ތާރީހު

މިވަރުގެ މެޗެއް، މިވަރުގެ ހަނދާނެއް މަދުވާނެ

މީގެ 30 އަހަރު ކުރިން، 12 އޮކްޓޯބަރު 1993ގައި، މުޅި ރާއްޖެ ހައިރާންކޮށްލި ހަބަރަކީ، ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ނިއު ރޭޑިއަންޓް 7-0 އިން ބަލިކޮށް ވެލެންސިއާއިން ފުރަތަމަ ފަހަރަށް އެ ތަށި ހޯދުން
12 އޮކްޓޯބަރު 2023

މުހިންމު ނުކުތާތައް

ވެލެންސިއާއިން މެޗުގެ 35 މިނިޓްގެ ތެރޭގައި ފަސް ލަނޑު ޖަހައި، ނިއު ރޭޑިއަންޓް ރޫޅާލި

ކުޅުންތެރިން ބުނާ ގޮތުގައި އޭރުގެ ކޯޗު ސެންޓް މިހައިލީއަކީ އެހާމެ މޮޅު އަދި ނަތީޖާ ނެރެން ކުޅަދާނަ މީހެއް

ވެލެންސިއާގެ 'ނަސީބުގައި ނެތް ތަށި' ހޯދުމަށް ފަހު ހިޔަލީ މުހައްމަދު ރަޝީދު ވިދާޅުވީ 'ގާހަކަ ވެސް ފުމެން ފެށީ' ކަމަށް

ސާފް ގޭމްސްގެ ފައިނަލަށް ގޮސް، ރިހި މެޑެލް ހޯދައި، ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީން ދިވެހިންގެ ހިތް އުފަލުން ބަންޑުންކޮށްލީ 29 ޑިސެމްބަރު 1991ގަ އެވެ. ގައުމީ ފުޓްބޯޅަ ޓީމު، ކޮލަމްބޯގައި ސަރަހައްދުގެ އެހެން ގައުމުތައް ހައިރާންކޮށްލި އިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ވެލެންސިއާއިން، އެހެން ކަމެއް، ފަރުދާގެ ފުރަގަހުގައި ކުރަމުން އަ އެވެ؛ ކުޅުންތެރިންނަށް މަހު މުސާރަ ދީގެން ކުޅުވާ ފުރަތަމަ ކްލަބަށް ވުމުގެ ފަހު މަސައްކަތްތަކެވެ.

އާ އަހަރު، 1992، ފެށުމާ އެކުހެން، އޭރުގެ އެންމެ ބޮޑު ނޫސް 'ހަވީރު'ގެ ކުޅިވަރު ސަފުހާގެ މައިގަނޑު ސުރުހީތަކަށް ވީ އޭގެ ހަބަރުތަކެވެ. ވިކްޓަރީގެ ދޮންބިލެތް އަހުމަދު ހަލީމާއި މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒެއިން ފަދަ ކުޅުންތެރިން ވެލެންސިއާއަށް ގަތް ވާހަކަ އެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓްގެ އެއް ތަނބު، މޫސާ މަނިކު (ކުޑަމޫސަ)، ބޮޑު އަގުގައި ސޮއިކުރި ހަބަރެވެ.

 ވެލެންސިއާއަށް ފުރަތަމަ ފަހަރަށް ގައުމީ ތަށި ކާމިޔާބުކޮށްދިން މޫސާ މަނިކު، ކުޑަ މޫސަ (ވ) އާއި ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ). މިއީ އެހެން މުބާރާތެއްގެ ފައިނަލް މެޗުގެ ފަހުން ނެގި ފޮޓޯއެއް

އެއީ ދިވެހި ފުޓްބޯޅައަށް ވެލެންސިއާ ގެނެސްދިން ބޮޑު އިންގިލާބެކެވެ. އެ އިންތިޒާމުގެ ފަހަތުގައި އޮތް މައިގަނޑު އެއް ސަބަބަކީ، 1979ގައި އުފެއްދި އަދި ރާއްޖޭގައި ޒަމާނީ ފުޓްބޯޅަ ތައާރަފުކުރިކަމުގެ ނަން ނިސްބަތްވި ކްލަބަށް 12 އަހަރު ވީ އިރު ވެސް، އަތް ނުލެވި އޮތް ގައުމީ ތަށި ކާމިޔާބުކުރުމެވެ.

އެ ދުވަހަކީ 12 އޮކްޓޯބަރު 1993 އެވެ. ގަލޮޅު ދަނޑަށް ވަދެ ތިބި 11،000 މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗެވެ. އޭރު ގައުމީ ތަށި ހަތަރު ފަހަރަށް ހޯދާފައި އޮތް ނިއު ރޭޑިއަންޓް އަތުން ވެލެންސިއާއަށް މޮޅުވެވޭނެ ހުރިހާ ފެންވަރެއް ހުއްޓެވެ. އެކަމަކު އެއްވެސް މީހެއްގެ ހިތަށް ކުޑަކޮށް ވެސް އަރާފައި ނުވާނީ، ވެލެންސިއާގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދާނީ 7-0ގެ ބޮޑު ތަފާތަކުން ނިއު ބަލިކޮށްގެން ކަމެވެ.

ނަތީޖާއަކީ އެ އެވެ.

ވެލެންސިއާއިން ރާއްޖޭގެ މޮޅު ގިނަ ކުޅުންތެރިންތަކެއް ގަނެގެން 1992ގައި ފެށި ދަތުރުގައި އެ އަހަރު ނާކާމިޔާބުވިޔަސް، ޖެހިގެން އައި އަހަރު ގަލޮޅު ދަނޑަށް ނެރުނު ޓީމު، ވެލެންސިއާގެ މުޅި ތާރީހު ބަދަލުކޮށްލީ އެވެ.

ތަފާތު ކޯޗަކާ އެކު ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް

ވެލެންސިއާގެ ގޯލް ބެލެހެއްޓުމުގެ ޒިންމާ އުފުލީ މައުރޫފް އެވެ. ޓީމުގައި ގިނައީ ޒުވާން އަދި ތަޖުރިބާ ކުޑަ އެކަމަކު ހުނަރުގެ ގޮތުން އޭރު ރާއްޖެއިން ނެގެން ތިބި އެންމެ މޮޅު ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަށް ދަނޑު މަތީގައި ކަންކަން ކިޔައިދޭން ކެޕްޓަން މޫސައާ އެކު ދެން ހިމެނުނު އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔަކީ މައުރޫފް އެވެ.

ގައުމީ ތަށި 1986ގައި މިލްކުކުރި ވިކްޓަރީގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ކުރީގެ ކީޕަރު ދެކޭ ގޮތުގައި ވެލެންސިއާގެ އެ ބޮޑު ކާމިޔާބީގެ މައިގަނޑު ސަބަބުތަކަކީ، މޮޅު ކޯޗެއް ލިބުމާއި ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ތިބުމާއި އެ ކުޅުންތެރިން ގޮވައިގެން ދަނޑު މަތީގައި މަގު ދައްކާނެ ތަޖުރިބާކާރު ބަޔަކު ވެސް ޓީމުގައި ހިމެނުމެވެ.

ވެލެންސިއާގެ ކުރީގެ ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އާއި ވެލެންސިއާއަށް ފުރަތަމަ ގައުމީ ތަށި ހޯދައިދިން ހަންގެރީގެ ކޯޗު ސެންޓް މިހައިލީ: މިއީ ރާއްޖެ އައި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އެކަކު

"ކޯޗު [ސެންޓް މިހައިލީ] ގެންގުޅުނީ މުޅިން ތަފާތު އެޕްރޯޗެއް. އެއީ މަޑުމައިތިރި، ރެސްޕެކްޓެޑް، ރިޒަލްޓް އޮރިއެންޓެޑް ކޯޗަކަށް ވެފައި، އޭރު ވެލެންސިއާއަށް އައިސް ތިބި އެންމެ ސްކިލްފުލް ކުޅުންތެރިންގެ ތެރެއަށް ކުރީގެ ތަޖުރިބާ ހުރި ދެތިން މީހަކާ އެއްކޮށް ވީމާ، އޭގެ ނަތީޖާ ފަސޭހަވީ،" މައުރޫފް ބުންޏެވެ.

އެއީ ޒުވާން ފޯވަޑް ޝާހު އިސްމާއިލްގެ ދެ ވަނަ ގައުމީ މުބާރާތެވެ. އުމުރުން އޭރު 21 އަހަރުގެ ކުޅުންތެރިޔާ ވެސް ބުނީ މިހައިލީއަކީ މުޅިން ތަފާތު ކޯޗެއް ކަމަށެވެ.

"މެނޭޖްމަންޓުން އުއްމީދުކުރި ލެވެލްއަށް [1993ގައި] ޓީމުގެ ކުޅުންތެރިން ވެސް، ޓެކްނިކަލް މީހުން ވެސް ބިނާކުރެވިގެން އައީ. އަޅުގަނޑުމެންގެ ސްކޮޑްގެ އެ ކުޅުންތެރިންގެ ކެޕޭސިޓީ އާއި ކެޕަބިލިޓީ ތަންފީޒުކޮށްދޭނެ، އެ ޕްލޭން ރާވައިދޭނެ ކޯޗެއް ލިބިގެން ދިއުން، އެއީ ވެސް މެނޭޖްމަންޓުން ވަރަށް ރަނގަޅަށް ކުރި ކަމެއް،" އޭރުގެ ހަނދާންތައް އާކުރަމުން 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި ޝާހު ބުންޏެވެ.

ވެލެންސިއާ އާއި ނިއު ރޭޑިއަންޓްގެ 1993ގެ ފައިނަލް މެޗުގެ ހަނދާންތައް އާކުރަމުން ވެލެންސިއާގެ އޭރުގެ ފޯވަޑް ޝާހު އިސްމާއިލް 'ދައުރު'އަށް އިންޓަވިއު ދެނީ (ފޮޓޯ/ހުސެއިން ސުނޭން)

ފައިނަލަށް ވެލެންސިއާ ދިޔައީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ޓީމުގައި ދަށް އެއްވެސް ދިމާއެއް ނެތެވެ. މޮޅު ކުޅުންތެރިން ގިނަކަމުން ފުރަތަމަ 11 އިން ފުރުސަތު ހޯދަން ކުރަން ޖެހުނު މަސައްކަތް ވެސް ބޮޑެވެ.

ފައިނަލް މެޗުގައި ދެ ލަނޑު ޖެހި އަދި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޒުވާން މިޑްފީލްޑަރު ބިންމާ އަބްދުﷲ ވަހީދު ބުނި ގޮތުގައި، ބެންޗުގައި ތިބޭ ކުޅުންތެރިން މޮޅުކުރަން ވެސް މިހައިލީ ވަރަށް އިސްކަންދިނެވެ.

އެ ތާރީހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބިންމާ އަބްދުﷲ ވަހީދު، 30 އަހަރު ކުރީގެ ހަނދާންތައް 'ދައުރު'އަށް ކިޔައިދެނީ (ފޮޓޯ/ހުސެއިން ސުނޭން)

"އިތުރު ޓްރެއިނިން ދޭނެ މެޗު ނުކުޅޭ [ކުޅުންތެރިންނަށް] އަނެއް ދުވަހު. އޭނާ މޮޅީ،" ބިންމާ އައްލޯގެ ނަމުން މަޝްހޫރުވި ކުޅުންތެރިޔާ ބުންޏެވެ.

"ބޮޑު ސްކޮޑެއް އޮތީމާ [ފުރަތަމަ 11އަށް އަރަން] އެކަކު އަނެކަކަށް އުނދަގޫ. މަަސައްކަތްނުކޮށް ނާރާނެ. [ކުޅުންތެރިންގެ މެދުގައި] ވާދަވެރިކަން ބޮޑު."

ފުރަތަމަ 35 މިނިޓްގެ ތެރޭގައި މެޗު 'ނިމިއްޖެ'

ދިވެހި ފުޓްބޯޅާގައި 'ލައްޗޭ'ގެ ނަމުން މަޝްހޫރުވި ކުޅަދާނަ ފޯވަޑް އާދަމް އަބްދުއްލަތީފު މެޗުގެ 10 ވަނަ މިނިޓްގައި ނިއުގެ ގޯލު ހުޅުވާލި ގޮތަށް، 34 ވަނަ މިނިޓްގައި އޭނާ ދެ ވަނަ ލަނޑު ޖެހި އިރު، ލަނޑު ބޯޑަށް 5-0 އަރައިފި އެވެ.

ގައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެ ތަފާތު ބޮޑު ނަތީޖާ ނެރުނު ވަގުތުތައް

  • 1-

    10 ވަނަ މިނިޓް: އާދަމް އަބްދުއްލަތީފް

  • 2-

    11 ވަނަ މިނިޓް: ބިންމާ އަބްދުﷲ ވަހީދު

  • 3-

    16 ވަނަ މިނިޓް: ކޭ.ޑީ ލަލިތު (ޕެނެލްޓީ)

  • 4-

    29 ވަނަ މިނިޓް: މޫސާ މަނިކު

  • 5-

    34 ވަނަ މިނިޓް: އާދަމް އަބްދުއްލަތީފު

  • 6-

    75 ވަނަ މިނިޓް: ބިންމާ އަބްދުﷲ ވަހީދު

  • 7-

    88 ވަނަ މިނިޓް: އަލީ ޝަރީފް (މިސްޓަ އަލީ)

ފުރަތަމަ ހާފުގައި ވެލެންސިއާ އިން އެ އޮތީ ގާތްގަނޑަކަށް މެޗު ނިންމާލައިފަ އެވެ. އިނގިރޭސި ކޯޗު ކެން މޯޓަންގެ އިރުޝާދުގެ ދަށުން ނުކުތް ނިއު މުޅިން ރޫޅި ހަފުސްވީ އެވެ. އޭރު އަޑުއެރި ގޮތުން ނަމަ، މެޗަށް ނުކުތް އިރު ވެސް، ޓީމު ތެރޭގައި އުފެދުނު ބައެއް މައްސަލަތަކާ ހެދި، އޮތީ ރޫހު ގެއްލިފަ އެވެ.

ވެލެންސިއާގެ ފޯވަޑް ޝާހު އިސްމާއިލް ހުއްޓުވަން ނިއު ރޭޑިއަންޓްގެ އިބްރާހިމް ހަމީދު، ލެއްބެ، (ވ) އާއި ޔޫސުފް އަޒީމް (ޔޫއްޓެ) މަސައްކަތްކުރަނީ: މި މެޗު ބަލަން ގަލޮޅު ދަނޑަށް ގާތްގަނޑަކަށް11،000 މީހުން ވަން (ހަވީރު ފޮޓޯ/މީމުޒަވިޔަނި)

ކެޕްޓަން މުހައްމަދު ކަލީމް ވެސް އެކަމަށް އެއްބަސްވެ އެވެ. އެކަމަކު އޭނާ ބުނީ އެހާ ބޮޑު ތަފާތަކުން ބަލިވުމުގެ އަނެއް ސަބަބަކީ، ވެލެންސިއާއަށް ލިބުނު ހުރިހާ ފުރުސަތެއް ކަހަލަ ގޮތަކަށް ލަނޑަކަށް ބަދަލުކުރުން ކަމަށެވެ. 

"ނިއު ރޭޑިއަންޓް ލަދުގަންނަން ޖެހޭ ނަތީޖާއެއް އެ ފެނުނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ކަލީމު ބުނެފައިވެ އެވެ.

"ލިބުނު ހުރިހާ ޗާންސްތަކެއްހެން ވެސް ބޭނުންކުރި އެ މީހުން. ޖަހާފައި ހުރީ ވެސް ރީތި ލަނޑުތަކެއް."

ކަލީމްގެ ވާހަކައަށް މައުރޫފް ތާއީދުކުރި އެވެ. 'ދައުރު'އާ ވާހަކަ ދައްކަމުން އޭނާ ބުނި ގޮތުން ނަމަ މުޅި މެޗުގައި '10 ފުރުސަތު ލިބުނު ނަމަ ހަތް ފުރުސަތު ލަނޑަކަށް ހެދި' އެވެ. އެއީ ފުޓްބޯޅަ މެޗެއްގައި ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ.

ކޮލަމްބޯގައި 1991ގައި އޮތް ސާފް ގޭމްސްގެ ފުޓްބޯޅައިން ރިހި މެޑެލް ހޯދި ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދް ކަލީމް އެ ތާރީހީ މުބާރާތާ ބެހޭ ގޮތުން ކުރިން 'ދައުރު'އަށް ދިން އިންޓަވިއުއެއްގައި: ވެލެންސިއާ 7-0 އިން މޮޅުވި ފައިނަލް މެޗުގައި ނިއުގެ ކެޕްޓަނަކީ ވެސް ކަލީމް (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަބްދުﷲ ޖެހި ދެ ލަނޑަށް އެކަނި ބަލާއިރު ވެސް އެއީ ހުރިހާ ގޮތަކުން ވެލެންސިއާގެ ދުވަހެއް ކަން އެނގެ އެވެ. ފުރަތަމަ ލަނޑު ޖެހީ ދެ ފައި އެއްކޮށް މައްޗަށް ނަގައިފަ އެވެ. އޭނާގެ ބަހުން ނަމަ "ދުވަހަކު ވެސް އަދި މި ރާއްޖޭގައި ނުޖަހާ' ކަހަލަ ލަނޑެކެވެ.

އޭނާގެ ދެ ވަނަ ލަނޑު އައީ، މެދު ރޮނގާ ހަމައިން ނިއުގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާފައި، ފޮނުވާލި ބާރު ބޯޅަ ނިއުގެ ގޯލަށް ވަދެގެންނެވެ.

މެޗުގައި ބިންމާ އަބްދުﷲ ވަހީދު އޭނާގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ނިއުއަށް ލިބުނު ބޮޑު ލަދާ އެކު އަނެއް ދުވަހު މޯޓަން ފުރީ އެވެ. އޭގެ ކުރިން 'ހަވީރު'ގެ ރިޕޯޓަރުންނާ އޭނާ ވާހަކަ ދެއްކި އެވެ. ބުނީ 'ކުޅެން ބޭނުންވި މީހުން ކުޅެ އެ މޮޅުވީ" ކަމަށެވެ.

އޭގެ ކުރިން ފުރަތަމަ 11ގައި ހިމެނުނު ބައެއް ކުޅުންތެރިން ފައިނަލް މެޗަށް ނުނެރުން އޭނާ ދިފާކުރީ ދަނޑަށް ނުކުތީ 'އަހަރެންގެ ޓީމު' ކަމަށް ބުނަމުންނެވެ.

ވެލެންސިއާގެ 14 އަހަރުގެ އިންތިޒާރު

ހިޔަލީ މުހައްމަދު ރަޝީދަކީ، ކުޅުންތެރިންނަށް މަހު މުސާރަ ދޭން ވެލެންސިއާ ފެށި މަސައްކަތުގެ އެއް އާރުކާޓީ އެވެ. ވެލެންސިއާގެ ރައީސް އެވެ. ވެލެންސިއާ އުފެއްދުމާއި ފުރަތަމަ އަހަރުތަކުގައި ކުޅުމާއި އޭގެ ފަހުން ކްލަބް ހިންގުމުގައި ވެސް، އެންމެ ފާހަގަކުރެވޭ އެއް ބޭފުޅެވެ.

ގައުމީ ތަށީގައި އަތްލުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އޭނާގެ ހިނިތުންވުން ބޮޑެވެ. ނަމަވެސް އެ ދުވަހުގެ ނަތީޖާއިން އަސްލު އުފާވެރިކަމުން ބައެއް އުނިވީ އެވެ.

މެޗަށް ފަހު ލަނޑު ބޯޑުގެ ކުރިމަތީގައި ތިބެގެން ވެލެންސިއާގެ ތާރީހީ ޓީމު ނެގި ފޮޓޯއެއް: މިއީ ރާއްޖެ ދުށް ތަފާތު ފައިނަލް މެޗެއް (ހަވީރު ފޮޓޯ/މީމުޒަވިޔަނި)

ގައުމީ ތައްޓަކީ ވެލެންސިއާގެ ނަސީބެއް ނޫން ކަމަށް ބުނެ އެތައް ބަޔަކު އޭރު މަލާމަތްކުރެ އެވެ. އެހެންކަމުން އެންމެ ފަހުން ވެލެންސިއާއިން ގައުމީ ތަށި އުފުލާލުމަކީ ރައްދު ދެއްވަން އޭނާއަށް ލިބިވަޑައިގެންނެވި ފުރުސަތެކެވެ.

"ގާހަކަ ވެސް ފުމެން ފެށީ މިހާރު. މެކުނަށް އެކަންޏެއް ނޫން ފުމެވޭނީ،" އެ ދުވަހު ހިޔަލީ ވިދާޅުވި އެވެ.

އެކަމަކު އެއާ ޖެހިގެން ދެން ވިދާޅުވީ އުފާވެރިކަމުން ބައެއް އުނިވެއްޖެ ކަމަށެވެ.

"އެއީ މެޗު ފެށުނު ތަނާ އެނގިއްޖެ ތަށި ލިބިއްޖެ ކަން. އެހެންވެ އެކަމަކަށް ފިކުރެއް ވެސް ނެތް،" ހިޔަލީ ރަޝީދު ވިދާޅުވި އެވެ.

"ޕްރެޝަރުގައި ތިއްބާ ކުޑަކުޑަ ތަފާތަކުން މޮޅުވި ނަމަ އެ އުފާވީސް."

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބިންމާ އަބްދުﷲ ވަހީދު، ތަށި ލިބިގަންނަނީ

މައުރޫފް އާއި ޝާހު އަދި ބިންމާ އަބްދުﷲ މެންގެ ހަނދާނުން އެ މެޗު ދުވަހަކު ވެސް ފިލައިގެން ނުދާނެ އެވެ. އަދި ފުޓްބޯޅައިގެ ތާރީހުގެ މުހިންމު ސަފުހާއަކަށް ވި މެޗެއްގައި އަދާކުރެވުނު ރޯލާ މެދު ތިން ކުޅުންތެރިން ވެސް ފަހުރުވެރިވެ އެވެ.

"އަހަންނަށް ވަރަށް މުހިންމު މެޗެއް އެއީ. ވިކްޓަރީގައި އެހާ ގިނަ ދުވަހު އުޅެފައި، ސަޕޯޓަރުން ވެސް ބޭނުންވި ވަގުތެއްގައި [އެ ޓީމު] ދޫކޮށްލާފައި، ވެލެންސިއާއާ ޖޮއިން ވުން އެއީ ވަރަށް ބޮޑު ޗެލެންޖެއް،" މައުރޫފް ބުންޏެވެ.

"ފުރަތަމަ އަހަރު އެ ހިސާބަކަށް ނުދެވުނު. ދެވަނަ އަހަރު ތައްޓާ ހަމައަށް ވާސިލްވުން އެއީ ވަރަށް ބޮޑު އުފަލެއް."

ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) 1991ގެ ސާފް ގޭމްސްގެ ފައިނަލަށް ރާއްޖެ ދިއުމުގެ ހަނދާންތައް 2021ގައި 'ދައުރު'އަށް ކިޔައިދެނީ: އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން ގަލޮޅު ދަނޑުގައި ވެލެންސިއާ ވެސް ހޯދީ ބޮޑު ކާމިޔާބީއެއް

ޝާހު އާއި އަބްދުﷲއަށް އެއީ ގައުމީ ފުރަތަމަ ތައްޓެވެ. މިއީ ވެލެންސިއާއިން އެންމެ ފުރަތަމަ 1991ގައި ސޮއިކުރި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނެވެ. މައުރޫފް އާއި މޫސަ ވެލެންސިއާއާ ގުޅުނީ އޭގެ ފަހުންނެވެ.

ޝާހު ބުނި ގޮތުގައި 'އެއީ ހަނދާނުން ފޮހެލަން އުނދަގޫ ފައިނަލެކެ'ވެ.

"އަނެއްކާ ނަތީޖާ ވެސް އެއްވެސް ބަޔަކު ގަބޫލުނުކުރާ ވަރުގެ ބޮޑު ތަފާތަކުން ނިއު ރޭޑިއަންޓް ކަހަލަ ޓީމެއް ބަލިކޮށްފައި މެޗު ނިމުން އެއީ އަޅުގަނޑު އަބަދުވެސް ފާހަގަކުރާ މެޗެއްގެ ގޮތުގައި ބަލަނީ،" ޝާހު ބުންޏެވެ. 

އާދަޔާ ހިލާފު ދެ ލަނޑުގެ ހަނދާންތައް އަބަދުވެސް އަބްދުﷲގެ ސިކުނޑީގައި ދިރިދިރި ހުންނާނެ އެވެ. އެ މުހިންމު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެހާމެ ޝަރަފުވެރި އެވެ. 

ފުރަތަމަ ފަހަރަށް ވެލެންސިއާއިން ގައުމީ ފުޓްބޯޅަ ތަށި ރައީސް މައުމޫންގެ އަތްޕުޅުން ވެލެންސިއާގެ ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ) ލިބިގަންނަނީ (ހަވީރު ފޮޓޯ/މީމުޒަވިޔަނި)

ފުޓްބޯޅައިގެ 14 އަހަރުގެ ކެރިއަރު އޭނާ ނިންމާލީ ހަމައެކަނި ވެލެންސިއާގައި ހުރެގެންނެވެ. ހިތާ އެހާ ބޮޑަށް ގުޅިފައި އޮތް ކްލަބެއްގެ އެހާ ތާރީހީ މެޗެއްގައި، އެހާ މުހިންމު ބައެއް އަދާކުރުމަކީ ކުޑަ އުފަލަކަށް ނުވާނެ އެވެ.

އެއީ "ފުޓްބޯޅައިގައި އަޅުގަނޑަށް ވަރަށް މުހިންމު މެޗެއް. ހަނދާނުން ފިލުވާލަން ދަތި މެޗެއް. އެހާ ބޮޑު އަދަދަކުން މޮޅުވެ، މޭން އޮފް ދަ މެޗު ލިބުނު،" އަބްދުﷲ ބުންޏެވެ.

"ވަރަށް އުފާވި ދުވަހެއް. ހިތުން ފިލުވާލަން ވަރަށް އުނދަގޫ މެޗެއް."

އެއީ ގަލޮޅު ދަނޑު ފުރިބާރުވި ދުވަސްވަރެވެ. ކްލަބްތަކުގެ ވާދަކުރުންތައް ބަލަން ވެސް ކިޔޫ ޖެއްސި ދުވަސްވަރެވެ. އެހާ ބޮޑު ފޯރިއެއްގެ ތެރޭގައި، އެހާ ތަފާތު މެޗެއް ތާރީހަށް ވަންނާނީ ނަށަމުންނެވެ. މިއީ މަދުން ނޫނީ ނުފެންނާނެ ކަމެކޭ ބުނަމުންނެވެ. އާ ޖީލުތަކަށް ފިލާވަޅަކަށް ވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް