ރޭ ކުރި ވިއްސާރާގައި، ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތު ތެރެއަށް ފެން ވަންނާތީ ސަތަރި އަޅާފައި.

ފެމިލީ ކޯޓު

ވިއްސާރައިގައި ފެމިލީ ކޯޓަށް ފެން ވަދެ، މަސައްކަތް ހުއްޓުމަކަށް

މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން ދޭތެރެ ދޭތެރެއިން މެދުކެނޑެމުން ގޮސް، މިހާރު ވަނީ މުޅިން ހުއްޓިފައި
18 ސެޕްޓެމްބަރު 2023

ބާވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ފެމިލީ ކޯޓުގެ އިމާރާތަށް، ރޭ މާލެއަށް ކުރި ބޯ ވިއްސާރައާ އެކު ފެން ވަދެ، އެ ކޯޓުގެ މަސައްކަތްތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ މާލެއަށް ހުއްޓުމެއް ނެތި ވަރަށް ގިނައިރުވަންދެން ވާރޭ ވެހިފައި ވާއިރު، ފެމިލީ ކޯޓުން ރޭ 10:20 ހާއިރު ނެރެފައިވާ ނޯޓިހެއްގައި ބުނެފައިވަނީ، އެ ވިއްސާރާގައި އެ ކޯޓުގެ ހެންވޭރު އިމާރާތުގެ ސީލިންގުން އިމާރާތުގެ އެތެރެއަށް ފެން ވަދެ، މަސައްކަތް ނުކުރެވޭ ވަަރަށް އެ ތަނަށާއި ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ:

  • ލޮނުޒިޔާރަތް ޕާކު ކުރިމަތިން ހުންނަ ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތުން ދެމުން އަންނަ ހުރިހާ ހިދުމަތްތަކެއް ވަނީ މެދުކަނޑާލާފައި

  • ކޮންމެހެން ދޭން ޖެހޭ ބައެއް ހިދުމަތްތައް ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފައިވޭ

  • އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބައިގައި ތާވަލުކުރެވިފައިވާ ސުލްހަ ސެޝަންތައް ކެންސަލްކޮށްފައިވޭ

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މީގެ ކުރިން ވެސް ވިއްސާރަ ކުރާ ދުވަސްވަރު އެ އިމާރާތަށް ވަރަށް ބޮޑަށް ވިއްސާރައިގެ އަސަރުކުރެ އެވެ. އޭރު ސީލިންގުން ފެން ފައިބަމުން ދިޔައީ އެ އިމާރާތުގެ ދެ ކޮޓަރިއަކަށް ނަމަވެސް، އެ މައްސަލަ ހައްލުކުރަން ކޯޓު އިމާރާތް މަރާމާތު ކުރަން ފެށި ފަހުން މިހާރު މުޅި އިމާރާތުގެ ސީލިންގުން ވެސް ފެން ވަންނަ ކަމަށްވެ އެވެ.

ރޭ ކުރި ވިއްސާރާގައި، ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތު ތެރެއަށް ފެން ވަންނާތީ ސަތަރި އަޅާފައި.

މާރާމާތުގެ މަސައްކަތް ކުރިއަށް ނުގޮސް މިހާރު ހުއްޓިފައި ވާއިރު، ސީލިންގުން ފެން ލީކުވެ، މުޅި އިމާރާތުގައި މަސައްކަތް ނުކުރެވޭ ވަރަށް ފެން ވަންނަ ކަމަށްވެ އެވެ، ރޭ ކުރި ވިއްސާރައިގައި، އެ ތަނުގައި ހުރި ސިސްޓަމްތަކާއި އޭސީ އަދި ބައެއް ލިޔެކިއުންތަކަށް ވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށްވެ އެވެ.

'ދައުރު'އަށް ލިބިފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެންނަ ގޮތުގައި:

  • މުވައްޒަފުން މަސައްކަތް ކުރަން ބަހައްޓާފައިވާ މޭޒުތަކުގައި ސަތިރި އަޅާފައި ހުރި 

  • ކައިވެނިކޮށްދޭ ހޯލުގެ ސީލިންގުން ފެން ފައިބާތީ ބާލިދީ ބަހައްޓާފައި ހުރި

ރޭ ކުރި ވިއްސާރާގައި، ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތު ތެރެއަށް ފެން ވަދެ، ސިސްޓަމްތަކަކަށް ގެއްލުން ލިބިފައި.

ފެމިލީ ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް 'ދައުރު'އަށް މިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ، އެ ތަނުގައި މިވަގުތު ފެން ނުވަންނަ އެއްވެސް ދިމާލެއް ނެތް ކަމަށާއި، ސީލިންގުގެ ބައިތައް ފީވެ، ނެއްޓެން ވެސް ފަށާފައިވާ ކަމަށެވެ.

އެހެންވެ، ވިއްސާރަ ދުވަސްވަރެއްގައި ކޯޓު އިމާރާތަށް ވަންނަ ފެނުގެ ސަބަބުން ތަކެއްޗަށް ލިބޭ ގެއްލުމުގެ އިތުރުން، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ނުރައްކާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ރޭ ކުރި ވިއްސާރާގައި، ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތު ތެރެއަށް ފެން ވަދެ، ސިސްޓަމްތަކަކަށް ގެއްލުން ލިބިފައި.

ކޯޓުގެ ބަސް - ފެމިލީ ކޯޓުގެ އިމާރާތަކީ ގާތްގަނޑަކަށް 40 އަހަރު ވެފައިވާ ދުވަސްވީ ތަނެކެވެ. އެ އިމާރާތް ބާވެ، ހަލާކުވެފައިވާތީ، މީގެ ކުރިން ވެސް ވިއްސާރަ ކުރާ ދުވަސްވަރެއް ނަމަ، ތަނުގެ ބައެއް މަސައްތަކަށް ބުރު އަރަ އެވެ. އެކަން ހައްލުކުރަން ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިދިޔަ މާޗު މަހު ވަނީ އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. 

އެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން، ފެމިލީ ކޯޓުގެ ތަރުޖަމާނު އަހުމަދު ޝައްފާން ވިދާޅުވީ، އެ މަސައްކަތް އެއްކޮށް އަދި ނުނިމޭ ކަމަށާއި، މަސައްކަތް ފަށައިގެން ދޭތެރެ ދޭތެރެއިން މެދުކެނޑެމުން ގޮސް، މިހާރު މުޅިން ހުއްޓިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެދެމުން މި ދިޔައީ ތަކުރާރުކޮށް ޑިޖޭއޭގައި އެ މަސައްކަތް ނިންމައި މައްސަލަ ހައްލުކޮށްދިނުމަށް. އެހެން އޮއްވައި މި ވިއްސާރަ މި ދިމާވީ. ޑީޖޭއޭ އިން ބުނެފައިވަނީ އަވަހަށް މަސައްކަތް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް،" އޭނާ ވިދާޅުވި އެވެ. 

ރޭ ކުރި ވިއްސާރާގައި، ފެމިލީ ކޯޓުގެ ހެންވޭރު އިމާރާތު ތެރެއަށް ވަރަށް ބޮޑަށް ފެނުގެ އަސަރުކޮށްފައިވޭ؛ އެއްވެސް ހިދުމަތެއް އެ ތަނުން މިވަގުތު ނުދޭ.

މިކަމާ ގުޅޭ ގޮތުން ޑީޖޭއޭގެ ބަހެއް އަދި ނުލިބެ އެވެ.

އެނގުން މުހިންމު - ވިއްސާރައިގެ ސަބަބުން ކޯޓު އިމާރާތުން ހިދުމަތް ނުދެވޭތީ، ބައެއް ހިދުމަތްތައް ޖަސްޓިސް ބިލްޑިންއަށް ބަދަލުކޮށްފައިވެ އެވެ. އެގޮތުން، ޖަސްޓިސް ބިލްޑިންގުގެ އެންމެ ތިރީ ބުރިން ދެމުން އަންނަ ހިދުމަތްތަކަކީ:

  • ކައިވެނި އަގުދުކޮށްދިނުން

  • ކާވެންޏާ ގުޅުން ހުރި ފޯމުތައް ބަލައިގަތުން

  • ކައިވެންޏާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ސެޝަންތައް

  • ދަރިންގެ ހަރަދު، އިއްދައިގެ ހަރަދު އަދި ޖޫރިމަނާ ފައިސާ ބަލައިގަތުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް