ބަދުރުއްނަސީރު 'ދައުރު'އަށް އިންޓަވިއުދެއްވަނީ: މިއީ ދިވެހިރާއްޖޭގެ އަޑާ ގުޅިފައި ހުރި އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ބަދުރުގެ ކަންބޮޑުވުމާއި ޝަކުވާ، ފޭސްބުކުންނާއި ދައްކަވާ ވާހަކަތަކުން ވެސް
މުހިންމު ނުކުތާތައް
ކުންފުންޏެއްގެ ދަށުން ދައުލަތުގެ މީޑިއާ ހިންގުމަކީ އޭގެ އަސްލު މާނާގައި ރައްޔިތުންނަށް އެ ހިދުމަތް ދިނުމެއް ނޫން
ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް ކަމާ ނުބެހޭ ބަޔަކަށް ކުއްޔަށް ދޫކުރުމަކީ ވެސް އޭނާގެ ޝަކުވާއެއް
ވިދާޅުވަނީ މިގޮތަށް ވިސްނެވެނީ ދިވެހިރާއްޖޭގެ އަޑަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަމަށް ވެދާނެ ކަމަށް
"ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ފަހު، އެންމެ އަވަހަށް ހަލާކުކޮށްލެވުނީ ނުވަތަ ނައްތާލެވުނީ، ދިވެހިންނަށް ތަފާތު މަޢުލޫމާތު ދީ، ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ހަރުފަތެއްގައި އެހީތެރިވެ، ހޭލުންތެރިކުރުވާ އަދި ދިވެހިންގެ ހިތްތަކަށް ހަމަޖެހުމާއި އަމާންކަން ގެނެސްދިނުމުގެ ގޮތުން މުނިފޫހިފިލުވައިދިން، ދިވެހިންގެ އެކުވެރިޔާ، ދިވެހި ރޭޑިއޯ އެވެ."
މިއީ ކުޑަ ވާހަކައެއް ހެއްޔެވެ؟ ނޫނެކެވެ. މި ވާހަކަ މި ދައްކަވަނީ ވެސް އާދައިގެ ބޭފުޅެއް ނޫންމެ އެވެ. ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ރޭޑިއޯ އެއް ޝަހުސިއްޔަތު ބަދުރުއްނަސީރެވެ.
މަތީގައި އެވަނީ އޭނާގެ ފޭސްބުކްގައި މި އަހަރުގެ ޖޫން މަހު ލިއުއްވި ޕޯސްޓެއްގެ ބައެކެވެ. އޭގެ ކުރިންނާއި ފަހުން ވެސް ބަދުރުގެ ހިތްޕުޅުގެ އުދާސްތައް ގުޅިފައި އޮތީ ދިވެހިރާއްޖޭގެ އަޑަށް ވަމުންދާ ގޮތްތަކާ އެވެ. އާ ޑިމޮކްރަސީގެ ފުރަތަމަ ސަރުކާރު 2008ގައި އުފެދި ކުންފުންޏެއްގެ ދަށަށް ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގެންދިއުމުން ކުރިމަތިވި މާލީ ދަތިކަމެވެ. އެ ދަތިކަމުގައި ދައުލަތުގެ މީޑިއާ ދަރަނިވެރިވީ އެވެ.
އުމުރުފުޅުން މިހާރު 80 އަހަރުގެ ބަދުރުއަށް އަޅުގަނޑުގެ ޕޮޑްކާސްޓް ޝޯ 'މޫސާ ލަތީފް'އަށް ދައުވަތު އެރުވީ އޭނާގެ އެ ޝަކުވާތައް 'ދައުރު'ގެ ކިއުންތެރިންނާ ހަމައަށް ވެސް ގެނެސްދިނުމުގެ ބޭނުމުގަ އެވެ. ފުރަތަމަ ވެސް އަޅުގަނޑު އެދުނީ އެ ކަންބޮޑުވުންތައް ކުރުކޮށް ކިޔައިދެއްވުމަށެވެ.
"އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހިރާއްޖޭގެ އަޑުގައި ހުރި އެއްޗެއް ތިލަފުއްޓަށް އެޅުމެއް ވެސް ނޫން. ހަމައެކަނި ރޭޑިއޯއަށް މިހާރު ވެފައި ހުރި ގޮތެއް ވެސް ނޫން. ޕަބްލިކް ސާވިސް މީޑިއާއޭ ކިޔާފައި ކުންފުންޏެއްގެ ދަށުން ޕަބްލިކް ސާވިސް ހިންގުން އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ބަދުރު ވިދާޅުވި އެވެ.
"ކުންފުންޏަކީ ދަރަންޏަށް ޒިންމާވާން ޖެހޭ ތަނެއް. މިހާރު ވެސް އެބަ އޮތް ކަންނޭނގެ 200 އެތައް މިލިއަނަކުން ދަރާފައި."
ދިވެހިރާއްޖޭގެ އަޑާ ބަދުރު ގުޅިފައި އޮތީ ފުން ލޯތްބަކުންނެވެ. އުމުރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ދިގު މުއްދަތެއް ހޭދަކުރެއްވީ އެތަނުގަ އެވެ. އެހެންކަމުން ދައުލަތުގެ މީޑިއާ ހިންގުމުގެ ޒިންމާ ނަގާ ޕީއެސްއެމްގެ ދަރަނިން ސަލާމަތްވާން ނުވަތަ ހަރަދު ހަމަޖައްސަން ދިވެހިރާއްޖޭގެ އަޑުގެ މައި އިމާރާތް އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ ދެކެން/ބަލަން އޭނާއަށް ފަސޭހަ މަންޒަރުތަކެއް ނޫނެވެ.
ނަމަވެސް އެކަން މިހާރު އޮތީ އެހެން ވެފަ އެވެ. ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގެ ބޮޑު ބައި ކުއްޔަށް ނަގާފައިވަނީ ކަރެކްޝަނަލް ސާވިސް އިންނެވެ. މިއީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތަކީ ހިމާޔަތްކުރަން ވެސް ޖެހޭނެ ތަނެއްގެ ގޮތުގައި ގަބޫލުކުރައްވާ ބޭފުޅަކަށް ހިތާމަޔަކަށް ނޫނީ ނުވާނެ އެވެ.
"ކުންފުނީގައި ހުންނަ މީހަކަށް ޖެހޭނީ ކުންފުނި ސަވައިވްވާ ގޮތަށް ހަދަންތާ. ކުންފުނީގެ ދެން އޮންނަ އަނެއް އެސެޓްތަކަކީ ކޮމްޕްރޮމައިސްކުރެވެނޭ އެއްޗެއް. އެކައްޗަކަށް ފައިސާ ނުލިބެންޏާ އޭތި ދުއްވާލާފައި ދެން އޮތް އެއްޗެއް،" ބަދުރު ވިދާޅުވި އެވެ.
"އެހެން ގޮސް ފައިދާ ނެރުން ކުންފުންޏަކަށް ބޭންވާނީ. އެގޮތުން ދިވެހިރާއްޖޭގެ އަޑު އެ އޮތީ ގޮސްފައި. އެއޮތް ބޮޑު އިމާރާތް އަޅުގަނޑުގެ ނަޒަރުގައި އެއީ ދައުލަތުން ހިމާޔަތް ވެސް ކުރަން ޖެހޭނެ ތަނެއް."
އާއެނކެވެ. ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް ކަމާ ނުބެހޭ ބަޔަކު 'ހިފުމުން' އެ ހިތާމަ ބަދުރުގެ އޮންނާނެ އެވެ. އެކަމަށް ބާރުދޭ ތާރީހީ ވާފަށުގައި ހިފަން މާޒީއަށް ޖެހިލަމާ ހިނގާށެވެ. އުމުރުން 20 އަހަރު ނުވެ އެވެ. އޭނާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ރޭޑިއޯ ސްޓޭޝަން، 'މާލޭ ރޭޑިއޯ'، 29 ޑިސެމްބަރު 1962ގައި ފެށިއިރު އެތަނުގެ އެއް މުވައްޒަފެވެ. ފެއްޓެވީ ދެ ނަންބަރު އޮޕަރޭޓަރެއްގެ ވަޒީފާއިން ނުވަތަ ޓެކްނީޝަނެއްގެ ގޮތުގަ އެވެ. އެކަމަކު ދެން އުފެދުނީ ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރުވި އެއް އަަޑެވެ.
ބަދުރުގެ އަޑު ނޭނގޭ މީހަކު 2000ގެ އަހަރުތަކަށް އެޅިއިރު ވެސް ރާއްޖޭގައި މަދުވާނެ އެވެ. ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި މަޝްހޫރު އެތައް ޑްރާމާއެއްގައި އޭނާގެ އަޑަށް އާންމުން ދަމައިގަތީ އެވެ. ފެނިގެން ބަދުރު ނޭނގުނަސް އެ އަޑު އިވިގެން ބަދުރު ނޭނގިއެއް ނުދެ އެވެ. އެހާވެސް ބޮޑަށް ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންގެ ސިކުނޑިއަށް ބަދުރުގެ އަޑު އޮތީ ވަދެ ނިމިފަ އެވެ.
އެއީ ވަރަށް ބޮޑު ނުފޫޒެކެވެ. ދިވެހިންނަށް މައުލޫމާތު ލިބޭ ހަމައެކަނި ވަސީލަތަކީ ދިވެހިރާއްޖޭގެ އަޑަށް ވީ ދުވަސްވަރު އެފަދަ ނުފޫޒު ގަދަ އަޑެއްގެ ވެރިޔަކަށް ވެވަޑައިގަތުމަކީ އޭނާއަށް އަބަދުވެސް އޮތް އުފަލެކެވެ.
"އަޅުގަނޑު ރަށަކަށް ގޮސް ވާހަކަދެއްކި އިރު [ފުރަތަމަ] އެމީހުންނަކަށް ނޭނގޭ އަޅުގަނޑަކީ ކާކު ކަމެއް. ދެން އަޅުގަނޑު ކައިރީގައި ހުރި ކުއްޖަކު ބުނެފި ބަދުރު ދަންނަންހޭ. ބުނީމާ ބުނެފި އާނ އެ ސޮރު ދަންނަމޭ، ވަރަށް ރަނގަޅު ސޮރެކޭ ކިޔާފައި ވަރަށް ތައުރީފްކޮށްފި،" އޭރުގެ އެއް ތަޖުރިބާ ކިޔައިދެއްވަމުން ބަދުރު ވިދާޅުވި އެވެ.
"އޭނާ އަހައިފި ބަދުރުގެ އަޑުއިވިއްޖެއްޔާ އެނގޭނެހޭ ކަލޭމެންނަށް. ބަދުރު ފެނިއްޖެއްޔާ އެނގޭނެހޭ. ބުނެފި އާނ އެސޮރު ފެނިއްޖެއްޔާ އެނގޭނޭ. ދެން އަޅުގަނޑު އަހައިފިން ބަދުރު ފެނިއްޖެއްޔާ ހަމަ އެނގޭނެ ހެއްޔޭ. ބުނީމާ ކުއްލިއަކަށް އެ އަންހެން މީހާ ބުނެފި އަދި ބުނެލާށޭ ތި ބުނި އެއްޗެއް. ދެން އަޅުގަނޑު ތަންކޮޅެއް ދިގުކޮށް ބުނެފިން ތިޔަ ބުނާ ބަދުރު ކަލޭމެންނަށް ފެނިއްޖެއްޔާ އެނގޭނެހޭ. ބުނާއިރަށް ބުނެފި ތިއީއޭ ބަދުރަކީ."
އެކަމަކު އެ އަންހެންވެރިންނަށް ބަދުރު މި ފެނުނީ އެމީހުންގެ ވިސްނުމުގައި ސިފަކުރަމުން އައި ގޮތަކަށެއް ނޫނެވެ. ބަދަރުގެ އަޑުގެ ވަރުގަދަ ނުފޫޒުގައި އެ މީހުން ސިފަކުރީ، ބަދުރު ވިދާޅުވި ގޮތުގައި، އެއީ 'މާ ބޮޑުކޮށް، މާ ދޮންކޮށް، މާ ވަރުގަދަކޮށް' ހުންނަ މީހެއްގެ ގޮތަށެވެ.
"އަޅުގަނޑު އަސްލު ލަދެއް ނުގަނޭ [އެހެން ސިފަކުރީމާ]. އަޅުގަނޑު ވީ އުފާ. އެއީ ރޭޑިއޯގެ ބާރު އަޅުގަނޑަށް އެދުވަހު ވަޒަންކުރެވުނީ."
އެކަމަކު މިއަދު މިއީ ޓެކްނޮލޮޖީގެ ރަން ޒަމާނެވެ. އާންމުން ގެންގުޅެނީ ރޭޑިއޯއެއް ނޫނެވެ. ބަދުރުމެންގެ މަސައްކަތުން ބޭރުން ހިލޭ ރޭޑިއޯ ހޯދައިގެން އާންމުންނަށް ބެހި ދުވަސް މާޒީވެއްޖެ އެވެ. އެ މާޒީގައި ރާއްޖޭގެ އޮޑިފަހަރާއި ހޮޅުއަށިތަކާއި ބަދިގޭގައި ވެސް ހުންނަނީ ރޭޑިއޯ އެވެ.
މިއަދު ހުރިހާ ވެސް އެއްޗަކީ އަތުގައި އޮންނަ މޮބައިލް އެވެ. އެކަމަކު ބަދުރު ގަބޫލުކުރައްވާ ގޮތުގައި ރޭޑިއޯގެ ނުފޫޒު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަދި ނުކެނޑެ އެވެ. މިސާލު ނެންގެވީ އެމެރިކާ އިންނެވެ.
"އެންމެ މުއްސަނދި ގައުމު އެމެރިކާގައި އަދިވެސް ރޭޑިއޯ އެންމެ ބާރުގަދައީ،" ބަދުރު ވިދާޅުވި އެވެ.
އެ ވާހަކާގައި ހަގީގަތްތަކެއް އެބަ ހުއްޓެވެ. އެމެރިކާގެ ރޭޑިއޯ ބައެއް ޝޯތައް، ޓީވީގެ ބައެއް ޕްރޮގްރާމްތަކަށް ވުރެ ވަރުގަދަ އެވެ. އެތައް މިލިއަން ބަޔަކު އަޑުއަހާ އެތައް ޝޯއެއް، ރޭޑިއޯތަކުން ފޮނުވަ އެވެ.
ބަދުރު ވިދާޅުވި ގޮތުގައި ދައުލަތުގެ މީޑިއާއަކީ ދައުލަތުން ހިލޭ ފޯރުކޮށްދޭން ޖެހޭ ހިދުމަތެކެވެ. އެ ކޮމާޝަލް ވެގެން ނުވާނެ އެވެ. އެކަމަކު ކުންފުންޏެއްގެ ދަށުން ދައުލަތުގެ މީޑިއާ ހިންގުމުން ކުންފުނި މަސައްކަތްކުރަނީ ފައިދާ ހޯދާށެވެ. ދަރަންޏަށް ޒިންމާ ނަގާށެވެ. އެހެންވުމުން ހަރަދު ކުޑަކުރަން އޮންނަނީ ޖެހިފަ އެވެ. ރޭޑިއޯގެ ސިގުނަލް، ރާއްޖޭގެ އެކި ހިސާބަށް ނުލިބުނަސް، ހަރަދަށް ބަލާ ނަމަ، އެކަން މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. ދެން ޖެހެނީ އިންޓަނެޓް މެދުވެރިކޮށް އަޑުއަހާށެވެ. އެކަމަކު އެއީ، މިސާލަކަށް، އޮޑިދޯނިފަހަރުގެ މީހުންނަށް ފަސޭހަ ކަމެއް ނޫނެވެ. ނުވަތަ އަތްމަތި ދަތި މީހުންނަށް އިތުރު ހަރަދެކެވެ.
ބަދުރުގެ ހިތްޕުޅުގައި އޮތީ ސުވާލެވެ. ރާއްޖެ މާ ފަގީރުއިރު ވެސް ދައުލަތުގެ މީޑިއާ، އޭގެ އަސްލު މާނާގައި ހިންގި އެވެ. ދެން މިހާރު އެކަން އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟
"2008ގެ ކުރިން އޮތް ސަރުކާރާއި އޭގެ ކުރިން އޮތް ސަރުކާރުން ވެސް ރޭޑިއޯ/ޓީވީގެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ދެމުން ގެންދިޔައީ ޕަބްލިކް ސާރވިސް (ރައްޔިތުންނަށް ދޭ ޚިދުމަތެއް)ގެ ގޮތަށެވެ. އޭރު ދިވެހި ދައުލަތް މާ ފަގީރު ވެސްމެ އެވެ،" 12 ޖުލައިގައި ބަދުރު އޭނާގެ ފޭސްބުކްގައި ލިއުއްވި އެވެ.
ހަގީގަތަށް ބަލާ ނަމަ ދައުލަތުގެ އާމްދަނީ އެތައް ތަނަކުން އިތުރުވިޔަސް، ބަދުރު އެ ވަޑައިގަންނަވާ މާޒީއަށް ވުރެ ދައުލަތް މިއަދު 'މާ ފަގީރެ'ވެ. އެހެންކަމުން ދައުލަތުގެ މީޑިއާގެ މުޅި ހަރަދަށް ބޭނުންވާ ބަޖެޓް ނުދެވެ އެވެ.
މިއަދު ފެންނަން ހުރީ ބަދުރުގެ ސިކުނޑީގައި ހަރުލާފައި ހުރި ދިވެހިރާއްޖޭގެ އަޑެއް ނޫނެވެ. އެކަން އޭނާގެ ވާހަކަތަކުން ވެސް ހަމަ ޔަގީނެވެ. އޭނާގެ ލިއުއްވުންތަކުން ކަށަވަރެވެ.
"ދިވެހިރާއްޖޭގެ އަޑު ހަލާކުވެގެން އެދިޔައީ. ދެން ދުވަސްކޮޅަކުން ޓީވީ މޯލްޑިވްސް ކަންނޭނގެ ހަލާކުވެގެން ދާނީ،" ބަދުރު ވިދާޅުވި އެވެ.
"އެ ދަރަޖައަށް ދާން ޖެހޭ ސަބަބެއް ހަމަ އަޅުގަނޑަށް ނުވިސްނެނީ. އެކަން ވިސްނިވަޑައިގަންނަވާ އެހެން ބޭފުޅުން އުޅުއްވާފާނެ ކަންނޭނގެ. އަޅުގަނޑު އުމުރުން ދޮށީވީމާ ނުވިސްނެނީ ކަންނޭނގެ ނޫނީ އަޅުގަނޑު ރޭޑިއޯގެ ތެރޭގައި ޖެހިފައި އޮތް ލޯތްބެއްގެ ސަބަބުން މާ ބޮޑަށް ކަނު ލޯތްބެއްގައި އުޅެނީކަމަށް ވެދާނެ."
ބަދުރު ވަނީ 'ދިވެހިރާއްޖޭގެ ރޭޑިއޯގައި، އަޅުގަނޑުގެ ބައެއް ހަނދާންތައް' ނަމުގައި ފޮތެއް ލިއުއްވައިފަ އެވެ. އެ ފޮތް އޭނާ ގެންދަވަނީ އެކި ފަރާތްތަކަށް ހަދިޔާކުރައްވަމުންނެވެ. އެއީ ދިވެހިރާއްޖޭގެ އަޑާ ގުޅިފައި ހުރި އޭނާގެ ހަނދާންތަކެވެ.
"މިއަދު ދިވެހިރާއްޖޭގެ އަޑެއް ނެތެވެ. މިއަދު ބަލައިލަން އޮތީ މި ފޮތެވެ،" މި ފަހުން ބަދުރުގެ ފޭސްބުކް ޕޯސްޓެއްގައި ލިއުއްވި އެވެ.
އާ ޑިމޮކްރަސީއާ އެކު ފުރަތަމަ ހަލާކުވީ ނުވަތަ 'ނެތި ދިޔައީ' ދިވެހިރާއްޖޭގެ އަޑު ކަމަށް ބަދުރު ވިދާޅުވިޔަސް އެކަމާ ހިޔާލު ތަފާތުވާނެ އެތައް ބަޔަކު އުޅޭނެ އެވެ. ނަމަވެސް މިއީ އޭނާއަށް ވިސްނެވޭ ގޮތެވެ. އޭނާގެ ކަންބޮޑުވުންތަކެވެ. އޭނާގެ ޝަކުވާތަކެވެ.
ކޮމެންޓް (2)
ބިގްޓެކް
ބަތްނުކާދައިތަ