ރާޅުފަށް

އަލިދޫ ރިސޯޓްގެ މި ވީރާނާވުން ކަރުނައިން ދެ ލޯ ފުރޭވަރުވޭ

ހއ. އަތޮޅަށް އުއްމީދަކަށް ވި ރިސޯޓް ބަންދުކޮށްފައި އޮންނަތާ 10 ވަރަކަށް އަހަރު ވެއްޖެ. ރިސޯޓުން ފެންނަނީ ބޮޑު އިންވެސްޓްމަންޓެއްގެ ނެތިދިއުން

މުހިންމު ނުކުތާތައް

އެކަމަކު އަބްދުﷲ ޖާބިރު ވިދާޅުވަނީ ރިސޯޓް އަލުން މަރާމާތުކޮށް ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް

މިއީ ހއ. އަތޮޅުގެ އެތައް ބަޔަކަށް ފައިދާ ކުރާނެ ރިސޯޓެއްގެ ގޮތުގައި ކުރިން ބެލުނު. ނަމަވެސް ދިމާވީ މުޅިން ވެސް މައްސަލަ

ރިސޯޓް އަލުން ހަދަން 150 މިލިއަން ރުފިޔާ ވަރު ހޭދަވާނެ ކަމަށް ޖާބިރު ލަފާކުރައްވާ

އަލިދޫ އައިލެންޑް ރިސޯޓު - ހއ. މުރައިދޫ ކައިރީގައި އޮންނަ މި ރިސޯޓު ބަލާލަން ދާ ވާހަކަ ބުނުމުން، އެ ރަށުގެ ހަސަން އާދަމް ބުންޏެވެ؛ ތިރަށަކަށް އަރަފިއްޔާ ކަރުނަ ނާޅައެއް ނުފޭބޭނެ އެވެ. މީހެއްގެ އަގުބޮޑު މުދާގަނޑެއް އެއޮތް ވީރާނާވެގެން ދަނީ އެވެ.

މުރައިދޫން ފުރައިގެން ކުޑަ ޑިންގީއެއްގައި ފަސް ވަރަކަށް މިނިޓްގެ ތެރޭގައި ދެވޭ އަލިދޫ ރިސޯޓަށް ޒިޔާރަތްކޮށްލުމުގެ ޝައުގުވެރިކަން ބޮޑުވީ އެހާ ހަމައިންނެވެ. އެއަށް ވުރެ ބޮޑަށް، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މީގެ 14 އަހަރު ކުރިން ބައްލަވައިގެން އަގުބޮޑު ރިސޯޓާ ގުޅޭ ގޮތުން މި ފަހަކަށް އައިސް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ބަލާލައި ހިތުންނެވެ.

އަލިދޫ ރިސޯޓު މަތިން ނަގާފައިވާ ފޮޓޯއެއް: މުޅި ރަށް ވަނީ ވީރާނާވެފައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ހއ. އަތޮޅުގެ ދެ ވަނަ ރިސޯޓެއްގެ ގޮތުގައި އަލިދޫ ހުޅުވީ، އެ އަތޮޅުގެ ގިނަ ބަޔަކަށް އުއްމީދެއް ގެނެސްދެމުންނެވެ. ކައިރީގައި އޮންނަ މުރައިދު އާއި ދިއްދު އާއި އުތީމާއި ބާރަށް ފަދަ ރަށްތަކަށް ދިރުން އަންނާނެ ހުވަފެނީ މަޝްރޫއެއްގެ ގޮތުގަ އެވެ. އެ ރިސޯޓު އެންމެ ފުރަތަމަ ހިންގި ސްރީ ލަންކާގެ ޖޯން ކީލްސް ހޯލްޑިންސް އަތުން ޖާބިރު، 40 މިލިޔަން ޑޮލަރަށް ރިސޯޓު ގަނެ ހިންގަވަން ފެއްޓެވީ 50 އެނދުގެ ރިސޯޓުން ހއ. އަތޮޅުގެ އެތައް ބަޔަކަށް ލިބޭނެ ފައިދާ ވެސް ދެގުނަ ކުރައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ.

އެކަމަކު އޭގެ އަހަރުތަކެއް ފަހުން، މިހާރު އިވެނީ ހުސް ޝަކުވާ އެވެ. ރިސޯޓުގައި މަސައްކަތްކޮށް މުސާރަ ނުލިބުމުގެ މާޔޫސްކަމެވެ. ފެންނަން އޮތީ ހިތްފަޅައިގެންދާ ފަދަ މަންޒަރުތަކެކެވެ.

ދަތުރު ހަދައިގެން ޑިންގީއެއްގައި ކުރި އެ ދަތުރުގައި އަލިދޫގެ މަލަމަތި ފެންނަ ހިސާބަށް ދިޔުމާ އެކު ރަށުގެ ހާލަތު ވަޒަންކުރެވެން ފެށި އެވެ. އަހަރެމެންނަށް ފެނުނީ މޫދު ކޮޓަރިތައް ވީރާނާވެފައިވާ ތަނެވެ. 

އަލިދުއާ ކައިރިކުރެވުނު ނަމަވެސް ރަށަށް އެރުން ވީ ވެސް ތުރާލަކަށެވެ. ފާލަމެއް އޮތެވެ. އެކަމަކު ވަކި ހިސާބަކުން ބުރިވެ، ހަލާކުވެފަ އެވެ. އަރަން ޖެހުނީ ގޮނޑުދޮށަށް ޑިންގީ ގާތްކޮށް މޫދަށް ފުންމާލައިގެންނެވެ.

އަލިދުއަށް އެރުމާ އެކު އަހަރެމެންނަށް މަރުހަބާކީ ހިމޭންކަމާއި ވީރާނާކަމެވެ. ކަންފަތް ކައިރީގައި ބޫން އަޅުވަމުން، އަޑުލައްވަމުން ދިޔަ މަދިރިތަކާއި ޖަންގައްޔަކަށް ވެފައިވާ އެ ރަށުގެ މަތިން އުދުހޭ ދޫނިތަކެވެ. ރަށުގެ އަތިރިމަތީގައި ހަދާފައި ހުރި ބޮޑު ދެ އިމާރާތުން ތަންގަނޑުގަނޑު ވެއްޓި ވީރާނާވަމުންދާ ގޮތުން އިހުސާސްވީ، މެހެމާނެއްގެ އިންތިޒާރުގައި އެތަންތަން ހުންނަތާ ލައްކަ ދުވަސް ވެއްޖެ ކަމެވެ.

ރަަށަށް އަރަން އޮތް މަގުގައި ވެސް އޮތީ ވަރަށް ބޮޑަށް ވާހެދިފަ އެވެ. އެ މަގުން ގޮސް އެންމެ ފުރަތަމަ މޫނު ޖެހުނީ ސްޓާފް ކުއާޓަރު ނުވަތަ ރިސޯޓުގެ މުވައްޒަފުން ތިބޭ ބައިގަ އެވެ. ސިމެންތިން ރީތިކޮށް ހަދާފައިވާ އެ އިމާރާތްތައް މާ ބޮޑަށް ހަލާކުވެފައެއް ނެތެވެ. ނަމަވެސް މުޅި ހިސާބުގައި އޮތީ ވިނަ އާއި ގަސްތަކާ އެކު ވާހެދިފަ އެވެ. މާ ބޮޑު ނިވާކަމެއް ނެތް އެތަނަށް ވަންތަނުން ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ، ކޮޓަރިއެއްގެ ބޭރުގައި ބަހައްޓާފައި ހުރި ފާހާނާތަށިތަކެކެވެ. ރަނގަޅަށް ބަލާލި އިރު އެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި ވެސް ފުރެންދެން ހުރީ، ފެންވަރު ރަނގަޅު، ރީތި ފާހާނާ ތަށިތަކެވެ.

ސްޓާފް ކުއާޓަރުގެ ކޮޓަރިއެއްގެ ބޭރުގައި ފާހާނާ ތަށިތަކެއް ބަހައްޓާފައި ހުރި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ރިސޯޓްގެ މުވައްޒަފުން އުޅުނު އިމާރާތް ކައިރީގައި ހަސަން މަޑުކޮށްލައިގެން: ރިސޯޓު ހެދުމުގެ ކުރިން އޭނާ އުޅުނީ އަލިދޫގައި ދަނޑުވެރިކަންކުރަން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ސްޓާފް ކުއާޓަރުގެ ދެން ހުރި ކޮޓަރިތައް ބަލާލުމުން ވެސް ފެނުނީ ހަމަ އެއް ކަހަލަ މަންޒަރެކެވެ. ކޮންމެ ކޮޓަރިއެއް ވެސް ފުރެންދެން އަގުބޮޑެތި ސާމާނު ބަހައްޓާފައި ހުއްޓެވެ. އެއް ކޮޓަރީގައި ހުސް 'މިނީ ބާ' އެވެ. އަނެއް ކޮޓަރި ފުރެންދެން ހުސް ފެންކައްކާ ޖަގެވެ. ރިސޯޓުގައި ބޭނުންކުރާ ހުރިހާ ފޮއްޗާއި ތުވާލިތައް، އެއް ކޮޓަރީގެ ސީލިންއާ ޖެހެންދެން ބަހައްޓާފައި ހުއްޓެވެ. ކަސްރަތު ކުރާ ސާމާނުތައް ވެސް، ދެ ކޮޓަރިއެއް ފުރެންދެން ހުއްޓެވެ. އެއްވެސް ކޮޓަރިއެެއްގައި ދޮރެއް ނެތެވެ. މުދާތައް ހުރީ ވީރާނާވާން ދޫކޮށްލައިފަ އެވެ.

ރަށުތެރެއަށް އަރައިގެން ދިޔަ އިރު ވެސް މުޅިން ވެސް ފެނުނީ އެ ވީރާނާކަމެވެ. ރިސޯޓުގެ ރިސެޕްޝަނާއި ރެސްޓޯރަންޓާއި މެއިން އޭރިއާ ވެސް ހުރީ ހަލާކުވެ، ވިނަ އާއި ގަސްތައް ވެރިވެގެންފަ އެވެ. ރިސޯޓުގެ އެންމެ ހޭލަމޭލަ ބޮޑު ސަރަހައްދުގައި ހުރި ރުއްތަކުން، ބިންމައްޗަށް ވެރިފައި ހުރި ކާށިތަކުން ރުއްފަޅައި ބޮޑެތިވަނީ އެވެ.

އެ އިމާރާތްތައް ކުޑަކޮށް ބަލާލުމުން ހީވަނީ، ބަޔަކު އެތަނުން ނުކުމެގެން ދިޔައީ ކުރަން ހުރި މަސައްކަތް އެ ހުރި ގޮތަށް ބަހައްޓާފައިހެންނެވެ. މޭޒެއް މަތީގައި ލިޔެކިޔުންތަކެއް ހުރި އިރު، ގޮނޑިތައް ވެސް ހުރީ ތަރުތީބުން އަތުރާފަ އެވެ. ލޯންޑަރީ ބަޔަށް ބަލާލުމުން ވެސް ހީވަނީ، އެތަނުން ނުކުމެގެން ދިޔައީ އެއްޗެހި ދޮންނަން ފަށާފައިހެންނެވެ. މުޅި ކޮޓަރި ތެރޭގައި ހުރީ އެކި ކަހަލަ ފޮއްޗާއި އަންނައުނެވެ. އެތަނުގައިއ އެތައް ލައްކަ ރުފިޔާއެއްގެ އަގުބޮޑު ދޮންނަ މެޝިންތައް ހުއްޓެވެ. އިސްތިރިކުރާ ސާމާނާއި ފޮތިތައް ހުރީ ވީރާނާވާން ކައިރިވެފަ އެވެ.

ރިސޯޓުގެ ލޯންޑަރީ ބައި: އަގުބޮޑު މެޝިންތަކާއި ސާމާނު މިހާރު ވެސް އެތަނުގައި އެބަހުރި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
އަގުބޮޑު އެތައް މުދަލެއް ހަލާކުވުމަކީ ބޮޑު ގެއްލުމެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ކުރިން ކޮށައި ރީތިކޮށްފައި އޮތް ނަމަވެސް މިހާރު ވާހެދިފައިވާ މަގުތަކުން ގޮސް ދެން އަހަރުމެން ފޭބީ، މޫދު ކޮޓަރިތަކާ ދިމާއަށެވެ. އެއް ދިމާއަކުން ކޮޓަރިތަކަށް ދާން އޮތް ފާލަން ވަނީ އެއްކޮށް ހަލާކުވެފަ އެވެ. އެންމެ ލަކުޑިގަނޑެއް ވެސް އެތަނަކު ނެތެވެ. އެހެން ދިމާއެއްގައި މާ ބޮޑަށް ހަލާކުނުވެ އޮތް ފާލަމެއް ހުރި އިރު ކޮޓަރިތައް ކައިރިއަށް އަހަރުމެން ދިޔައީ އެތަނުންނެވެ.

ރިސޯޓަށް އަރަން ބޭނުންކުރި ފާލަން މިހާރު އޮތީ އެއްކޮށް ހަލާކުވެފައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ދެ ބުރީގެ އެ ކޮޓަރިތައް މިހާރު ކޮޅަށް ހުރީ ތަނބުތަކުގެ ވަރުގައިހެން ހީވެ އެވެ. ކޮޓަރިތަކުގެ ލަކުޑިތައް އެއްކޮށްހެން ވަނީ ފީވެ ކުޑިއަށް ވެފަ އެވެ. ކުރިން ނަމަ އެހާމެ ރީތި 45 މޫދު ކޮޓަރި އާއި އަތިރިމަތީގައި ހުރި 80އެއްހާ ކޮޓަރިއަށް ބަލައިލުމުން ހީވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ހެންނެވެ.

ހއ.ގެ އުއްމީދީ ރިސޯޓަށް ވީ ކިހިނެއް؟

މުރައިދޫގެ ހަސަނަށް އަލިދޫ ރިސޯޓް ހާއްސަ އެވެ. އޭނާއަކީ އެތަން ފަޅުރަށެއްގެ ގޮތުގައި އޮތް އިރު ވެސް ދެތިން މީހުންނާ އެކު އެ ރަށުގައި ދަނޑުވެރިކަން ކުރި މީހެކެވެ. އެކަމަކު ރިސޯޓެއް ހަދަން އެ މީހުން ރަށުގައި ހައްދާފައި ހުރި 'ގަހަކަށް ވިޔަސް، މަލަކަށް ވިޔަސް' ބަދަލު ދީފައި، ސްރީ ލަންކާގެ ޖޯން ކީލްސް ހޯލްޑިންސްއަށް ސަރުކާރުން އަލިދޫ ދިނުމާ އެކު ދެން އޭނާ ވީ އެ ރަށުގެ މުވައްޒަފަކަށެވެ. އޭރުއްސުރެ، ލަންކާގެ ކުންފުނި ރިސޯޓު ދޫކޮށްލައި އަދި ޖާބިރުގެ މެނޭޖްމެންޓުން ރިސޯޓު ބަންދުކުރަން ދެން އޭނާ ހުރީ އެތަނުގެ މުވައްޒަފެއްގެ ގޮތުގަ އެވެ.

އެހެންވެ ހަސަންގެ ހިތުގައި އަލިދޫއަށް ދެވިފައި އޮތް މަގާމު ބޮޑެވެ.

"އެއީ ވަރަށް މީހުން ދިޔަ، ވިޔަފާރިވި ރިސޯޓެއް. ޖާބިރު އެ ރިސޯޓާ ހަވާލުވި އިރު ވެސް ވަރަށް ޓޫރިސްޓުން ދިޔަ،" އަލިދޫގައި ސަޕްލައި ދޯނި ދުއްވުމުގެ ވަޒީފާ ވެސް އަދާކުރި ހަސަން ބުންޏެވެ.

"ވަރަށް ހަނދާންވޭ އެއް ފަހަރެއްގައި ބޭބެ ދިޔައިން ރަށް ފުރިގެން މަނަފަރާއި ދޮނަކުޅިއަށް ވެސް ޓޫރިސްޓުން ގޮވައިގެން."

އަލިދޫ ރިސޯޓު ތަރައްގީކުރީ ހއ. ރައްޔިތުންގެ ބޮޑު އުއްމީދަކާ އެކު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ޖާބިރުގެ މެނޭޖްމެންޓުން ދޮޅު އަހަރު އެތަން ރަނގަޅު ފެންވަރެއްގައި ހިންގި އެވެ. އެކަމަކު އެއަށް ފަހު ދެން ދިމާވީ މުވައްޒަފުންނަށް މުސާރަ ނުދެވުމުގެ މައްސަލަ އެވެ. މުސާރަ ނުދެވި މަސްތަކެއް ވުމުން އޭރު މުވައްޒަފުން ހަޅުތާލުކުރި އެވެ. އެ މައްސަލައިގައި ގިނަ މުވައްޒަފުންތަކެއް ވަކި ވެސް ކުރި އެވެ. ރިސޯޓު ދިޔައީ މަޑުމަޑުން ދަށަށެވެ.

މި ރިސޯޓް ނުހިންގާތާ މިހާރު ނުވަ އަހަރު ވެއްޖެ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އަލިދޫގައި އޭރު ވަޒީފާ އަދާކުރި ބައެއް މީހުން ބުނިގޮތުގައި މުވައްޒަފުންނަށް މުސާރަ ނުދެވުމާ އެކު، ރިސޯޓުގައި ހަލާކުވާ ތަންތަން މަރާމާތު ނުކުރެވުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާން ފެށި އެވެ. އެ މައްސަލަތައް އެންމެ ކައިރިން ދުށް ހަސަން ބުނިގޮތުގައި އެންމެ ފުރަތަމަ ހަލާކުވީ، ރިސޯޓުގެ މައި ޖެޓީ އެވެ. އެތަން މަރާމާތު ނުކުރެވި އުޅެނިކޮށް ޓޫރިސްޓަކު ޖެޓީ މަތިން ވެއްޓި މައްސަލަ ގޯސްވި އެވެ. އޭގެ ފަހުން ޖެޓީ ހަދަން ސަރުކާރުން ހަ މަހުގެ މުހުލަތެއް ދިނެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ވެސް އެކަމަށް ހައްލެއް ނައިސް، އެންމެ ފަހުން އެންގީ ރިސޯޓު ބަންދު ކުރާށެވެ.

"އޭރު ވެރިކަމުގައި ހުރީ ޔާމީނު. ސަރުކާރުން ރިސޯޓު ބަންދުކުރަން އެންގި އިރު، %24 ގެސްޓުން އެތަނުގައި ތިބި،" ހަަސަން ބުންޏެވެ.

އަލިދޫ ރިސޯޓަކީ ބޮޑު އިންވެސްޓްމެންޓެއް ނެތިދިއަ ގޮތުގެ މަންޒަރެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"ރިސޯޓަށް މީހުން އަޔަސް، އަޅުގަނޑުމެންނަކަށް މުސާރައެއް ނުލިބޭ. މުސާރަ ލިބިގެންތާ އެއިން ތަނެއް ވެސް ރަނގަޅު ކޮށްލެވޭނީ."

ދެން އައީ ރިސޯޓް އެއްކޮށް ބަންދުކުރުމުގެ މަރުހަލާ އެވެ. ޖާބިރު އޭރު ވެސް ގަބޫލުކުރެއްވި ގޮތުގައި މީރާއިން އޭނާގެ އާއިލީ ކުންފުނި ޔޮޓް ޓްއާސްގެ އެކައުންޓްތައް އޭރު ހިފެހެއްޓީ ޔާމީނާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގަވަން ފެއްޓެވުމުންނެވެ. އެކަމަކު އެ ފިޔަވަޅު އެޅީ ޔޮޓް ޓްއާސްއިން އަލިދޫގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 29 މިލިއަން ޑޮލަރު (447 މިލިއަން ރުފިޔާ) ނުދައްކައިގެން ކަމަށް މީރާއިން ބުނެ އެވެ. 

އަލިދޫގެ މޫދު ކޮޓަރިތަކަށް ލިބުނު ގެއްލުމަކީ 2015ގައި އުތުރަށް ކުރި ގަދަވިއްސާރަގަނޑެއްގެ ނަތީޖާ ކަމަށް ބުނެ، އެލައިޑް އިންޝުއަރެންސް އަތުން ބަދަލަކަށް 22 މިލިއަން ޑޮލަރު (340 މިލިއަން ރުފިޔާ) ހޯދަން ޔޮޓް ޓްއާސްއިން ކޯޓަށް ދިޔަ އެވެ. ސިވިލް ކޯޓުން ހުކުމްކުރީ އެ ބަދަލު ޔޮޓް ޓްއާސްއަށް ދޭށެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. މިހާރު މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

އަލިދޫ ރިސޯޓުގެ ސްޓާފުން ތިބޭ ބައި: ރިސޯޓްގައި ބޭނުންކުރެވޭ އިމާރާތާކަށް މިހާރު ހުރީ މި ބައި އެކަނި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އަލިދުއަކީ ގާމަތީ ރަށެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ރަށް ރިސޯޓަކަށް ހަދަން ދިނުމުން ވެސް، ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ސުވާލު އުފެދުނެވެ. އެއަށް ވުރެ މާ ރީތި، މާ ރަނގަޅު ރަށްރަށް ހއ. ގައި އެބަ ހުއްޓެވެ.

ޖާބިރު ވިދާޅުވަނީ އަލިދޫ ރީތިކޮށް ފެންނާނެ ކަމަށް

ޖާބިރަށް އުއްމީދެއް ނުގެއްލެ އެވެ. މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ވިޔަފާރިވެރިޔާ 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި މުޅިން ވެސް ވިދާޅުވީ ހއ. ރައްޔިތުން އުފާކުރުމަށެވެ. އެ މީހުން ކުރިންސުރެ ކުރި އުއްމީދު ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "މި ވަގުތު ވެސް މި ކުރަނީ އަލުން އަލިދޫ އޮޕަރޭޓްކުރަން ހުރި މަސައްކަތްތަކެ"ވެ.

"ވަރަށް އަވަހަށް ހުޅުވަން މި އުޅެނީ،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އަލިދޫ އަލުން ހުޅުވާނީ 150 މިލިއަން ރުފިޔާގެ މަރާމާތަކަށް ފަހު އެވެ. އެ މަރާމާތުގެ ތެރޭގައި ހުރިހާ މޫދު ކޮޓަރިއެއް ތަޅާލައި، ބޮޑު ބަދަލެއް ގެންނާނެ އެވެ.

"އަލިދުއަކީ މޫދު ކޮޓަރި އަޅައިގެން ހިންގޭނެ ކަހަލަ ރަށެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މި ފަހުން އަލިދޫ ވަނީ ސާފު ވެސް ކޮށްފަ އެވެ. އޭރު އެކަން ކުރީ ވެސް ރިސޯޓްގެ މަރާމާތުގެ މަސައްކަތް ފަށާށެވެ. އެކަމަކު އެކަން ނުފެށި ގިނަ ދުވަސް ވުމުން އަނެއްކާ ވެސް ރަށުތެރެ ވަލަކަށް ވީ އެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ ރިސޯޓް އަލުން ހުޅުވާނީ ފަސް ތަރީގެ ބަދަލުގައި ހަތަރު ތަރީގެ ރިސޯޓެއްގެ ގޮތުގަ އެވެ. މައިގަނޑު މާކެޓަކަށް ވާނީ އިންޑިއާގެ ޓޫރިސްޓުން ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ސަބަބަކީ ހަނިމާދޫ އެއާޕޯޓް ބޮޑުކޮށް، އިންޓަނޭޝަނަލް ކުރަން ހިންގާ މަޝްރޫއު ވެސް އަވަހަށް ނިމި، ޓޫރިޒަމަށް ފަސޭހަތަަކެއް ވުމެވެ.

"ބޮޑު ތިލަދުންމަތީ ރައްޔިތުން އުފާކުރަންވީ، އިނގޭތޯ. މަރުހަބާ ކިޔަންވީ އިނގޭތޯ،" ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު އަލިދޫ ރިސޯޓް ހުޅުވާނަން ވަރަށް އަވަހަށް. ރަށަށް އިންޖިނިއަރުންނާއި މަސައްކަތު މީހުން އަރާނަ ވަރަށް އަވަހަށް."

އަލިދުއާ މެދު ހއ.ގެ ރައްޔިތުން ކުރި އުއްމީދު އަދި ހާސިލެއް ނުވެ އެވެ. ރިސޯޓް ބަންދުކުރި އިރު އެތައް ބަޔަކަށް މުސާރަ ވެސް ނުލިބި އެބަ ހުއްޓެވެ. ހަސަނަކީ 10،000 ރުފިޔާގެ މުސާރައެއްގައި އުޅުނު މީހެކެވެ. އެކަމަކު ތަން ބަންދުކުރި އިރު 60،000 ރުފިޔާ ނުލިބި އޮތެވެ. މަތީ ވަޒީފާތަކުގައި އުޅުނު މީހުންނަށް ލިބެން ހުރި މިންވަރު އެއަށް ވުރެ ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ. 

ކުރިން ވަޒީފާ އަދާކުރި ބައެއް މީހުން ބުނި ގޮތުގައި އެކި ފަހަރު މަތިން ދީ ބައެއް މީހުންނަށް ފައިސާ ހަލާސް ވެސް ކުރި އެވެ. އަލުން ހުޅުވުމުގެ މަގުސަދުގައި އެއްގަމު ބައެއް ކޮޓަރިތަކާއި ސްވިމިންޕޫލު ވެސް ހެދި އެވެ. އެކަމަކު މަސައްކަތް ކުރިއަށް ދާ ގޮތެއް ނުވި އެވެ.

އަލިދޫ ރިސޯޓްގެ ކޮންމެ ހިސާބަކުން ފެންނަނީ ވީރާނާކަން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އޭގެ ފަހުން މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހުން ވެސް ރިސޯޓު އަލުން ހުޅުވޭތޯ ޖާބިރު އުޅުއްވި އެވެ. ވިނަނޮޅައި އާބާތުރަ ފިލުވުމަށް، ހއ. އަތޮޅުގެ ތިން ރަށަކުން 100އެއްހާ މީހުން އަލިދުއަށް ގެނަ އެވެ. ތިން މަސް ވަންދެން އެ މީހުން މަސައްކަތް ވެސް ކުރި އެވެ. އެ މީހުންނަށް ބަރާބަރަށް އުޖޫރަ ވެސް ދިން ކަމަށްވެ އެވެ. އޭގެ ތެރޭގައި ހަސަން ހިމެނެ އެވެ.

"އަހަރެމެން މަސައްކަތް ނިންމައި ރަށުން ފޭބި އިރު ނީންނާނެ ރަށުގައި އެންމެ ވިނަ ގަހެއް ވެސް. އެހާ ވެސް ސާފުކޮށްލާފައި އޮތީ. އެ ފަހަރު ގަބޫލުކުރެވުނު ރިސޯޓު ދެން މިހުޅުވަނީ ކަމަށް،" ހަސަން ބުންޏެވެ.

މޫދު ކޮޓަރިއެއްގެ އެތެރެ: ހަލާކުނުވާ އެއްވެސް ތަނެއް ނެތް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

އަލިދޫ ބަންދުކޮށް އަޅާނުލާ އޮތުމުން މި ރިސޯޓަށް އާންމުން އަރައި ލޫޓުވާލި އެވެ. ވަރަށް ގިނަ އެއްޗެހި ވަގަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުން ހައްޔަރު ވެސް ކުރި އެވެ.

ވީރާނާވެފައި އޮތް ހއ. އަލިދޫ ރިސޯޓު މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

"އއ. އަތޮޅުން ވެސް އެބަ އާދޭ. ތައްޓާއި ޖޯޑު ކަހަލަ އެއްޗެހި ކޮންޓޭނަރުތަކުގައި ވަގުން އައިސް ގެންދާނީ،" ރަށް ބަލަހައްޓަން ތިބި ތިން މީހުންގެ ތެރެއިން ދިވެއްސަކު ބުންޏެވެ.

"ބަޔަކު ގެނެސްގެން ބެލުމުން އެނގުނީ ރޫމުތަކަށް އަޑިން އަޅާފައި އޮތް ސަޕްލައިތައް ވެސް ކޮނެގެން ވަގަށް ގެންގޮސްފައިވާކަން."

އެ މީހުންނާ ވާހަކަ ދައްކާލުމުން ބުނީ ޖާބިރު "ދޭތެރެއަކުން ރަށަށް ވަޑައިގަންނަވާ" ކަމަށާއި 'ކޮންމެ ފަހަރަކު ވެސް ފައިބަނީ ކީރިތި ކުރައްވަމުން' ކަމަށެވެ. ރިސޯޓްގެ އެކި ތަންތަނަށް ބަލަހައްޓަވައިގެން ހުންނަވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ރިސޯޓްގައި މަސައްކަތްކުރި ބައެއް މީހުން ބުނާ ގޮތުގައި ޖާބިރަށް ފައިސާ ލިބިވަޑައިގަންނަވާ ފަހަރުތަކުގައި އަމިއްލައަށް ގުޅުއްވާފައި އެ ވާހަކަ ވިދާޅުވެ އެވެ.

އަލިދޫ ރިސޯޓުގެ މޫދު ކޮޓަރިތައް ވީރާނާވެފައި: އަލުން ހަދާއިރު މި ކޮޓަރިތަކެއް ނުހުންނާނެ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ހއ.ގެ އިގުތިސާދަށް ދިރުން އަންނާނެ ކަމަށް އުއްމީދުކުރި ރިސޯޓް މިހާރު މި އޮތީ، މި ރަށަށް އަރާ ބަލައިފި ނަމަ، ނާއުއްމީދީ ހާލަތެއްގަ އެވެ. އެކަމަކު ރިސޯޓްގެ ވެރިޔާ ޖާބިރުގެ ވިސްނުން މުޅިން ތަފާތެވެ. އޭނާ ހުންނެވީ، މާލީ އެތައް ގޮންޖެހުންތަކެއް ކުރިމަތީގައި އޮތަސް، އަލިދޫ ރިސޯޓް އަލުން ހުޅުވުމުގެ އަޒުމުގަ އެވެ. 

"މިވަގުތު ވެސް އަޅުގަނޑު މިކުރަނީ އެ މަސައްކަތް. މުދާ ފޮނުވަން އޯޑަރުކުރުމުގައި މި އުޅެނީ،" ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ހުންނަވައިގެން 'ދައުރު'އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (12)

ވަގުތުން ވަގުތަށް

25 ޖުލައި 2024
ޖާބިރު ލޮލުން އޮހޭ ކަރުނައަށް ވުރެ މާދެރަވާން ޖެހޭނު ގާމަތީ ރަށެއް ތިގޮތަށް ރިސޯޓު ހަދަން ދޫކުރީމާ. މާދެރަވޭ ރަށްރަށު މީހުންނަށް ޓޫރިޒަމުން މާބޮޑު ނަފާއެއް ނުލިބި، މީހުން ޕިކްނިކް ދާން ހުންނަ ހުރިހާ ރަށެއް ރިސޯޓު ހަދަން ދޫކުރީމާ. މާދެރަވޭ ޖާބިރު އެތައް ކުދި ކޮންސްޓްރަކްޝަން ކުންފުންޏަކަށާ އެހެން ކުންފުނިތަކަށް މަސައްކަތް ކުރުވާފަ އުޖޫރަ ނުދޭތީ.
5 1

އެޑްމުންޑޯ

25 ޖުލައި 2024
ދައުރު ނޫހުން ގދ ވަާދޫ ކައިރީގެ ޖެހިގެން އޮންނާނެ ޖާބިރު އެއްކޮށްހަދާފައި ނިންމާފައި ، ނަމަވެސް ނުހުޅުވާ ތިގޮތަށް ވީރާނާ ވަމުންދާ ރިސޯޓެއް ، ފެނުނީމާ ހަމަލޮލުން ކަރުނަ އަންނާނެ ، ޖާބިރުގެ ހާލަކީ މިއީ ، އެރިސޯޓަކީވެސް އެތެއްބައެއްގެ އުންމީދުތަކެއް ، ވާދޫ ރައްޔިތުންގެ ހުރިހާ އުންމީދަކާއި އުފަލެއް އެރިސޯޓާއި ގުޅިފައި ވިއަސް މިއަދު ހަމަތިގޮތަށް ވީރާނެ ހަލާކުވާން ދޫކޮއްފައިވަނީ .
3 0

އަބްދުލްޢަނީ

24 ޖުލައި 2024
ހެސްކިޔާފަ ސަޅި ބީޗް ހުރި ރަށްތައް އޮއްވާ ކާކުގެ ނުފޫޒުން ކާކަށް ކަޓެއް ލިބިގެންތަ ގާމަތި ރަށެއް ރިޒޯޓް ހަދަން ދިނީ. އެ ވާހަކަ ބުނެލީ. ވަރަށް ސަލާން
9 0

ޖައީ

23 ޖުލައި 2024
ހެޔޮނުވާނެ ޖާބިރު ކަހަލަ މީހަކަށް ރަށެއްދީފަ ބާއްވަން. ތިތަން އަތުލާފަ ހިންގޭވަރުބަޔަކާ ހަވާލުކުރީއްޔާ ނޫނީ ތިޔަރަށުން ފައިދާއެއްނުވާނެ.
15 3

ކިލަންމީ

23 ޖުލައި 2024
ވަގުތުން ވަގުތަށް އޮޕަރޭޓްކުރުމަށް ދަންނަވަން.
8 0

ޙިއްސު

23 ޖުލައި 2024
ލިސްޓް ފުރިހަމަ ކޮށް ލާން. 1. އަރި އަތޮޅު ވެލިދޫ 2. ކ. ވިލިވަރު 3. ކ. ކުޑަހިތި 4. އަރި އަތޮޅު ރަންވެލި. 5. ކ. އަސްދޫ. މީ ކުރިން ހިނގަމުން އައި ތަންތަން. މި ސަރުކާރަށް 8 މަސް ވީއިރު މި ތަންތަނުގެ ހާލަތު ނުބަލާ ކީއްތޯ ކުރީ ސުވާލު ކޮށައްވައްޗޭ ވަޒީރުއާ.
5 5

ޙިއްސުކެނޑިފަ

23 ޖުލައި 2024
@ޙިއްސު ތި ރިސޯޓްތައް ވީރާނާވީ މި 8 މަސްތެރޭގައިތަ؟ މީގެކުރިން ވެރިކަންކުރި ނާޤާބިލް ވެރިންގެ ސަބަބުން މިހާލަތަށް ދިޔައީ
9 5

ތަރި

23 ޖުލައި 2024
ޓުވަރިސްޓު ހޮލޮވީން ސްޕޮޓަކަށް ތިތަން ބަދަލުކޮަަށްލާ. ނޫނީ dhivehi ފިލުމެއް ކުޅުމަށް ތިލޮކޭޝަން ދީ. ނުލާހިކު ސަޅިވާނެ ފިލްމެއް ކުޅެލަންވެސް.
4 0

ހަސަންދީ

23 ޖުލައި 2024
ރާއްޖޭގެ ބްރޭންޑް ގެ ނަން ހަޑިވާނީ މިކަހަލަ ނާގާބިލް މީހުންނަށް ރިސޯޓުހިންގަން ދިނީމަ ! ތިތަން މާ ރަގަޅުވާނެ ޕިކުނިކު އައިލެންޑަކަށް ހެދީޔާ ތިޔަ ރަށް ތި އޮތީ ރިސޯޓެއް ހަދާ ވަރަށް ރީތި މޫދެއްވެސް ލާފައެއް ނޫން !
9 1

ގދ އަދި ގއ

23 ޖުލައި 2024
ގދ ވަޓަވައްރެހާ ގެ ހާލަތު ތިގޮތައްގެނެސްދީބަލަ އަދި ހަމަ ގދ ލޮނުދުވަހުއްޓާގެ ވާހަކަވެސް. މިގޮތައް އެބަތިބި ކިތަންމެ ރަށެއް ވީރާނާވާން ދޫކޮށްލާފަ.
6 0

ހަޤީޤަތް

23 ޖުލައި 2024
ތިހެން ކިތަންމެ ރަށެއް. ލިޔުންތެރިޔާ ވަޑައިގެން ބައްލަވާ އ.އ. މަޑޫގަލި، އެއީ ބްލޫ ލެގޫން ކުންފުންޏަށް ދިން ރަށް. މުޅިން ވީރާނާ ވީ އިރު ކައިރީ ރަށްރަށުން އެތަނުގެ އަގުބޮޑު މުދާ ގެންގޮސްގެން ގެސްޓްހައުސް އެބަ ހިންގާ.
7 0

ހަސަންފުޅުގެ ހުސެންފުޅުގެ ބާގިރުގެ އަބްދުﷲ ޖާބިރު

23 ޖުލައި 2024
ކާށިދޫއާ ގާފަރާ ދޭތެރޭ ކޭބަލް ކާރު އެޅުއްވި ބޭފުޅަކަށް ކީއްވެގެންތޯ ހަތަރު ތަރީގެ ރިޒޯޓެއް އޮޕަރޭޝަނަށް ނުގެނެވެންވީ؟
11 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް