ފިޝަރީޒް މިނިސްޓަަރު އަހުމަދު ޝިޔާމް ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެސްއެމް)
މަހުގެ އަގު ކަނޑައަޅަންވީ މިނިސްޓަރެއް ނޫން، ބާޒާރުން
މިހާރު އެންމެ ގަދަ އަޑަކަށް އޮތީ މަސްވެރިން ބާނާ މަސް ގަންނަން ސަރުކާރުން އަނެއްކާވެސް އާ އަގެއް ކަނޑައަޅާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ބޮޑުކުރި މަހުގެ އަގު މި ސަރުކާރުން ކިލޯއެއް 25ރ. އިން 20ރ.އަށް ކުޑަކުރި އެވެ.
މިހާރު އަޑުތައް ހުރީ އަނެއްކާ ވެސް އެ އަގު 15ރ.އަށް ކުޑަކުރާ ކަމަށެވެ.
އަގުތައް މިވަރަށް ބަދަލުކުރަން ސަރުކާރުތަކަށް ޖެހިގެން މި އުޅެނީ ސިޔާސީ ސަބަބުތަކާ ހުރެ މަހުގެ އަގު ކަނޑައެޅުމުގެ ބާރުވެރިކަން ސަރުކާރުން އަމިއްލަ އަތްމައްޗަށް ނަގައިގެން އުޅޭތީ އެވެ. މަހުގެ އަގާ ހިތުހުރި ގޮތަކަށް ކުޅެމުން ދާތީ އެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ލަފާ ކުރައްވާފައިވާ ގޮތުގައި ސަރުކާރުން ކަނޑައަަޅާފައިވާ މަސް ގަންނަ އަގުގެ ސަބަބުން ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް ވަމުން އަންނަ ގެއްލުން ފޫބައްދަން އެއް ބިލިއަން މިއަހަރު ވެސް ސަރުކާރުން އެ ކުންފުންޏަށް ސަބްސިޑީގެ ގޮތުގައި ދޭން ޖެހިދާނެ އެވެ.
ބިލިއަނުން ގެއްލުންވަމުން ދާއިރު ވެސް އަދިވެސް މި ސަރުކާރުން ވެސް ބޭނުން ވަނީ މަހުގެ އަގު ކަނޑައެޅުމާއި މަހުގެ ވިޔަފާރީގެ ތެރޭގައި ސަރުކާރުގެ ބާރުވެރިކަން ބޭއްވުމުގެ ސިޔާސަތު ދަމަހައްޓާށެވެ.
ސުވާލަކީ، މަހުގެ އަގު ކަނޑައަޅަން ޖެހެނީ ސަރުކާރުން ހެއްޔެވެ؟ މަހުގެ އަގު ކަނޑައަޅަން ސަރުކާރުން މި ގެންގުޅޭ ސިޔާސަތު ބަދަލުކުރާކަށް ނުވޭ ހެއްޔެވެ؟
މަހުގެ ހަމަ އަގު ކަނޑައެޅޭނީ ބާޒާރަށް
މަސްވެރިންގެ ޖަމްއިއްޔާގެ ރައީސްކަން ކުރެއްވި ކުރީގެ މަސްވެރިއެއް ކަމަށްވާ އަދި މިހާރު ފިޝަރީޒް މިނިސްޓްރީގެ ނައިބު މިނިސްޓަރެއް ކަމަށްވާ އަހުމަދު ޝާފިއު މީގެ ކުރިން އޭނާގެ އަމިއްލަ ހިޔާލު ފާޅުކުރައްވަމުން އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ، ކޮންމެ ބަޔަކު ބުނި ނަމަވެސް މަހުގެ އަގު ކަނޑައަޅާނީ ބާޒާރުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެއީ ހަގީގަތުގައި ސަރުކާރަކަށް އިދާރާއަކަށް ކަނޑައެޅޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސިޔާސީ ވާހަކަތައް އެއް ފަރާތްކޮށް އޭނާ އޭރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ވެސް މަސް ގަނެވޭނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަވަރަކަށް ރިއާޔަތްކޮށްފައި ކަމަށް ހުދު މަސްވެރިން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މެނިފެސްޓޯތަކުގައި ހަމަ އަގުގެ ވާހަކަ ލިޔެ އެ ވާހަކަ އާންމު ކުރާ ގޮތުން ގިނަ މަސްވެރިންނަށް ވެސް އޮޅިފައި އޮންނަނީ. ގަބޫލު ކުރެވިފައި އޮންނަނީ ބޮޑު އަގު އަބަދު ވެސް މަހަށް ލިބެން ޖެހޭ. އެކަމަކު އެހެންނެއް ނުއެއް ވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިއީ ވިޔަފާރިއެއް. މިތަނުން މަސް ގަނެގެން ބޭރަށް މި ވިއްކަން ޖެހެނީ. ބޭރުގައި މަސް ނުވިއްކޭ ބޮޑު އަގެއްގައި ރާއްޖެއިން ގަނެގެން ގޮސް ބޭރަށް މަހެއް ނުވިއްކޭނޭ. އެއްވެސް ބަޔަކު ގެއްލުމެއްގައި ވިޔަފާރިއެއް ނުކުރާނެ،" ޝާފިއު ވިދާޅުވެފައިވެ އެވެ.
ހަގީގަތް އޮތީ ސިޔާސީ މީހުން ދައްކާ ވާހަކަތަކާ ވަރަށް ދުރުގަ އެވެ. އެހެން ބާވަތްތަކެކޭ އެއްގޮތަށް ބާޒާރުގައި މަހުގެ އަގު ވެސް ކަނޑައެޅެނީ މަހަށް އޮންނަ ޑިމާންޑާއި ސަޕްލައިގެ މައްޗަށް ބިނާކޮށް ބާޒާރު އޭގެ އަމިއްލަ ޒާތުގަ އެވެ. މަސްވެރިން ބާނާ މަސް ކިތަންމެ އަގުބޮޑުކޮށް ކިރަން ބޭނުންވި ނަމަވެސް، ބާޒާރުގެ އެ ހަމައިން ރެކިއެއް ނުގަނެވޭނެ އެވެ.
ކިތަންމެ ޖަޒުބާތުގައި އެކަން ކުރަން ބޭނުންވި ނަމަވެސް އެ ނޫން ގޮތަކަށް ނުވާނެ އެވެ.
މަސްވެރިކަމަކީ ވެސް ވިޔަފާރިއެއް. އެހެން ވީމާ އެގޮތަށް ވިޔަފާރިއެއް ގޮތަށް އެކަން ކުރަން ކަންކަމުގެ ހަގީގަތް ނުފޮރުވާ މަސްވެރިންނަށް ބުނެދިނުން ރަނގަޅު. މިފްކޯއިން އެތަނުގެ ތަފާސްހިސާބުތައް އާންމުކޮށްފައި ހުރުން މުހިންމު. މަސް ގަންނަ އަގާ ހިނގާ ހަރަދާ.
ނަމަވެސް، ގައުމީ މަސްކުންފުނި މިފްކޯއިން މިދިޔަ ހަތް ވަރަކަށް އަހަރުގެ ތެރޭގައި މަސް ގަންނަމުން ދިޔައީ ބާޒާރުގެ، އެ އާންމު ހަމައިން ބޭރުވެ ސަރުކާރުން ކަނޑައަޅާފައި އޮންނަ ކޮންޓްރޯލް އަގެއްގަ އެވެ. މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ނަމުގައި މިފްކޯއިން އެކަން ކުރަން ޖެހުމުގެ ނަތީޖާއަކަށްވީ އެ ކުންފުންޏަށް ބޮޑު ގެއްލުމާ ކުރިމަތިވެ ދުވަސްދިޔުމާ ގާތްވުމެވެ.
މިފްކޯއިން މަސް ގަންނަމުން ދަނީ ބާޒާރުގައި އޭރު މަސް ވިއްކާ އަގަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ. ބާޒާރުގައި އަގު ދަށްވިޔަސް އަދި މަތިވިޔަސް ކިލޯއެއް 20ރ. ނުވަތަ 25ރ. އަށެވެ. އެ ނިންމުމުގެ ހިތި ނަތީޖާއާ ބައްދަލުވެ މިފްކޯ އަދިވެސް އޮތީ އެ ގެއްލުމުން އަރައި ނުގަނެވި "ހާލުގަ" އެވެ.
"މިދިޔަ ހަތް އަހަރު އެއް އަގެއްގައި މަސް ގަންނަ އަގު ހިފެހެއްޓިފައި އޮތުމަކީ އަސްލު ވަރަށް ބޮޑު ގެއްލުމެއް މިފްކޯއަށް ލިބުނު. އޭގެ ސަބަބުން މިފްކޯގެ ކުރިއެރުން އެކީހެން ހުއްޓިގެން ދިޔަ. މި ކުންފުންޏަށް އަސަރު ކުރީމާ އޭގެ އަސަރު މަސްވެރިންނަށް ވެސް ކުރޭ،" މިފްކޯގެ އިސް މަގާމުތައް މީގެ ކުރިން އަދާކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް ވިދާޅުވެދެއްވި އެވެ.
"ގަބޫލު ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން މިޖެހެނީ ތައިލެންޑުގެ ބާޒާރަށް މަސްވިއްކަން. ދެން މިތަނުން އަގުބޮޑުކޮށް ގަނެގެން އެތަނުގައި ބޮޑު އަގުގައި ނުވިއްކޭ ކަމަށް ވަންޏާ ކުންފުންޏަށް އަގު ނުކުރެވޭހާ ގެއްލުން ވެފައިވަނީ. ބޭރު މާކެޓްތަކުގައި އަގު މި ހުންނަނީ ދުނިޔޭގެ މަހުގެ ބާޒާރުގެ އަގުގައި."
އޭނާ ވިދާޅުވި ގޮތުގައި، މަހުގެ އަގުގެ ކޮންޓްރޯލް ސަރުކާރުން ކަނޑައަޅަމުން ދިޔުމުގެ ނަތީޖާއަކީ މިފްކޯ ވިޔަފާރި އުސޫލުން ހިންގޭ ގޮތެއް ނުވުމެވެ. ކުންފުނީގެ ހަތަރެސްފައި ބަދެވިފައި އޮތުމެވެ.
"މިފްކޯއަށް މި އޮންނަ މަޖުބޫރަކީ ވިޔަފާރީގެ ވިސްނުމަށް ވުރެ ބޮޑަށް ސިޔާސީ ގޮތުން ކަންތައްތަކެއް ނިންމުން. އެ ކަންކަމަށް ތަބާވުން،" އޭނާ ވިދާޅުވި އެވެ.
ހަގީގަތުގައި މަހުގެ އަގު ކަނޑައެޅުމަކީ ސިޔާސީ މީހުންގެ އަތުގައި ބާއްވައިގެން އުޅެން ޖެހޭ ބާރެއް ނޫނެވެ. މަހުގެ އަގަކީ ވެސް މާރުކޭޓުގެ އަގަށް ދޫކޮށްލަން ޖެހޭ އެއްޗެކެވެ. އެކަން ނިންމާނީ މަސް ގަންނަ ކުންފުނިތަކުންނެވެ.
ސަރުކާރަކުން މަސްވެރިންނަށް ހެޔޮ އެދޭ ނަމަ، އެ ހަގީގަތް އޮޅުވާނުލާ ކިޔައިދޭން ޖެހޭ ކަމަށް، މަސްވެރިކަމުގެ ސިނާއަތަށް ހިދުމަތް ކުރެއްވި އާދިލް ސަލީމް ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، މަސްވެރިންނަށް ކަން އޮތް ގޮތުގެ ހަގީގަތް ބުނެދިނުމަކީ އެ މީހުންނަށް ވެވޭނެ އެންމެ ބޮޑު އެހީ އެވެ. ސަރުކާރެއްގެ ދައުރަކީ އޭނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް އެ މީހުންގެ ވިޔަފާރީގައި ކުރިއަށްދާނެ ގޮތްތަކެއް ހޯދައިދޭން މަގުފަހިވާނޭ ސިޔާސަތުތަކެއް ކަނޑައަޅައިދިނުމެވެ. އެ ވިޔަފާރިކޮށް އަގު ކަނޑައަޅާ ހެދުމެއް ނޫނެވެ.
"ސިޔާސީ މީހުންނަށް މަހުގެ އަގެއް ކަނޑައެއް ނޭޅޭނެ ހަގީގަތުގައި. އަދި އެ ވިޔަފާރީގެ ހުރިހާ ކަމަކާ އެއްވެސް ސަރުކާރަކަށް ހަވާލެއްވެސް ނުވެވޭވެނެ. އެ މީހުން ޖެހޭނީ މަސްވެރިންނަށް ކަންކަން ފަހިކޮށްދޭން. ޕޮލިސީތަކެއް ރާވަން،" އާދިލް ސަލީމް ވިދާޅުވި އެވެ.
"މިސާލަކަށް މަހުގެ އަގު ދަށްވެ ތެޔޮ އަގުބޮޑުވާ ދުވަސްވަރު މަހަށް ނުނިކުތުމަށް އަޅުގަނޑުމެން އޭރު ހުންނާނެ މަސްވެރިންނަށް އިރުޝާދު ވެސް ކޮށްފައި. މަސްވެރިކަމަކީ ވެސް ވިޔަފާރިއެއް. އެހެން ވީމާ އެގޮތަށް ވިޔަފާރިއެއް ގޮތަށް އެކަން ކުރަން ކަންކަމުގެ ހަގީގަތް ނުފޮރުވާ މަސްވެރިންނަށް ބުނެދިނުން ރަނގަޅު. މިފްކޯއިން އެތަނުގެ ތަފާސްހިސާބުތައް އާންމުކޮށްފައި ހުރުން މުހިންމު. މަސް ގަންނަ އަގާ ހިނގާ ހަރަދާ. އޭގެން ދެކޮޅު ޖެއްްސޭތޯއާ، މި ހުރިހާ އެއްޗެއް ތަފްސީލްކޮށް ފެންނަން ހުރުން ވަރަށް މުހިންމު. އޭރުން މަސްވެރިންނަށް ވެސް މި ކަންކަމުގެ ހަގީގަތް ގަބޫލު ކުރެވޭނެ."
މަސްވެރިކަމުގެ ދާއިރާގެ ހުރިހާ އެންމެންނަށް ވެސް އިއްތިފާގުވާ އެއްކަމަކީ މަހުގެ ހަމަ އަގަކީ ބާޒާރުގައި އެއިރެއްގައި މަހުގެ އަގު އޮންނަ ވަރެވެ. މަހަށް ބޮޑު އަގު އަބަދަކު ހޯދައިދިނުމަކީ އެއްވެސް ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނޫނެވެ. ސަބަބަކަށް ވަނީ މަހުގެ އަގު ކަނޑައެޅުމަކީ ސިޔާސީ ވެރިންގެ އަތް މަތީގައި އޮތް ކަމެއް ނޫނެވެ.
މަހުގެ ވިޔަފާރިއާ ގުޅިފައި ވަނީ ބޭރުގެ މާރުކޭޓްތައް ކަމުން ރާއްޖޭގައި މަހުގެ އަގު ހުންނާނީ އެ މާރުކޭޓުތަކުގެ އަގުތަކަށް ރިއާޔަތްކޮށެވެ.
ކޭނިން ކެޕޭސިޓީ ބޮޑުކުރުމާއި ސްޓޯރޭޖް ކެޕޭސިޓީ ބޮޑު ކުރަން ޕްރައިވެޓް އިންވެސްޓަރުންނާ ގުޅިގެން މަސައްކަތް ކުރަންވީ. އެކަން ކާމިޔާބު ވީމާ ބޮޑު ފައިދާއެއް ދިވެހިންނަށް މަސްވެރިކަމުން ނެގޭނެ.
ހޯދަންވީ މަހުގެ އަގު އޮބަހެއްޓުން ނޫން ގޮތެއް
ދުނިޔޭގައި ބާނާ ކަނޑުމަހުގެ %99 ދާއަޅައިގެން ނުވަތަ ލޭނު އަޅައިގެން ނަގާމަހެވެ. ނަމަވެސް، ރާއްޖެއިން ދުނިޔޭގެ ބާޒާރުގައި ވިއްކާ މަސް ތަފާތު ވަނީ ދޮށި އަޅައިގެން ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ފަހަރަކު މަހެއް ބާނަމުން ދާތީ އެވެ. މިއީ ދުނިޔެ ގަބޫލުކޮށްފައިވާ ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތެވެ.
އާދިލް ސަލީމް ވިދާޅުވި ގޮތުގައި، ރާއްޖެއިން ބާނާ މަހަށް ބޮޑު އަގެއް ހޯދައިދެވޭނެ ގޮތަކީ ދޮށީގެ މަސްވެރިކަމުން ރާއްޖޭގައި މަސް ބާނާކަން ދުނިޔެއަށް ޕްރޮމޯޓްކޮށްދީގެންނެވެ. ނަޝީދުގެ ސަރުކާރުގައި މަސް ކިލޯއަކަށް 34ރ. ރޭޓެއް ދެވުނީ އެ މަގުން މަސައްކަތްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ތަޖުރިބާއާ އެކު ވާހަކަ ދައްކަވަމުން އާދިލް ސަލީމް ވިދާޅުވި ގޮތުގައި، ދާއަޅައިގެން ނުވަތަ ލޭނު އަޅައިގެން ނަގާފައި ހުންނަ މަހާ އެއްވަރުގެ އަދަދެއް ރާއްޖޭގެ މަހަށް ދުނިޔޭގެ ބާޒާރުގައި ލިބޭ ނަމަ އެއީ އިންސާފެއް ނޫނެވެ. އެ ވަކާލާތު ދުނިޔޭގެ ބޮޑެތި ސްޓޭޖްތަކުގައި ރާއްޖެއިން ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
އެކަން ދުނިޔެއަށް ބުނެދިނުމަށް ޓަކައި ރާއްޖޭގައި މަސް ބާނާ ތިމާވެއްޓާ ރަށްޓެހި ގޮތުގެ ވާހަކަ ކިޔައިދޭނެ ބޮޑު މާކެޓިން ކެމްޕޭނެއް ދުނިޔޭގައި ފަށަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ބޮޑު އަގު ހޯދައިދެވެން އޮތް ވަރަށް ޔަގީން މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭރު ރައީސް ނަޝީދުގެ ސަރުކާރުގައި ބޭރަށް ގޮސްފައި ބުނެދިނީ ސީދާ އަޅުގަނޑުވެސް ފޯރަމެއްގައި ތަގުރީރުކޮށްފައި ބުނިން ދިވެހިން މަސް ބާނަނީ ސީދާ ވަކިވަކި މަހުގެ އަގައިގައި ބުޅި އަޅުވާފައި ނަގައިގެންނޭ. އެކަމަކު ދާއަޅައިގެން ނޫނީ ލޭނު އަޅައިގެން ބާނާފައި ހުންނަ މަހަށް ވެސް އެއް އަގެކޭ މި ލިބެނީ. އެހެން ވީމާ އެކަން ބަދަލުވާން ޖެހޭ،" އާދިލް ސަލީމް ވިދާޅުވި އެވެ.
"ތިމާވެށީގެ ކެމްޕޭން ރާއްޖެއިން ކުރާއިރު މި މަސް ބޭނުމުގެ ވާހަކަ ދައްކާ ދުނިޔެއަށް އެވާހަކަ ބޮޑަށް ބުނެދޭން ޖެހޭ. ރައީސް ނަޝީދު ވެސް އަދި މައުމޫން ވެސް އެ ވާހަކަ މާ ވަރަކަށް ނުދެއްކެވި. އެހެން ނަމަ، އަޅުގަނޑުމެންނަށް މަހަށް މިހާރަށް ވުރެ ރަނގަޅު ރޭޓެއް ހަގީގަތުގައި ހޯދި ދާނެ. މަހުގެ އަގު ކޮންޓްރޯލް ނުކޮށް މިކަހަލަ ފުޅާވިސްނުންތަކެއް ހަގީގަތުގައި ގެންގުޅެން ޖެހޭނީ."
މިހާރު ވެސް ރާއްޖެއިން މަސް ގަނެގެން ތައިލެންޑުގެ އެކި ކުންފުނިތަކުން ރާއްޖޭގެ މަސް، ދަޅުގައި ބަންދުކޮށް ބޮޑު އަގުގައި ބޭރުގެ މާކެޓްތަކުގައި ވިއްކަ އެވެ. އެ މީހުން އެ މަސް ބޮޑު އަގުގައި ވިއްކަނީ، ރާއްޖޭގެ މަހަކީ ދޮށިން ބާނާ މަސް ކަމަށް ޕްރޮމޯޓްކޮށްގެންނެވެ. އެހެންވީމާ ރާއްޖެއަށް އެކަން ނުވާންވީ ކީއްވެ ހެއްޔެވެ؟
މިފްކޯގެ މިސްރާބު ހުންނަންވީ ރާއްޖޭގެ ރޯ މަސް ތައިލެންޑަށް ބޭރު ކުރުމުގެ ބަދަލުގައި އެ މަސް ރާއްޖޭގައި ދަޅުގައި ބަންދުކޮށް ސީދާ ރާއްޖެއިން އެ ޕްރޮޑަކްޓް ބޭރަށް ވިއްކުމަށެވެ. އޭރުން މިފްކޯގެ ފައިދާ އެތައް ގުނައެއް ބޮޑުކުރެވޭނެ އެވެ.
"މިފްކޯ މެދުވެރިކޮށް ވެލިއު އެޑް ކުރަން ރޯމަސް ބޭރުނުކޮށް. އޭރު އަޅުގަނޑުމެންނަށް މަސްވެރިންނަށް ވެސް މިހާރަށް ވުރެ ރަނގަޅު އެއްޗެެއް ދެވޭނެ. ފައިދާ އިތުރު ވީމާ އޭތި އަޅުގަނޑުމެންނަށް މަސްވެރިންނަށް ޕާސް ކުރެވޭނެ. އެގޮތުން ކޭނިން ކެޕޭސިޓީ ބޮޑުކުރުމާއި ސްޓޯރޭޖް ކެޕޭސިޓީ ބޮޑު ކުރަން ޕްރައިވެޓް އިންވެސްޓަރުންނާ ގުޅިގެން މަސައްކަތް ކުރަންވީ. އެކަން ކާމިޔާބު ވީމާ ބޮޑު ފައިދާއެއް ދިވެހިންނަށް މަސްވެރިކަމުން ނެގޭނެ،" ކުރިން ވެސް ވާހަކަ ދެއްކެވި މިފްކޯގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅާ ވިދާޅުވި އެވެ.
މިފްކޯއަށް މިހާރު ވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 150 ޓަނުގެ މަސް ނަގަ އެވެ. ނަމަވެސް، ފެލިވަރުގެ ކެޕޭސިޓީ މިވަގުތު ހުރި ގޮތުން ގާތްގަނޑަކަށް ފެލިވަރުގައި ބަންދުކުރެވެނީ 50 ޓަނަށް ވުރެ މަދުކޮށެވެ.
ކުރީ ސަރުކާރުގައި ރާވާފައި އޮތީ މިފްކޯއިން އިންވެސްޓްމަންޓްތަކެއް ކޮށްގެން މަސް ޕްރޮސެސް ކުރެވޭ އަދަދު 65 ޓަނަށް އިތުރު ކުރާށެވެ. އަދި މިފްކޯއިން ގަންނަ މަހުގެ %70 ވެލިއު އެޑްކުރުމަށް އެ ކުންފުނިން އޭރު އަމާޒުކުރި އެވެ. އެކަމަކު އެކަން ކުރަން އޭރު ރޭވި އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނެއް މެދުވެރިކޮށެވެ. އެކަމަކު ސުވާލަކީ ލޯނު ނަގައިގެން އިންވެސްޓް ކުރަން ސަރުކާރުގައި އެވަރު އެބަހުރި ހެއްޔެވެ؟
މިފްކޯ ޕްރައިވެޓް އިންވެސްޓަރުންނާ ދިމާލަށް ނުވަތަ ޕްރައިވެޓައިޒޭޝަންގެ މަގަށް ބަދަލުވާން ޖެހެނީ އެހެންވެ އެވެ.
ސަރުކާރުގެ ސިޔާސަތުން ހައްލެއް ނުފެނޭ
މިފްކޯއިން މީގެ ކުރިން އާންމުކޮށްފައި ހުރި ތަފާސްހިސާބުތަކަށް ބަލާއިރު މިފްކޯއިން ގަންނަ މަހުގެ %67އަށް ވުރެ ބޮޑު ބައެއް ބޭރު ކުރަން ޖެހެނީ ފިނިކުރި މަހުގެ ގޮތުގައި ތައިލޭންޑަށެވެ. ފިނިކުރި މަސް ބޭރުކުރަން ޓަނަކަށް 1،800 އެއްހާ ޑޮލަރު ހަރަދު ކުރަން ޖެހުނު ނަމަވެސް، ތައިލެންޑަށް އެ މަސް ވިއްކެނީ ޓަނެއް 900 ޑޮލަރަށެވެ. އެއީ ޓަނަކުން 900 ޑޮލަރުގެ ގެއްލުމެކެވެ.
ހަގީގަތުގައި މިފްކޯއަށް ކުރަން ޖެހިފައި އޮތީ ގެއްލުން ބޮޑު ވިޔަފާރި އެކެވެ. މައްސަލައަކަށް ވަނީ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏަކަށް ވުމުން މަސްވެރިންނަށް ބޮޑު އަގު ހޯދައިދޭން ސަރުކާރުން ކަނޑައަޅާ ސިޔާސަތު ތަންފީޒުކުރަން މިފްކޯގެ ހުރިހާ ހަކަތައެއް ހުސްކޮށްލަން ޖެހުމެވެ.
އާދިލް ސަލީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ މިސްރާބު ބަހައްޓަންވާންވީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމަކަށް ނޫނެވެ. އެއީ ހަގީގަތުގައި ހާސިލް ކުރެވޭނެ އަމާޒެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ސަރުކާރުން އަމާޒު ކުރަންވީ މަސްވެރި މީހާ ތަރައްގީ ކުރާނޭ ސިޔާސަތުތައް އެކުލަވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
އާދިލް ސަލީމް ގަބޫލު ކުރައްވާ ގޮތުގައި، ދޯނިތަކުގައި އައިސްޕްލާންޓް ފަދަ ތަކެތި ބަހައްޓާ އެ މީހުން ބާނާ މަސް ގިނަ ދުވަހު ރަނގަޅު ކޮލިޓީގައި ތާޒާކޮށް ބެހެއްޓުމަށް އެހީތެރިކަން ސަރުކާރަށް ދެވިދާނެ އެވެ. އޭގެ ސަބަބުން، މަސްކޮޅު ކިރާލެވޭނޭ ހިސާބަކަށް ދެވެންދެން ރަނގަޅު އަގު ލިބޭ ކޮލިޓީގައި މަސް ބެހެއްޓޭނެ އެވެ.
މަސްވެރި ސިނާއަތުގައި މިފްކޯގެ ބޮޑު ހިއްސާއެއް ބޭއްވުމުގެ ބަދަލުގައި ބަލަންވީ އަމިއްލަ ފަރާތްތަކުން މި ވިޔަފާރީގައި ހަރަކާތްތެރިވާން ފަހި ސިޔާސަތުތަކަކަށް ބަދަލުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ރައީސް މައުމޫންގެ ސަރުކާރުގައި މަސްވެރިކަމުން ނަފާ ނެގުމުގެ ވަރަށް ބޮޑު ޕްރޮޖެކްޓެއް ހިންގި. އޭގެ ތެރެއިން ދޯނިތައް ބޮޑުވެ މަސްވެރިކަމަށް ބޮޑު އިންގިލާބެއް އައި. އެއަށް ފަހު ދެން އިންވެސްޓެއް ނެތް ކުރެވިފައި ސީދާ މަސްވެރިންނަށް އެހީވުމަށް. މަސްވެރިންނަށް އިންވެސްޓްމަންޓްތަކެއް ކޮށްދޭން ސަރުކާރުގެ މިފްކޯގެ މިސްރާބު ހުންނަންވީ. އޭރުން މި ހުންނަ ޝަކުވާތައް ހައްލު ކުރެވޭނެ. މިހާރަށް ވުރެ ބޮޑަށް ދުރަށް ސަރުކާރުން ވިސްނަންވީ،" އާދިލް ސަލީމް ވިދާޅުވި އެވެ.
އަގަށް ވުރެ ބޮޑެތި މައްސަލަތަކެއް
މަހަށް ހަމަ އަގު ލިބޭ ވާހަކަ އެއް ފަރާތުގައި ބާއްވާއިރު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މި ޒަމާނުގެ މަސްވެރިކަމާ އެއްވަރަށް ރާއްޖޭގެ އެންމެ ބޮޑު މަސްކުންފުނި، މިފްކޯ ތަރައްގީވެފައި ނެތުމެވެ. އަދި މިފްކޯ ސަރުކާރު ކުންފުންޏަކަށްވެ ނުފޫޒާއި ބާރު ގަދަވުމުން ޕްރައިވެޓް މަސް ކުންފުނިތަކަށް އެ ކުންފުންޏާ ވާދަނުޖެހި މިހާރުގެ މަސްވެރިކަމަށް މަސް ކިރުވަން އެކަށޭނަ ފެސިލީޓިތަކެއް އެ ކުންފުންޏަށް ވެސް ފައްކާ ނުކުރެވެނީ އެވެ.
މަސް ކިރުވަން މިފްކޯގެ ފެސިލިޓީތަކުގައި ކިޔޫގައި ޖެހިގެން 3-4 ދުވަސް މަސްވެރި މޫސުމުގައި ދޯނިތައް މަޑުކުރަން ޖެހެ އެވެ. އޭގެ ސަބަބުން މަހުގެ ކޮލިޓީ ދަށްވެ މަހުގެ އަގު އިތުރަށް ވެއްޓެނީ އެވެ. އަދި މަސްވެރިންގެ ހަރަދުތައް ވެސް އިތުރަށް ބޮޑުވަނީ އެވެ.
އާދިލް ސަލީމް ދެކެވަޑައިގަންނަވާ ގޮތުގައި، މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ހުރިހާ ސަރުކާރުންތަކުން ވެސް ދަނީ ފެއިލްވަމުންނެވެ.
އެކި ސަރުކާރުތަކުން މަސްވެރިން ކައިރީ ދައްކަމުން އަންނަ ބުހުތާނު ދޮގުތަކުގެ އަޑުއަހައަހާ އެ މީހުން ވަރުބަލިވެއްޖެ އެވެ. އެއްވެސް ސަރުކާރަކުން ހަގީގަތް ބުނެދޭކަށް ނޫޅެ އެވެ. މި ސަރުކާރުން ވެސް މި އުޅެނީ މަަސްވެރި ސިނާއަތަށް ސަރުކާރުން އަތް ބާނައިގެން މަހުގެ އަގު ވެސް ހިފަހައްޓައިގެން އުޅޭށެވެ. މިފްކޯ ވެސް އެގޮތުގައި ދަމަހައްޓައިގެން ކުރިއަށް ދާށެވެ. އެމަކު އެއީ ސަރުކާރުންތަކުން ޓެސްޓުކޮށް ފެއިލްވި ސިޔާސަތެކެވެ.
ކޮމެންޓް (2)
ސައިމާ
އާމިދު