މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި، މަޖިލިސް ރައީސް އަސްލަމް (ފައިލް ފޮޓޯ/ މަޖިލިސް

20 ވަނަ މަޖިލީހުގެ ނަސީބު ނުލިބުނަސް، އިސްލާހީ މަސައްކަތުގައި ދެމިހުންނާނަން: އަސްލަމް

އިންސާނީ ހައްގުތަކާއި ހެޔޮވެރިކަމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަސްލަމް މިއަދު ދެއްވި

ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމުގެ ނަސީބު ލިބިވަޑައި ނުގެންނެވި ނަމަވެސް، އިސްލާހީ މަސައްކަތުގައި ދެމިހުންނަވަނާ ކަމަށް 20 އަހަރަށް ފަހު، މިއަދު މަޖިލީހާ ވަކިވެވަޑައިގަންނަވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ފަސް ވަނަ ދައުރަކަށް މަޖިލީހަށް ވާދަކުރައްވައި، ނާކާމިޔާބީ ވެވަޑައިގެންނެވި އަސްލަމް މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާގައި އޭނާގެ ފަހު ބަސް އިއްވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުގެ ވެސް 20 އަހަރުގެ ދިގު މުއްދަތަކަށް، ހަތަރު ދައުރަށް ފަހު، އެންމެ ފަހުގެ ޖަލްސާގެ ރިޔާސަތު މިއަދު މި ބަލަހައްޓަނީ. އެހެންކަމުން 16 ވަނަ ރައްޔިތުންގެ މަޖިލީހަށް 2005 ވަނަ އަހަރު އަޅުގަނޑު ހޮއްވަވާދެއްވި އައްޑު އަތޮޅުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި 17،18 އަދި 19 ވަނަ މަޖިލީހަށް އަޅުގަނޑު އިންތިހާބުކޮށްދެއްވި ހިތަދޫ އުތުރު ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން،" މެދުނުކެނޑި ހަތަރު ދައުރު މަޖިލީހުގައި ފުރައްވަމުން ގެންދެވި މަދު މެންބަރުގެ ތެެރޭގައި ހިމެނަޑައިގަންނަވާ އަސްލަމް، އޭނާގެ ފަހު ބަސް އިއްވަން ފައްޓަވަމުން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި އަސްލަމް (ފައިލް ފޮޓޯ/ މަޖިލިސް)

ތަފްސީލު - އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ލީޑާޝީޕް ހުރިހާ ބޭފުޅުންނަށް ވެސް އަސްލަމް ޝުކުރު އަދާ ކުރެއްވި އެވެ. އަދި 20 އަހަރުގެ ސިޔާސީ ކެރިއަރުގައި އޭނާއަށް އެހީތެރިވެދެއްވި އެކިއެކި ބޭފުޅުންނަށާއި އާއިލާއަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.

އެއާ އެކު އޭނާ ޔަގީންކަން ދެއްވީ މަޖިލީހުން މިއަދު ވަކިވެވަޑައިގެންނެވިނަމަވެސް، އިސްލާހީ މަސައްކަތުގައި ދެމި ހުންންނަވާނެ ކަމުގަ އެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުރުމުގެ ނަސީބު އަޅުގަނޑަށް ނުލިބުނު ކަމުގައިވިޔަސް، ސިޔާސީ ކަންކަމުގައި އަދި އަޅުގަނޑު އަބަދު ވެސް ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ކުރިއެރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދައްކަވަން،" އަސްލަމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި އިންސާނީ ހައްގުތައް ރާއްޖޭގައި ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ހެޔޮވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރާ މަސައްކަތުގައި އޭނާގެ ބައިވެރިވުން ކުރިއަށް އޮތްތާގައި ވެސް އޮންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"މީގެ އިތުރުން ޑިމޮކްރަސީގެ ރަނގަޅު ހަމަތައް ރާއްޖޭގައި ގާއިމްކުރުމަށް އެތަކެއް ޒަމާނުއްސުރެ މި ކުރަމުންދާ އިސްލާހީ މަސައްކަތުގައި ދެމި ހުންނާނެ ވާހަކަ އިއްޒަތްތެރި އެންމެހާ މެންބަރުންނަށް އަދި އެންމެހާ ރައްޔިތުންނަށް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެންގެ މި ލޮބިވެތި ވަތަނަށް އަބަދުވެސް ނަސްރާއި ނަސީބާއި ކާމިޔާބު މިންވަރުކުރެއްވުން. އަބަދު ވެސް މި ރައްޖެއަށް ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރެއްވުން. ވަލްހަމްދުﷲ ރައްބިލްއާލަމީން،" އެއާްއެކު 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ އަސްލަމް ނިންމާލެއްވި އެވެ.

އެނގުން މުހިންމު - ކުރިއަށް އޮތް 20 ވަނަ މަޖިލިސް ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ، މިހު28 ވަނަ ދުވަހު އެވެ. ރަސްމީކޮށް، 19 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މިމަހު 27 ވަނަ ދުވަހަށެވެ.

ކޮމެންޓް (1)

ހަސަންފުތު

13 މޭ 2024
ކަލޭގެ ދައުރުގައި ގަތްގަޑު ރައްޔިތުން ދިޔައީ ވަރަށް ރަގަޅަށް ބަލަމުން! ދެންކޮން އިސްލާހެއްގެ ވާހަކަ ދައްކާކަށް! ރައްޔިތުން ކަލޭ ބާކީކުރީ ވިޔާނުދާގޯސް ރޭވުންތައް މަޖިލިސްގެ ރައީސަކަށް އިދޭ ރާވާތީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް