޑު މަތީގައި ޒުވާން ގްރޫޕް ތިބީ އެ ބޮޑު ތާސްބައި ހިފައިގެންނެވެ. ކުޅުމާއި މަޖާކުރުމެވެ. އެމީހުންގެ ފަހަތުން، ތަންކޮޅެއް ދުރުން، ފެންނަނީ އުސް އިމާރާތްތަކުން ފުރިފައި އޮތް ވެރިރަށް މާލެ އެވެ. ވިލިމާލޭގެ އިރުމަތީކޮޅު އަތިރިމަތީގައި، ހެނދުނުގެ އެ ވަގުތު، އެ ޒުވާނުން ތިބީ، މާލެ އާއި ހުޅުމާލޭގެ ކޮންކްރީޓް މާހައުލުން ދުރުވެ، ރާއްޖޭގެ ރަށަކުން ލިބޭނެ ހިތްހަމަޖެހުން ހޯދާށެވެ.

ދިވެހިރާއްޖޭގެ އާންމު ރަށެއްގެ ގޮތުގައި ސިފަކުރެވެނީ ރީތި މޫދަކާއި އެއާ ޖެހިގެން ރީތި ގޮނޑުދޮށަކާއި ގަސްތަކުން ހިޔާއެޅިފައި އޮންނަ ފެހިކަމެވެ.

މި ރަށުގައި އެ ސިފަތައް އެބަ ހުއްޓެވެ. ފ. ނިލަންދުއަށް ނިސްބަތްވާ 10 ވަރަކަށް ޒުވާނުން މި ރަށުގެ އަތިރިމައްޗަށް ގެންދިޔައީ ވެސް އެ ސިފަތަކުގެ ބާރުގަ އެވެ.

"ހީވަނީ ހަމަ ރަށުގައި އުޅެލެވޭހެން. ވަރަށް، ވަރަށް ހިތްފަސޭހަ، ވަރަށް ވަރަށް އަމާން،" މާނާ އަބްދުއްރައްޒާގު ބުންޏެވެ.

ޒުވާން ގްރޫޕެއް ވިލިމާލޭ އަަތިރިމަތީގައި ވަގުތު ހޭދަކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އުމުރުން 20 އަހަރުގެ މާނާ އާއި އޭނާގެ ސްކޫލް ދައުރުގެ ގާތް ރަހުމަތްތެރިން ޗުއްޓީ ބައެއް ދުވަސްދުވަހު ބައްދަލުކުރަނީ ވިލިމާލޭގެ އެ ރީތި، ހިތްގައިމު އަތިރިމަތިންނެވެ.  'ދައުރު'ގެ ޓީމުން މިރަށަށް ޒިޔާރަތްކުރި ދުވަހު އެމީހުން ތިބީ އާދަޔާ ހިލާފު އެ ބޮޑު ތާސްބައި ހިފައިގެން މަޖާކުރާށެވެ.

"އަޅުގަނޑުމެންނަށް އެއްވެވެނީ ހަމަ ވިލިނގިއްޔަށް. ރަށުގައި ކިޔަވާފައި މި ކޮޅަށް [ވިލިމާލެއަށް] އައިސް ހުރީމާ ހީވަނީ ހަމަ ރަށުގައި ދަތުރު ގޮސް އުޅެވޭހެން،" ޓީޗިންގެ ދާއިރާއިން ކުރިއަށް ދާން ކިޔަވަމުން އަންނަ މާނާ ބުންޏެވެ.

"ރަށަށް ވުރެ ވެސް ހިތްފަސޭހަ ވިލިނގިލީގައި އުޅެލަން."

އޭނާގެ އެކުވެރިންގެ ތެރެއިން ދެން 'ދައުރު'އާ ވާހަކަ ދެއްކި އާނިމް މުހައްމަދަށް ވެސް އޮތީ ވިލިމާލޭގެ ރީތި މާހައުލުން ލިބޭ ހިތްހަމަޖެހުމާއި އުފަލެވެ. އޭނާ ބުނި ގޮތުގައި މާލެ އާއި ހުޅުމާލޭގެ 'ކޮންކްރީޓް ޖަންގަލިން' ނުކުމެ ހިތްހަމަޖެހުން ހޯދަން މިހާ ކައިރީގައި ވިލިމާލެ ކަހަލަ ރީތި ރަށެއް އޮތުމަކީ ނަސީބެކެވެ.

"މިކަހަލަ މާހައުލެއްގައި އިންނައިރު، އަތިރީގެ މި މާހައުލުގައި އިންނަ އިރު ކަނޑުން މިއަންނަ ވައިރޯޅިތަކާއި ރާޅު ޖަހާލާ އަޑު ގެންނައިރު ހިތަށް ހިތްފަސޭހަކަން ލިބިގެންދޭ. މާލެތެރޭގައި ދޫނިތަކުގެ އަޑެއް ނީވޭ. އެކަމަކު ވިލިމާލޭގައި މިހެން އުޅޭއިރު ދޫނިތައް ގޮވާލާ އަޑު އިވުނީމާ ހިތަށް ވަރަށް ހިތްފަސޭހަކަން ލިބޭ،" އާނިމް ބުންޏެވެ.

މާނާ އަބްދުއްރައްޒާގު: އޭނާ ބުނާ ގޮތުގައި އަމިއްލަ ރަށަށް ވުރެ ވެސް ވިލިމާލެ ހިތްގައިމު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މި ގްރޫޕްގެ އިތުރުން ވެސް ޒުވާން ބޮޑު އެހެން ގްރޫޕެއް އެތަނާ ހަމަ ކައިރީގައި ވަގުތު ހޭދަކުރަމުން ދިޔަ އެވެ. އެ ޒުވާނުން ތިބީ ލަވަބާޒީގަ އެވެ.

ކުޑަކުދިން ގޮވައިގެން އެކި އާއިލާތައް މޫދުގަ އެވެ. ޒުވާން ބައެއް ޖޯޑުތައް ރާޅުފަށުގައި ހިނގަމުން ދިޔަ އެވެ.

ވިލިމާލެއަކީ ޒަމާނީ ތަރައްގީގެ ތެރޭގައި ގުދުރަތީ ރީތި ސިފަތައް ގެލިފައި އޮތް މާލެ ސަަރަހައްދަށް ލިބިފައިވާ ނަސީބެކެވެ. ދަތުރު ދާން ބޭނުން އާއިލާތައް ޗުއްޓީ ދުވަސްދުވަހު ގަވާއިދުން މިރަށަށް ޒިޔާރަތްކުރެ އެވެ. ހުލުމާލޭގެ ދެ ފޭސްގެ އަތިރިމައްޗާއި މިރަށުގެ އެ މާހައުލު މުޅިން ތަފާތެވެ. އަތިރިމަތީގައި ހެދިފައި ހުރީ 1970ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 1990އާ ހަމައަށް ރިސޯޓެއްގެ ގޮތުގައި އެރަށް އޮތް އިރު ވެސް، ހިޔާދިން ބޮޑެތި ގަސްތަކެވެ.

ދަތުރު ގޮސް އުޅުނު ޒުވާނުން ބުނާ ގޮތުގައި އެންމެ 10 ވަރަކަށް މިނިޓްގެ ކަނޑު ދަތުރަކަށް ފަހު މި ރަށަށް ފޭބުމާ އެކު މާލޭގެ ހަލަބޮލިކަމުގެ އުދާސްތަކުން ދުރުވެވެ އެވެ. އެ ޒުވާނުން ސިފަކުރާ ގޮތުގައި މިއީ މާލޭގެ ބޮޑު އާބާދީއަށް ވެސް ލިބިފައި އޮތް އަގުވަޒަންނުކުރެވޭ ވަރުގެ 'ގުދުރަތީ މުދާގަނޑެކެ'ވެ.

އާނިމްގެ ނަޒަރުގައި ވެރިރަށުގެ ކާރޫބާރޫ ބޮޑު ދިރިއުޅުމުގެ ތެރެއިން ނުކުމެ ހަމައެކަނި 'ސިކުނޑި ހަމަޖައްސާލަން ވެސް މިއީ މުހިންމު ރަށެކެ'ވެ.

"މިކަހަލަ ތަނަކަށް އައިސް، މިކަހަލަ ހިތްފަސޭހަ މާހައުލެއްގައި ތިބުމަކީ އަޅުގަނޑު ގަބޫލުުކުރާ ގޮތުގައި ކޮންމެ އިންސާނަކަށް ވެސް ވަރަށް މުހިންމު ކަމެއް،" އުމުރުން 20 އަހަރުގެ ޒުވާނާ ބުނެލި އެވެ.

އާނިމް މުހައްމަދު 'ދައުރު'އަށް އިންޓަވިއު ދެނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މިއީ ހިނގާލާފައި އުޅެލެވޭހާ ކުޑަ ރަށެކެވެ. އިރުމަތީ ފަރާތުގެ އިތުރުން ހުޅަނގު ފަރާތުގައި ވެސް މޫދަށް އެރެން ހާއްސަ ސަރަހައްދެއް އޮވެ އެވެ. ޗުއްޓީ ދުވަސްދުވަހު އެ ދެ ފަރާތް ވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ.

މި ރަށުގައި އިންޖީނުލީ އުޅަނދު ފަހަރު ބޭނުންކުރަނީ ހާއްސަ ހުއްދައެއްގެ ދަށުން، ވަރަށް މަދު އަދަދަކަށެވެ. ބެޓެރީ ސައިކަލަށް ހުއްދަ ދިނީ ވެސް ދާދި ފަހުންނެވެ.

އެކަމަކު ޒަމާނީ ތަރައްގީގައި މި މާހައުލަށް ގުޑުންއެރުން އޮތީ މާ ދުރަކު ނޫނެވެ. ކަނޑުން ތިލަވެ، މިހާރު މައްޗަށް އަރަމުން އެ ދާ ތިލަމާލެ ބްރިޖް ވިލިމާލެއާ ގުޅާލައި، އާންމު ދަތުރުފަތުރަށް ހުޅުވާލުމާ އެކު މި ރަށުގެ ގުދުރަތީ ރީތި ސިފަތަކަށް ވަރަށް ބޮޑު އަސަރެއްކުރާނެ އެވެ. ބްރިޖަށްޓަކައި މި ރަށުގެ އެއްފަރާތް މިހާރު ވެސް އޮތީ ގުރުބާންކޮށްފަ އެވެ.

ބްރިޖް އެ އަޅަނީ "ކުރިން ދަތުރު ގޮސް ބާބެކިއު ހަދާ ތަނު[ގައި]. މިއަދު ދިޔައިރު އެތަނުގައި ބޭނުން ކަމެއް ނުުވެގެން މި ޖެހުނީ މިތަނަށް އަންނަން،" މާނާ ބުންޏެވެ.

"މި ތަނުގައި [އިރުމަތީ ފަރާތުގައި] ނީދޭ ބާބެކިއު ހަދާ ކައްކާ އެގޮތަކަށް ނޫޅެވޭ. އެ ބީޗު [ބްރިޖް ހަދާ ސަރަހައްދު] އެއްކޮށް އެ ހަލާކުވީ ބްރިޖް އަޅާތީވެ. އެތަނުން މޫދަކަށް ނޭރެވޭ." 

މިރަށަށް ދަތުރު އަންނަ ދިވެހިންނަށް މިހާރު ވެސް ބްރިޖްގެ ގެއްލުން އެބަ ފެނެ އެވެ. ތަރައްގީއަށް އެމީހުން ދެކޮޅެއް ނޫނެވެ. ބްރިޖުން ގުޅުވާލިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް 'ދައުރު'ން ވާހަކަ ދެއްކި އެންމެންގެ ވެސް އޮތީ ރަނގަޅަށް މެނޭޖްނުކުރެވިއްޖެ ނަމަ ވިލިމާލޭގެ ރީތި ހުރިހާ ސިފަތަކެއް ގެއްލިދާނެކަމުގެ ބިރެވެ.

ވިލިމާލެއަށް ދަތުރު ދާ މީހުންނަށް އެއީ މާލެ ސަރަހައްދުން ލިބެން އޮތް އެންމެ ބޮޑު އުފާ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބްރިޖާ އެކު މާލެ ސަރަހައްދުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު އިންޖީނުލީ އުޅަނދުފަހަރުގައި ވިލިމާލެއަށް އަންނާނެ އެވެ. އެ ހުރިހާ އެއްޗެއް ވިލިމާލެއަށް ފައިބައި، ވިލިމާލެ ތެރޭގައި ދުއްވަން ހުއްދަ ދީފި ނަމަ އެހާ ހިސާބުން ވިލިމާލޭގެ މުޅި މާހައުލު އެ ހަލާކުވީ އެވެ.

އަހުމަދު ޒައީމް މުއުތަސިމްއަކީ ވިލިމާލޭގެ މުހިއްޔިއްދީން ސްކޫލްގެ ކެޕްޓަނެވެ. ތުއްތު އިރުއްސުރެ އޭނާގެ ރަށަކީ މި އެވެ. އޭނާއާ ކުރި ކޮންމެ ސުވާލެއްގެ ޖަވާބުގައި ވެސް 'ވިލިމާލޭގެ ގުދުރަތީ ހިތްފަސޭހަކަން" އާދެ އެވެ. އެހާ ވެސް ބޮޑަށް ޒައީމްގެ ހަޔާތާ މި ރަށުގެ މާހައުލު އޮތީ ގުޅިފަ އެވެ.

"ވީކެންޑްގައި މާލެއިން ވެސް ވަރަށް ގިނަ މީހުން އެބަ އާދޭތާ. އެއިން ވެސް އެބަ އެނގޭ މިތަނަކީ ހިތްގައިމު މާހައުލެއް އޮތް ތަނެއްކަން،" އުމުރުން 15 އަހަރުގެ ޒައީމް ބުންޏެވެ.

ފ. ނިލަންދުއަށް ނިސްބަތްވާ ޒުވާން ގްރޫޕް ވިލިމާލޭ އަތިރިމަތީގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

"އަސްލު މިކަހަލަ ތަނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް. އެއީ މާލެ ސަރަހައްދަށް ބަލާލިޔަސް، މާލެ، ހުޅުމާލެއަށް ބަލައިލިޔަސް މިކަހަލަ މާހައުލެއް ފެންނާކަށް ނެތް."

ރާއްޖޭގެ އާންމު ރަށެއްގެ ގުދުރަތީ ސިފަތަކުގެ ތެރޭގައި ހަމަހިމޭންކަން ވެސް ހިމެނެ އެވެ. މިރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ މީހުންނަށް ވެސް އެ ހިމޭންކަމުން އިތުރު ހަމަޖެހުމެއް ގެނެސްދެ އެވެ.

އެކަމަކު މާނާ ބުނިގޮތުގައި ބްރިޖާ އެކު އެ ހިމޭންކަން ވެސް ފުނޑުފުނޑުވާނެ އެވެ.

ބްރިޖް ހުޅުވުމުން "ނޮއިޒް އިތުރުވެފައި މި ހިތްފަސޭހަ މާހައުލު އެއްކޮށް ބަދަލުވެދާނެއޭ. އެއީ އިންޖީނުލީ އުޅަނދުފަހަރާއި މިހުރިހާ ކަމަކާ ހެދި މާހައުލު ބަދަލުވާނެކަން 100 ޕަސެންޓް ޔަގީން،" މާނާ ބުންޏެވެ.

"އެ މާހައުލު ގެއްލޭތީ އެންމެ ކަންބޮޑުވަނީ. ބްރިޖް އެޅީމާ ގޯސްވާނެއެކޭ ނޫން. އެކަމަކު އެ ކަންބޮޑުވުން އޮވޭ ވަރަށް ބޮޑަށް."

އެއީ އާދައިގެ ކަންބޮޑުވުމެއް ކަމަށް ނުބަލާށެވެ. މި ރަށަށް ޒިޔާރަތްކޮށްފި ނަމަ ޒުވާނުން ދައްކާ އެ ވާހަކަތަކުގެ އަސްލު އަސަރު ތިބާއަށް ވެސް އިހުސާސްކުރެވޭނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް