ފާރިސް މައުމޫންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަންނަވަނީ
ފާރިސް: ސަރުކާރުގެ ކެންޑިޑޭޓުން/ އިދިކޮޅު ކެންޑިޑޭޓުން ނުތިބޭނެ
ރިޔާސީ އިންތިހާބަށް ފަހު ފާރިސް މައުމޫން ނުގެއްލެ އެވެ. އޭނާ އެ ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް އަމިއްލަ ގޮތުން ނުކުންނަވައިގެންނެވެ. ކެމްޕެއިންގައި އޭނާ ދައްކަވަމުން ގެންދަވަނީ ވެސް ސިޔާސީ ވަކި ފިކުރަކަށް ވުރެ 'ރައްޔިތުންގެ މީހެއް'ގެ ފިކުރެވެ.
ރޭ އޭނާގެ ޖަގަހާގައި އޮތް ޖަލްސާއެއްގައި މިހާރު އާންމުކޮށް ގިނަ މީހުންނަށް ވިސްނިފައި އޮތް ގޮތާ ހިލާފަށް ވާހަކަ ދެއްކެވީ ގާނޫނުއަސާސީން ވެސް އެ ފުރުސަތު ލިބިވަޑައިގަންނަވާތީ ކަމަށް ފެނެ އެވެ. ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓެއް ނުވަތަ އިދިކޮޅު ކެންޑިޑޭޓެއް ނުތިބޭނެ ކަމަށެވެ.
"ސަރުކާރުގެ ކެންޑިޑޭޓަކާއި އިދިކޮޅު ކެންޑިޑޭޓަކާ މިއީ މުޅިން ބަރުލަމާނީ ނިޒާމް ހިނގާ ގައުމުތަކުގައި އޮންނަ ކަމެއް،" ފާރިސް ވިދާޅުވި އެވެ.
"ސަރުކާރުގެ ކެންޑިޑޭޓެއް ނޫނިއްޔާ ސަރުކާރަށް ތާއީދުކުރާ ބަޔަކު އެއީ މުހިންމު ބަޔަކަށް ވާ ކަމަށް ވާ ނަމަ ގާނޫނުއަސާސީ އިސްލާހުކުރި އިރު ލިޔާނެ ދެއްތޯ."
މިސާލަކަށް "ސަރުކާރުން ފޮނުވާނޭ މަޖިލިހުގެ މެޖޯރިޓީއަށް ވާ މިވެނި އަދަދެއްގެ މީހުންގެ ނަން. އެއީ [އޭ] މަޖިލިހުގެ މެމްބަރުންނަކީ."
ރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ސިޔާސީ ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ކަމަށް ބުނެފައެއް ނުވެ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ވަކި ކަންކަމަށް މަޖިލިހުގެ ރުހުން ބޭނުންވާ ނަމަ އަދި އެއީ ރައްޔިތުންނަށް ފައިދާހުރި ކަމެއް ނަމަ، މަޖިލިހުން ރުހުން ދޭން ޖެހޭނެ އެވެ. އެކަމަކު އެ ރުހުން ހޯދަން މަޖިލިހުގައި ސަރުކާރަށް ވެސް މެޖޯރިޓީ އޮންނަން ކޮންމެހެން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު ކެންޑިޑޭޓް، އިދިކޮޅު މެމްބަރު [މިއީ ވެސް] އަޅުގަނޑުމެންގެ ވިސްނުމުގައި އޮންނަންވީ ކަމެއް ނޫން. ރިޔާސީ ނިޒާމެއްގައި އޮންނަންވީ ކަމެއް ނޫން އިދިކޮޅު ޕާޓީ، އިދިކޮޅު ފިކުރު،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ރާއްޖޭގެ އާ ގާނޫނުއަސާސީގެ ދަށުން 2009ގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން ފެށީއްސުރެ އެ އިންތިހާބު ބެހެނީ ސަރުކާރަށާއި ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ މެމްބަރުންގެ މައްޗަށެވެ. ކެމްޕެއިން ކުރިއަށް ދަނީ ވެސް މައިގަނޑު މައުލޫއަކަށް އެ ދެ ފިކުރު ހިމަނައިގެންނެވެ. ސަރުކާރުން ބުނަނީ ތަރައްގީގެ މަޝްރޫއުތައް ހިންގޭނީ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ. އިދިކޮޅުން ބުނަނީ ސަރުކާރަށް މެޖޯރިޓީ ދިނުމަކީ ނުރައްކަލެއް ކަމެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިހާބަށް ނުކުންނަވައި، ގާތްގަނޑަކަށް 3،000 ވޯޓު ލިބިވަޑައިގެންނެވި ފާރިސް މަޖިލިހުގެ ކެމްޕެއިން ކުރައްވަނީ 'ރައްޔިތުންގެ ކެންޑިޑޭޓެއް' ކަމަށް ވިދާޅުވަމުންނެވެ. ރައްޔިތުންގެ ކެންޑިޑޭޓްގެ މަސައްކަތް ބިނާވާނީ ރައްޔިތުންނަށް ފައިދާވާ ކޮންމެ ކަމަކަށް ރުހުން ދީ އަދި ގެއްލުން ހުރި ކަންކަމާ ދެކޮޅަށް އަޑުއުފުލުމުގެ މައްޗަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ފާރިސް ވިދާޅުވި ގޮތުގައި ސަރުކާރު ހިންގުމުގެ ބާރު ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ފަސް އަހަރުގެ ދައުރެއް ދެނީ ސަބަބެއް އޮވެގެންނެވެ. އެކަމަކު ރައްޔިތުންގެ މަޖިލިސް މިހާރު އޮތް ގޮތުން ސަރުކާރަށް އުނދަގޫވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އިދިކޮޅު ކިޔާފައި އަޅުގަނޑުމެންނަށް މި ކުރެވުނު ތަޖުރިބާއަކީ ސަރުކާރުން ކިތައްމެ ރަނގަޅު ކަމެއް، ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްލަން އުޅުނު ނަމަވެސް އިދިކޮޅު ފަރާތްތަކުން އުޅެނީ އެއަށް ހުރަސްއެޅޭތޯ، އެކަން ހުއްޓުވޭތޯ،" ރާއްޖޭގައި ކަން ވަމުން އަންނަ ގޮތުގެ މިސާލެއް ދައްކަވަމުން ފާރިސް ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ އިދިކޮޅުގައި އޮންނަ ޕާޓީއަށް އަބަދުވެސް ވިސްނެނީ، ވަކި ޕާޓީއެއްގެ ވެރިކަމެއްގައި ރައްޔިތުންނަށް "ލުއިފަސޭހައެއް ލިބިއްޖެ ނަމަ އެއީ ތިމަންނަމެންނަށް ވަރަށް ބޮޑު ގެއްލުމެއް'ގެ ގޮތުގައި ކަމަށެވެ. އޭގެ ނަތީޖާއަކަށް ވަނީ، އޭނާ ވިދާޅުވި ގޮތުގައި، އެ ދައުރުގެ ތެރޭގައި ރަނގަޅު އެއްވެސް ކަމެއް ސަރުކާރަށް ވިޔަނުދޭން، އިދިކޮޅުން މަސައްކަތްކުރުމެވެ.
"އާހިރުގައި ނިކަމެތިކަން ލިބެނީ އާންމު ރައްޔިތުންނަށް. އެހެންވެ އަޅުގަނޑަކީ ސަރުކާރުގެ ކެންޑިޑޭޓެއް ވެސް ނޫން، އަޅުގަނޑަކީ އިދިކޮޅު ކެންޑިޑޭޓެއް ވެސް ނޫން،" ފާރިސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ރައްޔިތުންގެ ކެންޑިޑޭޓް."
ފާރިސް ވަނީ 2019ގައި ވެސް މައްޗަށްގޮޅީ އުތުރު ދާއިރާއަށް ވާދަކުރައްވައިފަ އެވެ. އެކަމަކު އެމްޑީޕީގެ މުހައްމަދު ރަޝީދާ ވާދަކުރައްވައި 240 ވޯޓުގެ ތަފާތުން ވީ ނާކާމިޔާބީ އެވެ.
ކޮމެންޓް (2)
މަގޮލާ
އާލަމް