7 އޮގަސްޓް 2008ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރާއްޖޭގެ އާ ގާނޫނުއަސާސީ ތަސްދީގުކުރައްވަން ސޮއިކުރައްވަނީ

ތާރީހު

އިސްލާހީ އެޖެންޑާއަށް 20 އަހަރު: އިންތިހާބަށް މައުމޫން ކުރިމަތިލެއްވުމާ މެދު ބޭރު ދުނިޔޭގެ ކަންބޮޑުވުމެއް ނެތް

އިސްލާހީ އެޖެންޑާގެ ނިމުން ކަމަށްވާ ފުރަތަމަ ރިޔާސީ އިންތިހާބަށް އޭރުގެ ރައީސް ކުރިމަތިލައްވާ ކަން ބޭރުގެ އިސް ބައެއް ފަރާތްތަކަށް ދެންނެވި. ޖަވާބަކަށް ވީ މައްސަލައެއް ނެތޭ

ރާއްޖޭގެ ރައީސްކަމުގައި 30 އަހަރު ހޭދަކުރެއްވުމަށް ފަހު ވެސް 2008ގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާދަކުރައްވަން އުޅުއްވުމުން އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުމާއި ޝަކުވާތައް ބައިވަރެވެ. އޭރު ގިނަ މީހުންނަށް ވިސްނިފައި އޮތީ ބޭރު ދުނިޔޭގެ ތާއީދެއް ވެސް މައުމޫނަށް ނެތް ކަމަށެވެ. ނަމަވެސް ކަން ވީ އެހެން ނޫންކަން، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ޒަމާނީ ޑިމޮކްރަސީއަކަށް ރާއްޖެ ގެންގޮސްދޭން 9 ޖޫން 2004ގައި މައުމޫން އިއުލާންކުރެއްވި އިސްލާހީ އެޖެންޑާއަށް މި މަހު 20 އަހަރު ވީ އެވެ. މިދިއަ 20 އަހަރުގެ ތެރޭގައި ސިޔާސީ ގޮތުން ރާއްޖެ ތަޖުރިބާކުރި ކަންކަން ގިނަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭނެ އެއް ކަމަކީ އިސްލާހީ އެޖެންޑާގެ ނިމުން ކަމަށްވާ 2008ގެ ފުރަތަމަ ރިޔާސީ އިންތިހާބެވެ.

އެ އިންތިހާބުގައި މައުމޫން ވާދަކުރެއްވުމަކީ، އެމަނިކުފާނު އުފެއްދެވި ޑީއާރުޕީގެ ޒުވާން ބައެއް މީހުންނާއި ކެބިނެޓްގެ ޒުވާން ބައެއް މިނިސްޓަރުންގެ ތާއީދު އޮތް ކަމެއް ނޫނެވެ. އޭގެ ތެރޭގައި ޝަހީދު ވެސް ހިމެނެ އެވެ. ނަމަވެސް އިސްލާހީ އެޖެންޑާއަށް 20 އަހަރު ފުރުމާ ދިމާކޮށް 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އާ ދައުރަކަށް މައުމޫން ނުކުންނެވުމާ މެދު ދިވެހިންގެ ތެރޭގައި ހިޔާލު ތަފާތުވުން އޮތަސް، ބޭރުގެ އިސް ފަރާތްތަކުން ދުށީ އެގޮތަށް ނޫން ކަމަށެވެ.

އާ ގާނޫނުއަސާސީގެ ދަށުން 2008ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އޭރުގެ ރައީސް މައުމޫން އާއި ރަނިން މޭޓް އަހުމަދު ތަސްމީން އަލީގެ ފުރަތަމަ ޖަލްސާ

"އަޅުގަނޑުމެންގެ ތަރުޖަމާއަކީ އެއްވެސް ވެރިޔަކަށް ވެރިކަން ކުރެވޭނީ ދެ ދައުރު ކަމަށް ވަންޏާ ދެން އޭގެ ތެރެއަށް ހަތް ވަނަ ދައުރެއް ނުވައްދަން. އެއީ އަޅުގަނޑުމެންގެ ތަރުޖަމާ،" ޝަހީދު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ކަނޑައެޅީ ރައީސަކަށް ގިނަވެގެން ވެރިކަން ކުރެވޭނީ ދެ ދައުރު ކަމަށެވެ. އެ މާއްދާގެ ބަހުސް ކުރިއަށް ދިޔަ އިރު، ހާއްސަ މަޖިލިހުގެ އިދިކޮޅު މެމްބަރުންގެ ވިސްނުމަކީ މައުމޫނަށް ދެން ކުރިމަތިލެއްވިގެން ނުވާނެ ކަމެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ބަހުސަކަށް ވީ، އެއީ އާ ގާނޫނުއަސާސީގައި ކަނޑައަޅާ ގޮތް ކަމަށާއި އެކަން މާޒީއަށް ނުހިނގާނެ ކަމަށެވެ.

އެކަމަކު ޝަހީދު ވިދާޅުވި ގޮތުގައި އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި އޭރު ދުށީ މައުމޫން ހަތް ވަނަ ދަރެއް ހޯއްދަވައިފި ނަމަ ޕާޓީ ނިޒާމުގެ ތެރެއިން، ކުރިއަށް ވުރެ މައުމޫންގެ ވެރިކަން ވަރުގަދަވެދާނެކަމުގެ ފުރުސަތެވެ.

"އެއީ އެންމެ ޕާޓީއެއްގެ ސްޓޭޓަކަށް ބަދަލުވުމުގެ ޖާގަ ބޮޑުވާނެތީ،" މައުމޫނުގެ ނިންމުމާ ދެކޮޅު ބޭފުޅުން އޭރު ވިސްނެވި ގޮތް އޭނާ ކިޔައިދެއްވި އެވެ.

މައުމޫނާ މެދު ބައިނަލްއަގުވާމީ ގޮތުން ދުށީ ރަނގަޅަށް

ޝަހީދު ވިދާޅުވި ގޮތުގައި މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް އެކި ގޮތްގޮތުން އައި ތަރައްގީ އާއި ކުރިއެރުމާ މެދު އދ. އާއި ކޮމަންވެލްތު އާއި އީޔޫ ފަދަ ޖަމާއަތްތަކުން ދުށީ ވަރަށް ރަނގަޅަށެވެ. އެއް މިސާލަކަށް އޭނާ ދެއްކެވީ ފަގީރު ގައުމުތަކުގެ ތެރެއިން ރާއްޖެ ނެރެ، މެދު ފަންތީގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ލާން ނިންމި ނިންމުމެވެ. އެގޮތަށް އަމަލްކުރަން އޮތީ 2005ގަ އެވެ. ނަމަވެސް ޑިސެމްބަރު 2004ގެ ސުނާމީއާ ގުޅިގެން ރާއްޖެއަށް ލިބުނު ބޮޑު ގެއްލުމާ އެކު ފަސްކޮށްދިނެވެ.

ފަގީރު ގައުމުތަކަށް ބައިނަލްއަގުވާމީ ދާއިރާތަކުން ދޭ އެހީ، މެދު ފަންތީގެ ތަރައްގީވަމުން އަންނަ ގައުމުތަކަކަށް ނުލިބޭނެ އެވެ.

އެ ގްރެޖުއޭޓްވުމަކީ އޭގެ ޒާތުގައި ގައުމަކަށް އޮތް ބޮޑު ފަހުރެކެވެ. ރާއްޖެ އެ ހިސާބަށް ދަތުރުކުރީ ހަމައެކަނި އިގުތިސާދު ފުޅާވެގެންނެއް ނޫނެވެ. ތައުލީމާއި ސިއްހީ ގޮތުން ހޯދި ކުރިއެރުންތައް ވެސް ހިމެނެ އެވެ.

19 ޖުލައި 2007ގައި ބަކިންހަމް ޕެލެސްގައި އޭރުގެ އިނގިރޭސި ރާނީ އެލިޒަބަތު، ރާއްޖޭގެ ރައީސް މައުމޫންއާ ބައްދަލުކުރައްވަނީ

ޝަހީދު ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގުވާމީ ގޮތުން މައުމޫނަށް އޮތް ވަރަށް ބޮޑު ތާއީދެކެވެ. ދެން މި އައީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މަރުހަލާ އެވެ. މައުމޫންގެ އިސްލާހީ އެޖެންޑާއަކީ، ރާއްޖެއަށް ޕްރެޝަރުކުރި ބޭރުގެ ފަރާތްތަކުން ގަބޫލުކުރި ގޮތުގައި، ވަރަށް ބޮޑު މަސައްކަތެކެވެ. އެހެންކަމުން 'ގްރޭންޑްފާދާކުރުމަކީ' (މައުމޫންގެ މި މައްސަލާގައި ނަމަ ކުރީގެ ހަ ދައުރުގެ ވާހަކަ ނުދައްކާ އާ އިންތިހާބުގައި ވާދަކުރެއްވުން) އޭގެ ޒާތުގައި ބައިނަލްއަގުވާމީ މުޖުތަމައުއަށް މައްސަލައަކަށް ނުވެ އެވެ.

މައުމޫންގެ ފޮރިން މިނިސްޓަރަކަށް ހުންނެވުމާ އެކު ބައެއް ދަތުރުފުޅުތަކުގައި ޝަހީދު ބައިވެރިވެވަޑައިގަތެވެ. އޭނާ ވިދާޅުވި ގޮތުގައި އާ އިންތިހާބުގައި ވާދަކުރައްވާ ވާހަކަ އިނގިރޭސި ރާނީ އެލިޒަބަތުއަށް ދެންނެވި އެވެ. އިނގިރޭސި ހާރިޖީ އޮފީހާއި ކޮމަންވެލްތަށް ވެސް އެންގެވި އެވެ. އެ ހުރިހާ ފަރާތްތަކުން ވެސް މައުމޫންގެ އެ ނިންމެވުމާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް، ޝަހީދު ވިދާޅުވި އެވެ.

"ވަރަށް ބޮޑެތި އިސްލާހުތަކެއް ހުށައެޅުއްވި ބޭފުޅަކު [އަލުން] ނުކުންނެވުމަކީ އެހާ ގޯސް ކަމެއް ކަމަކަށް އެމީހުންނަކަށް ނުފެނުނު،" ޝަހީދު ވިދާޅުވި އެވެ.

"އަނެއްކާ ކަންކަން ފުރިހަމައަށް ކުރެވޭނީ ވެސް އެ ހުށައެޅި މުސައްނިފް ހުރެގެން ކަމަށް ވެސް ގަބޫލުކުރި."

ދިވެހިންގެ ވިސްނުން ތަފާތު

މައުމޫނަށް 'ދެން ވެރިކަން ކުރެވިއްޖެ' ކަމަށް ގަބޫލުކޮށް، އިތުރު ދައުރަކަށް ކުރިމަތިލެއްވުމަކީ ގޯހެއް ކަމަށް ރާއްޖޭގެ އެތައް ބަޔަކު އޭރު ބުންޏެވެ. ހާއްސަކޮށް އިދިކޮޅު ފިކުރުގެ އެންމެ ބޮޑު ޝަކުވާއަކީ ވެސް އެ އެވެ. އެކަމަކު އޭގެ އެއް ސަބަބަކީ 30 އަހަރު ވެރިކަން ކުރެއްވުމެއް ނޫނެވެ. އިދިކޮޅު ހަރަކާތްތައް އެހާ ވަރުގަދަ އިރު ވެސް މައުމޫނަށް އޮތް ތާއީދު ރާއްޖޭގައި ފަނޑުނުވުމެވެ. އެހެންކަމުން އެއީ އިންތިހާބެއްގައި މައުމޫން ބަލިކުރަން އުނދަގޫވުމެވެ.

އިސްލާހީ އެޖެންޑާ އިއުލާންކުރެއްވި އިރު ހުންނެވި އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި ޝަހީދު ވެސް ވިދާޅުވީ ޒުވާން އާ މިނިސްޓަރުންގެ މަސައްކަތުން މައުމޫންގެ ވެރިކަމުގެ މޫނު މަތި ބައިނަލްއަގުވާމީ ގޮތުން ސާފުކޮށްދެވުނު ކަމަށެވެ. އެތެރޭގައި ނަމަ، އެ ބޭފުޅުންގެ މަސައްކަތްތަކާ އެކު، އެމްޑީޕީގެ ހަރަކާތްތަކަށް މައުމޫންގެ ވެރިކަން ގުޑުވައެއް ނުލެވުނެވެ.

ޑީއާރުޕީގެ ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން އާއި އަހުމަދު ތަސްމީން: ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރެއްވި

"ހަނދާން ބަހައްޓަން ޖެހޭނެ ކިތައްމެ ވަރަކަށް ހަޅޭއްލެވިޔަސް، ނަން ކިލަނބު ކުރަން އުޅުނަސް މައުމޫނާ އެކު ދުނިޔޭގެ ޖަމިއްޔާތަކުން ގެންގުޅުނީ ވަރަށް [ބޮޑު] ގުޅުންތަކެއް. ޔޫއެންގެ ތަރައްގީގެ ތެރޭގައި އޮތީ މައުމޫންގެ ހިދުމަތް ބަލައިގެންފައި،" އެ ދުވަސްވަރު ބައިނަލްއަގުވާމީ ބޮޑެތި ޖަމާއަތްތަކުން މައުމޫނާ މެދު ދުށް ގޮތުގެ ކުރު ހުލާސާއެއް ދެއްވަމުން ޝަހީދު ވިދާޅުވި އެވެ.

"މައުމޫންގެ ފަރާތުން ރާއްޖެއަށް މަންފާތަކެއް ނުކުރާ ކަމަށް ގަބޫލު ގަބޫލުކުރާ ބަޔަކު ނޫޅޭ. [މައުމޫނަށް] ބޭރުގެ ފިއްތުންތަކެއް ހުރި. އެކަމަކު އެއީ ކުރިއަށް ނުދެވޭވަރުގެ ފިއްތުންތަކެއް ނޫން."

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު: މައުމޫންގެ ފަހު ދައުރުގައި ބޭރު ދުނިޔޭގެ ގުޅުންތަކަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި

ޝަހީދާއި ހަސަން 2007ގައި ސަރުކާރުން އިސްތިއުފާ ދެއްވި އެވެ. ދެ ބޭފުޅުން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، ދިޔައީ ތިން ވަނަ އަށެވެ. ފުރަތަމަ ބުރުގައި މައުމޫން ހޯއްދެވީ، ތަފާތު ބޮޑުކޮށް އެއްވަނަ އެވެ. އެކަމަކު %50 ހުރަސް ނުކުރެވުމުން ދެވަނަ ބުރަކަށް ދާން ޖެހުނެވެ.

އެމްޑީޕީގެ މުހައްމަދު ނަޝީދު "އަންނިއަށް [ފުރަތަމަ ބުރުގައި] %24 ނޫންތޯ ލިބުނީ. ދެން އެހެން އެންމެން އަރިގެން ނޫންތޯ [މައުމޫން] ބަލިކުރެވުނީ،" ރާއްޖޭގައި މައުމޫންގެ ތާއީދު އޭރު އޮތް މިންވަރުގެ މައްޗަށް ޝަހީދު ވިދާޅުވި އެވެ.

"އަނެއްކާ ދެން އައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން މައުމޫންގެ ޕާޓީ [ޑީއާރުޕީ] މޮޅުވެއްޖެ."

ތާރީހީ ގޮތުން ބަލާ ނަމަ މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އޭގެ ދަށުން ސިޔާސީ ޕާޓީއަށް ހުއްދަ ލިބި، އާ ގާނޫނުއަސާސީއެއް ހަދައި، އާ ރިޔާސީ އިންތިހާބަކާ ހަމައަށް، އެމަނިކުފާނު ވެސް ވާދަކުރެއްވޭ ގޮތަށް، ވާސިލްވުމަކީ ބޮޑެތި ކަންކަމެވެ. އެ ދުވަސްވަރުގެ ބައެއް ހަގީގަތްތައް މާ ފަހުން ނަމަވެސް ހާމަވާނެ އެވެ. މި ގޮތަށް ލިއަމުން ވެސް އަންނާނެ އެވެ. 

ކޮމެންޓް (3)

ސިކުނޑި

19 ޖޫން 2024
ރާއްޖެ މިއަދު މިހާލަތަށް ދިޔައީ ނިއު މޯލްޑިވްސްއިން މައުމޫނަށް ހަރާމްކޯރު ވީމަ! އޮފުއަރުވަން އުޅުމުގެ މާނައެއްނެތް!
0 0

ހާލަތު

12 ޖޫން 2024
ވިސްނާލުން ރަނގަޅު. އިސްލާހީ އެޖެންޑާއަށް 20 އަހަރު ވީ އިރު ދިވެހީން މި ވަނީ ދަރަނިވެރިވެފައި. ގައުމުގެ މާލީ ހާލަތު ހީނަރުވެ 2026ގައި ދައްކަން އޮތް ދަރަނި ބޮޑު ކަމުން ގައުމު ބަނގުރޫޓުވުމުގެ ރިސްކުވެސް އެބައޮތް. އިސްލާހުގެ މުސައްނިފު ހުރި ނަމަ މަންޒަރު ތަފާތުވީސްބާ؟
6 0

ރައުފް

15 ޖޫން 2024
@ހާލަތު 2008 ގެ އިންތިޙާބް ރައީސް މައުމޫން ކާމިޔާބު ކުރެއްވި ނަމަ ރާއްޖޭގެ އިގްތިސާދު މިއަދު ވަރަށް ކާމިޔާބު ވީސް. ސަބަބަކީ މައުމޫން މަޤާމުތައް ދެއްވީ ޤާބިލް ތައުލީމީ މީހުންނަށް ކަމަށްވާތީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް