ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ހަރުގެ ހުރި ތަނުގައި ޕީއެންސީގެ ހަރުގެ ހަދާފައި (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ޕީއެންސީ

ހ. ވެޔޮވިލާ: ފުރަތަމަ އެމްޑީޕީގެ ހަރުގެ، ދެން ޑިމޮކްރެޓްސް، މިހާރު ޕީއެންސީއަށް

ސަރުކާރު ހިންގާ މައި ޕާޓީގެ އާ ހަރުގެ ރަސްމީކޮށް ހުޅުވުން އޮންނާނީ މާދަމާ ރޭ ރައީސް މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން

އެމްޑީޕީގެ ސިޔާސީ ހަނދާންތަކުން ފުރިފައި އޮތް ތަނެކެވެ. ދެން އައީ އެމްޑީޕީ ރޫޅިގެން އުފެއްދި ދަ ޑިމޮކްރެޓްސްގެ ސިޔާސީ އެއްވުންތައް ހިންގި ދުވަސްވަރެވެ. މާދަން ރޭ ހަމަ އެ ތަނުގައި އެ ހުޅުވަނީ މިހާރުގެ ސަރުކާރު ނިސްބަތްވާ ޕީއެންސީގެ މައި ހަރުގެ އެވެ.

މި ހުރިހާ ސިޔާސީ ހަރަކާތްތަކަކަށް، މާލޭގެ އެންމެ ހިތްގައިމު ސަރަހައްދުން ހުސްކޮށްފައި އެ ވަނީ ހ. ވެޔޮވިލާ އެވެ. އެއީ ރާއްޖޭގެ ވަރަށް އިއްޒަތްތެރި އާއިލާއެއްގެ މެމްބަރެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ގެކޮޅެވެ.

ޝަފިއްޔާއަކީ އެމްޑީޕީގެ ހަރަކާތުގެ ފުރަތަމަ ކޮޅުން ފެށިގެން އެ ޕާޓީގެ ސަޕޯޓަރެކެވެ. އޭނާގެ ގޯތި އެ ޕާޓީގެ މައި ހަރުގެއަށް ދޫކުރައްވާފައި އޮތީ ކުއްޔަށެވެ. ނަމަވެސް އެމްޑީޕީގެ އެތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގައި އެތަނުން އެމްޑީޕީ ނެރެން އޭނާ ދެއްކެވި އެއް ސަބަބަކީ މަހަކު 60،000ރ. އަށް އެ ޕާޓީއަށް ދޫކޮށްފައިވާ އެއްބަސްވުން 2019ގައި ހަމަވެފައި އޮތް އޮތުމެވެ.

މިދިއަ އަހަރު އެމްޑީޕީގެ ހަރުގެ އަތުލައްވަން ޝަފިއްޔާ ޒުބެއިރު ކުރެއްވި މަސައްކަތުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ހަރުގެ ހިންގަމުން އައީ އޭނާގެ ގޯއްޗެއްގައި (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށް ބެލެވޭ ޝަފިއްޔާ ވަނީ އެމްޑީޕީގެ އަތުން އެތަން އަތުލައްވައި، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކަށް ކުއްޔަށް ދޫކުރައްވައިފަ އެވެ. ނަމަވެސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސްއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރަށް ދެވަނަ ދައުރެއް ދޭން ހުރަސްއެޅުން ފިޔަވައި ސިޔާސީ ގޮތުން ވައިގައި ހިފާ ކަމެއް ނުކުރެވުނެވެ. ވެޔޮވިލާގައި ހަރުގެއެއް ހަދައިގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދެވޭ ވަރުގެ ހަކަތައެއް ޑިމޮކްރެޓްސްގައި އޮތް ކަމަކަށް ނުފެނެ އެވެ.

ދެން މިހާރު މި އޮތީ ވެޔޮވިލާގައި ޖެހިފައި ހުރި ސިިޔާސީ ކުލަ، ޕީއެންސީއަށް ނިސްބަތްވާ ދުވަސް އައިސްފަ އެވެ. ސަރުކާރުގެ މައި ޕާޓީކަމުން މި ފަސް އަހަރު އެތަނުގައި ސިޔާސީ ހަރަކާތްތަކާއި ބޮޑެތި ބައްދަލުވުންތައް އޮންނާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.

އާޓިފިޝަލް ބީޗް ކުރިމަތީ، ތޫމް ރެސްޓޯރެންޓާ އިންވެގެން އޮންނަ ވެޔޮވިލާގައި މިހާރު ވަނީ ޕީއެންސީގެ ކުލަ ލައި، ދިވެހި ބަހުން 'ޕީއެންސީ ހަރުގެ' އަދި އިނގިރޭސި ބަހުން 'ޕީއެންސީ ހައުސް' ޖަހައިފަ އެވެ. މާދަމާ ރޭ އެ ހަރުގެ ހުޅުވައިދެއްވާނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެ ރަސްމިއްޔާތަށް މިހާރު ވަނީ އާންމުކޮށް ދައުވަތު ވެސް ދީފަ އެވެ.

ކުރިން އެމްޑިޕީ އާއި ޑިމޮކްރެޓްސްގެ ހަރުގެ ހުރި ތަނުގައި ޕީއެންސީގެ ހަރުގެ ހުޅުވަން ތައްޔާރުވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރާއްޖޭގެ ސިޔާސީ ހަޔާތުގައި ހިނގި ވަރުގަދަ ހަރަކާތްތަކެއްގެ މަރުކަޒަކަށް ވެޔޮވިލާ ވި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފެއްދި ސިޔާސީ ހަރަކާތުގެ ވެސް ބޮޑެތި ޖަލްސާތައް އެތަނުގައި އޮތެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޖަލްސާއަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން، 18 މޭ 2017ގައި އެ ހަރުގޭގައި އޮތް ޖަލްސާގައި ބައިވެރިވެވަޑައިގަތުމެވެ. އޭރު ވެރިކަމުގައި ހުންނެވި ބޮޑުބޭބޭފުޅު ޔާމީނާ ދެކޮޅަށް ފާރިސް ނުކުންނެވީ އެމްޑީޕީ އިސްކޮށް އޮތް އިދިކޮޅު ހަރަކާތުގަ އެވެ.

މައުމޫންގެ ވެރިކަން 2008ގައި ނިމުމަކަށް ގެނައި އެމްޑީޕީގެ ހަރުގެއަށް ފާރިސް ވަޑައިގަތުމަކީ އޭރު ފެނުނު ސިޔާސީ ވަރަށް ބޮޑު ބަދަލެކެވެ.

"މިއަދު މިފެންނަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ އެތައް ބަޔަކު އެއް ޕްލެޓްފޯމަކަށް އަރައި، އެއް ޕޯޑިއަމަކަށް އަރައި މަސައްކަތް ކުރާ ތަން. މި ހާލަތަކީ އަޅުގަނޑުމެންނަށް ގައުމު އަދި ކިތަންމެ ދަށު ހަލާތަކަށް ވެއްޓިފައި އޮތަސް އުއްމީދުން ފުރިގެންވާ ހާލަތެއް ކަމަށް އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން،" އެރޭގެ ޖަލްސާގައި ފާރިސް ވިދާޅުވި އެވެ.

ޔާމީންގެ ވެރިކަން ނިމުނީ އޭގެ ދޮޅު އަހަރު ފަހުން އިދިކޮޅު ކޯލިޝަނުން 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމާ އެކުގަ އެވެ. 

ޔާމީންގެ ބާރުގެ ދަށުގައި ކުރިން އޮތް ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން މިދިއަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ޔާމީން ވަނީ ސިޔާސީ ގޮތުން ބާކީވެފަ އެވެ. 

މިހާރު މި އޮތީ ޕީއެންސީގެ ރަން ޒަމާން އައިސްފަ އެވެ. 

ކޮމެންޓް (2)

123456789

23 ޖޫން 2024
ޝަފިއްޔާ ޒުބައިރަކީ ގައުމު ކުރިއަރުވަން ބޭނުންވާ މިހެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. އެއީ ވިޔަފާރިވެރިއެއް
4 0

ނަނަ

23 ޖޫން 2024
އަދި ކޮބާ 1 ފެބުރުއަރީ އަމުރު ނެރުނު ރޭ ތިޔަ ހަރުގޭގައި އޮތް ފޯރިގަދަ އެއްވުން
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް