'ހަވީރު'ގެ ޗެއާމަން ޑރ. ޒާހިރު ހުސެއިން، މީގެ އެތައް އަހަރެއް ކުރިން 'ހަވީރު'ގެ ބައްދަލުވުމެއްގައި

ހަވީރު

'ހަވީރު'ގެ މައްސަލައަކީ ބޭއިންސާފުގެ އެއް ނަމޫނާ

ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަމިއްލަ މިލްކެއް އަތުލަން ބަޔަކު ލައްވާކުރުވި މަސައްކަތުގެ ތެރެއަށް ވަދެފައި އޮތީ ސިޔާސީ ނުފޫޒާއި ބޭއިންސާފު ފަނޑިޔާރުންތަކެއް
4 މާރިޗު 2024
8

މީގެ ގާތްގަނޑަކަށް އަށް އަހަރު ކުރިން ހެނދުނު ޑރ. މުހައްމަދު ޒާހިރު ހުސެއިން ގުޅުއްވާފައި އެދިވަޑައިގަތީ ވަރަށް އަވަހަށް ސިވިލް ކޯޓަށް ދިޔުމަށެވެ. އަޅުގަނޑަކީ 'ހަވީރު' ނޫހުގެ އެޑިޓަރެވެ. ސިވިލް ކޯޓުގައި ފެށިގެން އުޅެނީ 'ހަވީރު'ގެ މުދާ ބެހުމުގެ މައްސަލައެކެވެ. 'ހަވީރު'ގެ ވަކީލުން ޒާހިރަށް އެންގީ ކުއްލި އަމުރެއް ނެރެން އުޅޭ ވާހަކަ އެވެ. އެކަމުގައި ހުރި ގެއްލުން ބޮޑުވެދާނެކަން 'ހަވީރު'ގެ ޗެއާމަނަށް އެނގިވަޑައިގަނެ އެވެ. އެހެންކަމުން އަޅުގަނޑާއި ދެން ވެސް އެވަގުތަކު ދެވެން ތިބި ސީނިއަ ބަޔަކު ވިއްޔާ ގޮވައިގެން ކޯޓަށް ދާން ޒާހިރު އެދިވަޑައިގަތީ އެވެ.

ވަގުތީ އަމުރު ނެރުން ހުއްޓުވޭނެ ގޮތެއް ނެތެވެ. 'ހަވީރު'ގެ ހިއްސާއެއް އެހެން ބައެއްގެ ވެސް އޮތް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން މުދާ ބެހުމުގެ އެ މަރުހަލާގައި ކުއްލި އަމުރެއް ނެރެން އެދިގެން އުޅުއްވަނީ ޒާހިރާ ދެކޮޅަށް މައްސަލަ ވެއްދެވި ދެ ބޭފުޅުންނެވެ.

ބާރު އޮތީ އެކޮޅުގަ އެވެ. ސިޔާސީ ބާރާއި ސުޕްރީމް ކޯޓުން ފެށިގެން ސިވިލް ކޯޓާ ހަމައަށް ނުފޫޒު ފޯރުވުމުގެ ބާރު ވެސް މެ އެވެ. އެހެންކަމުން ވަގުތީ އަމުރު، އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ހަލީމް، މަޝްހޫރު ނަމުން ނަމަ ހަލީމްބާއީ، ނެރުއްވީ، މިލްކުވެރިކަމުގެ ދައުވާ ކުރެއްވި އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގު ހަސަންގެ ބައިވެރިވުން ނެތި 'ހަވީރު' ނުހިންގޭނެ ކަމަށެވެ.

1 ޖެނުއަރީ 1979ގައި ނެރުނު 'ހަވީރު'ގެ ފުރަތަމަ އަދަދު

އުމުރުން 37 އަހަރު ވީ ނޫސް، އެ ދުވަހުން ފެށިގެން ހުއްޓުނީ އެވެ. ޒާހިރުގެ ނަންފުޅުގައި ލޯނު ނަންގަވައި، ޒާހިރުގެ ސީދާ ބެއްލެވުމުގެ ދަށުން ތަރައްގީކުރި ރާއްޖޭގެ އެންމެ ވަރުގަދަ އަމިއްލަ މީޑިއާ ހިންގަން ކަމާ ނުވެސް ބެހޭ ބައެއްގެ ބައިވެރިވުން ބާއްވައިގެން ކުރިއަށް ގެންދަވަން، ކުރީގެ އެޑިޔުކޭޝަން/ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ބޭނުންފުޅެއް ނުވި އެވެ.

އެ ދުވަހު އެ ހުއްޓުނީ 'ހަވީރު' އެކަންޏެއް ނޫނެވެ. ޒާހިރު އާއި އޭނާގެ އާއިލާގެ ވިޔަފާރި ވެސް މެ އެވެ. ޒާހިރު އަމިއްލައަށް ކޮޅަށްޖެއްސެވި ވިޔަފާރި، ބޭއިންސާފު ފަނޑިޔާރުންތަކަކާއި ސިޔާސީ ބާރުގަދަ ފަރާތްތަކުން، ގުރުބާންކޮށްލީ ކަމަށް، އެ ނޫހުގެ ހުރިހާ މުވައްޒަފުން ވެސް ގަބޫލުކުރި އެވެ. 

ދިވެހި ނޫސްވެރިކަމުގެ ތާރީހަށް ތެދުވެރިވާ ނަމަ މިއަދު ބުނަން ޖެހޭނީ ޒާހިރަކީ މިނިވަން ނޫސްވެރިކަމަށްޓަކައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ޝަހުސިއްޔަތު ކަމަށެވެ. ތިރީގައި އަޅުގަނޑު ފާހަގަ މިކުރަނީ އޭގެ ބައެއް ސަބަބުތަކެވެ.

'ހަވީރު' ވިއްކާލަން އުޅުނު ހިސާބު

ނޫސް ހިންގަވައިގެން ޒާހިރަށް މާލީ ގޮތުން ލިބިވަޑައިގެންނެވި މާ ބޮޑު މަންފާއެއް ނެތެވެ. ނޫހަކީ، އެހެން ވިޔަފާރިތަކާ ހިލާފަށް، ހިންގުމުގެ ހަރަދު ބޮޑު ދާއިރާއެކެވެ. ނޫހުގެ އުމުރުން 35 އަހަރަށް އެޅިގެން އައި އިރު ވެސް އެ ވިޔަފާރީގެ ފައިދާއިން، އެންމެ ކުޑަވެގެން، ޒާހިރުގެ އަމިއްލަ ގެކޮޅު ކޮޅަށް ޖެއްސެވޭވަރު ވެސް އޮތީ ނުވެފަ އެވެ. އެހެންކަމުން ރަނގަޅު ފުރުސަތެއް ލިބިވަޑައިގަތުމުން 'ހަވީރު' ވިއްކާލައްވަން ޒާހިރު ނިންމެވި އެވެ.

އަޅުގަނޑުގެ އަންހެނުންގެ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައި މަހެއްހާ ދުވަހު ހުރެފައި އެނބުރި އައުމާ އެކު ފުރަތަމަ ވެސް ޖެހުނީ ޒާހިރުގެ ގެކޮޅަށް ދާށެވެ. ރޭގަނޑުގެ ވަގުތެވެ. ނީލްވިލާގެ ފެހިކަން ގަދަ ގޯތިތެރެ އެވެ. ޒާހިރު ވިދާޅުވީ ރަނގަޅު އަގެއްގައި ނޫސް ގަންނާނެ ބަޔަކު ވެއްޖެ ކަމަށާއި، އެކަމުގައި އަޅުގަނޑުގެ ހިޔާލަކީ ކޮބައިތޯ އެވެ. އެއަށް ޖަވާބު ދޭން އަޅުގަނޑަށް ސިކުންތެއް ވެސް ނުނެގި އެވެ. ދެންނެވީ ޒާހިރާއި ޒާހިރުގެ އާއިލާއަށް ފައިދާ ހުރި ކަމަކަށް ވަންޏާ އަވަހަށް ވިއްކާލައްވާށޭ އެވެ. 

'ހަވީރު'ގެ 35 ވަނަ އަހަރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ވަޑައިގެންނެވި އޭރުގެ ނައިބު ރައީސް މުހައްމަދު ޖަމީލް، ޒާހިރު އާއި އަދި ދަރިކަލުން ވާއިލް ޒާހިރު ހުސެއިންއާ ސަލާންކުރައްވަނީ (ފޮޓޯ/ހަވީރު)

ޒާހިރަކީ މުވައްޒަފުންނަށް އިތުބާރުކުރައްވައި، މުވައްޒަފުންނާ މެދު ވަރަށް ގާތް ގުޅުމެއް ބޭއްވެވި ވެރިއެކެވެ. އެހެންކަމުން 'ހަވީރު' ވިއްކާލާ ވާހަކަ ނޫހުގެ ސީނިއަ އެންމެން ކައިރީގައި ވިދާޅުވާން ބޭނުންފުޅުވެ، އަނެއް ދުވަހުގެ ރޭ 'ހަވީރު' އޮފީހުގައި ހާއްސަ ބައްދަލުވުމެއް ބާއްވައި އެކަން އެންގެވި އެވެ. 

ކޮންމެވެސް ގޮތަކުން ފާރޫގާއި ރަޝީދު މޫސާއަށް އެކަން އެނގިވަޑައިގަތެވެ. 'ހަވީރު'ގެ މިލްކުވެރިކަމުގެ މައްސަލަ 2 މޭ 2013ގައި ސިވިލް ކޯޓަށް ވެއްދީ އެ ހިސާބުންނެވެ. ސިވިލް ކޯޓުން ވަގުތީ އަމުރެއް އޭރު ނެރުނީ މައްސަލަ ނިމުމުގެ ކުރިން 'ހަވީރު' ވިއްކާލުމުގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށެވެ. އެހާ ހިސާބުން ނޫސް ވިއްކުމުގެ މަރުހަލާއަށް ހުއްޓުންއެރީ އެވެ.

ފާރޫގާއި ރަޝީދު މޫސާއަކީ 'ހަވީރު'ގެ ފުރަތަމަކޮޅު ނޫހުގައި މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންނާއި، ނޫހުގެ ޗާޕްހާނާ ހިންގުމާ ހަވާލުވެ ހުންނެވި މޮނާޒާ މުހައްމަދު ނައީމްއާ އެކު 'ހަވީރު ނިއުސް އެޖެންސީ'ގެ ނަމުގައި އެޖެންސީއެއް އުފައްދަން ޒާހިރު، 31 މާޗު 1983ގައި އެއްބަސްވުމެއް ހެދި އެވެ. ފާރޫގާއި ރަޝީދު މޫސާ، ސިވިލް ކޯޓަށް މައްސަލަ ހުށައެޅުއްވީ 'ހަވީރު'އަކީ އެ އެޖެންސީގެ މިލްކެއް ކަމަށް ގަބޫލުކުރައްވައިގެންނެވެ.

'ހަވީރު' ޗާޕުކޮށް ނިމުމުން ނޫސް އެޅުމުގެ މަސައްކަތް ކުރަނީ

އެ އެއްބަސްވުން ނުހައްދަވާ ކަމަކަށް އެއްވެސް އިރަކު ޒާހިރު ވިދާޅެއްނުވެ އެވެ. އެކަމަކު ކޯޓުގައި ވެސް ވިދާޅުވީ އެއްބަސްވުން ހެދުން ފިޔަވައި އެއަށް އަމަލީ ސިފަ އަންނާނެ އެހެން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ 'ހަވީރު'ގެ އެއްވެސް މުދަލެއް ގާނޫނީ ގޮތުން އެ ނިއުސް އެޖެންސީއަށް ބަދަލުކޮށްފައި ނުވުމެވެ.

ސިވިލް ކޯޓުން 2013ގައި ނިންމީ ޒާހިރުގެ ކޮޅަށެވެ؛ 'ހަވީރު'ގައި އެހެން އެއްވެސް މީހެއްގެ ހިއްސާއެއް ނެތުމެވެ. 

ސިޔާސީ ނުފޫޒާއި ޝަރުއީ ދާއިރާގެ ބޭއިންސާފު

އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމެވެ. އެ ސަރުކާރުގެ ފުރަތަމަ ހިޔާނާތް، 2014ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް، ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ނަމުގައި، އެމްޕީއެލް އިން އެމްއެމްޕީއާރުސީއަށް ދިން ފައިސާގެ ހަބަރަކީ، އެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅުންނަށް 'ނުރައްކަލަކަށް' ވި އެވެ. އެ މުއާމަލާތުގެ ވާހަކަ އާންމުވީ އޭރުގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ނެރުއްވި ރިޕޯޓަކުންނެވެ. ނަމަވެސް އެ ރިޕޯޓްގެ ވާހަކަ 'ހަވީރު'ގައި ޖެހުމުން ސަރުކާރުގެ އިސް ބޭފުޅަކު އަޅުގަނޑަށް ގުޅުއްވާ 'ތިމަންނަމެންނާ ޖައްސާލަނީ ނޫންތޯ'އޭ ވިދާޅުވި އެވެ. އަޅުގަނޑުގެ ޖަވާބަކީ އެއީ އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓެއް ކަމެވެ.

މިނިވަން ނޫސްވެރިކަމަކީ ޔާމީން އާއި އެމަނިކުފާނު ސަރުކާރުގެ ބައެއް ބޭފުޅުންނަށް މާ މުހިންމު ހައްގަކަށް ނުވެ އެވެ. އެ ހައްގު އަބަދުވެސް މުހިންމުވަނީ ވެރިކަން ގެއްލި އިދިކޮޅުގައި ތިބޭ އިރު އެވެ. 'ހަވީރު' އަކީ ރާއްޖެއަށް ނޫސްވެރިކަމުގެ މިނިވަންކަން ލިބެން ފެށުމާ އެކު އެ މިނިވަންކަން ބޭނުންކުރި ނޫހެކެވެ. އެހެންކަމުން އެއްވެސް ސަރުކާރަކުން 'ހަވީރު'އާ މެދު ހިތްހަމައެއް ނުޖެހެ އެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރުގެ އިއުލާންތައް ނޫސްތަކަށް ދިނުން ހުއްޓާލުމުގެ މައިގަނޑު އަމާޒަކީ 'ހަވީރު' 'ފުނޑާލުމެ'ވެ. ނަމަވެސް އޭރުގެ ވެރިންނަށް ވެސް އެނގިވަޑައިނުގަތީ ސަރުކާރުގެ އިއުލާންތައް ނުދިނަސް ނޫސް ކުރިއަށް ގެންދެވޭހާ ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް މުއްސަނދިކަމެވެ. އިސްތިހާރުކުރަން އެ ވިޔަފާރިތަކުގައި ފައިސާ ހުރި ކަމެވެ.

7 ފެބްރުއަރީ 2012ގައި ރައީސް ނަޝީދު ސިފައިންނާ އެކު: ނަޝީދު އިސްތިއުފާ ދެއްވުމުން 8 ފެބްރުއަރީގައި އުފެދުނު ބޮޑު ހަމަނުޖެހުން ވެސް 'ހަވީރު'ން ލައިވްކޮށް ގެނެސްދިން (ފައިލް ފޮޓޯ/އީޓާބޯނިއުން)

އެމްޑީޕީގެ ސަރުކާރުގެ އުއްމީދު ހާސިލެއް ނުވި އެވެ. އެކަމަކު އެމްޑީޕީއަށް މިނިވަން ނޫސްވެރިކަމަކާއި 'ހަވީރު' ކަހަލަ ނޫހެއް އޮތުމުގެ މުހިންމުކަން ވިސްނުނީ 8 ފެބްރުއަރީ 2012ގަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ފަހު އެ ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި ދަމާލި އެމްޑީޕީގެ ސަޕޯޓަރުންގެ ދިގު ސަފާ ދެކޮޅަށް ފުލުހުން ހިންގި އަނިޔާވެރި އަމަލްތައް ވަގުތުން ކަވަރުކުރީ 'ހަވީރު'ންނެވެ. އެ ދުވަހު އެމްޑީޕީގެ އިސް ވެރިންނާއި ސަޕޯޓަރުން ގަބޫލުކުރީ 'ހަވީރު'އަކީ ވަކި އަތަކަށް ނުޖެހޭ ނޫހެއްގެ ގޮތުގަ އެވެ.

ޔާމީންގެ ސަރުކާރަށް ވެސް މައްސަލައަކަށް ވީ އެ އެވެ؛ ވަކި ކޮޅަކަށް ނުޖެހި ކުރި ނޫސްވެރިކަމެވެ. އެހެންކަމުން ރަނގަޅު ވަގުތެއް ކަމަށް ބަލައި، ފާރޫގާއި ރަޝީދު މޫސާ ލައްވާ، ހައި ކޯޓްގައި 'ހަވީރު'ގެ މައްސަލަ އިސްތިއުނާފްކުރި އެވެ. އެއީ އޭރު އިސްތިއުނާފަށް ލިބޭ ތިން މަސް ދުވަހުގެ މުއްދަތު ވެސް ނިމުނު ފަހުން ކޯޓުގެ 'ފަހަތު ދޮރުން' ވައްދައިގެން ކަަމަށް ބެލުމުގެ ފުރުސަތު އޮތެވެ.

ހައި ކޯޓުގައި ފުރަތަމަ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ އެއް ފަނޑިޔާރަކު، ރާއްޖޭގެ އެހެން ދިމާއަކަށް ފޮނުވާލަން ނިންމި އެވެ. އޭރު  އިސްތިއުނާފްގެ މައްސަލަ އޮތީ ހުކުމާ ހަމަގައިގަ އެވެ. އާ ފަނޑިޔާރަކު ބެންޗަށް ލައިގެން އިއްވި ހުކުމް އައީ ފާރޫގާއި ރަޝީދު މޫސާގެ ހައްގެއް 'ހަވީރު'ގައި އޮތް ކަމަށާއި އެ ހައްގު ހޯދަން ސިވިލް ކޯޓަށް އަލުން ދެވިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު: 'ހަވީރު'ގެ މުވައްޒަފުން ދެ އަހަރު ވަންދެން ނޫސްވެރިކަމުގެ މަސައްކަތެއް ނުކުރެވޭނެ ކަމަށް ހުކުމް ނެރުނީ އަލީ ހަމީދު ވިދާޅުވެގެން ކަަމަށް ގާޒީ މުހައްމަދު ހަލީމް ބަޔާން ދެއްވި (ފޮޓޯ/މިހާރު)

'ހަވީރު' ހުއްޓާލަން ޖެހުނު އަމުރު 31 މާޗު 2016ގައި އައީ އެ ހައްގު ހޯއްދަވަން އެ ދެ ބޭފުޅުން ހުށައެޅުއްވި މައްސަލައާ އެކު އެވެ.

ހައި ކޯޓުގެ ހުކުމް ޒާހިރުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެކަމަކު ޝަރީއަތަކާ ހަމައަށް ނުގެންގޮސް ސުޕްރީމް ކޯޓުން އެންގީ ހަައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. މިފަދަ ބޭއިންސާފު ނިންމުމެއް އައީ ކީއްވެގެންކަން ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އޭނާއާ ދެކޮޅަށް ޔާމީންގެ ސަރުކާރުން މައްސަލަތައް ވައްދަން އުޅުނު ހިސާބުން އެ އޮތީ އެނގޭށެވެ.

ފެބްރުއަރީ 1ގެ ސުޕްރީމް ކޯޓު ހުކުމް ބަލައިނުގަނެ ޔާމީން ނިންމެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު ހަމީދު ހައްޔަރުކުރާށެވެ. ސުޕްރީމް ކޯޓަށް ގަދަކަމުން ސިފައިންނާއި ފުލުހުން ވަދެ، އެ ދެ ބޭފުޅުން ހައްޔަރުކުރި ހިސާބުން، ގާޒީ ހަލީމް ކަހަލަ ބޭފުޅުން ވެސް ތިއްބެވީ އަލީ ހަމީދުއާ ދެކޮޅަށް 'ހެކިބަސް' ދެއްވަން ތައްޔާރަށެވެ. ފުލުހުންނަށް އޭނާ ދެއްވި ބަޔާނުން އެކަން އެ އޮތީ އެނގޭށެވެ.

'ހަވީރު' ބަންދުކޮށް އެ ނޫހުގެ މުޅި ޓީމު 'މިހާރު'ގެ ނަމުގައި، އެންމެ ދެ މަސް ތެރޭގައި އާ ނޫހެއް އުފެއްދި އެވެ. އެކަމަކު 'ހަވީރު' އާއި 'ހަވީރު އޮންލައިން'ގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރު ވަންދެން ނޫސްވެރިކަމުގެ މަސައްކަތް ނުކުރެވޭނެ ކަމަށް ހަލީމް އޮތީ ހުކުމެއް ނެރުއްވައިފަ އެވެ. އަލީ ހަމީދާ ދެކޮޅަށް ފުލުހުންނަށް އެޕްރީލް 2018ގައި ދެއްވި ބަޔާނުގައި އޭނާ ވިދާޅުވެފައި އޮތީ އެ ހުކުމް އެގޮތަށް ބަދަލުކުރެއްވީ އަލީ ހަމީދު ކަމަށެވެ. 'ހަވީރު'އާ ދެކޮޅަށް ހުކުމް ކުރެއްވުމުގެ ކުރިން އެ ހުކުމްތައް ހިފައިގެން ފުރަތަމަ ވަޑައިގަންނަވަނީ ސުޕްރީމް ކޯޓަށް، އަލީ ހަމީދުގެ އަރިހަށް ކަމަށް، އެ ބަޔާނުގައި ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި އޭނާގެ އަސްލު ހުކުމުގައި މުވައްޒަފުންނަށް މަސައްކަތްނުކުރެވުމުގެ ބައެއް ނުހިމެނެ އެވެ.

"ނަމަވެސް ފަނޑިޔާރު އަލީ ހަމީދު ގެންނެވި ބަދަލުތަކުގެ ތެރޭގައި ހަވީރު ނޫސް އިދާރާގެ އެއްވެސް މުވައްޒަފަކަށް އެއްވެސް މީޑިއާއެއްގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ހިމަނުއްވާފައިވެ އެވެ. މިހެންވުމުން އެ ހުކުމަށް ފަނޑިޔާރު އަލީ ހަމީދު ގެންނަވާފައިވާ ބަދަލުތަކާ އެކު އަޅުގަނޑު އެ ހުކުމް ކުރީމެވެ،" ފުލުހުންނަށް ދެއްވި ބަޔާނުގައި ހަލީމް ވިދާޅުވި އެވެ.

އަލީ ހަމީދު މެދުވެރިކޮށް 'ހަވީރު'ގެ މައްސަލައަށް ނުފޫޒު ފޯރުވީ، އޭރު 'ހަވީރު'ގެ މުވައްޒަފުން ގަބޫލުުކުރި ގޮތުގައި، ޔާމީންގެ ސަރުކާރުގެ ބައެއް ބޭފުޅުންނެވެ.

މިހާ ހިސާބުން 'ހަވީރު'ގެ މައްސަލައަކީ ސިޔާސީ އަދި ފަނޑިޔާރުންގެ ބޭއިންސާފު ނިންމުންތަކެއްކަން އެނގެ އެވެ. މިއީ ރާއްޖޭގެ އެންމެ ދުވަސްވީ އަމިއްލަ މީޑިއާ ފުނޑުކޮށްލުމުގެ ރޭވުން އޮތް ހުކުމްތަކެއްކަން ވެސް މި އޮތީ އެނގޭށެވެ.

ޒާހިރަށް އެންމެ ފަހުން ހައްގު

އިއްޔެއަކީ 84 އަހަރުގެ ޒާހިރަށް ހައްގު ލިބިވަޑައިގެންނެވި ދުވަހެވެ. އާ ސުޕްރީމް ކޯޓަށް 2021ގައި ހުށައެޅި މައްސަލައިގެ ހުކުމް އައީ، 'ހަވީރު'ގައި ޒާހިރު ނޫން އެހެން ބޭފުޅެއްގެ އެއްވެސް ހިއްސާއެއް ނެތް ކަމަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ 'ހަވީރު ނިއުސް އެޖެންސީ'ގެ އެއްވެސް ހައްގެއް 'ހަވީރު'ގެ މިލްކިއްޔާތުގައި ނެތުމެވެ. 

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ހުކުމުން އެހެން ކަމެއް ވެސް އޮތީ ސާބިތުވެފަ އެވެ. އެއީ 31 މާޗު 1983ގައި ހަތަރު ބޭފުޅުންގެ މެދުގައި ހަވީރު ނިއުސް އެޖެންސީގެ އެއްބަސްވުމެއް ހަދާފައި އޮތަސް، އެ އެޖެންސީ ސަރުކާރުގައި އެ އަހަރުގެ އޮގަސްޓް މަހު ރަޖިސްޓްރީކުރި އިރު ޒާހިރުގެ ނަންފުޅު ނެތުމެވެ. ރަޖިސްޓްރީކޮށްފައި އޮތް ނިއުސް އެޖެންސީގައި ތިއްބެވީ ފާރޫގާއި ރަޝީދު މޫސާ އަދި ނައީމް އެވެ.

ޒާހިރަށް އެންމެ ފަހުން ހައްގު ލިބިވަޑައިގެންނެވި އިރު 'ހަވީރު'ގެ އަގުުހުރި މުދާތައް އެހުރީ ދަބަރަށް ވެފަ އެވެ. 'ހަވީރު'ގެ ޗާޕްހާނާ، 'ލޯމާފާނު ޕްރިންޓް'އަކީ އޭރު ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޗާޕްހާނާ އެވެ. އެތަނަށް 2006ގައި ގަތް ހަތަރު ކުލައިގެ މެޝިންގެ އަގަކީ ވެސް އޭރު ގާތްގަނޑަކަށް 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) އެވެ. އެ މެޝިން ނުހިންގާތާ މި މަހު 31 އަށް ބަަރާބަރު އަށް އަހަރު ވާނެ އެވެ. އޭގެ އިތުރުން ކުލަ ތިން މެޝިން އާއި ޗާޕްކުރަން ބޭނުންވާ އެހެން ގިނަ ސާމާނުތައް އެހުރީ ހަލާކުވެފަ އެވެ.

'ހަވީރު'ގެ ބްރޭންޑްގެ އަގު، އޭރު ހިސާބުކުރި ގޮތުން ވެސް ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ)އަށް އަރަ އެވެ. އެ ނޫހުގައި އޮތް 37 އަހަރުގެ އާކައިވް ފަދަ ތަރީހީ މައުލޫމާތު، އަމިއްލަ އެހެން އެއްވެސް މީޑިއާއެއްގައި ނޯންނާނެ އެވެ. 

އިއްޔެ އަޅުގަނޑާއި 'ހަވީރު'ގެ އާއިލާގެ ބައެއް އެހެން ބޭފުޅުން ޒާހިރުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރީމެވެ. އަޅުގަނޑުގެ އެކުވެރި އަދި ކެރޭ ނޫސްވެރިޔާ/ފޮޓޯގްރާފަރު މުހައްމަދު ޒާހިރު (މީމުޒަވިޔަނި)އަށް ޒާހިރު ފެނުމުން ކުރެވުނު އިހުސާސްތައް ނުހިފެހެއްޓި، ރޮވުނީ އެވެ. މީމުޒަވިޔަންޏަކީ 1980ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 'ހަވީރު'ގެ އެންމެ މުހިންމު އެއް ޝަހުސިއްޔަތެވެ. އޭނާ އާއި 'ހަވީރު' ގުޅިފައި އޮތީ އެހާމެ ބޮޑަށެވެ. 

ހަގީގަތަށް ބުނާ ނަމަ ޒާހިރު އާއި އާއިލާއަށް ކުރިމަތިވި މާލީ ބޮޑު ގެއްލުމުގެ ބަދަލު ލިބޭނެ ގޮތެއް ނެތެވެ. ވެރިކަމުގައި ތިބި މީހުންނަށް ދައުލަތުގެ ވަޒީފާ ގެއްލުން ފިޔަވައި އޮތީ މާލީ ތަނަވަސްކަމާއި އާ އިންވެސްޓްމަންޓްތަކެވެ. އެމީހުން އެ އުޅެނީ ހަމަ ހެވިފަ އެވެ. އާންމު ސަޕޯޓަރުން އެ މީހުން އެދެކެނީ ގައުމީ ބަތަލުންގެ ގޮތުގަ އެވެ.

އެކަމަކު ހަގީގަތުގައި ގައުމީ ބަތަލުންނަކީ ޒާހިރު ފަދަ ބޭފުޅުންނެވެ.

ކޮމެންޓް (8)

ހގހފ

9 މާރިޗު 2024
ހަމަ އެ ގޮތަށް މައުމޫނުގެ ވެރިކަން ހިފެހެއްޓުމަށް ހަވީރުން ކުރި މަސައްކަތްތައް ވެސް ލިޔެލިނަމަ ފުރިހަމަ ވީސް. 19 އަދި 20 ސެޕްޓެމްބަރުގެ އީވާން ނަސީމު ހާދިސާއާއި މާލޭގައި ހުޅުޖެހި ހާދިސާ އެދުވަހު ހަވީރުން ގެނެސްނުދީ މަތި އޮމާންކުރިއިރު ކޮބާ މޫސާ ލަތީފު
2 0

ކެރެންޔާ ރަނގަޅަށް ކެރޭށެވެ

6 މާރިޗު 2024
މޫސާ ލަތީފެވެ. ޒަމާން މިއޮތީ ބަދަލުވެފައެވެ. ޔާމީނެއް ވެރިކަމުގައި ނެތެވެ. އޭނާގެ އައުވާނުން އެދަނީ ރައީސް މުޢިއްޒު އާއި ޢާއިލާއަށް މަލާމަތް ކުރަމުން ފިތުނަ އުފައްދަމުންނެވެ. ސަރުކާރަށް މަޖުލިސް ނުލިބޭތޯ ކޮންމެ ރެޔަކު ޕޯޑިއަމް ހިނގައެވެ. ހަވީރު ނޫހަށް ޔާމިނުގެ އައުވާނުން ދިން ގެއްލުމަކީ މަވެސް ލޮލުން ކަރުނަ އެޅުނު ކަމެކެވެ. ވީމާ، މިއަދު ބުނާށެވެ. ޝަރީޢަތަށް ނުފޫޒު ފޯރުވި އެންމެން ބުނާށެވެ. މަޖުލިސް އިންތިހާބުގެ ކުރިން ހަޤީގަތް ހާމަކުރާށެވެ. އަހަރުމެން އެއީ ކޮންބަޔެއް ކަން އެނގެން ބޭނުމެވެ. ޑރ.ޒާހިރު ހުސައިން އަށް ދިން މާލީ ގެއްލުމުގެ ޒިންމާ އެމީހުން އުފުލަންޖެހޭނެއެވެ. މިއަދު އެމީހުން މުއްސަދިކޮށް އެއުޅޭ ހައްގު ނޫން ގޮތަށް އުޅެން ފުރުޞަތު ނުދޭށެވެ. އެމީހުނަށް ލިބުނު ފުރުޞަތުގައި އެ އޮތީ ހަވީރު ފުޑާލާފައެވެ. ވީމާ، އަޚާއެވެ، އެޤައްދާރުންގެ ނަންތައް ބުނެދޭށެވެ.
1 0

ޙުސައިން

7 މާރިޗު 2024
@ކެރެންޔާ ރަނގަޅަށް ކެރޭށެވެ "ކެރެންޔާ" މިގޮތަކަށް ނޫން ދިވެހިބަހުން ލިޔަނީ. "ކެރެންޏާ" މި ގޮތަށް ލިޔަނީ.
1 0

ރާހުތް

6 މާރިޗު 2024
ތިޔައީ ސްޓޯރީގެ އެއްސައިޑް. އަނެއް ސައިޑް އެނގުނީމަ އެއްޗެކޭ ބުނެވޭނީ
3 3

ސަލީމް

4 މާރިޗު 2024
ހަވީރުން ސީދާ އަންގައިގެން ކިތައް މީހުން ޖަލަށް ލި ...ހަވީރު ނޫހުގައި ލިޔެގެން ޒާހިރު މައްސަލަ ބަލާ ހުކުމް ކުރި މީހުންގެ ހައްގު ޒާހިރު ދިންތަ
3 10

ހަލީމް

4 މާރިޗު 2024
އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގު ހަސަން ދިވެހި ނޫސްވެރިކަމަށް ދިން މި ގެއްލުމުގެ ބަދަލު ހޯދާ ނޫސްވެރިކަމުން އެދެމީންނަށް ދިން އެވޯޑެއް ނުވަތަ ޝަރަފެއްވެސް އަތުލާ އެ ދެމީހުންގެ އެއްވެސް އެއްޗެއް އެއްވެސް ނޫހެއްގައި ޝާއިޢުކުރުން 10 އަހަރަށް މަނާކުރުމަށް ފެނޭ
14 2

ޙަލީމާ

4 މާރިޗު 2024
ހަލީމް ބާއި އާ ދައުވާ ކުރި 3 އައުވާނުން އަތުން ބަދަލު ހޯދާ
19 0

އެދުރުބެގެ ދަރި

4 މާރިޗު 2024
ހަވީރަކީ ޒާހިރުގެ މިލްކެއް ފަދައިން ދިވެހި ރައްޔިތުންގެ ވެސް ހައްގެކެވެ އެ ހައްގުގައި ތަޅު އަޅުވާފައި އަށް އަހަރު ބޭއްވި އިރު ލިބުނު ގެއްލުމުގެ ބަދަލު ދޭނީ ކިހިނެއް ހެއްޔެވެ؟ މިލިއަނެއްހާ ރުފިޔާގެ އެ ބްރޭންޑް މިއަދު އެ ވަނީ ދަބަރަށްވެފައެވެ. އޭގެ ބަދަލު ދޭނީ ކާކު ހެއްޔެވެ؟
17 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް