ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ މެމްބަރުން މަޝްވަރާއެއްގައި. (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

އެމްޑީޕީން ފުރަތަމަ ކުރަންވީ ކަމަކީ ކެބިނެޓަށް ރުހުން ދިނުން، ފިޔަވަޅު އެޅުން އޭގެ ފަހުން

ރައީސް މުއިއްޒުގެ ސަރުކާރު އައީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރާކަށް ނޫން. އެހެންކަމުން ކުރީ ސަރުކާރުން ހިންގި ކަމެއް ނުހިންގައިގެން ވަޒީރުންނަށް ރުހުން ދިނުމާ ދެކޮޅު ހެދޭނެ ސަބަބެއް ނެތް
18 ޑިސެމްބަރު 2023
6

ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދިނުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. އެކަމަކު ސުވާލު އުފެދެނީ 22 ވަޒީރުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޖިލިހުގެ ރުހުން ލިބިވަޑައިނުގެން، އެންމެ 20 ދުވަހުގެ ތެރޭގައި ކެބިނެޓުން ދުރަށް ވަޑައިގަންނަވަން ޖެހިދާނެ ކަމާ މެދުގަ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުންގެ ރޫހު، ރެއާ ހަމައަށް ހުރި ގޮތުން، މުޅި ކެބިނެޓަށް ރުހުން ނުލިބުން އެކަށީގެންވެ އެވެ.

އާ ސަރުކާރުގެ އާ ކެބިނެޓްގެ ބައެއް މިނިސްޓަރުންނާ މެދު މަޖިލިހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތް އެމްޑީޕީން ހިތްހަމަނުޖެހުން ފާޅުކުރަން ފެށީ އެމްޑީޕީ ސަރުކާރުގައި މާލޭ ސަރަހައްދުން ދޫކުރި ފްލެޓާއި ގޯތިތައް، އޭރު ނެރުނު ލިސްޓާ އެއްގޮތަށް މި ސަރުކާރުން ނުދީފާނެތީ އެވެ. ނުވަތަ ބިން ދީފައިވާ ތަންތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅޭތީ އެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނެފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލިހުގެ ރުހުން ވަޒީރުންނަށް ލިބެން ޖެހެ އެވެ. އާ ގާނޫނުއަސާސީގެ ދަށުން އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ރުހުމަކީ ރަމްޒީ ކަމެއްގެ ގޮތުގައި ހަދަން ސުޕްރީމް ކޯޓުގައި ވަކާލާތުކުރި އެވެ. އެ ދުވަސް ދިވެހި ތާރީހުގައި ފެނުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެބިނެޓްގެ ހުރިހާ ވަޒީރުން ކުއްލިއަކަށް އިސްތިއުފާ ދެއްވައި، އަނެއްކާ އެ ބޭފުޅުން ކެބިނެޓަށް ލައްވައިގެން ރުހުން ހޯދަން މަޖިލިހަށް ފޮނުވަން ޖެހުނު ހިސާބުންނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓް ބައްދަލުވުމެއް ކުރިއަށް ދަނީ: އެއްވެސް ވަޒީރަކަށް މަޖިލިހުގެ ރުހުމެއް އަދި ނުލިބޭ (ފޮޓޯ/ ރައީސް އޮފީސް)

ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވީ އޭރުގެ އިދިކޮޅު ޕާޓީ، ޑީއާރުޕީގެ ކޯލިޝަންގެ އަގުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލިހުން ސަރުކާރު ހިންގަން ދަތިކުރާ ކަމަށް ނަޝީދަށް ފެނިވަޑައިގެން، އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. ނަމަވެސް އެމަނިކުފާނަށް ލިބިވަޑައިގަތީ ނާކާމިޔާބީ އެވެ. ސުޕްރީމް ކޯޓުން ނިންމީ މަޖިލިހުގެ ރުހުމަކީ ރަމްޒީ ކަމެއް ނޫން ކަމަށާއި މަޖިލިހުގެ ރުހުން ނެތް ވަޒީރަކަށް ކެބިނެޓްގައި ނީންނެވޭނެ ކަމަށެވެ.

އިސްތިއުފާ ދެއްވި ބައެއް ވަޒީރުންނަށް ރުހުން ލިބިވަޑައިނުގެން ކެބިނެޓުން ބޭރުވީ އެވެ.

މިއިން އެނގެނީ މަޖިލިހުގެ ރުހުން، ކެބިނެޓްގެ ކޮންމެ ވަޒީރަކަށް ވެސް އޮންނަން ޖެހޭނެ ކަމެވެ. ނަމަވެސް އެ ރުހުން ދިނުމަކީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮންނަ ޕާޓީއަކުން ޒާތީ ގޮތެއްގައި ނިންމަން ޖެހޭ ކަމެއް ނޫނެވެ. ކެބިނެޓްގެ ވަޒީރަކަށް އެމީހަކު ޝަރުތު ހަމަވާ ނަމަ އެ މީހަކަށް ރުހުން ނުދީ ހިފެހެއްޓުމަކީ ދައުލަތް ހިންގުމުގެ ބާރަށް، ގާނޫނު ހަދާ ބާރުން ހުރަސް އެޅުމެވެ.

ރައްޔިތުންގެ މަޖިލިހުން ވަޒީރަކަށް ރުހުން ދިނުމާ އެކު އެ މަޖިލިހުގެ ބާރުގެ ތެރެއިން އެމީހަކު މުޅިން މިނިވަންވީކީ ނޫނެވެ. ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހަށް އެއަށް ވުރެ ބޮޑެތި ބާރުތަކެއް ވެސް އޮތީ ދީފަ އެވެ. އޭގެ ތެރޭގައި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ހިމެނެ އެވެ. 

ވަޒީރެއްގެ ނާގާބިލްކަމާއި އޭނާގެ ހުރި މައްސަލަތައް ބަލައި، ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީ، ރުހުން ދިނުމަށް ފަހު، މަޖިލިހަށް ލިބިދޭ ފުރުސަތެކެވެ. އެހެންކަމުން އާ ސަރުކާރުގެ ފުރަތަމަ ކެބިނެޓަށް އެމްޑީޕީގެ މެމްބަރުން ހެޔޮ ނިޔަތުގައި ރުހުން ދީ، އެއަށް ފަހު ދެން ހިނގާ ކަމަކާ ދެކޮޅަށް މަޖިލިހުން ފިޔަވަޅު އަޅަންވީ އެވެ. ވަޒީރެއްގެ ޒިންމާ އަދާނުކުރުން، ގާބިލްކަން ނެތުން ނުވަތަ ގާނޫނުއަސާސީން ކަނޑައަޅާފައި އޮންނަ އެހެން ޝަރުތެއްގެ ތެރެއިން ވެސް، އެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދެވިދާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރިޔާސަތުގައި: އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން މިއަދު އާ ކެބިނެޓްގެ ވަޒީރުންނާ މެދު ގޮތެއް ނިންމާނެ

މާ ބޮޑެތި ސަބަބުތަކެއް ނެތި ސަރުކާރު ހިންގުމުގެ ބާރަށް މަޖިލިހުން އަަރައިގަތުމަކީ ގާނޫނުއަަސާސީގެ ރޫހެއް ނޫނެވެ. އެއީ ސަރުކާރުގެ ކަންކަމަށް ފާރަލުމުގެ ޒިންމާ ރައްޔިތުންގެ މަޖިލިހާ ހަވާލުކުރުމުގެ ވެސް ސަބަބެއް ނޫންމެ އެވެ. އެ ބާރު ދިނުމުގެ މަގުސަދަކީ ވަކި ހާލަތްތަކެއްގައި، ވަކި ކަހަލަ މައްސަލަތަކެއް ދިމާވެއްޖެ ނަމަ، އެކަމެއްގެ ތެރެއަށް މަޖިލިހުން ވަނުމެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާ މެދު އެމްޑީޕީން ހިތްހަމަނުޖެހުން އޮތީ އެ ޕާޓީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތާ އެއްގޮތަށް ބައެއް ކަންކަން ނުކޮށްފާނެތީ، އެކަމާ މެދުގަ އެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތު ތަންފީޒުކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރަށް މަޖުބޫރު ކަމެއް ނޫނެވެ. ސަރުކާރުން ނިންމާ ކަމެއްގައި ރައްޔިތުންގެ މަޖިލިހަށް ފިޔަވަޅު އެޅިދާނެ ސަބަބެއް އޮތް ނަމަ، އެކަން ކުރިއަށް ގެންދެވިދާނެ އެވެ. އޭގެ ކުރިން އެމްޑީޕީގެ މެޖޯރިޓީ މެމްބަރުން ރައްޔިތުންނަށް ދައްކައިދޭން ޖެހެނީ އާ ސަރުކާރަށް ފުރުސަތު ދޭނެ ކަމެވެ. ކެބިނެޓަށް އައްޔަންކުރައްވާ ވަޒީރެއްގެ ޝަރުތު ހަމަވާ ނަމަ ރުހުން ދިނުމެވެ. ސަރުކާރު ޓެސްޓްކުރުމެވެ. ވަޒީރުންގެ ފެންވަރާއި ގާބިލްކަން ގާތުން ބެލުމެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި ފައްޔާޒު އިސްމާއިލް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި އޮތީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ފެންނާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ކުރީގެ ވެރިކަމާ ގުޅިފައި އޮތް އަނިޔާވެރިކަން މި ސަރުކާރުން ތަކުރާރުކުރާ ނަމަ އެކަމާ ދެކޮޅަށް އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ތި އެންމެ ބޭފުޅުންގެ [އެމްޑީޕީގެ] ބޭނުމަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުވެފައި އޮތުން. އަނިޔާވެރިކަމުން ސަލާމަތްވެފައި އޮތުން، މިނިވަންކަމާާ އެކު ރާއްޖޭގައި ދިރިއުޅެވޭނެ ގޮތެއް އޮތުން. ފުދުންތެރި ދިރިއުޅުމެއް ރައްޔިތުންނަށް އުޅެވުން. އަޅުގަނޑުމެން އެންމެން [އެމްޑީޕީން] ކުރަމުން އައި މަސައްކަތަކީ އެއީ،" އޮކްޓޯބަރު މަހު އޮތް އެމްޑީޕީގެ ގައުމީ މަޖިލިހުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ ވެރިކަން 2012ގައި ބަދަލުވި ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން 2018ގައި ނިމުމާ ހަމައަށް ފެނުނީ އަނިޔާވެރިކަމެވެ.

ފައްޔާޒު އެ ވިދާޅުވާ އަނިޔާވެރިކަން މި ސަރުކާރުން ފެންނަންދެން އެމްޑީޕީއަށް އޮތީ ސަރުކާރު ހިންގަން ފުރުސަތު ދިނުމެވެ. ގާނޫނުއަސާސީ ފުނޑާލައި، ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އަރައިގަންނަން ފަށައިފި ނަމަ، އެމްޑީޕީގެ ބާރު ދައްކަން ވާނެ އެވެ. ސަރުކާރު މައިތިރިކުރުމުގެ ފުރުސަތުގެ ބޭނުން ވެސް ހިފަން ޖެހޭނެ އެވެ.

އެކަމަކު އެއީ އަދި ފަހުގެ މަރުހަލާއެކެވެ. މިއަދު އެމްޑީޕީގެ މެޖޯރިޓީއާ އެކު ރައްޔިތުންގެ މަޖިލިހަށް އޮތީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ ޒިންމާ ރީތިކޮށް އުފުލުމެވެ. ވަޒީރުންގެ ގާބިލްކަމާއި ތެދުވެރިކަން ވަޒަންކުރުމުގެ މަސްއޫލިއްޔަތަށް ތައްޔާރުވުމެވެ.

ކޮމެންޓް (6)

މާލޭ އަދުރޭ

18 ޑިސެމްބަރު 2023
ތިޔަރޮކެޓް ސްޕީޱުގަ ބަލާދީބަލަ ވެންޓިލޭޓަރ ތަކުގެ ފަހުގެ އަޕްޱޭޱް ކަމާ ގުޅުންނެއްސުވާލެއް ކަން އެނގޭ.
0 0

ދައިތަބޭ

18 ޑިސެމްބަރު 2023
ކަމެއް ނުކޮށްފާނެ ކަމަށް ހިތައި ރުހުންނުދީ.... ބަލަގަ ރުހުންދީފައި ކަމެއްކުރުމުގެ ގާބިލުކަންނެތިއްޔާ ވަކިކުރީމަ ނިމުނީދޯ....
1 0

ޢަލީ

18 ޑިސެމްބަރު 2023
ކުރީގެ ސަރުކާރުން ނިންމާފައި ހުންނަ ކަންކަން ނުވަތަ ފަށާފައި ހުންނަ ކަންކަން، ހުއްޓާލުމުން ގައުމަށް ގެއްލުންވުން، އެ ކުރި މަސައްކަތްތަކަކީ ބޭކާރު ޚަރަދުތަކަކަށް ވެއްޖެނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ދެއްތޯ؟ އެހެންވީމަ އޭ މިދަންނަވަނީ 5 އަހަރުން 5 ފަހަރުން ޤައުމު ހިނގާ މަގު ބަދަލުވެގެންނެއް ގައުމެއް ތަރައްޤީއެއް ނުކުރެވޭނެ. ޤައުމީ މާސްޓާ ޕްލޭނެއް އޮވެގެން، ކޮންމެ ޕާޓީއެއް އަޔަސް އެގޮތަށް މަސައްކަތްކޮށްގެން ނޫނީ ގައުމުގެ އިޤްތިޞާދުވެސް ކޮޅަށް ނުޅެހޭނެ.
2 0

ބަރުލަމާނީ ހިޔަޅު

18 ޑިސެމްބަރު 2023
މަޖިލިސަކީ ވެސް ސިޔާސަތު ހަދާ ހިންގާ ސިޔާސީ ބާރެއް، އެމްޑީޕީން ހިންގަން ޖެހޭނީ އެމްޑީޕީގެ ސިޔާސަތު. ޕީއެންސީ ސިޔާސަތަށް އެމްޑީޕީން ވޯޓް ދޭކަށް ނުޖެހޭ. ދެ ބާރު ވަކިވުމަކީ ނިޒާމްގެ މައްސަލައެއް
2 1

އަންނި

18 ޑިސެމްބަރު 2023
މުއިއްޒުގެ ސަރުކާރަކަށް އެމްޑީޕީގެ ސިޔާސަތު ހިންގާކަށް ނުޖެހޭ. އެމްޑީޕީއަށް ޕީއެންސީގެ ސިޔާސަތު ހިންގާކަށް ވެސް ނުޖެހޭ. މީ ދޯ އަންނި އެ ދައްކާ ވާހަކައަކީ- މި ޒަމާނުގެ ޕާޓީ ޑިމޮކްރަސީއަށް 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމް ފިޓް ނުވާ ވާހަކަ.
1 1

ޖެފަރސަން

18 ޑިސެމްބަރު 2023
މޫސާ ލަތީފް ކިޔެވީ ކޮންތާކުން. ރުހުން ދިނުމާއި ރުހުން ނުދިނުމާއި މި ކަންތަކީ މަޖިލިސްގެ ޒިންމާއެއް. ގޯސް މީހެއް ވަޒީރަކަށް ލީ ނަމަ ރުހުން ނުދިނުމަކީ މަޖިލިސްގެ އެބްސޮލިޔުޓް ބާރެއް.
3 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް