އެމްޑީޕީ ހަރުގެއާ ހަވާލުވާން ދަ ޑިމޮކްރެޓްސްގެ ބައެއް މީހުން އ (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

ސިޔާސީ

ހަރުގެއާ ގުޅޭ ވަގުތީ އަމުރުގެ މައްސަލަ އަނބުރާ ނެގުމުން އެތަން ޑިމޮކްރެޓްސްއަށް

މި މައްސަލަ އެމްޑީޕީގެ ފަރާތުން ދޫކޮށްލީ ކީއްވެގެންކަން އަދި ނުބުނޭ

މާލޭ އާޓިފިޝަލް ބީޗު ކުރަމަތިން ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުސްކުރަން އެ ޕާޓީން އެދުނުނު ވަގުތީ އަމުރުގެ މައްސަލަ ސިވިލް ކޯޓުން އަނބުރާ ނެގުމުން، އެތަން، އެމްޑީޕީ ދެ ފަޅިވެ އަލަށް އުފައްދާ ޑިމޮކްރެޓްސްއަށް ލިބިއްޖެ އެވެ.

އެނގުން މުހިންމު - އެމްޑީޕީގެ ހަރުގެ ހުރި ބިމަކީ، އެ ޕާޓީގެ ކުރީގެ އިސް އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގަ އެވެ.

ވި ކިހިނެއް؟ - އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު، ހަރުގެ ހުރި ބިން ހުސްކުރަން ޝަފިއްޔާ އެ ޕާޓީއަށް ފުރަތަމަ އެންގެވީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އަދި އޭގެ ފަހުން ދެއްވި ނޯޓިސްގައި ވެސް ހަރުގެ ހުސްނުކޮށް، އެމްޑީޕީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލައިގެ ތެރެއިން ހަރުގެ ހުސްކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް އެމްޑީޕިން އެދުނެވެ. ނަމަވެސް ސިވިލް ކޯޓުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ވަގުތީ އަމުރުގެ މައްސަލަ އެމްޑީޕީން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.

އެމްޑީޕީ ހަރުގެއާ ޑިމޮކްރެޓްސްއިން ހަވާލުވުމަށް ފަހު، އެތަނުގައި ހުރި ރައީސްގެ ޕޯސްޓަރު ނަގަނީ

ބުނީ ކީކޭ؟ - ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް އައިޝަތު ނަޖާތު 'ދައުރު'އަށް ވިދާޅުވީ އެ މައްސަލައިގެ ތެރެއިން އެމްޑީޕީން އެދުނު ވަގުތީ އަމުރު ނެގި ނަމަވެސް، މައިގަނޑު މައްސަލަ އަދި ނުނަގާ ކަމަށެވެ.

"އަސްލު ހުށަހެޅި މައްސަލަ އަދިވެސް އޮތީ ކުރިއަށްދާ ގޮތަށް،" ނަޖާތު ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ބަހެއް އަދި ނުލިބެ އެވެ.

އެމްޑީޕީ ހަރުގެ، ޑިމޮކްރެޓްސްގެ ޖަގަހަޔަށް ބަދަލުކޮށްފި

ވަގުތީ އަމުރު ނެގުމާ އެކު، ޝަފިއްޔާ އޭނާގެ ވަކީލު ހަމްޒާ ހަލީލްއާ އެކު މިއަދު ހަރުގެ ކުރިމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީއާ އެކު ހެދި އެއްބަސްވުން އޮކްޓޯބަރު 2019ގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ.

ނޫސްވެރިންނަށް ދައުވަތު ދިނީ އެ ހަރުގެއާ ޑިމޮކްރެޓްސް އިން ހަވާލުވާން ދާ ކަމަށް ބުނެ އެވެ. އެކަމާ ގުޅޭ ގޮތުން 'ދައުރު'އިން ސުވާލު ކުރުމުން ޝަފިއްޔާ ވިދާޅުވީ އެމްޑީޕީއާ އެކު މަހަކު 60،000ރ.އަށް ހެދި އެއްބަސްވުން ނިމިފައިވާތީ އެތަނާ އޭނާ މިހާރު ހަވާލުވެފައިވާ ކަމަށެވެ. އަދި މިހާރު އެހެން ވިޔަފާރިވެރިއަކަށް ތަން ކުއްޔަށް ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދެން އެ ވިޔަފާރިވެރިޔާއަށް އޮންނާނެ އޭނާ ބޭނުން ބަޔަކަށް މިތަން ކުއްޔަށް ދޭން. އެކަމަކު ޑިމޮކްރެޓްސްއަށް މިތަން އަޅުގަނޑެއް ނުދެން،" ޝަފިއްޔާ ވިދާޅުވި އެވެ.

ޝަފިއްޔާ އިތުރަށް ވިދާޅުވީ ބައެއް ބިލްތައް އެމްޑީޕީން ނުދައްކާ ހުރި ކަމަށެވެ.

ޝަފިއްޔާ، އޭނާގެ ވަކީލު ހަމްޒާއާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ ހުސައިން ސުނައިން)

ވަކީލު ހަމްޒާ ވިދާޅުވި ގޮތުގައި ވިޔަފާރިވެރިޔާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާއަށް އެތަން ސަބްލީސް ކުރެވޭނެ އެވެ.

އެ ވިޔަފާރިވެރިޔަކީ ކާކު ކަމެއް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެއީ ޑިމޮކްރެޓްސްގެ އިސް މީިހެކެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިމުމާ އެކު ހަރުގެ ތަޅުދަނޑި ހޯދައިގެން ހުޅުވީ ޑިމޮކްރެޓްސް އުފެއްދުމުގައި އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އެވެ.

ހަރުގެ ބޭރުގައި ހުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕޮސްޓަރު ވެސް މިހާރު ވަނީ ނަގައިފަ އެވެ. މިހާރު އެތަނުގައި މޭޒު ޖަހައިގެން ޑިމޮކްރެޓްސްއަށް މީހުން ސޮއިކުރުމުގެ މަސައްކަތް ވެސް ފަށައިފި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް