ކްރިިމިނަލް ކޯޓުގެ އިމާރާތުގެ (ކ) އެއް ބައި ވެއްޓި ބޭނުން ނުކުރެވޭ އިރު، ފެމިލީ ކޯޓުގެ (ވ) ސީލިންގުން ފެން ފައިބާތީ ވިއްސާރަ މޫސުމުގައި އެ ތަނުގެ މަސައްކަތްތައް ޖެހެނީ ހުއްޓާލަން (ދައުރު ފޮޓޯ)
މިއީ ކުޑަ މައްސަލައެއް ނޫން، ކޯޓުތައް އެހެރަ ބޮލަށް ވެއްޓެނީ
މުހިންމު ނުކުތާތައް
ކްރިމިނަލް ކޯޓުގައި މިވަގުތު ބޭނުންކުރަނީ ޝަރީއަތް ކުރާ ފަސް މާލަން، އާ އިމާރާތް އަޅަން ކިޔާތާ އަހަރެއް ވަނީ
ތާވަލުކުރާ އަޑުއެހުންތަކުގެ އަދަދު %50 އަށް ވުރެ ބޮޑަށް ވަނީ ދަށްވެފައި
ފެމެލީ ކޯޓުގެ ސީލިންގުން ފައިބާ ފެނާ ހެދި މަސައްކަތް ހުއްޓާލާފައި މުވައްޒަފުން އުޅެންޖެހެނީ ބާލިދީ ބަހައްޓައި ފެން ހިއްކަން
ދުވާލަކު އެތައް ސަތަކޭ މައްސަލައެއް ހުށަހެޅި ބަލަންޖެހޭ ތަނެކެވެ. މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ އެތައް ކުށަކަށް އިންސާފު ހޯދައިދޭން ޖެހޭ ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، އެ ހުރީ ބޮލަށް ވެއްޓޭ ވަރުގަ އެވެ. އެ ތަނުން އެއް ބައި މިހާރު ވެސް އޮތީ ވެއްޓިފަ އެވެ.
އެކަމާހުރެ ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހެދި ޝަރީއަތްތައް މަޑުޖެހި، މައްސަލަަތައް ކުރިއަށް ގެންދިއުމަށް ދަތިވެފައި އޮންނަތާ މިހާރު ކިތަންމެ ދުވަހެކެވެ. އަޑުއެހުންތައް ލަސްވުން އެކަންޏެއް ނޫނެވެ. ކޯޓުގެ ޖާގައިގެ ދަތިކަމުގެ ބަހަނާގައި ބޮޑެތި ކުށްވެރިން ވެސް މިވަގުތު ތިބީ ގޭގަ އެވެ.
މިހާތަނަށް ރާއްޖެ ދުށް އެންމެ ބޮޑު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އެ އޮތީ މަޑުޖެހިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ އެހާމެ ލަހުންނެވެ. އަޑުއެހުންތައް ލަސްވެ، އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރަން ފެށުމުން މިފަހުން އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ގާޒީ ސޮފްއަތު ހަބީބް އުޒުރަކަށް ނެންގެވީ ކޯޓުގައި އޮތް ޖާގައިގެ ދަތިކަމެވެ.
މަރުގެ ބޮޑެތި މައްސަލަތައް ވެސް އެތަނުގެ ތެރޭގައި ފުނިޖެހިފައި އެ ހުރީ ހަމަ ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް ގާޒީން ބުނެ އެވެ.
އާ އިމާރާތެއް އަޅަން ކިޔާތާ އަހަރެއް؛ ޑީޖޭއޭގެ ޖަވާބެއް ނެތް
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަނީ، ލޯކަލް މާރުކޭޓުގެ ފުރަގަހުން ކަހަލަ ގޮތަކަށް ހުންނަ ހަތަރު ބުރީގެ (ކުރީގެ އެސްޓީއޯ) އިމާރާތުގަ އެވެ. އެއީ ހަލާކުވެ، ބާވެފައިވާ ތަނަކަށް ވުމުން، އެ އިމާރާތް ބޭނުންކުރުން ހުއްޓާލުމަށާއި ކްރިމިނަލް ކޯޓަށް ހާއްސަ އިމާރާތެއް ހުޅުމާލޭގައި އިމާރާތްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީގައި ވަނީ ނިންމައިފަ އެވެ.
އެ ކޮމިޝަނުން އެ ގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ އެ އިމާރާތް ހުރި ފެންވަރުން އެއީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ތަނަކަށް ނުވުމެވެ.
އާކިޓެކްޗާ އާއި އިންޖިނިއަރިންގެ ކޮންސަލްޓެންސީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ގެޑޯ ޕްރައިވެޓް ލިމިޓެޑުން 17 ޖޫން 2021ގައި ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ރައްކާތެރި ނޫންކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، މިހާތަނަށް އެ ކޯޓު ހުޅުމާލެއަށް ބަދަލުކޮށްފައި ނުވާއިރު، ކޯޓުގެ ޖާގައިގެ ދަތިކަން ކުރިއަށް ވުރެ ބޮޑުވެފައިވަނީ ކޯޓުގެ ވެއްޓުނު ބައި ބޭނުންކުރުން މިހާރު ހުއްޓާލާފައި ވާތީ އެވެ.
ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އޮތް ހިސާބާއި ލަސްވާ ސަބަބު ކޯޓުތަކުގެ ބެލެނިވެރި ފަރާތް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިން ހޯދުމަށް 'ދައުރު' އިން ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް އެ މައުލޫމާތު މިހާތަނަށް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެކަންކަން ވެރިންގެ ފަރާތުން ސާފުކުރަންޖެހޭތީ މައުލޫމާތު ދިނުން ލަސްވަނީ ކަމުގައި ބުނާތާ މަހެއް ފުރެނީ އެވެ.
ކްރިމިނަލް ކޯޓުން 'ދައުރު' އަށް ދިން މައުލޫމާތުން އެނގޭ ގޮތުގައި އެ ކޯޓު ހިންގާ އިމާރާތުގެ އެއް ބައި ބޭނުންކުރުން ހުއްޓާލަން ޖޭއެސްސީން އަންގާފައިވާތީ، މިވަގުތު ބޭނުންކުރަނީ ޝަރީއަތް ކުރާ ފަސް މާލަމެވެ. ނަަމަވެސް އެއީ މަސައްކަތް ކުރުމުގެ ރައްކާތެރިކަން އޮތް ތަނެއް ނޫން ކަން އެ ކޯޓުން ފާހަގަކުރި އެވެ.
"އިމާރާތުގެ ދަތިކަމުގެ ސަބަބުން ތާވަލުކުރާ އަޑުއެހުންތަކުގެ އަދަދު %50އަށް ވުރެ ބޮޑަށް ވަނީ ދަށްވެފައި. މުވައްޒަފުންނާއި ގާޒީން މަސައްކަތް ކުރުމަށް ރައްކާތެރި މާހައުލެއް ނެތް. އާ އިމާރާތަށް ބަދަލުވެވޭނެ ތާރީހެއް ނޭނގޭ،" ކްރިމިނަލް ކޯޓުން 'ދައުރު' އަށް ފޮނުވި މެސެޖުގައިވެ އެވެ.
އިމާރާތުގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ބުރޫއަރާފައިވީ ނަމަވެސް، ބަންދާ މެދު ގޮތެއް ނިންމުމާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެކަމަކު، ހަފްތާތަކަށް ކޮންމެ ގާޒީއަކަށް ސެކްޝަންތައް ބަހާލައިގެން އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން، މަރުގެ ބޮޑެތި މައްސަލަތަކުގައި ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ނިންމަން ދަތިވެފައިވާކަން ގާޒީން ފާހަގަކުރެ އެވެ.
އެފަދަ އެތައް ގައިދީއަކު ބަންދުގައި ބައިތިއްބަން ބަލާއިރު، ޖަލުތަކުގައި އެވަރުގެ ޖާގައެއް ނެތެވެ. މައްސަލަތައް ދިގުލައިގެން ދާ ނަމަ ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ވެސް އެބަހުއްޓެވެ. އެ ހާލަތު އެގޮތަށް އޮތުމުގެ ބަހާނާގައި، މަރުގެ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި، މުޖުތަމައުއަށް ނުރައްކާ ކަމަށް ބެލެވޭ ކުށްވެރިން ވެސް މިފަހުން ވަނީ ގޭ ބަންދަށް ދޫކޮށްފަ އެވެ. ސަބަބަކަށް ގާޒީން ބުނަނީ، ކޯޓުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން އަޑުއެހުންތައް ތާވަލުކުރުމުގައި ވެސް ދަތިތަކާ ދިމާވެ، ޝަރީއަތް ދިގުލައިގެން ގޮސްފައި ވުމެވެ.
"އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟"
ބޮޑެތި ކުށްވެރިން ވެސް ގޭ ބަންދުގައި
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، އެ ތަނުން ބައެއް ވެއްޓި، ޖާގައިގެ ދަތިކަމާ ހެދި ޝަރީއަތްތައް މަޑުޖެހި، މައްސަލަަތައް ކުރިއަށް ގެންދިއުމަށް ދަތިވެފައި އޮތް މައްސަލާގައި، މަތީ މަރުހަލާގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ނުރުހުން ދައުލަތަށް އަމާޒުވާތަން މިފަހަކަށް އައިސް ފެނެ އެވެ.
ދައުލަތް ތަމްސީލުކުރަން ޕްރޮސިކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހުގެ ފަރާތުން ދާ ވަކީލުންނަށް މި ކަންކަމުގައި ދޭނެ ޖަވާބެއް ގިނަ ފަހަރަކު ނޭނގެ އެވެ. ހަގީގަތުގައި ޖަވާބެއް ދެވެން ވެސް ނެތީ އެވެ.
އެއް މިސާލެއް މިތަނުގައި ފާހަގަކޮށްލާނަމެވެ.
ހ. ސޯސަންވިލާގެ އެޕާޓުމަންޓެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް، މިދިޔަ 22 ޑިސެމްބަރުގައި އަހްމަދު އަމްނު ނަމަަކަށް ކިޔާ މީހެއްގެ މައްޗަށް ތުހުމަތުކޮށް ހައްޔަރުކުރި އެވެ. އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް، ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާ އެކު، އޭނާގެ އަތުން ފެނުނު 400،000 އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް އެދި ދައުވާ ކޮށްފައި ވެ އެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައިވާތީ އާއި އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ މީހެއް ކަމަށް ބަލައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި އޮތުމަށް ފަހު، އޭނާ މިހާރު ހުރީ ދޫކޮށްލާފަ އެވެ.
ދޫކޮށްލި ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލައިގައި ގިނަ އަދަދެއްގެ ހެކިން ތިބުމާ އެކު، ކޯޓުގެ ޖާގައިގެ ދަތިކަމަށް ބަލާއިރު، މައްސަލަ ނިންމަން ގިނަ ދުވަސްތަކެއް ހޭދަވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުމެވެ.
މި އަމުރު ހިފައިގެން، ޝަކުވާތަަކާ އެކު ދައުލަތުން ހައި ކޯޓަށް ގޮސް، މައްސަލައިގައި ގިނަ ދުވަސްތަކެއް ވެދާނެ ކަމަށް ގާޒީއަށް ގަބޫލުކުރެވުމަކީ، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް އަމުރު ކުރަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް ނޫން ކަމަށް ބުނެ ވަކާލާތު ކުރި އެވެ. ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ގެންގޮސް، މައްސަަލައިގައި ގޮތެއް ނިންމުމަކީ އިންސާފު ގާއިމުކުރުމުގައި މުހިންމު ކަމެއް ކަމަށް ވެސް ދައުލަތުން ވަކާލާތު ކުރި އެވެ.
ދައުލަތުން ދައްކަމުންދިޔަ އެ ވާހަކަތައް ހުއްޓުވުމަށް ފަހު، އެ ވާހަކަތައް ދައްކަނީ ކްރިމިނަލް ކޯޓު މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށްފައިތޯ، ހައި ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރު މުހައްމަދު ނިޔާޒު ސުވާލުކުރެއްވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ، މުޖުތަމައުއަށް ނުރައްކާވާ ކަމަށް ނިންމައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއްގެ މައްސަލައެއްގައި ކޯޓުގެ ހާލަތު ހުރި ގޮތަށް އެކަނި ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްނުލެވޭނެ ކަމަށެވެ.
"އެކަން އެ ގޮތަށް ކުރެވޭ ކަމަށް ވާ ނަމަ، ޝަރީއަތް ނިމެންދެން ބަންދުކުރެވޭ އެންމެން ވެސް މި ދަންނަވާ ސަބަބަށްޓަކައި [ކޯޓު އިމާރާތް ހުރި ހާލަތަށް ބަލައި] ދޫކުރުމުގެ އިހުތިޔާރު އޮންނާނެ. އެކަން އެ ގޮތަށް ކުރެވިދާނެ ކަމަކަށް ދައުލަތުން ނުދެކެން،" އޭނާ ވިދާޅުވި އެވެ.
ދައުލަތަށް އެކަން އެ ގޮތަށް ކުރެވިދާނެ ކަމަށް ނުފެނުނަސް، ގާނޫނުގައި ބުނާ ގޮތަށް އަވަހަށް ޝަރީއަތް ކުރުމަށް، ޝަރީއަތް ކުރާނެ ތަނެއް ހުރިތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވެ ފަނޑިޔާރު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އަދި އެފަދަ ތަނެއް އެބަހުރިތޯ ސުވާލު ކުރެއްވި އެވެ.
"ޖިނާއީ ހުރިހާ މައްސަލަތަކެއް ހުށަހެޅޭ ކޯޓުގެ ވާހަކަ މި ދައްކަނީ. ކޯޓުގެ އެއް ބައި ވެއްޓިފައި. ދެން އެ ތަނުގައި ކިހިނެއްތޯ މަސައްކަތް ކުރަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ ދައުލަތުގެ އެއްވެސް އިދާރާއަކަށް އޮޅިފައި އޮތް ކަމެއް ހެންނެއް މިއީ،" ފަނޑިޔާރު ވިދާޅުވި އެވެ.
"ޝަރީއަތް ހިންގާނެ ތަނެއް ދައްކަންވަން ޖެހޭނެ ނޫންތޯ؟ ދައްކާފައި ނޫންތޯ އަވަހަށް ޝަރީއަތް ހިންގާށޭ ބުނަން ޖެހޭނީ؟"
ރައްދުގައި ދައުލަތުން ބުނީ، ކޯޓުގެ ހާލަތާ ގުޅޭ ގޮތުން ޕީޖީ އޮފީހަށް ޖަވާބުދާރީވެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި ޕީޖީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުން ކަމަށެވެ. ފަނޑިޔާރުގެ ސުވާލަކީ ޕީޖީއަކީ ދައުލަތް ތަމްސީލުކުރާ ފަރާތެއް ކަމަށް ވާއިރު، އެކަމަށް ޕީޖީއަށް ޖަވާބުދާރީ ނުވެވޭ ނަމަ، ދެން ޖަވާބުދާރީ ވާނީ ކޮން ފަރާތަކުންތޯ އެވެ.
އެއަށް ފަހު ފަނޑިޔާރު ވިދާޅުވީ، ޝަރީއަތް އަވަހަށް ހިންގުމަށް މަގުފަހިކޮށްދޭ ކަންކަން ކުރުމަކީ ވެސް ދައުލަތުގެ މައްޗަށް ގާނޫނު ލާޒިމްކޮށްފައި އޮންނަ ކަމެއް ކަމަށެވެ.
"އެހެންވީމަ، ދައުލަތަށް ނޭނގި އޮތް ކަމެއް ކަމަަކަށް ގަބޫލެއް ނުކުރެވޭ ކްރިމިނަލް ކޯޓު ވެއްޓިފައި އޮތް ކަމާއި ކްރިމިނަލް ކޯޓުގައި ޝަރީއަތް ނުކުރެވޭ ކަމާއި އެ ތަނަށް އެތައް ބައިވަރު މައްސަލަތަކެއް ހުށަހެޅިފައި އޮތް ކަމާއި ޑިއުޓީ ބަހައިގެން ޝަރީއަތް ކުރަން ޖެހޭ ކަމާއި މައްސަލަތައް ކުރިއަށް ނުގެންދެވި އޮތީ ތަނުގެ ދަތިކަމުގެ ސަބަބުންކަން. އެކަންކަން ހައްލު ކުރެވެން ޖެހޭނީ. ހައްލުކޮށްފައި ތި އުސޫލުން ވާހަކަދެއްކޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ނިޔާޒް ވިދާޅުވި އެވެ.
ގާނޫނުގައި އަވަހަށް ޝަރީއަތް ކުރަން އޮންނަ ކަމަށް ބުނެ، ޝަރީއަތް ކުރެވޭނެ ގޮތް ކޯޓުތަކަށް ފަހިކޮށްނުދީ، ހައި ކޯޓުގައި ވަކާލާތު ކުރިޔަސް އެކަމަށް ދޭނެ ފަރުވާއެއް ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ؟ ޝަރީއަތުގެ މާލަން ބިނާކުރަން ދާންވީ ފަނޑިޔާރުންތޯ؟" ހިތްހަމަނުޖެހުމާ އެކު ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
ފަނޑިޔާރު ނިޔާޒު ކުރެއްވި މި ސުވާލުތަކަށް ދައުލަތަށް ޖަވާބެއް ނުދެވުނެވެ. ނަމަވެސް ފަނޑިޔާރުން ކުރިމައްޗަށް ދާން ޖެހެނީ ޕީޖީ އޮފީހުގެ ވަކީލުންނަށެވެ. އެމީހުން ކޯޓަށް ދަނީ ދައުލަތް ތަމްސީލު ކުރާށެވެ. އެކަމަކު ހަގީގަތުގައި އެކަމަށް ޖަވާބުދާރީވާން ޖެހޭ ތަނަކީ ޑީޖޭއޭ އެވެ.
ފެމިލީ ކޯޓާއި ސިވިލް ކޯޓު ވެސް ބޮލަށް ވެއްޓޭ ހާލުގައި
މި ރިޕޯޓަށް ވާހަކަދެއްކެވި ދައުލަތުގެ ވަކީލުންނާއި ކޯޓުތަކުގެ އޮފިޝަލުން ވިދާޅުވީ މިވަގުތު ރާއްޖޭގެ ކޯޓުތަކުގެ އިމާރާތްތައް ހުރި ހާލަތުގެ ސަބަބުން މަސައްކަތް ކުރަން ވަރަށް ދަތިވާ ކަމަށެވެ.
ސުޕްރީމް ކޯޓު ފިޔަވައި ދެން ހުރި ކޯޓުތަކަކީ ޖާގައިގެ ދަތިކަން އޮތް ތަންތަން ކަމާއި ބައެއް ތަންތަން ހުރީ ބޮލަށް ވެއްޓޭ ހާލަތުގައިކަން ވަކީލުން ފާހަގަކުރި އެވެ.
"މައްސަލަތައް ނިންމުމުގައި ވެސް ވަރަށް ބޮޑެތި ލަސްތަކެއް އެބައުޅޭ ޖާގައިގެ ދަތިކަމާ ހެދި،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ. "ރާއްޖޭގައި މިވަގުތު ޝަރީއަތް ކުރާ މަޖިލިސްތަކަކީ އެކަމަށް ހާއްސަކޮށް އިމާރާތްކޮށްފައިވާ ކޯޓު އިމާރާތްތަކެއް ނޫން. ދައުލަތުގެ ކުރީގެ އިމާރާތެއްގައި ކޯޓުތައް ހިންގަމުން މިދަނީ. އެއީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫން. ކޯޓުތަކަށް ހާއްސަ އިމާރާތެއް ހުންނަން ޖެހޭނެ."
ރާއްޖޭގައި މިހާރު ކޯޓުތައް ހިންގާ އިމާރާތްތަކުގައި ޝަރީއަތުގެ މަޖިލިސްތައް ކުރިއަށް ގެންދަނީ އާދައިގެ ކޮޓަރިއެއް ވަރުގެ ޖާގަ އޮތް ތަންތަނުގަ އެވެ. ޝަރީއަތް ކުރާ މަޖިލިސްތަކުގައި ތިބޭ ކުށްވެރިންނާއި މަޖިލިސް އަޑުއަހަން ވަންނަ މީހުންނާ ދެމެދު ކައިވަތެއް ނުހުންނަ ވަރުގެ ކޯޓްރޫމްތައް ވެސް އެބަހުއްޓެވެ.
ވަކީލުން މުވައްކިލުގެ ކަންފަތް ދޮށުގައި ސިއްރުން ބުނާ ވާހަކަތައް އެންމެންނަށް އަޑުއިވެ އެވެ. ބައެއް މަޖިލިސްތަކުގައި ފަނޑިޔާރު އިންނަވާ ގޮނޑި އާއި ބޮޑެތި ކުށްވެރިންނާ ދެމެދުގައި ހުރަހެއް، މާ ބޮޑު ދުރުމިނެއް ނުހުރެ އެވެ.
ރާއްޖޭގެ ކޯޓު އިމާރާތްތަކުގެ ހާލަތު ވަރަށް ރަނގަޅަށް ފެންނަން އޮތް އަނެއް ތަނަކީ، ގާތްގަނޑަކަށް 40 އަހަރު ވެފައިވާ ފެމިލީ ކޯޓެވެ. ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ ސީލިންގުން ފައިބާ ފެނާ ހެދި އެ ކޯޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލަަން ޖެހެ އެވެ. ކޯޓުގެ މަސައްކަތްތައް ހުއްޓާލާފައި މުވައްޒަފުން ތިބެންޖެހެނީ ބާލިދީ ބަހައްޓައިގެން އެތަނުގެ ފެން ހިއްކާށެވެ.
ފެމިލީ ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކިޔައިދިން ގޮތުގައި، އެ ތަނުގައި މިވަގުތު ފެން ނުވަންނަ އެއްވެސް ދިމާލެއް ނެތެވެ. ސީލިންގުގެ ބައިތައް ފީވެ، ނެއްޓެން ވަނީ ފަށާފަ އެވެ. ވިއްސާރަ ދުވަސްވަރެއްގައި ކޯޓު އިމާރާތަށް ވަންނަ ފެނުގެ ސަބަބުން ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުރައްކާވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ޑީޖޭއޭ އިން މިދިޔަ މާޗު މަހު އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށި ފަހުން އިމާރާތުގެ ހާލަތު އަދި މާ ދަށެވެ. މަސައްކަތް ފަށައިގެން ދޭތެރެ ދޭތެރެއިން މެދުކެނޑެމުން ގޮސް، މަސައްކަތް އެއްކޮށް ނުނިމި މަރާމާތުގެ މަސައްކަތް ދިގުދެމިގެން ގޮސްފައިވާތީ، އޭރު ސީލިންގުން އިމާރާތުގެ ދެ ކޮޓަރިއަކަށް ފައިބައިމުންދިޔަ ފެން، މިހާރު މުޅި އިމާރާތަށް ފައިބަ އެވެ.
-
އިތުރަށް ކިޔާލަން - ވިއްސާރައިގައި ފެމިލީ ކޯޓަށް ފެން ވަދެ، މަސައްކަތް ހުއްޓުމަކަށް
ކޯޓުތަކަކީ މުޅި މުޖުތަމައުގައި ހުރި މުހިންމު ކުދި ބޮޑު މައްސަލަތައް ހިފައިގެން ކޮންމެ ދުވަހަކު ވަންނަން އޮތް ތަނަށްވާއިރު، ވިއްސާރަ މޫސުމެއް އަތުވެއްޖެ ނަމަ، ކުރަން ހުރި މުހިންމު މަސައްކަތްތައް ހުއްޓާލާފައި މުވައްޒަފުން ތިބެންޖެހޭނީ ބާލިދީ ހިފައިގެން ފެން ހިއްކަން ހެއްޔެވެ؟
ކުށްވެރިން ބަންދުކުރުމުގެ އަމުރު ދޭން އޮތް ކޯޓުތަކުން، "ޖާގައިގެ ދަތިކަމާ ހުރެ" ބޮޑެތި ކުށްވެރިން ދޫކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެެވެ؟ އެ އުޒުރު ލާއިގުވާތީ، އެކަމާ ދެކޮޅަށް ދައުލަތަށް ވަކާލާތު ނުކުރެވުމަކީ އިންސާފު ލިބުމަށާއި މަސްލަހަތާއި ހަމަޖެހުން ގާއިމުކުރުމަށް އެޅޭނެ ކިހާ ބޮޑު ހުރަހެއް ހެއްޔެވެ؟
ސަރުކާރުގެ ވެރިން ދައްކަނީ އިންސާފުވެރި ޝަރީއަތަކަށްޓަކައި ޝަރުއީ ދާއިރާ މިިނިވަން ކުރަން ޖެހޭ ވާހަކަ އެވެ. ފަނޑިޔާރުންގެ ވިސްނުމުގައި، ޝަރީއަތްތައް އަވަސް ކުރުމާއި އިންސާފުވެރި ޝަރީއަތެއްގެ ވާހަކަ ދައްކަންޖެހޭނީ، އެކަން ކުރެވޭނެ ތަނެއް ދައްކާފަ އެވެ.
ޝަރީއަތްތަކުގެ އިންސާފުވެރިކަމާއި ހަލުވިމިނާއި އެކަންކަން އިސްލާހުކުރުމުގެ ވާހަކައާ އެކު ކޯޓުތަކުގެ ހާލަތު ރަނގަޅު ކޮށްދޭން ވެސް ޖެހެ އެވެ.
ކޮމެންޓް (3)
ސަނައްޓޭ
ހަސން
ޝަރަ