ރޮޒައިނާގެ ފަހު ދުވަސް އަދި ފަހު ސުވާލު: ރައްޔިތުން ހޮވިޔަސް، އެއީ އެންމެ ރަނގަޅު މީހާތަ؟
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ފެންނާނެ މިއީ ފަހު ދުވަސްކަން އިއުލާންކުރައްވައި، މިއަދުގެ ޖަލްސާގައި ސުވާލެއް ކުރިމަތި ކުރެއްވި އެވެ:
"މިތަނަށް މި އަންނަނީ އެންމެ ރަނގަޅު މީހާތޯ؟"
ރޮޒައިނާ އެ ސުވާލު ކުރިމަތިކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން އޭނާ ހުށަހެޅުއްވި ބިލުގެ ބަހުސްގަ އެވެ.
ބިލު ހުށަހެޅުއްވި މެމްބަރުގެ ހައިސިއްޔަތުން ފަހު ބަސް ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ މިއީ 19 ވަނަ މަޖިލީހުގެ ފަހު ދުވަސް ކަމަށް ވުމާ އެކު އެ ބިލުގެ މަސައްކަތް ދެން އިތުރަށް ކުރިއަށް ނުދާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
'މި އުޅެނީ ފިރިހެނުންނަށް ދެރައެއް ދޭކަށް ނޫން'
އެ ބިލު ހުށަހެޅުއްވި މަގްސަދު އޮޅުންފިލުވައިދެއްވަމުން ރޮޒައިނާ ވިދާޅުވީ އަންހެނުން، އަންހެނުންނަށް ވީތީ ވަކި ހާއްސަ ފުރުސަތެއް ދޭން އެއްވެސް އިރެއްގައި ވިދާޅުވެފައިނުވާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެން މިހާ ހިސާބަށް އައިއިރުގައި މި އިންތިހާބުތަކުގައި ވާދަކުރަމުން ގޮސް، މި އާ ގާނޫނުއަސާސީ ފެށިގެން މިހާ ހިސާބަށް އައިއިރުގައި މި ފެންނަނީ ކޮންމެ ދައުރަކު މިތަނަށް ހޮވިގެން އަންނަ އަންހެނުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް މަދުވަމުން އަންނަ ތަން،" ރޮޒައިނާ ވިދާޅުވި އެވެ.
އެހެން ދިމާވާ އެއް ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުތަކުގައި ފައިސާގެ ދައުރު ވެސް ބޮޑުވަމުން ދިއުމެވެ. މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ވެސް ގިނަ މެމްބަރުން މަޖިލީހަށް ހޮވިފައި ތިބީ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކު ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަމިއްލައަށް ހަރަދުކޮށްގެން މަޖިލީހަށް އާދެވޭވަރުގެ ތަނަވަސްކަން ހުރި އަންހެނުން ރާއްޖޭގައި ވަރަށް މަދުވާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިފަދަ ބަދަލު ގާނޫނަށް ގެނެސްފި ކަމަށްވާ ނަމަ މި ގޮނޑިތަކަށް ވާދަކުރާނީ ހުސް އަންހެނުން. އެހެންކަމުން ކޮންމެވެސް އަންހެނުންތަކެއް މަޖިލީހަށް އަންނާނެ،" ރޮޒައިނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޖިލީހަށް އަންހެނުން ގެންނަން މި އުޅެނީ ފިރިހެނުންނަށް ކޮންމެހެން ދެރައެއް ދޭކަށް، ނޫނީ ފިރިހެނުންގެ ހައްގެއް ނަގާލާކަށް ނޫން. މުޅި ގައުމަށް ވިސްނާއިރުގައި، މި މަޖިލީހުގައި ކުރާ މަސައްކަތަށް ވިސްނާއިރު، މި ތަނުގައި މަސައްކަތް ކުރާއިރު އަންހެނުންގެ ހިޔާލު ކޮންމެހެން ވެސް ބޭނުންވާތީވެ."
"މަޖިލީހަށް ހޮވަނީ އެންމެ ރަނގަޅު މެމްބަރުންތަ؟"
ރޮޒައިނާ ވިދާޅުވީ އޭނާ މަޖިލިސް މެމްބަރެއްގެ ގޮތުގައި އަދާކުރެއްވި 15 އަހަރުގައި ވެސް އަންހެނުންނާއި ފިރިހެނުންގެ ވިސްނުން ކަންކަމުގައި ވަރަށް ތަފާތުކަން ތަޖުރިބާ ކުރެއްވުނު ކަމަށެވެ.
"އަޅުގަނޑު [މި ބިލުގެ] އިބްތިދާއީ ބަހުސްގައި ވާހަކަދެއްކިއިރު، ދުނިޔޭގައި މި ކަންކަމުގައި ހަދާފައި ހުރި ދިރާސާތަކުގެ ނަތީޖާތަކާއި މިކަންކަން އޮތް ގޮތް އަޅުގަނޑު ވާނީ އެ ދުވަހު ވެސް ދައްކާފައި. ޕްރޮޑަކްޓިވިޓީ އިތުރުވާކަމާއި ޑިޒިޝަން މޭކިން ރަނގަޅުވާ ކަމާއި، މި ހުރިހާ ކަންކަމަކީ ދުނިޔޭގައި ހަދާފައި ހުރި ދިރާސާތަކުން ދައްކާ ކަންކަން،" ރޮޒައިނާ ވިދާޅުވި އެވެ.
ކަން އެހެން އޮތް ނަމަވެސް، އޭނާ ވިދާޅުވާ ގޮތުގައި އަންހެން މެމްބަރުންގެ އަދަދު ދަނީ ކޮންމެ ދައުރަކަށް ފަހު ދައުރެއްގައި މަދުވަމުންނެވެ.
"އަޅުގަނޑަށް އެނގޭ ވޯޓުލައިގެން ހޮވުނު ބައެއްކަން މި ތަނަށް އަންނާނީ، އެކަމަކު މިހާރު އަޅުގަނޑުމެން ރައްޔިތުން މަޖިލިސް އިންތިހާބުގެ ކަންކަން މި ދާ ގޮތަށް ބަލައިލާއިރު، އެންމެ ރަނގަޅު މީހާތޯ މިތަނަށް މި އަންނަނީ، އެއީ ވިސްނާލަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ވޯޓަކުން އައި ކަމުގައި ވިޔަސް ރައްޔިތުން މިތަނަށް ފޮނުވާ ބަޔަކާ ދޭތެރޭގައި ވިސްނަނީ ކިހާ ވަރަކަށްތޯ؟ ވޯޓުލުމުގެ ކުރިން ކިހާ ވަރަކަށް ވިސްނާފައިތޯ މި ތަނަށް ބަޔަކު ފޮނުވަނީ؟"
ނިމިދިޔަ މަޖިލިސް ކެމްޕޭންގައި ރޮޒައިނާއަށް ނާކާމިޔާބީއާ ކުރިމަތިވީ ފޭދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގަ އެވެ.
ރޮޒައިނާ ވިދާޅުވީ މަޖިލިސް މެމްބަރުން ދައްކާ ވާހަކަތަކާއި އަމަލުކުރައްވާ ގޮތްތަކާ މެދު ބައެއް ފަހަރު ރައްޔިތުން ހިތްހަމަނުޖެހޭކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެހެން ނަމަވެސް، ރައްޔިތުންގެ މަޖިލީހަކީ ވަރަށް ތަފާތު ތަނެއް. މި ތަނަކީ ހިޔާލު ތަފާތުވާން އަންނަ ތަނެއް. މި ތަނުގައި އަންނަ އެއްޗަކަށް ހުރިހާ އެންމެން ތިއްތިކޮށް ތިބެގެން، ރީތިކޮށް ތިބެގެން އެއްބަސްވެގެން އެކައްޗެއް ކިޔާފައި ދާ ތަނެއް ނޫން މިއީ،" ރޮޒައިނާ ވިދާޅުވި އެވެ.
'21 ވަނަ މަޖިލީހުގައި އެންމެ އަންހެން މެމްބަރަކު ވެސް ނުފެނިދާނެ'
ގިނަ ސަބަބުތައް ދެއްކެވުމަށް ފަހު 20 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ފަރާތުން ރޮޒައިނާ އެދިވަޑައިގަތީ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަވާ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށެވެ.
"މިއަދު މި އިސްލާހު ފާސްވެގެން ނުދިޔަސް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަކީ ހަމަހަމަ މަޖިލީހަކަށް ހަދަން ބޭނުންވާ ކަމަށްވާ ނަމަ، 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެބަ ޖެހޭ މިކަމާ ދޭތެރޭ ވިސްނައި، އިތުރު އަންހެނުންނަށް ފުރުސަތު ދެވޭނެ ގޮތެއް އިންތިޒާމު ކުރެވިގެން ގާނޫނުގެ ތެރެއިން ދާން،" ރޮޒައިނާ ވިދާޅުވި އެވެ.
"އެހެން ނޫން ކަމަށްވާ ނަމަ، 21 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެންމެ އަންހެނެއް ވެސް ނީންނަ މަޖިލީހަކަށް ވުމަކީ އެކަށީގެންވާ ކަމެއް."
'ދެން މަޖިލީހަށް ވާދަކުރުމުގެ ވިސްނުމެއް ނެތް'
މަޖިލީހުގައި ވާހަކަ ދައްކަވަން ލިބިވަޑައިގަތް ފަހު ފުރުސަތުގައި ރޮޒައިނާ ވިދާޅުވީ މިއީ މަޖިލީހުގެ ތަޅުމުން އޭނާ ފެންނާނެ އެންމެ ފަހު ދުވަސް ކަމަށެވެ.
"މިއަދަކީ 15 އަހަރު ދުވަސްކޮށްފައި، މި މަޖިލީހަށް އަޅުގަނޑު އަލްވަދާއު ކިޔާ ދުވަސް. އަޅުގަނޑުގެ ވިސްނުމެއް ނެތް، ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ،" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާގެ ފަހު ބަހުގައި ވަނީ ތުލުސްދޫ، މީދޫ އަދި މަރަދޫފޭދޫ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. މެމްބަރެއްގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރޮޒައިނާ ވަނީ ތުލުސްދޫ ދާއިރާ އާއި އައްޑޫ މީދޫ ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވާފަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ، އެ ބޭފުޅުން ހަވާލުކުރި މަސައްކަތް އަމާނާތްތެރި ކަމާ އެކީގައި 15 އަހަރު ދުވަސް ވަންދެން ކުރެވިއްޖެ ކަމަށް. ހަމަ ގައިމުވެސް އަޅުގަނޑުގެ ގޮނޑި ނީލަމުގައި އިން އެންމެ ދުވަހެއް ވެސް ނާންނާނެ، 15 އަހަރު ދުވަސް ނިންމާފައި އަޅުގަނޑު މި ތަނުން މި ދަނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކީގައި،" ރޮޒައިނާ ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުގެ ޕާޓީ ތެރޭގެ ވޯޓެއް ވެސް، މަޖިލީހުގެ ގޮނޑީގައި އިނދެގެން ލީ ވޯޓެއް ވެސް އަދި ގައުމީ ފެންވަރުގެ އިންތިހާބެއްގައި ލީ ވޯޓެއް ވެސް އަޅުގަނޑު ނޯންނާނެ ފައިސާއަށް ދޫކޮށްލާފައި. އެހެންވީމާ އަޅުގަނޑު މިއަދު މި ހިތްހަމަޖެހުމާ އެކީގައި މި މަޖިލީހުން ވަކިވެގެން މި ދަނީ."
ކޮމެންޓް (4)
ރޮޒީ
ރޯޒް
ދީދީ
މީދޫ ދާއިރާ