ނަވާރަ ވަނަ މަޖިލީހުގެ މެންބަރުން 28 މެއި 2019ގައި ހުވާކުރައްވަނީ (ފައިލް ފޮޓޯ/ މަޖިލިސް)

19 ވަނަ މަޖިލީހުގެ އަލްވަދާއު: އިއްވައިދިނީ ޝުކުރާއި އުދާސްތަކުގެ އަޑުތައް

މިއީ، މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ 92 އަހަރު ވީ ތާރީހުގައި 'އެންމެ މަސައްކަތްތެރި' މަޖިލިސް

މީގެ ފަސް އަހަރު ކުރިން ރައްޔިތުން އިންތިހާބުކުރި 19 ވަނަ މަޖިލީހުގެ 80 މެންބަރުންނަށް އިއްޔެއަކީ، މި ދައުރުގައި ތަޅުމަށް ވެންނެވި އެންމެ ފަހު ދުވަހެވެ. އޭގެ ތެރެއިން 20 ވަނަ މަޖިލީހަށް 10 މެންބަރުން އިންތިހާބުވިއިރު، 70 މެންބަރުން ކުރިއަށް އޮތް ފަސް އަހަރަށް، (ބައި އިލެކްޝަނެއް ބާއްވަން ޖެހޭ ހާލަތެއްގައި ބައިވެރިވެ ނުހޮވޭހާ ހިނދަކު) މަޖިލީހުން ބޭރުވީ އެވެ.

އެހެންކަމުން އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާގައި މެންބަރުންނަށް އެމީހުންގެ ފަހު ބަސް އިއްވައިދެއްވަން ފުރުސަތު ދިނުމުން، ފެނުނީ އެތައް ޝުއޫރުތަކާއި އުދާސްތައް ބަންޑުންކޮށްލެއްވި އެވެ.

ގިނަ މެންބަރުން ދާއިރާގެ ރައްޔިތުންނަށް ޝުކުރު އާދާކުރެއްވުމަށް ފަހު، މިދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. މަސައްކަތް ކުރަމުންދިޔަ އިރު، ކުރިމަތިވި ގޮންޖެހުންތަކާއި އުނދަގޫތަކުގެ ވާހަކަ ވެސް ދެއްކެވި އެވެ.

މި ފުރުސަތުގައި އެންމެ ފުރަތަމަ ވާހަކަ ދެއްކެވި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އިއުލާން ކުރެއްވީ ދެން އޭނާ މަޖިލީހަަށް ކުރިމަތި ނުލައްވާނެ ކަމަށެވެ.

"މިއީ 15 އަހަރަށް ފަހު، މި މަޖިލީހަށް އަޅުގަނޑު އަލްވަދާއުކިޔާ ދުވަސް. އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ،" އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ރޮޒައިނާގެ ވާހަކަ ފެއްޓެވީ އެހިސާބުންނެވެ.

މި މަހު ދައުރު ހަމަވާ މަޖިލިސް: ގިނަ މަސައްކަތްތަކެއް ކުރި (ފޮޓޯ/ މަޖިލިސް)

ރޮޒައިނާ އެންމެ ފުރަތަމަ މަޖިލިހަށް ހޮވުނީ ތުލުސް ދާއިރާއިން 2009ގަ އެވެ. އޭގެ ފަހުން މީދޫ ދާއިރާގެ ގޮނޑި ދެ ދައުރަށް ފުރުއްވި އެވެ. 

"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ، އެ ބެފުޅުން އަޅުގަނޑާ ހަވާލުކުރެއްވި މަސްއޫލިއްޔަތު އަމާނާތްތެރިކަމާ އެކު އަޅުގަނޑަށް 15 އަހަރު ދުވަސް ވަންދެން ކުރެވިއްޖެކަމަށް. ހަމަ ގައިމުވެސް އަޅުގަނޑުގެ ގޮނޑި، ނީލަމުގައި އެންމެ ދުވަހަކު ވެސް ނީންނާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

އަލީ ނިޔާޒުގެ މި މެސެޖް: ކޮންމެހެން ވެސް ދައްކަން ޖެހޭ ވާހަކައެއް

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒަށް އޮތް ހިތްހަމަޖެހުމަކީ މަޖިލިހާ ވަކިވެގެންދާއިރު، ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްދިން ގާނޫނީ އިސްލާހުތަކެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ، އަންހެނުންނަށް %33ގެ ހިއްސާ ކައުންސިލްތަކުން ލިބޭ ގޮތް ހެދުން ހިމެނެ އެވެ.

މަޖިލީހުގައި އެކުލަވާލި ފުރަތަމަ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، އަލީ ނިޔާޒު އެ އިސްލާހުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުގެ ކުރިން އޭނާގެ އޮތް ކަންބޮޑުވުމެއް ފާޅުކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން 19 ވަނަ މަޖިލީސް ކެމްޕެއިން ތެރޭ އޮފީހެއް ގާއިމް ކުރުމަކީ ވެވަޑައިގެންނެވި ވައުދެއް؛ އެ ވައުދު ފުއްދިން

  • އޮފީހުގެ ލޮގު ފޮތުން ބަލާއިރު، މިވީ ފަސް އަހަރު ތެރޭ 650އަށް ވުރެ ގިނަ މީހުންނާ ބައްދަލުކޮށްފައިވޭ

"ހިތާމައަކީ، އަޅުގަނޑު އެ އޮފީސް އުފެއްދި މަގްސަދު ހާސިލުވިތޯ ނުވަތަ ނޫންތޯ؟" އަމިއްލައަށް ސުވާލުކުރެއްވި އެވެ.

އަލީ ނިޔާޒު ޖަލްސާއެއްގައި: މެމްބަރުންނާ މެދު އާންމުން ދެކޭ ގޮތް ވިދާޅުވި (ފޮޓޯ/ މަޖިލިސް)

އޭނާ ވިދާޅުވި ގޮތުގައި އެ 650 މީހުންނަކީ ހަމައެކަނި ހުޅުމާލެއަށް ނިސްބަތްވާ މީހުންނެއް ނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ މީހުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މި ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތަކާ ގުޅޭ ގޮތުން ނޫން. އެހެން ނަމަވެސް އޭނާގެ އަމިއްލަ މުހުތާދުތައް ފިލުވުމަށް [ނުވަތަ] ދަތިތައް ފިލުވުމަށް ސަރުކާރުގެ ތެރެއިން ކުރަން ޖެހިފައި ހުރި ކަންތައްތައް ކުރުމަށް އެހީތެރިވުމަށް އޮތް ޝަކުވާއެއްގެ ވާހަކަ އަޅުގަނޑާ ހިސާބަށް އައީ،" އާންމުކޮށް މެންބަރުންނަށް ވެސް ދައްކަން ނުކުރޭ މައްސަލައާ ގުޅޭ ގޮތުން އަލީ ނިޔާޒު ވިދާޅުވި އެވެ.

"އެހެންވީމަ، ހަގީގަތުގައި ރައްޔިތުން މަޖިލީހުގެ މެންބަރެއް ގާނޫނުތަކުގައި [އަދި] ގާނޫނުއަސާސީގައި އޮންނަ ކަންކަމަށް ވުރެ ބޮޑަށް، ރައްޔިތުން އެމީހުންގެ ކަންތައްތައް ސަރުކާރު މެދުވެރިކޮށް ކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ކުރުމަކީ، ރައްޔިތުން މަޖިލިސް މެންބަރުން ވިސްނަން ޖެހޭ ކަމެއް."

އަލީ ހުސައިން: ވަކިވެގެން މިދަނީ ހިތާމަ އާއި އުފަލާ ވެސް އެކު

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން އޭނާގެ ވާހަކަ ފެއްޓެވީ، މާޗް 2009ގައި އޭނާ ވަޑައިގެންނެވި އިންޓަވިއުއެއްގެ ވާހަކައަކުންނެވެ. އެއީ މަޖިލިސް މެންބަރަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ކުރިމަތިލެއްވި ރަށު ކޯޓެއްގެ މަޖިސްޓްރޭޓް ވަޒީފާއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބޭއްވި އިންޓަވިއުއެކެވެ.

އެ އިންޓަވިއުގައި އޭނާއާ ކުރިމަތިކުރި ދެ ސުވާލެއްގެ ވާހަކަ ދެއްކެވި އެވެ. އެއީ:

  • ގާނޫނުއަސާސީއަަށް އެންމެ އިސްލާހެއް ހުށަހަޅާ ނަމަ، ހުށަހަޅަން ޖެހޭ އިސްލާހަކީ ކޮބައިތޯ؟ އޭރު ގާނޫނުއަސާސީއަށް ހަ މަސް ވެސް ނުވޭ

  • އަދުލުއިންސާފަކީ، ކޮބައި ހެއްޔެވެ؟

ފުރަތަމަ ސުވާލުގެ ޖަވާބަކަށް ވީ ޖޭއެސްސީ އުވާލުން ނުވަތަ އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމެވެ.

"މި ސުވާލުގެ ޖަވާބު މިގޮތަށް ދިނުުމުގެ ނަތީިޖާއަކަށް ވީ، އަޅުގަނޑު ކުރިމަތިލީ ވަޒީފާ އަޅުގަނޑަށް ނުލިބުން،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭރު އެ ދެއްކެވި ވާހަކަތައް އެ އިންޓަވިއު ޕެނެލްގައި ތިއްބެވި ބޭފުޅުން މިހާރު ގަބޫލުކުރައްވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ގާނޫނުއަސާސީ އެންމެ ކަމެއް ވެސް ބަދަލުކުރަން ޖެހޭ ނަމަ ބަދަލުކުރަން ޖެހޭ އެއްޗަކީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން. އެހެން ނަމަވެސް، ދެ ދައުރު މި ރައްޔިތުންގެ މަޖިލީހުގައި ފާއިތުވުމަށް ފަހު ވެސް ނިންމާލަން މި ޖެހެނީ ގާނޫނުއަސާސީއަށް މި ދެންނެވި އިސްލާހު ނުގެނެވި،" ދެތިން ފަހަރެއްގެ މަތިން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އެ އިސްލާހު ހުށަހެޅުއްވިކަން ފާހަގަކުރައްވާ، އަލީ ހުސައިން ވިދާޅުވި އެވެ.

އެއީ ދެ ދައުރަށް ފަހު މަޖިލިހުން ވަކިވެގެންދާއިރު އޭނާއަށް އޮތް ހިތާމައެކެވެ.

ކެންދޫ ދާއިރާގެ އަލީ ހުސައިން: ހިތާމައާ އެކު އުފާ ވެސް ލިބިވަޑައިގެންނެވި (ފައިލް ފޮޓޯ/ މަޖިލިސް)

އަނެއްކޮޅުން އޭނާއަށް ލިބިވަޑައިގަންނަވާ އުފަލެއް ވެސް އެބަ އޮތެވެ.

"އެއީ މި އިންޓަވިއުގައި އަޅުގަނޑާ ކުރެވުނު ދެ ވަނަ ސުވާލުގެ ޖަވާބު އަޅުގަނޑަށް ކޮންމެވެސް ވަރަކަށް ފަހުމްވެއްޖެކަމަށް ނުވަތަ އެ ސުވާލުގައި ބުނާ އެއްޗެއް ކޮންމެވެސް ވަރަކަށް އިހްސާސް ކުރެވިއްޖެކަމުގެ ފޮނި އިހުސާސް އަޅުގަނޑަށް ކުރެވޭތީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އެ ދުވަހުގެ އިންޓަވިއުގައި އެ ސުވާލުގެ ޖަވާބު ވިދާޅުވާން އެނގިވަޑައިނުގަތަސް މިވީ 15 އަހަރު ތެރޭ އޭގެ ޖަވާބު ހޯދަން ގާތްގަނޑަށް 1،150 ސަފްހާގެ އިލްމީ ދިރާސާތައް ބެއްލެވި ކަމަށް ވިދާޅުވި އެވެ.

"މި ދިވެހި ދައުލަތުގައި މަދުވާ އެއްޗަކީ، ޖަސްޓިސް. އަޅުގަނޑަށް ދަސްވި އެއްޗަކީ އެއީ. މި ދިވެހި ދައުލަތުން ފޯރުކޮށްނުދެއްވޭ އެއްޗަކީ ޖަސްޓިސް. އަދުލުވެރިކަން ނުވަތަ އަދުލުއިންސާފު،" އޭނާ ވިދާޅުވި އެވެ.

"އާދައިގެ ނިކަމެތި މީހުންގެ ދަރިންތައް ތިބީ ޖަލުތަކުގައި، އަދިވެސް ވާނުވާގައި. ބޮޑެތި މީސްމީހުން، ދައުލަތް ދަވާލި މީހުން، ދައުލަތް ލޫޓުވާލި މީހުންގެ މައްޗަށް ކުށެއް ސާބިތެއް ނުވޭ. ކުށެއް ސާބިތުވިޔަސް ހައި ކޯޓުން ނޫނީ ސުޕްރީމް ކޯޓުން އެމީހުން އެތިބީ ސަލާމަތްވެފައި."

"އަދުލުވެރިކަން މި ގައުމުގައި ނެތްކަން، އެކަމުގެ އިހުސާސް ކުރެވޭތީ، އަޅުގަނޑު ނުކުމެގެން މިދަނީ އުފަލާ ވެސް އެކުގައޭ، ހިތާމައާ ވެސް އެކުގައޭ. އެހެން ނަމަވެސް ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ފަށްފަށުން ޝުކުރިއްޔާއޭ، ރައްޔިތުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި ލޯތްބަށްޓަކައި ފަށްފަށުން ޝުކުރިއްޔާ."

މަރުތަކަށް އިންސާފެއް ނުލިބުނު. ބޭނުންވަނީ މިނިވަން މަޖިލީހެއް

ނަވަރާ ވަނަ މަޖިލީހުގައި އެމްޑިޕީއަށް އޮތް ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް 'ރޫޅާލީ'، އެ ޕާޓީގެ ރައީސަކަށް އޭރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީއާ އެކު އެވެ.

މަޖިލިހުގެ ފަހު ޖަލްސާގައި އެ ޕާޓީގެ މެންބަރުން ފާހަގަކުރަން ބޭނުންވި މައިގަނޑު އެއް ވާހަކައަކީ، އެމްޑީޕީއަށް ނުފުއްދުނު ބައެއް ވައުދުތަކެވެ. 

އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) ވިދާޅުވީ 19 ވަނަ މަޖިލީސް އިންތިހާބުވެ އެންމެ ފުރަތަމަ ދެއްކި ވާހަކަ މިއަދު ވެސް ދައްކަން ޖެހިފައިވާ ކަމަށެވެ. އެއީ އެ ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލުމުވެރިޔާ ޑރ. އަފްރާޝީމް އަލީ ހިމެނޭ ގޮތަށް އަނިޔާވެރިކޮށް މަރާލާފައިވާ މީހުންނަށް އިންސާފު ނުލިބި އޮތް ކަމުގެ ވާހަކަ ކަމަށް ވިދާޅުވި އެވެ.

"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މަރު ކޮމިޝަނަކަށް ދޭން ޖެހޭ ހުރިހާ ގާނޫނީ ބާރެއް ދިނިން. ފަސް އަހަރު ވެގެން ދިޔައިރު ވެސް ހަމަ ހިތާމައާ އެކު ފާހަގަކޮށްލަން ޖެހެނީ، މަރުހޫމް ޑރ. އަފްރާޝީމް އަލީ ވެސް އަދި މަރުހޫމް ޔާމީން ރަޝީދު ވެސް އަދި އަހްމަދު ރިލްވާނަށް ވެސް އަދި އަނިޔާވެރިކޮށް މަރާލެވުނު އެއްވެސް ފަރާތަކަށް އިންސާފު ފޯރުކޮށްނުދެވުނު،" ވަހީދު ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ ވަހީދު މަޖިލިހުގެ ތަޅުމުގައި (ފައިލް ފޮޓޯ/ މަޖިލިސް)

އެކަން ނުކުރެވުނު ތަނުގައި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައަށް ވެސް އިންސާފު ހޯދައިނުދެވުނުކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ ކަންބޮޑުވުން ޑިމޮކްރެޓްސްގެ އެހެން ބައެއް މެންބަރުން ވެސް އިއްޔެ ވަނީ ފާޅުކުރައްވައިފަ އެވެ.

ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ސަރުކާރުން މެންބަރުންނަށް އެކި އޮފާތައް ހުށަހެޅި އެވެ. "ވަގު ހިފަން އައި މީހުން ވަގުންނަށް" ބަދަލުވި ކަމަށް އޭނާ ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ކުރިއަށް އޮތް 20 ވަނަ މަޖިލީހުގައި ވެސް އެ އޮފާތައް މެންބަރުންނަށް އަންނާނެ ކަމަށާއި ނަމަވެސް އޭނާ އެދިވަޑައިގެންނެވީ، އެފަދަ ހުށަހެޅުންތަކުގައި މެންބަރުން ޖެހިވަޑައިނުގަތުމަށެވެ. 

"އަޅުގަނޑު އުންމީދުކުރަނީ ދެން އަންނަ 20 މަޖިލީހަކީ، ރައްޔިތުންގެ ހައްގުގައި ތެދުވެ ބަސް ބުނާނެ މަޖިލީހެއްކަމަށް ވާނެ ކަމަށް،" ތިން ދައުރަށް ފަހު މަޖިލިހާ ވަކިވެވަޑައިގެންނެވި އާޒިމް ވިދާޅުވި އެވެ.

"އެ ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކޮށް، ހަމަ ކޮންމެ ކަމެއްގައި، ރައްޔިތުންގެ އަތުން ޓެކްސް އެތައް ދަރަޖައަކަށް ބޮޑުވެގެން ދިޔަޔަސް، ހަމަ ބަލާނުލައި މިތާ ތިބެގެން ރަބާ ސްޓޭމްޕް ޖަހައި ސްޓޭމްޕް ތައްގަނޑެއްގެ ގޮތުގައި ތިބޭނެ މެންބަރުންނަށް ނުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން."

92 އަހަރުގެ ތާރީހުގައި އެންމެ މަސައްކަތްތެރި މަޖިލިސް

އިއްޔެ ހެނދުނު ފެށި ޖަލްސާގައި ވާހަކަދައްކަން ބޭނުން ހުރިހާ މެންބަރުނަށް އެ ފުރުސަތުގައި ގާތްގަނޑަކަށް 30 އަކަށް މެންބަރުން ވާހަކަ ދެއްކެވި އެވެ.

އެ ވާހަކަތައް ނިމުމުން ރިޔާސަތުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލިހުގެ ތާރީހުގައި ވެސް އެންމެ މަސައްކަތްތެރި މަޖިލިސް ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް އުފަލާއި ފަހުރުވެރިކަމާ އެކު ފާހަގަކޮށްލަން ބޭނުންވޭ، 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި، މި ވޭތުވެދިޔަ 92 އަހަރުގެ މުއްދަތު ތެރޭގައި މި 19 ވަނަ މަޖިލިސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމުގައި،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި މުހައްމަދު އަސްލަމް (ފައިލް ފޮޓޯ/ މަޖިލިސް)

އެއަށް ބާރުދޭ ތަފާސްހިސާބުތައް ވެސް އަސްލަމް ދެއްކެވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ޖުމްލަ 530 ޖަލްސާއެއް ބާއްވައި، 1،400އަށް ވުރެ ގިނަ ގަޑިއިރު ހޭދަކުރި 

  • ކޮމިޓީތަކުގެ 3،784 ބައްދަލުވުން ބާއްވައި، 4،400އަށް ވުރެ ގިނަ ގަޑިއިރު މަސައްކަތްކުރި

  • ޖުމްލަ 210 ބިލު ހުށަހަޅައި އޭގެ ތެރެއިން 178 ބިލު ނިމުނު

ފާސްކުރި ބައެއް މުހިންމު ބިލުތައް ވެސް އަސްލަމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރިޔާސީ ކޮމިޝަންތަކުގެ ބިލު

  • ދިވެހި ރާއްޖޭގެ ގާނޫނީ ފަންނުގެ ބިލު

  • ކުންފުނީގެ ބިލު

  • އިންޑަސްޓްރިއަލް ރިލޭޝަން ބިލު

  • ފޮރިން ސާވިސްގެ ބިލު

  • ތައުލީމީ ބިލު

  • ކުޑަކުދިންގެ އަދުލުގެ ބިލު

  • މަދަނީ އިޖުރާއަތުގެ ބިލު

  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ ބިލު

  • ކުނި މެނޭޖް ކުރުމުގެ ބިލު

ސިޔާސީ ވިސްނުން އެއްކައިރިކޮށް 19 މަޖިލީހަށް ބަލާއިރު، މިއީ ތައުލީމީ އަދި މަޖިލިހުގެ ތަޖުރިބާ ބޮޑު ގިނަ މެންބަރުންތަކެއް ތިއްބެވި މަޖިލީހެކެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން 20 ވަނަ މަޖިލީހުގައި ނެތުމުގެ ފަޅުކަން ފެނުން ވެސް ގާތެވެ.

ނަވަރާ ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މި މަހު 27 އަށެވެ. އާ މަޖިލިސް ހުވާކުރަން ހަމަޖެހިފައި ވަނީ މި މަހު 28ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް