ޑިޕްރެޝަން

އުމުރުން ފަސް އަހަރުގައި ނަފްސާނީ ބަލީގެ ޝިކާރައަކަށް؛ ސާބިތުކޮށްދިނީ ފަރުވާކޮށް ރަނގަޅުކުރެވޭނެކަން

ނަފްސާނީ ބަލި ތަހައްމަލު ކުރާ މީހުން ރާއްޖޭގައި ގިނަ. އެކަމަކު މި ޒުވާނާ ސާބިތުކޮށްދިނީ މިއީ ފަރުވާ ކުރެވިދާނެ ކަމެއްކަން
13 ފެބްރުއަރީ 2024
2

ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ، މިއަދު އަނެއްކާވެސް ޒުވާނަކު މަރުވީ އެވެ. އެއާ އެކު، ހަމްދަރުދީގެ މެސެޖްތަކުން ސޯޝަލް މީޑިއާ ފުރާލި އެވެ. ދެން އެންމެން ވެސް ދައްކަން ފެށީ އެ ބަލީގެ ޝިކާރައަކަށްވެ، ދިރިއުޅުން ހަފުސްވިޔަ ނުދީ ދެން ކުރެވިދާނެ ކަންކަމުގެ ވާހަކަ އެވެ.

މި ވާހަކަތަކުގެ ތެރެއިން، ވަރަށް ކުޑައިރުއްސުރެ ނަފްސާނީ ބައްޔާ ކުރިމަތިލާން ޖެހި، އެ ބަލިން ސަލާމަތްވާން އަހުމަދު (ފުރިހަމަ ނަމެއް ނޫން) ކުރި ހަނގުރާމައިގެ ވާހަކަ ހާއްސަވި އެވެ. އެއީ ފަރުވާކޮށްގެން، ނައްތާލެވިދާނެ ބައްޔެއްކަން އޭނާ ސާބިތުކޮށްދިނުމުންނެވެ.

ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަހުމަދު ކިޔައިދިން ގޮތުގައި ވަރަށް ކުޑައިރުއްސުރެ އޭނާ ދިޔައީ ބަލީގެ ބިރުވެރިކަން ތަހައްމަލު ކުރަމުންނެވެ. އުމުރުން އެންމެ ފަސް އަހަރުގައި، ފުރަތަމަ ކަންކަމާ ހިތްބިރު ގަނެ، ކަންބޮޑުވެ ހާސްވާން ފެށީ އެވެ. އެގޮތަށް އެންމެ ފުރަތަމަ އޭނާ ބިރުގަންނަން ފެށީ ހަންޑި ނޫނީ ޖިންނި ފަދަ ތަކެތި ފެނިދާނެތީ އެކަމާ މެދުގަ އެވެ.

"އޭރު ގޭގެ ސީލިން ނުކޮށް ހުންނާތީ ޓިނު ފުރާޅަށް ބަލަމުން ނިދޭނީ ވެސް. ރޭގަނޑު ފާހާނައަށް ވަނަސް އަބަދު ހުރެވެނީ ފެންލައިޓަށް ބަލަން. ޖިންނިއެެއް އަތުވެދާނެތީ،" އަހުމަދު ކިޔައިދިނެވެ.

"އަބަދުވެސް ނަަފްސު ހުންނަނީ ކަންބޮޑުވުމެއްގައި. ހާސްވެ، ބިރުވެރިކަމެއްގެ ތެރޭގައި."

ޖިންނި ދެކެ ގަންނަ ބިރެއްގެ ސަބަބުން، ކިތަންމެ ބޭނުންވިޔަސް، ފާހާނާއަށް ނުގޮސް އޭނާ ގިނަ އިރުތަކެއް ވަންދެން އުޅެން ޖެހުނެވެ.

ގުރުއާން: އަހުމަދު ބުނީ ގުރުއާނާއި ނަމާދުން ވެސް އެހީތެރިކަން ލިބުނު ކަމަށް. އަދި ބޭހުން ވެސް ފަރުވާ ހޯދި

އަހުމަދު ކިޔައިދިން ގޮތުގައި އެ ބިރު ކެނޑުނީ، އޭނާގެ ކާފަ، ހިތްބިރުގަތުމަށް ގުރުއާންގެ އާޔަތްތަކެއް ކިޔަވައި ފެން އެޅުމުންނެވެ. އެކަމަކު އެއީ ނިމުމެއް ނޫނެވެ.

އުމުރުން 10 ވަރަކަށް އަހަރަށް ފަހު ދެން އޭނާ ބިރުގަންނަން ފެށީ ބަލިތައް ދެކެ އެވެ. ޓީވީން ނުވަތަ އެހެން ވެސް ގޮތަކުން ބައްޔެއްގެ ވާހަކަ އިވުނަސް، ވިންދު އަވަސްވެ، ބާރަށް ހިތްތެޅެން ފަށަ އެވެ. ހާޓް އެޓޭކާއި އެއިޑްސް އާއި ކެންސަރު ފަދަ ބަލިތައް ޖެހިދާނެ ކަމަށް ހިތާ، އެއްތާކު ހަމަޖެހިލައިގެން ނީނދެވޭ ކަމަށް އަހުމަދު ބުންޏެވެ.

އެ ހާސްކަމުން ސަލާމަތްވުމަށް، ބޭރަށް ނުކުމެ ކުޅެން އުޅުނު ނަމަވެސް އެއްވެސް ކަމަކުން އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންވެ، ނަތީޖާއަކަށް ވީ، ބޭރުތެރެއަށް ނުކުމެ އުޅުން މަދުވެ، ކުޅިވަރާއި މީހުންނާ ދުރުވެ، އެކަހެރިވުމެވެ. ކިރިޔާ ވެސް އުފާވެރިކަމެއް ލިބެނީ ކެއުމުން ކަމަށް ވުމުން، އިސާހިތަކު އޭނާ ފަލަވާން ފެށި އެވެ.

އުމުރުން، 11-12 އަހަރުގައި މިސްކިތަށް ނަމާދަށް ދާން ވެސް އަހުމަދު ޖެހިލުންވި އެވެ. އޭނާއަށް ހީވަނީ، ނަމާދަށް ހުންނައިރު ވެސް ބޯ އަނބުރައިގަނެ، ހޭނެތިގެން ވެއްޓިދާނެ ހެންނެވެ. އެހެންވެ، މަންމަމެން ނަމާދަށް ފޮނުވީމައި ވެސް، އޭނާ މިސްކިތަށް ނުގޮސް އިންނަނީ ގެއެއްގެ ޖޯލިފަތީގަ އެވެ.

"މަންމަމެން އޭރު އެ ވާހަކަތައް ކިޔައި ދިނަސް ގަބޫލެއް ނުކުރޭ. ނަމާދު ނުކުރަން ދައްކާ ބަހަނާކަމަށް ދެކެނީ،" އަހުމަދު ބުންޏެވެ.

ހިޔާލީ ދުނިޔޭގެ އެ ބިރުވެރިކަން، އޭނާގެ ކުޑައިރުގެ އުފާވެރި ދިރިއުޅުން ހަލާކުކޮށްލި އެވެ. އަބަދުވެސް އޭނާއަށް ހީވަނީ، ވުޖޫދުގައި ވެސް ނެތް އެއްޗެހިތަކެއް އައިސް ދުނިޔެ ނައްތާލަފާނެހެންނެވެ.

ހުރިހާ ވެސް އެއްޗަކީ އުއްމީދު ކަނޑާނުލުން

މި ވާހަކަތައް އާއިލާއާ ހިއްސާކުރުމުން، އެ މީހުން ބުނީ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔައި، ގިނަ ގިނައިން ގުރުއާން ކިޔެވުމަށެވެ.

"އަޅުގަނޑު އެކަމަށް ރައްކާތެރިވިން. އަދި އެގޮތަށް އަމަލު ކުރުމުން ވޭނުގެ މިންވަރު ބޮޑު ތަނުން ލުއިވި. ނަމަވެސް މުޅިއަކުން ނައްތައެއް ނުލެވުނު،" އަހުމަދު ކިޔައިދިނެވެ.

"އެހެން ކުދިން ޔާސީން ސޫރަތް އެއް ފަހަރު ކިޔަސް، އަޅުގަނޑަށް ކިރިޔާ ވެސް ހަމަޖެހުމެއް ލިބެނީ ސޫރަތް ތިން ފަހަރު ނޫނީ ހަތް ފަހަރު ކިޔައިގެން. ދުއާތައް ވެސް [އެގޮތަށް] ގިނަ އަދަދަކަށް ކިޔަން ޖެހޭ." 

ނަފްސާނީ ބަލީގެ ސަބަބުން އަހުމަދުގެ ޒުވާން އުމުރުފުރާގައި ވެސް ކުރިމަތިލާން ޖެހުނީ އެކަނިވެރިކަމާ އެވެ. އަބަދުވެސް އޭނާއަށް ޖެހެނީ އަމިއްލަ ނަފްސާ ހަނގުރާމަކުރާށެވެ. ސިކުނޑި އޭނާއަށް ވިސްނައިދެމުން ދިޔައީ، އެއީ ހުނަރުވެރިކަމެއް ނެތް، ގާބިލް މީހެއް ނޫންކަމެވެ. ނަތީޖާއެއްގެ ގޮތުން އެހެން މީހުން ވެސް ގަބޫލުކުރީ އެގޮތަށެވެ؛ އެއީ، ހުނަރުވެރިކަމެއް ނެތް ފަލަ ކުއްޖެކެވެ.

އަހުމަދަކީ ގުރުއާންގެ ސޫރަތްތައް ހިތުދަސްކޮށް، ރީތިކޮށް ގުރުއާން ކިޔަވާ ކުއްޖަކަށް ވުމުން، އިމާމްވެ ނަމާދު ކުރަން އޭނާއަށް ފުރުސަތު ލިބުނު ނަމަވެސް، އެކަން ވެސް އޭނާއަކަށް ނުކުރެވުނެވެ. ހިތުދަސްވެފައިވާ މިންވަރާ މެދު ސުވާލު އުފެދި، އަމިއްލަ ނަފްސަށް އެ ޔަގީންކަން ނޯންނާނެތީ އެވެ.

ނަފްސާނީ ބައްޔާ ގުޅޭ ގޮތުން ހޭލުންތެރިކުރަން އަހުމަދު ފޭސްބުކްގައި ލިޔުނު އެ ޕޯސްޓުގައި އޭނާއާ ކުރިމަތިވި މި ފަދަ އެތައް ކަމެއްގެ ވާހަކަ އޭނާ ހިއްސާކުރި އެވެ. ބަލީގެ ސަބަބުން މޮޅު ތައުލީމެއް ހާސިލް ކުރުމަށް ހުރަސް އެޅުނު ގޮތެވެ. އަދި ކިޔެވުން ނިންމައި، ވަޒީފާގެ މާހައުލުން ވެސް ކުރިމަތިވި އެ ގޮންޖެހުންތަކެވެ.

އެ ޒުވާނާ ކިޔައިދިން ގޮތުގައި އެ ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލުމަށް އޭރު އޭނާ ބޭނުން ކުރީ، އަޅުކަމެވެ. އޭނާ ހިތްވަރު ހޯދީ ނަމާދާއި ޒިކުރުކުރުމުންނެވެ. ގިނައިން ޔާސީން ސޫރަތް ކިޔަވައިގެންނެވެ. ދިރިއުޅުމާ މެދު އުއްމީދު ކަނޑާނުލައި އޭނާއަށް ހުރެވުނީ އެހެންވެ އެވެ.

"[އެކަމަކު] އޭރުވެސް އަޅުގަނޑަށް މި ވަނީ ކީއްކަމެއް ނޭނގޭ. މަންމަމެން ބުނާގޮތުގައި މިއީ ޑޮކްޓަރުންނަށް ވެސް ފަރުވާކުރެވޭނެ ކަމެއް ނޫން. އަދި ޑޮކްޓަރު ދޭ ކެމިކަލް ބޭސް ބޭނުންކުރުމަކީ މަންމަމެން އެއްވެސް ގޮތަކަށް ރުހޭކަމަށް ނުވި،" އަހުމަދު ބުންޏެވެ.

އެކަމަކު ބައްޔަށް ނިމުމެއް ގެނައުމަށް، އޭނާ ޑޮކްޓަރަށް ދައްކައި ބޭސް ކާން ފެށި އެވެ. ފުރަތަމަ ކާން ފެށި ބޭހުން ލުއި ނުލިބުމުން، ދެ ވަނަ ފަހަރަށް ވެސް ޑޮކްޓަރަށް ދައްކައި ބޭސް ނެގި އެވެ. ނަފްސާނީ ބައްޔަށް ނިމުމެއް އައިސް، ދުނިޔެވީ އުފާތައް އޭނާއަށް އިހުސާސްވާން ފެށީ އެހާ ހަމައިންނެވެ. 

"އަލްހަމްދުލިއްލާހި،" އަހުމަދު ލިޔުނެވެ.

"މިއަދު އިމާމްވެ ނަމާދުކުރާކަށް ޖެހިލުމެއް ނުވޭ. މިއަދު މިއީ ސުކޫލެއްގެ ޤުރުއާން މުދައްރިސެއް. އެންޒައިޓީގެ ސަބަބުން ވީ އުނދަގޫތައް މުޅިން ނެތިގޮސް ދިރިއުޅުމުގެ ހުރި ދަތިތަކާއި ހުރަސްތައް ނައްތާލެވިއްޖެ."

އޭނާ އެދުނީ ނަފްސާނީ ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، އެކަމަށް ފަރުވާ ހޯދާށެވެ. ނަމާދާއި ގުރުއާނާ ޒިކުރުން މީހާގެ ހިތް އަލިކޮށް، ޑޮކްޓަރީ ފަރުވާ ވެސް ހޯދުމަށެވެ. ބަލީގެ ޝިކާރައަކަށްވެ، ދިރިއުޅުން ބޭކާރުކޮށްނުލުމަށެވެ.

ކޮމެންޓް (2)

އަޒީ

14 ފެބްރުއަރީ 2024
ބައެއްފަހަރަށް ޓީޗަރުން ކުދިންނާ ދޭތެރޭ ކަންތައް ކުރާގޮތަކުންވެސް ނަފްސާނީ ބަލީގެ ޝިކާރައަކަށްވޭ. ތިމާމީހާއަކީ މީހުން މާ ބަލައިގަންނަ އެންމެންގެ ރުހުމާއި ގަދަރު ލިބިފައިވާ ، ޝާހީ މީހެއްކަން އަނެކާއަށް އިޙުސާސްކޮށދިނުމަށް ދެރަ ނިކަމެތި ކުދިންގެ ވާހަކަ މުޅިރަށުތެރޭގަ ފަތުރަމުންދާ ޖިންނީންތައް އުޅޭ.
1 0

މުހައްމަދު ސަމީރު

14 ފެބްރުއަރީ 2024
ނަފްސާނީ ބައްޔަކީ ވަރަށް ވޭންހުރިކަމެއްކަން އަޅުގަނޑުވެސް ދަންނަން
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް