ހއ. ކެލާގެ ތުނޑީގެ ބައެއް. މި ސަރަހައްދުގެ ދިގު މިނުގައި ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ހުރޭ (ދައުރު ފޮޓޯ: އައިމިނަތު ޝިފްލީން)

ރާޅުފަށް

ރާޅުފަށް: ކެލާ ތުނޑި: ރަން ވަޅުލާފައި ނެތަސް މިއީ ރަންގަނޑެއް

ކެލާގެ ބޮޑު، ރީތި ތުނޑިއަކީ ކެލާ ރައްޔިތުން އިހުޒަމާނެއްސުރެ އެތައް ގޮތަކުން ނަފާ ހޯދަމުން އަންނަ ތަނެއް

މުހިންމު ނުކުތާތައް

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން ވެސް ތުނޑީގައި ތިބި

ތުނޑިއާ ގުޅިފައި އޮންނަ ސަރަހައްދުގައި ދަނޑުވެރިކަން ކޮށް، ކެލާ ރައްޔިތުން ނަފާ ހޯދި

މިހާރު ރަށުގެ ރައްޔިތުންގެ އުއްމީދު ގުޅިފައި އޮތީ ތުނޑީގައި ހަދަމުން އަންނަ ރިސޯޓާ

ހއ. ކެލާ - "އަޅުގަނޑުމެން ކުޑައިރު ބޮޑެތި މީހުން ބުނާނެ ތުނޑީގައި އުޅޭއިރު ގުދުނުވައްޗޭ. ފަސްގަނޑު ނުކޮންނައްޗޭ،" މި ރަށު ކައުންސިލްގެ އޮފިޝަލް މުހައްމަދު ވަހީދު ވިދާޅުވި އެވެ.

"އެކަމަކު ލާނެއް އުމުރަށް އެޅީމައި އަޅުގަނޑުމެން ތުނޑިއަށް ގޮސް ކުރާ ކަމަކީ ރަން ފޮއްޓެއް ފެނޭތޯ ތުނޑި ކޮނުން."

ވަހީދާއި އޭނާގެ ރަހުމަތްތެރިންނަކަށް ރަން ފޮއްޓެއް ނުފެނުނެވެ. ދޮން މޮހޮނު އޭނާގެ ދޯނީގައި އައިސް، ކެލާ ތުނޑީގައި ރަން ވަޅުލި ކަމަށް ބުނާ ވާހަކައަކީ ފުލޯކު ހާދިސާއެއް ކަމުން އެއީ ދުވަހަކު ވެސް ފެންނާނެ އެއްޗެއް ނޫނެވެ. އެކަމަކު އެ ހާދިސާއާ ގުޅުވައިގެން މަޝްހޫރުވި ކެލާ ތުނޑިއަކީ އަބަދުވެސް މި ރަށުގެ މީހުންނަށް މަންފާ ލިބޭ ތަނެކެވެ. އެންމެ ކުރިއްސުރެ އެތަން ވަނީ 'ރަނަށް' ވެފަ އެވެ.

ތުނޑިއާ ގުޅިފައި އޮތީ އެހާމެ ރީތި މޫދެއް (ދައުރު ފޮޓޯ: އައިމިނަތު ޝިފްލީން) 

އާދަޔާހިލާފަށް ދިގު، ރީތި ތުނޑީގެ ވާހަކައާ އެކު މީގެ އަހަރުތަކެއް ކުރިއަށް ޖެހިލަމާ ހިނގާށެވެ؛ ކެލާގެ ދުވަސްވީ މީހުން ބުނާގޮތުގައި އެ މީހުން ހަނދާން ހުންނަން ފެށީއްސުރެ އެ ތުނޑިއަކީ ވަރުވާއަށް ދޫކޮށްފައި އޮންނަ ތަނެކެވެ. އެހެންވެ ތުނޑި އާއި ކެލާ ހިނގަމުން އައީ ދެ ރަށެއްގެ ގޮތުގަ އެވެ. ގިނަ ފަހަރަށް ވަރުވާއަށް ދޫކޮށްފައި އޮންނަނީ ކޮންމެވެސް ބީރައްޓެއްސަކަށެވެ. އެކަމަކު އޭރު ވެސް އެތަނުން ރަށުގެ މީހުން ދިޔައީ ތުނޑިއާ ވީ ފަޅީގައި އޮތް ވާ ބޯ ސަރަހައްދުގައި ދަނޑުވެރިކަންކޮށް، ނަފާ ހޯދަމުންނެވެ.

މިހާރު އުމުރުން 100 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ކެލާގެ ކުރީގެ ކުޑަ ކަތީބު އިސްމާއިލް މޫސާ މަނިކު ވިދާޅުވިގޮތުގައި ވަރުވާއަށް ދޫކޮށްފައި އޮންނަ ފަރާތުން އެތަނުގެ 'ޖިޒީ' ދައްކަން ޖެހެނީ ބަނޑޭރި ގެއަށެވެ. ދޭތެރެދޭތެރެއިން އެ މީހަކު ތުނޑިއަށް ގޮސް، ބޭނުންވާ ވަރަށް ކާއްޓާއި ދަރާއި ކުއްޅަވަކާއި އެހެނިހެން އެއްޗެހި ގެންދިޔަސް، އެތަނުގެ ހަގީގީ ބޭނުން ހިފަމުން އައީ ކެލާގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކެލާ ފާލަންމަތީގައި މަސް ބާނަން: ރަށުގެ ރައްޔިތުންގެ އުއްމީދުތައް ބޮޑު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އަޅުގަނޑުމެން އެތަނުގައި ބިންބި އާއި ގޮދަން ހައްދައި، ރުކުއަޅައިގެން ކައިބޮއި  އުޅުނީ. އޭރުވެސް ތުނޑީ ސަރަހައްދަކީ އަޅުގަނޑުމެންނަށް ގިނަ މަންފާ ލިބޭ ތަނެއް،" އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަށް އޭރު އެތަނުން ފެންނަ ރަނަކީ."

ކެލާ ތުނޑިއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސި ސިފައިން ވެސް ގާއިމުވެ ތިބި ތަނެކެވެ. އެއީ އިންޑިއާ ކަނޑުގައި ދަތުރުކުރާ ހަނގުރާމަމަތީ އުޅަނދުތަކަށް ފާރަލައި، އިނގިރޭސި ސިފައިންގެ މަނަވަރުތަކާއި ބޯޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިބި ބައެކެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ސިފައިން ފައިބާ ތިބެން ރަނގަޅު ތަނެއްތޯ ބަލަން އެންމެ ފުރަތަމަ މި ރަށަށް ވަޑައިގަތީ ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނެވެ. މޫދަށް ޖައްސާ މަތިންދާބޯޓެއްގައި ވަޑައިގެންނެވި އަމީނާއި ސަރުކާރުގެ އޮފިޝަލުންނަށް ވެސް، އިނގިރޭސީންނަށް އެހީވާން ކެލާ ތުނޑި ފެނުނީ ރަނެއްގެ ގޮތުގަ އެވެ.

ކެލާ ތުނޑީގެ އެންމެ ކޮޅު. މި ތަން ދޫކޮށްފައި ވަނީ 100 ކޮޓަރީގެ ރިސޯޓެއް ހަދަން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އަމީނާއި ސަރުކާރު ވަފުދު، އެ ދަތުރަށް ފަހު އެނބުރި ވަޑައިގަތެވެ. އެކަމަކު އޭގެ ދުވަސްކޮޅެއް ފަހުން، ބޮޑު އާގުބޯޓެއްގައި އިނގިރޭސި ސިފައިންގެ 100 މީހުން މި ރަށަށް އައިސް ތުނޑީގައި ހަމަޖެހިލި އެވެ.

އިނގިރޭސި ސިފައިންނަށް ކައްކައި، އެ މީހުންގެ އެއްޗެހި ދޮވެދީ، މުދާތައް ބެލެހެއްޓުމަށް ސަރުކާރުން އުތުރުގެ ހަތަރު އަތޮޅުން، ކޮންމެ އަތޮޅަކުން 10 މީހުން ނެގި އެވެ. ޒުވާން އިސްމާއީލް މަސައްކަތްކުރެއްވީ ކައްކާށެވެ. ކެލާގެ މީހުން އެ ސަރަހައްދަށް ދިޔުން މަނާކޮށްފައި އޮތަސް، ރަށުގެ ދަނޑުވެރިން ހައްދާ ތަކެތި ސިފައިންނަށް ވިއްކާ އުޅުނެވެ. ބަދަލެއްގެ ގޮތުން އެ މީހުންނަށް ހަނޑޫ ފަދަ ތަކެތި ލިބުނެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ހަނގުރާމަ މަތީ މަތިންދާބޯޓުތައް، ތެޔޮ އަޅަން ކެލާ ފަޅުތެރެއަށް އޭރު ޖައްސަ އެވެ. މަނަވަރުތަކަށް ތެޔޮ އަޅަން ވެސް ގާތްކުރެ އެވެ. މިގޮތުގައި އެ މީހުން އަހަރެއްހާ ދުވަހު އެތަނުގައި ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތުނޑިއާ ގުޅިފައި އޮތް ސަރަހައްދު: ކުރިންސުރެ މިތަނުން ކެލާ ރައްޔިތުން ނަފާ ހޯދި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ގަސް ފަޅައި މުޅި ހިސާބުގަނޑު ޖަންގައްޔަކަށް ވެފައި އޮތަސް އިނގިރޭސިން ތިބި ސަރަހައްދުން އޭގެ ނިޝާންތައް މިހާރު ވެސް ފެންނަން އެބަ ހުއްޓެވެ. ސިފައިން ބަޑި ރައްކާކުރި ބަޑި ގުދަން ކިޔާ ތަނަކާއި އެންޓަނާއެއްގެ ގޮތަށް ހަދާފައި ހުރި ލައިޓު ނުވަތަ އެ ރަށުގެ މީހުން ކިޔާ ނަމަ 'ލާތު ދަގަނޑު' ވެސް ހުރީ ފެންނާށެވެ. 

މި ރަށަށް ޒިޔާރަތްކުރާ އެތައް ބަޔަކު މިހާރު ވެސް އެ ސަރަހައްދު ބަލާލަން ދެ އެވެ.  

ބޮޑު އުއްމީދަކާ ގުޅިފައިވާ އާދަޔާހިލާފު ރީތި ތަނެއް

ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރު ހުންނަ ކެލާ ތުނޑީގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ ހިތްގައިމުކަމެވެ. ރީތި ހިމުން ފަސްގަނޑަކާ އެކު އޮތް ގޮނޑުދޮށެވެ. އެއާ ގުޅިފައިވާ ވިލުނޫކުލައިގެ ސާފު މޫދެވެ. ތުނޑީގެ އެންމެ ކޮޅު އޮންނަނީ، ވަށްވެފަ އެވެ. އެއީ ކުރިން ވަރަށް ފުންކޮށް އޮތް، 'ފެމުނު އަރާ ފުންގަނޑެ'ވެ. ތުނޑީގެ ރީތިކަން ގުޅިފައިވާ މިތަން، މޫސުމީ ބަދަލުތަކާ އެކު ވަރަށް ބޮޑަށް ތިލަވި ނަމަވެސް މިއީ ވެސް ތުނޑިއަށް ދާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ތަނެކެވެ. 

މި ތަނުގައި ރިސޯޓް ހެދިއްޖެ ނަމަ އޭގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކެލައަށް ކުރާނެ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ވަރުވާއަށް ދިނުމުގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ތުނޑީގައި ރިސޯޓެއް ހަދަން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އެކަން ދިޔައީ ފަނުފުލުންނެވެ. ނަމަވެސް ކެލާ ތުނޑި ޓޫރިޒަމަށް ހާއްސަކޮށް، އެތަނުގައި ކޮޓަރިތަކެއް ތަރައްގީކުރަން، 2021ގައި އޭރުގެ ސަރުކާރުން ބަޔަކާ ހަވާލުކުރުމުން އަނެއްކާވެސް އެތަނުން 'ރަން' ފެނިދާނެ ކަމުގެ އުއްމީދު ވަނީ އާލާވެފަ އެވެ.

ތުނޑީގެ މޫދާއި ގޮނޑުދޮށުގައި 100 ކޮޓަރި އަޅައި، ރިސޯޓު ކޮންސެޕްޓަށް ހިންގަން ހަވާލުކޮށްފައިވަނީ ފެޑޯ ކުންފުންޏާ އެވެ. މިހާރު ކެލާ ރައްޔިތުންގެ ހުރިހާ ވެސް އުއްމީދަކީ މިއީ އެވެ. އެކަމަކު ދެ އަހަރާ ބައިގެ ތެރޭގައި ނިންމަން ހަވާލުކުރި އެ މަޝްރޫއު އަދިވެސް ދަނީ ކުރިއަށެވެ.

ކެލާގެ ތުނޑީގެ އެންމެކޮޅުގައި އޮންނަ ފެމުނު އަރާ ފުންގަނޑު. ކުރިން މިތަން ގުޅިފައި އޮތީ މޫދާ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ރިސޯޓު ހަދާ ސަރަހައްދަށް އާއްމުން ވަދެ ނުކުމެ އުޅުން މަނަ އެވެ. ޑްރޯން މައްޗަށް ފޮނުވައިގެން ނެގި ފޮޓޯތަކުން ފެނުނީ، ހަދަމުން އަންނަ ކޮޓަރިތަކެވެ. ދުވަސްގަނޑަކަށް މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު ކޮންމެވެސް ވަރަކަށް އަނެއްކާ ކުރިއަށް ދާތީ، ކެލާ ރައްޔިތުން އުއްމީދު ކަނޑައެއް ނުލަ އެވެ.

"އެ ރިސޯޓު މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ވަނީ. އޭރުން އަޅުގަނޑުމެންނަށް ވެސް އެއިން ވަރަށް މަންފާ ކުރާނެ،" ވަހީދު ވިދާޅުވި އެވެ.

ތުނޑީގައި ހަދަމުން އަންނަ ޓޫރިސްޓް ކޮޓަރިތައް: މި ތަން ނިންމަން ކުރިން ދިން މުއްދަތު މިހާރު ވަނީ ހަމަވެފައި ރ(ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ތުނޑީގައި ރިސޯޓް ހުޅުވުމުން އޭގެ ފައިދާ ވަރަށް ބޮޑަށް އެ ރަށަށް ކުރާނެ އެވެ. އެންމެ ބޮޑު ކަމަކަށް، އޭނާ ފާހަގަކުރެއްވީ ރަށު މީހުންނަށް ވަޒީފާގެ ފުރުސަތު ލިބުމެވެ. މިހާރު ވެސް ވަރަށް ފުޅާކޮށް ދަނޑުވެރިކަންކުރާ ރަށުގައި ދަނޑުވެރިންނަށް އާ މާކެޓެއް ލިބޭނެ ކަމަށް ވެސް އެ މީހުން އުއްމީދު ކުރެ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ، އެ އެންމެން ވެސް މިހާރު ތިބީ، އެތަނުން އަނެއްކާވެސް 'ރަން' ހޯދުމުގެ އިންތިޒާރުގަ އެވެ.

ހިތްގައިމު ކެލައަކީ ރާއްޖޭގައި މަދުން ނޫނީ ނުފެންނާނެވަރުގެ ރަށެކެވެ. މި ރަށުގައި ޓޫރިޒަމް ފުޅާކުރެވިއްޖެ ނަމަ ވަރަށް އަލި ކުރިމަގެއް އޮންނާނެ އެވެ. އެ ކުރިމަގުގެ ބޮޑު ބައި ގުޅިފައި އޮތީ ރަށުގެ ރީތި ތުނޑިއާ އެވެ. 

ކޮމެންޓް (3)

ޙައްޕު

25 ޖުލައި 2024
ވަގުތީ ފައިދާއެއްވިއަސް ، ފަހުން ލިބިދާނެ ގެއްލުން މާބޮޑު. ދެން އަންނާނީ ޔޮޓުތައް. ާރައްޔިތުން ހެވިފަ ތިއްބާ، ރަލާއި މަސްތުވާ ތަކެތީގެ ތިރަށަށް އިތުރުވެދާނެ. ދެން ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ.
9 0

އައްޒުވީ

25 ޖުލައި 2024
ތިޔަ ތުނޑީގައި ރިސޯޓް ހުޅުވުމުން ރައްޔިތުންނަށް ވާނީ ގެއްލުން. ވަޒީފާ ވެސް ދޭނީ ބޭރު މީހުންނާއި ކެލާ ނޫން އެހެން ދުރު ހިސާބު މީހުންނަށް. ކައިރީ ރަށުގެ ގިނަ ބަޔަކަށް ވަޒީފާ ނުދޭ ސިޔާސަތު ރިސޯޓް ހިންގާ ގިނަ ވެރިންގެ ސިޔާސަތަކީ. އެހެންވީމާ ކެލާ މީހުންނަށް ބޮޑަށް ފައިދާ ވާނީ ފުޅާ ދާއިރާއެއްގައި ތިތާ ދަނޑުވެރިކަން ކުރިއްޔާ. މި ބުނި ވާހަކައިގެ ހެއްކެއް. އައްޑު އަތޮޅު މީދޫއާ ގުޅިފައި އޮތް ސައުތު ޕާމްގައި އެންމެ ފަހަކަށް ހުރި އެންމެ މުއައްޒަފު ވެސް ކަނޑާފައި ގެއަށް ފޮނުވާލައިފި.
18 0

އެޑްމުންޑޯ

25 ޖުލައި 2024
ކެލާ ރައްޔިތުންނަށް އުފާވެރި ދުވަސްތަކަކަށް އެދެން ،
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް