ރޭ ބޭއްވި 'އަހާ' ފޯރަމްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަ ދައްކަވަނީ (ޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ދަތުރުފަތުރު

މުޅި ރާއްޖޭގައި ވަގު ޑޮމެއިން، ދެން އޮތީ ގަވާއިދަށް ފެއްތުން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި 1،400 ޑޮމެއިން ބޭނުންކުރާ އިރު އޭގެ ތެރެއިން %50އަކީ 'ވަގު' ނަންބަރުތައް

އަމިއްލަ ކާރު ނޫނީ ސައިކަލްގައި ހާއްސަ ނަންބަރެއް ޖަހާލުމަކީ ބައެއް މީހުންގެ ހިތްހަމަޖެހުމެކެވެ. އެކަމަށް ސަރުކާރުން އޮތީ ފުރުސަތު ވެސް ދީފަ އެވެ. ނަމަވެސް ޑޮމެއިން ނަންބަރު ވިއްކުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ އޮފީހުން ބޭރު ބަޔަކު ގުޅިގެން އޮޅުވާލި އޮޅުވާލުންތަކާ ހެދި މިއަދު މުޅި ރާއްޖޭގައި އޮތީ ވަގު ޑޮމެއިންތަކެވެ.

އެކަން ކަށަވަރުވީ ރޭ އޮތް 'އަހާ' ފޯރަމްގައި އާންމު މީހަކު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ކުރި ސުވާލަކަށް އޭނާ ދެއްވި ޖަވާބުތަކުންނެވެ. 'ވަގު ޑޮމެއިން'ގެ ނަމެއް މިނިސްޓަރު ބޭނުމެއްނުކުރައްވަ އެވެ. އެކަމަކު ކަން ވެފައި އޮތް ގޮތަށް ބަލާ ނަމަ އެއީ ވަގު ނަންބަރުތަކެވެ.

ރާއްޖޭގައި 1،400 ޑޮމެއިން، އޭގެ ތެރެއިން %50 ގޯސް

ރީތި ނަންބަރުތައް ހިމެނޭ ޑޮމެއިންގެ 'ވަގު ވިޔަފާރި' ހިންގީ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި މިނިސްޓްރީގެ ބޭރުން ބަޔަކު ގުޅިގެންނެވެ. އެ މައްސަލައާ ހެދި ކުރީގެ ސަރުކާރުން އޮތީ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ޑޮމެއިން ވިއްކުން ހުއްޓާލައިފަ އެވެ.

"އަސްލު ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާފައި ހުރި ގޯސްތަކެއްގެ ސަބަބުން މިހާ ހިސާބަށް މިކަންތައް ދިޔައިމާ މިދިއަ ސަރުކާރުން ވެސް ޑޮމެއިންގެ ކަންތައް ހުއްޓާލެއްވީ،" އަމީން ވިދާޅުވި އެވެ.

ސިނަމާލޭ ބްރިޖް ކައިރިން ވެހިކަލްތައް ދަތުރުކުރަނީ: އަމިއްލަ މީހުންގެ ކާރުތަކުގައި (ފޮޓޯ/އަޙްމަދު މިޤްދާދު ރުޝްދީ، ދާދު)

ޑޮމެއިިން ދޫކުރަން މިނިސްޓްރީން ބޭނުންކުރަމުން އައީ 'މެޓްރިކްސް' ސޮފްޓްވެއާ އެވެ. އޭގެ ބެކްއެންޑަށް އެހެން ބަޔަކަށް ވަދެވޭނެ ފުރުސަތު ލިބިފައި އޮތީ މިނިސްޓްރީގެ ވަކި މުވައްޒަފުންތަކެއްގެ ސަބަބުންނެވެ. އެހެންކަމުން އެއީ މިނިސްޓްރީގެ ބަޔަކާއި މިނިސްޓްރީއާ ނުގުޅޭ ބަޔަކު އެކުވެގެން ހިންގި ޖަރީމާއެކެވެ.

މި ބޮޑު ކުށުގެ އިތުރުން ބައެއް މީހުން އެމީހުން ބޭނުންވާ ނަންބަރެއް އަމިއްލައަށް ވެހިކަލްގައި ޖަހައިގެން ވެސް އުޅޭ ކަމަށް އަމީން ވިދާޅުވި އެވެ.

މި ހުންނަނީ ބޮޑެތި، ސީރިއަސް މައްސަލަތަކެވެ.

ނަމަވެސް ރޭގެ ފޯރަމްގައި މިނިސްޓަރު އެކަންކަން ސިފަކުރައްވަމުން ގެންދެވީ އެގޮތަކަށް ނޫނެވެ. އޭނާ ބޭނުންކުރެއްވީ 'އުސޫލުން ބޭރުން'، 'ވަކި ބަޔަކު ހެދި ގޯސްތަކެއް' މިފަދަ ބަސްތަކެވެ. 

އެއީ "ފޭކު ޑޮމެއިންތަކެކޭ ދެންނެވިޔަސް ރަނގަޅުވާނެ،" އޭރު ހިންގި އެ ވައްކަމާ ކިރިޔާ ވެސް ކައިރި ކުރާ ބަސްމަގަކަށް ވެސް ބޭނުންކުރެއްވީ މި ޖުމްލަ އެވެ. 

"އަސްލު ނިޒާމު ތެރެއަށް ނުވަދެ އެކަމަކު ޓްރާންސްޕޯޓު މިނިސްޓްރީގެ ސްލިޕް ބެކްއެންޑުން ކްރިއޭޓުކޮށްގެން ހަދާފައި ހުރި ޑޮމެއިންތަކެއް ވެސް އެބަ އުޅޭ ރަށުތެރޭގައި،" އަމީން ވިދާޅުވި އެވެ.

މިއީ އޭގެ ޒާތުގައި ކިހާ ބޮޑު ވައްކަމެއް ހެއްޔެވެ؟ މިނިސްޓްރީގެ ނިޒާމް ބޭނުންކޮށްގެން އަމިއްލައަށް ޑޮމެއިންތަކެއް އުފައްދައި، އެ އެއްޗެހި ބަޔަކު ވިއްކީ އެވެ. އެ ގަތް މީހުންގެ މައްސަލައެއް ހަގީގަތުގައި އޭގައި ނެތެވެ. އަމީން ވެސް އެކަން ފާހަގަކުރެއްވި އެވެ.

އެކަމަކު ވަގު އެ ޑޮމެއިންތަކުން މުޅި ރާއްޖެ އޮތީ ފުރިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް 1،400 ޑޮމެއިން ގެންގުޅެ އެވެ. އޭގެ ތެރެއިން ސައްހަ ނަންބަރުތަކުގެ ނިސްބަތަކީ 700 ނުވަތަ %50 އެވެ. އަނެއް ބަޔަކީ ވަގު ނަންބަރެވެ.

ދެން އޮތީ ޑޮމެއިންތައް ހަމަޔަކަށް އެޅުވުން

އަމީން ވިދާޅުވި ގޮތުގައި މިހާރު ނިންމާފައި ވަނީ 'ވަގު ޑޮމެއިންތައް' ނިޒާމުގެ ތެރެއަށް ވެއްދުމުގެ ފުރުސަތު ދޭށެވެ. އެގޮތުން ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ފުރުސަތު ހުޅުވާލާނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ނޫން ޑޮމެއިންތަކަކީ ވެސް އެބޭފުޅާއަށް [އެ ގަތް އާންމު މީހާ] ގޯސްކޮށް ކަންތައް ކުރެވިގެން [އުސޫލުުން ބޭރުން] ލިބިފައިވާ ޑޮމެއިންތަކެއް ނޫން. އެއީ ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ބެކްއެންޑުން އަމިއްލައަށް ކްރިއޭޓު ކޮށްގެން ސިސްޓަމް ތެރެއަށް ވަދެގެންނާ އަދި މިނިސްޓްރީ ތެރޭގައި ތިބި ފަރާތްތަކާ ގުޅިގެން ކޮށްފައި ހުރި ވަރަށް ބޮޑެތި ގޯސްތައް،" އަމީން ވިދާޅުވި އެވެ.

"އެބޭފުޅުންނަށް ގެއްލުން ނުވާ ގޮތަށް ނިޒާމުގެ ތެރެއަށް ވައްދާފައި އެއީ ސައްހަ ޑޮމެއިންތަކުގެ ގޮތުގައި ހަދާނަން." 

ސަރުކާރުން ކަނޑައަޅާފައި ވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހައެއް ނޫނީ ހަތް މަސްދުވަހުގެ ތެރޭގައި ޑޮމެއިންގެ ކަންކަން ހަމަޔަކަށް އަޅުވާ ނިންމުމެވެ. އަދި އާ ޑޮމެއިންތަކަށް ހުޅުވާލަން ވެސް އޮތީ ކަނޑައަޅައިފަ އެވެ. 

މީގެ ކުރިން އަމީން ވިދާޅުވި ގޮތުގައި ޑޮމެއިންގެ ބިޑަށް ދެން ހުޅުވާލާނީ އެކަން ޒަމާނަށް ވެސް ފައްތައިގެންނެވެ.

"ޑޮމެއިންގެ ހިދުމަތް އަޅުގަނޑުމެން އަލުން ފައްޓަން ވިސްނާފައި މިހުރީ މި ޒަމާނަށް ފެތޭ ގޮތަށް... ޑޮމެއިން ހިދުމަތް ބޭނުންވާ ބޭފުޅުން ވެސް ބޭނުންވޭ ތަފާތު ކޮންސެޕްޓް،" އޭރު އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ބަޔަކު ހިންގި ޑޮމެއިން ވައްކަމުގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ވައްކަމުގައި ލަފާކުރެވޭ ވަކި އަދަދެއް ކުރީ ސަރުކާރުން ވެސް ނުވަތަ މިހާރުގެ ސަރުކާރުން ވެސް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް