ހދ. ކުމުންދޫގައި ހެދިފައިވާ ބޮޑު ޒައިތޫނި ގަސް: މިއީ ލޯތްބާ ވެސް ގުޅިފައި ހުރި ގަހެއް --ފޮޓޯ/މައިމޫން، ކޮލަމާފުށި
މި ޒައިތޫނި ގަހާއި ދެމަފިރިއެއްގެ އަސަރު ގަދަ ލޯބި
"އެހާ ރީތި ގަހެއް ދޫކޮށްލާފައި ދާން ދެރައެއް ނުވޭތަ؟،" ހދ. ކުމުންދޫގައި ބިނާކުރި ގެއާއި އެ ގޭގެ ގޯތި ތެރޭގައި ހެދިފައި ހުރި، ރާއްޖޭން މިހާތަނަށް ނުފެންނަވަރުގެ ރީތި، ބޮޑު ޒައިތޫނި ގަސް ދޫކޮށްލާފައި ރ. މާކުރަތުގައި މިހާރު ދިރިއުޅެމުން އަންނަ އަހުމަދު ނަސީމް ކައިރިން އެހީމެވެ.
އެއާ އެކު އޭނާ ދިން ޖަވާބުން ސިހުނެވެ.
"ތެދެއް، ތިއީ ވަރަށް ތަދު، ވަރަށް ރީތި ގަހެއް. އެކަމަކު ތި ގަހަށް ވުރެ އަހަރެން މާ ލޯބިވިން އަނބިމީހާ ދެކެ. އޭނާ ނެތީމައި ތި ގަހަކުން ލިބޭނެ އުފަލެއް ވެސް ނެތް،" ނަސީމު ބުންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގެ މި ދުވަސްވަރު ހދ. ކުމުންދުއަށް އަރާ ކޮންމެ މީހަކުހެން، ނަސީމުގެ ގޭގައި ހުންނަ މި ގަހާ އެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލަ އެވެ. އުސްމިނުގައި ވިއްސަކަށް ފޫޓު އަދި ވަށައިގެން 45 ވަރަކަށް ފޫޓު ހުންނަ މި ޒައިތޫނި ގަހަކީ، އެފަދަ ހަމައެކަނި ގަހެވެ. އެހެންވެ ކުމުންދުއަށް ދާ ކޮންމެ މީހެއްގެ ވެސް ސަމާލުކަން އެ ގަހަށް ލިބެ އެވެ.
ރާއްޖޭގައި މި ނޫނީ މިހާ ބޮޑު ޒައިތޫނި ގަހެއް ނުހުންނާތީ، ގަހާ ބެހޭ ގޮތުން ސުވާލުކޮށްލަން ގޭގެ ވެރިޔާ، އަހުމަދު ނަސީމަށް ގުޅާލުުމުން އެނގުނީ މިހާރު އޭނާ އެ ރަށުގައި ދިރިނޫޅޭކަމެވެ. ރީތި އެ ގަހާ އެކު ގޯތި ވެސް ވިއްކާލާފައި އޭނާގެ ދިރިއުޅުން، ރ. މާކުރަތަށް ބަދަލުކުރީ އެވެ.
"ކުމުންދުއަކީ އަޅުގަނޑުގެ އަންހެނުން ހަފީޒާ އަލީގެ ރަށް. މީގެ ހައެއްކަ މަސް ކުރިން ކުއްލި ގޮތަކަށް އޭނާ ނިޔާވުމުން އަޅުގަނޑުގެ އަމިއްލަ ރަށް މާކުރަތަށް ބަދަލުވީ،" ނަސީމު ކިޔައިދިނެވެ.
އަނބިމީހާގެ ނަން އައުމާ އެކު އޭނާގެ އަޑަށް ވެސް ބަދަލު އަ އެވެ. އެކަމަކު އެ ވާހަކަ އޭނާ ކިޔައިދޭން ބޭނުންވީ، ހަފީޒާގެ ނަމާ ނުލައި ޒައިތޫނި ގަހުގެ ވާހަކަ ފުރިހަމަ ނުވާނެތީ އެވެ.
ކުރިން ސިފައިންގެ މީހެއްގެ ގޮތުގައި ވަޒީފާ އަދާކުރި ނަސީމާއި ހަފީޒާ ދިމާވީ މާލެއިންނެވެ. ދެ މީހުންގެ އެކުވެރިކަމުގައި ލޯބީގެ ކުލަ ޖެހި، މާ ގިނަ ދުވަހެއް ނުވެ ކައިވެނިކުރި އެވެ. ގާތްގަނޑަކަށް 22 އަހަރުގެ އެ ޒަވާޖީ ހަޔާތުގައި ދަރިއެއްގެ ނަސީބު ނުލިބުނަސް، ދެ މީހުން އުޅުނީ، މިންވަރަށް ރުހި ފުދިގެންނެވެ. އުމުުރުން ދުވަސްވި އިރު ވެސް އެ ލޯތްބަކަށް ބަދަލެއް ނާދެ އެވެ.
ނަސީމުގެ ބަހުން ނަމަ، އޭނާގެ ހުރިހާ ވެސް އުފަލަކީ ހަފީޒާ އެވެ.
"އަޅުގަނޑުމެން ދުވަހަކު ވެސް ޒުވާބެއް ނުކުރަން. އެކަކު އަނެކަކުގެ އިހުސާސްތައް ދަނެގެން އުޅުނީ. ކަންކަމާ މަޝްވަރާކޮށްގެން، އެކަކުގެ ހިޔާލު އަނެކަކު ގަބޫލުކޮށް، އެއަށް އިހްތިރާމްކޮށްގެން،" މިހާރު 65 އަހަރުން މައްޗަށް ގޮސްފައިވާ ނަސީމް ބުންޏެވެ.
މާލޭގައި 14 ވަރަކަށް އަހަރު އުޅުމަށް ފަހު، ހަފީޒާގެ ރަށަށް ނަސީމް ބަދަލުވީ ސިފައިންގެއިން ރިޓަޔާކޮށްގެންނެވެ. އޭނާ ބޭނުންވީ އުމުރުން 55 އަހަރަށް ވުރެ މައްޗަށް ދިޔުމުން، މާލޭގައި އުޅުނު ކުލީ ދިރިއުޅުން ދޫކޮށް، އަމިއްލަ ގެއެއް އަޅައިގެން ރަށްފުށުގެ ހަމަހިމޭންކަން ހޯދާށެވެ. ލޯބިވާ އަނބިމީހާއާ އެކު ހަޔާތުގެ ފަހު ދުވަސްތައް، އަރާމުގައި ހޭދަކޮށްލާށެވެ.
ޒައިތޫނި ގަހަކީ ރަށަށް ބަދަލުވާތީ އެ މީހުންނަށް ލިބުނު ހަދިޔާއެކެވެ. މާލޭގައި ތިބި އާއިލާގެ ގެއަށް ކުރި ޒިޔާރަތުގައި އެ ގޭގައި، މުށިގަނޑެއްގައި ހައްދާފައި އިން ކުޑަކުޑަ ޒައިތޫނި ގަސް ވަގުތުން ހަފީޒާގެ ލޮލުގައި އަޅައިގަތެވެ. ބަގީޗާ ގަހެއްގެ ގޮތުގައި އިންދާފައި ހުރި ގަސް އެ މީހުން ހަފީޒާއަށް ހަދިޔާކުރީ، އޭނާ އެ ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.
ކުމުންދުއަށް ބަދަލުވެ، އެ މީހުން އޭރު އަޅަމުން ދިޔަ ގޭގެ ގޯތި ތެރޭގައި ޒައިތޫނި ގަސް ބެހެއްޓީ، އެންމެ ފުރަތަމަ ފެނުނު އިރު ހުރި ގޮތަށް ބަގީޗާ ގަހެއްގެ ގޮތުގައި ހައްދާށެވެ. އެކަމަކު ގޭގައި ދިރިއުޅެން ފެށުމާ އެކު އެ މީހުންނަށް ފެނުނީ، ބަގީޗާ ގަހަކަށް ވުރެ ބޮޑުކޮށް، ވަރުގަދަކޮށް ގަސް ހެދެމުން އަންނަ ތަނެވެ. އެހެންވެ، ޕޮޓުން ނަގައި، ނަސީމުމެން ޒައިތޫނި ގަސް ބިމުގައި ޖެހި އެވެ. އިސާހިތަކު، ގަހުގައި ކުރިލައި ހެދިގެންފި އެވެ.
ކުމުންދުއަށް އަރާ ކޮންމެ މީހަކުހެން، ނަސީމުމެން ދެމަފިރިންގެ، 'ރީފް' ގޭގައި ބޮޑުވަމުން އައި އެ ޒައިތޫނި ގަސް ދެކިލަން ދެ އެވެ. މިސްކިތް ކައިރީގައި ހުންނަ އެ ގެއަށް، ނަމާދަށް ދާ ކޮންމެ ބީރައްޓެއްސަކުހެން، އެ ގަހުގައި އަތްލައި ފަތްތަކާ ކުޅެ ފޮޓޯ ނަގަ އެވެ. ހެއްދުމުގެ ނިޔަތުގައި އޭގެ އޮފިކޮޅުތައް ވެސް ބައެއް މީހުން ގެންދެ އެވެ.
ނަސީމު ބުނިގޮތުގައި އެ ގަސް ހައްދަން ދުވަހަކު ވެސް ގަސްކާނާއެއް ނާޅަ އެވެ. ފެންދިނީ ވެސް ދެ އަހަރެއް ވަންދެނެވެ. ގަސް އެންމެ ރީތިކޮށް ހުންނަނީ ހޫނު ގަދަ ދުވަސްތަކުގަ އެވެ. އެ ދުވަސްތަކުގައި އެ ގަހުގައި ޒައިތޫނި ވެސް އަޅަ އެވެ. އެކަމަކު އާއްމުކޮށް ރާއްޖޭން ބޭރުން ގެންނަ ޒައިތޫންޏަށް ވުރެ ކުއްޖެވެ.
"އާއްމުކޮށް ހުންނާނީ ޖޭމެއް ވަރަށް. ދޮންވީމައި ހުންނަނީ ދަނބު ކުލައިގައި. ރަހަޔަކު މާ ބޮޑު ތަފާތެއް ނުހުރޭ،" ނަސީމު ކިޔައިދިނެވެ.
އޭނާ ހޯދި ހޯދުމުން، ޒައިތޫނި އެހާ ކުދީ، އެންމެ އެކަށީގެންވާ މާހައުލެއްގައި ނުހެދޭތީ ކަން އެނގުނެވެ.
ނަސީމު ކިޔައިދިން ގޮތުގައި ގަހުގެ ފަތްތައް އެންމެ ވައްތަރީ، ރާއްޖޭގައި އާއްމުކޮށް ހެދޭ ހީނާފަތާ އެވެ. އޮފިތައް އެލިފައި ވެސް ހުންނަނީ އެފަދަ ގޮތަކަށެވެ. އެކަމަކު ގަހުގައި ފަތް ގިނަވެފައި ބޮލެވެ. ގަސް ހެދިފައި ހުންނަނީ ފީންޏަކަށެވެ.
ގަސް ހެދިބޮޑުވުމަށް މާ ބޮޑު އަޅާލުމެއް ބޭނުން ނުވިޔަސް، މިއީ ރޯކޮށް، ހައްދަން އުނދަގޫ ގަހެކެވެ. އެކުވެރިންނާއި ދަންނަ މީހުންގެ އެދުމަށް، ނަސީމު ވެސް މި ގަހުން އޮފި ކަނޑައިގެން ހައްދަން މަސައްކަތް ކުރި އެވެ. ގަސް ހަމައެކަނި ރޯކުރެވެނީ އޮފިކޮޅުން މޫބާލުވައިގެން ނަމަވެސް، އެއީވެސް ކުރަން އެހާ އުނދަގޫ ކަމެކެވެ.
އޭނާ ބުނިގޮތުގައި މިދިޔަ އަށް އަހަރުގެ ތެރޭގައި އޭނާއަށް މޫބޭލުނީ އެންމެ ހަތަރު އޮފިކޮޅުގަ އެވެ. އޭގެ ތެރެއިން އެއް ގަސް މިހާރު މަރުވެއްޖެ އެވެ.
'ރީފް' ގޭގެ މި ޒައިތޫނި ގަހަކީ ކުމުންދޫގެ ވެސް ފަހުރެކެވެ. ހަފީޒާ އާއި ނަސީމްގެ ލޯބީގެ ވާހަކައާ އެއްވަރަށް މި ގަސް ވެސް މަޝްހޫރެވެ. ގަސް ހެދެމުން، ބޮޑުވަމުން މޭވާ އަޅަމުން ދިޔައީ އެ ދެމަފިރިންގެ އޮތް ލޯބީގެ ގުޅުންހާ ވަރުގަދަކޮށެވެ.
"ހަގީގަތުގައި ވެސް އެއީ ވަރަށް ލޯބިން އުޅުނު ދެމަފިރިން. ތަނަކުން ހަފިއްތަ ފެނިއްޖެއްޔާ، ނަސީމްބެ ވެސް ފެންނާނެ. އެހާ ވެސް އެކުވެެރިކޮށް އެ މީހުން އުޅުނީ،" ކުމުންދޫގެ ކައުސިލް މެމްބަރު، ޝާއިދާ މޫސާ ވިދާޅުވި އެވެ.
ހަފީޒާ ނިޔާވީ ކުއްލި ގޮތަކަށެވެ. އެއާ އެކު، ނަސީމުގެ ބަހުން ނަމަ، އޭނާގެ ދިރިއުޅުން ވެސް ހުއްޓުނީ އެވެ.
ކުމުންދޫގައި ހަފީޒާ ފިޔަވައި ނަސީމުގެ އެހެން މީހަކު ނެތެވެ. އެހެންވެ އަމިއްލަ ގޯތި ނަމަވެސް، އަނބިމީހާއާ ނުލައި އެ ގޭގައި ދިރިއުޅުމަކީ އޭނާއަށް ކެތްކުރެވޭވަރުގެ ކަމަކަށް ނުވި އެވެ. ހަފީޒާގެ މަރަށް ފަހު މީގެ ހަތަރު ވަރަކަށް މަސް ކުރިން އޭނާ، އުފަން ރަށް މާކުރަތަށް ބަދަލުވީ ކޮންމެ ތަނެއްގައި އުޅުނަސް އަނބިމީހާގެ ހަނދާންތައް އޭނާއާ އެކު ވާނެކަން އެނގޭތީ އެވެ.
"މިހާރު އޭގެ ފަހުން ހަ މަސް ވެއްޖެ. އެކަމަކު އަދިވެސް އަޅުގަނޑު ހަމައަކަށް ނޭޅޭ،" ނަސީމް ބުންޏެވެ.
"ހަފީޒާއާ ނުލައި ދިރިއުޅެން ވަރަށް ހިތްދަތި. އޭނާ އެ ދިޔައީ އަޅުގަނޑުގެ މުޅި ދިރިއުޅުން ހިފައިގެން."
ކުމުންދޫން ނަސީމްގެ ރަށަށް ދިޔައީ ދެ އެއްޗެއް ހިފައިގެންނެވެ؛ އަނބިމީހާގެ ހަނދާންތަކާއި މޫލައްވާފައިވާ ޒައިތޫނި އޮފިކޮޅެކެވެ. މާކުރަތުގައި އޭނާ ދިރިއުޅޭ ގޭގައި އިންދައިފި އެވެ. ރީތިކޮށް ހެދި ހައެއްކަ ފޫޓަށް ގަސް ބޮޑުވެއްޖެ އެވެ.
ނަސީމުގެ ހިތްހަމަޖެހުމަކީ މިހާރު އެއީ އެވެ. ލޯ ކުރިމަތީގައި އެ ޒައިތޫނި ގަސް ހުރިހާ ހިނދަކު އަނބިމީހާ އުޅޭކަމުގެ އިހުސާސްތައް އޭނާއަށް ކުރެވޭނެ އެވެ.
ކޮމެންޓް (6)
ކުޅުދުއްފުށީ މީހެއް
ޢާއިޝާ
ޫމޫސަ
ސަނައްޓޭ
ހުވޭ
ކުދިން