ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންނަށް އެ މަނިކުފާނަށް މަރުހަބާ ކިޔަނީ. (ފޮޓޯ/އެމްޑީޕީ)
ޅ. އިން: 'އަތޮޅު ރައީސަށް' 1 ބުރުން އިތުރު ދައުރެއް 'ޔަގީން'
ޅ. އަތޮޅު - މި މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަތޮޅަށް ވަޑައިގަތީ އިއްޔެ އެވެ. ރައީސްއަށް ޅ. އަތޮޅު ވާނީ އަބަދުވެސް ހާއްސަ އަތޮޅަކަށެވެ. މިއީ ރައީސް ނިސްބަތްވެވަޑައިގަންނަވާ ހިންނަވަރު ހިމެނޭ ރަށެވެ. ރައީސް ކަމަށް ވަޑައިގަތީ ވެސް، އެ ދާއިރާ ތަމްސީލުކުރެއްވުމަށް މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ. ދާއިރާތައް ކަނޑަނާޅާއިރު، ހަތަރު ދައުރު މަޖިލީހުގައި އަތޮޅު ތަމްސީލުކުރެއްވި އެވެ.
އިއްޔެ ރައީސް މި އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވި އިރު، ރައީސަށް މަރުހަބާ ކިޔަން ކޮންމެ ރަށަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު ނުކުމެ ތިއްބެވެ. އެއިން ކޮންމެ މީހަކު ވެސް ބުނަމުން ދިޔައީ އެއް ވާހަކައެކެވެ؛ މާ ބޮޑު އަޅާލުމެއް ކުރިން ނުލިބި އޮތް މި އަތޮޅަށް ކިރިޔާ ވެސް ދިރުމެއް އަންނަން ފެށީ މި ސަރުކާރުގަ އެވެ. އަތޮޅުގެ ކަންކަން ދަންނަ، ރައްޔިތުންނާ ގާތް ބޭފުޅަކު ރާއްޖޭގެ ރައީސްކަމަށް ވަޑައިގަތުމުންނެވެ. އެއީ، މި އަތޮޅު މީހުން ފަހުރުވެރިކަމާ އެކު ބުނާ ގޮތުން ނަމަ، "އަތޮޅު ރައީސް" އިބްރާހިމް މުހައްމަދު ސޯލިހެވެ.
އޮޅުވެލިފުށިން: 'ކަމެއް ހިނގަން މި ފެށީ އަދި ކިރިޔާ'
ރައީސްގެ ފާދިއްޕޮޅު ދަތުރުގެ ފުރަތަމަ މަންޒިލަކީ އޮޅުވެލިފުއްޓެވެ. މި އަތޮޅުގައި މީހުން ދިރިއުޅޭ އަނެއް ތިން ރަށާ ތަންކޮޅެއް ދުރުގައި އޮންނަ މި ރަށަކީ މީހުން މަދު، މީގެ ކުރިން އެއްވެސް އަޅާލުމެއް ނުލިބި އޮތް ރަށެއް ކަމަށް މި ރަށު މީހުން ބުންޏެވެ. ރައީސަށް މަރުހަބާ ކިޔަން އިއްޔެ މެންދުރު ބަނދަރު ސަރަހައްދަށް ނުކުމެ ތިބި މީހުން ބުނީ، ރަށުގައި "ކަމެއް ހިނގަން ފެށީ އަދި ކިރިޔާ" ކަމަށެވެ.
މި އަތޮޅަށް މިހާރު އާރުޓީއެލް ފެރީގެ ހިދުމަތް ލިބޭއިރު، ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އައިސް ގޮސް ވާން މިހާރު މާ ބޮޑު ބުރައެއް ނެތެވެ. ހަމަ އެއާ އެކު، މި ރަށުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ސްކޫލަށް ކްލާސްރޫމު އިތުރު ކުރުމަށް، ދެ ބުރި އިމާރާތެއްގެ މަސައްކަތް ވަނީ ރާވައިފަ އެވެ. ބަނދަރު ބޮޑުކޮށް، މޫދަށް އެރޭނެ ތަނެއް ތަރައްގީކުރުމަކީ، ދެ ވަނަ ދައުރަކަށް ރައީސް މި ރަށަށް ވެވަޑައިގެންނެވި ވައުދެކެވެ. ސިއްހީ ހިދުމަތް ރަށުން ލިބޭ ފެންވަރު މަތިކުރަން ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ކުރެންދޫ: 'އަަަބަދުވެސް އެމްޑީޕީ ރަށެއް'
ރައީސްގެ ދަތުރުފުޅުގެ ދެވަނަ މަންޒިލަކީ ކުރެންދު އެވެ. މިއީ އަބަދުވެސް "އެމްޑީޕީގެ ރަށެ"ކެވެ. ރައީސަށް މަރުހަބާ ކިޔަން އެތައް ބަޔަކު ރީނދޫ ކުލައިން ޖަރީވެގެން ބަނދަރު ސަރަހައްދަށް ނުކުމެ ތިއްބެވެ. އެ ސަރަހައްދުގައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ކުރިއަށް ދިޔައިރު، ފޯރި އާއި ޖޯޝުގައި ޝުއޫރު ފާޅުކުރަމުން ދިޔަ ސަޕޯޓަރުންގެ އަޑުން، ޖަލްސާ ކުރިއަށް ދިޔަ ހޯލު އޮތީ ގުގުމާލައިފަ އެވެ.
ޖަލްސާ އޮތް ޒުވާނުންގެ މަރުކަޒު ކައިރިން ދިމާވި އަހުމަދު އިބްރާހިމްގެ އުމުރުން މިހާރު 75 އަހަރު ވެއްޖެ އެވެ. އޭނާ ބުނި ގޮތުން، މިވަރުގެ ސަރުކާރެއް އަދި އޭނާގެ ހަޔާތުގައި ވެސް ނާދެ އެވެ.
"ދުވަހަކު ވެސް ނުދެކޭ ފަދަ ވެރިކަމެއް ފެނިގެން މި ދަނީ. ރާއްޖޭގެ ހުރިހާ ރަށަކަށް، ވަކި ރަށެއް ނޫން ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ، ދެން ކިޔާނެ ކަމެއް ނެތް، ހުރިހާ ކަމެއް [އެބަ ކޮށްދޭ]،" އޭނާ ބުންޏެވެ.
ރައީސް ސޯލިހަކީ ވަރަށް އަހުލާގު ރަނގަޅު، މަޑުމައިތިރި ބޭފުޅެއް ކަމަށާއި، އެއީ "މީހުންނަށް އަނިޔާވެރިވާނެ ވެރިއެއް ނޫން"ކަން ފާހަގަކުރަމުން އަހުމަދު ބުނީ، "ހަމަ އެއް ބުރުން އަދިވެސް ރައީސް އެބަ ހޮވަން ޖެހޭ" ކަމަށެވެ.
"ރައީސަކީ ވަރަށް ރަނގަޅު ރައީސެއް. އަޅުގަނޑުމެންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މި ދަނީ ކުރިއަށް. އަޅުގަނޑުމެން ބޭނުންވަނީ ދެން ވެސް، އަދިވެސް ހަމަ ކުރިއަށް އޮތް ތަނުގައި ވެސް ރަށަށް ފައިދާތަކެއް،" ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ ސަބަބުތައް ކިޔައިދެމުން، މި ރަށުން ވާހަކަދެއްކި އަންހެނަކު ބުންޏެވެ.
އޭނާ ބުނީ ރައީސް ސޯލިހަކީ މީހުންނަށް އޯގާތެރި، މީހުންނާ ގުޅޭ ވެރިއެއް ކަމަށާއި، އެއީ ރައީސް ވެރިކަމުގައި އަދިވެސް ބަހައްޓަން ޖެހޭ ސަބަބެއް ކަމަށެވެ.
ނައިފަރުން: 'އުއްމީދުތަކަށް ހަގީގީ ކުލަ ގެނެސްދީފި'
މި އަތޮޅުގެ ވެރިކަން ކުރާ ނައިފަރުން ވެސް ރައީސަށް އޮތް ތާއީދު ފެނުނެވެ. މިއީ އިދިކޮޅު ސަޕޯޓަރުން ގިނަ ރަށެއް ނަމަވެސް، ރައީސަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުތެވެ. ރައީސް ވެރިކަމުގައި ބަހައްޓަން އަދިވެސް ބޭނުންވާ ސަބަބުތައް މި ރަށު މީހުންނަަށް ވެސް ވަކި މަދެއް ނޫނެވެ.
އާބާދީ ބޮޑު ނަމަވެސް، ކުރީގެ ސަރުކާރުތަކުން ވެސް ރަށުގެ ތަރައްގީއަށް ކޮށްދިން މާ ބޮޑު ކަމެއް ނެތް ކަމަށް ނައިފަރުގެ ގިނަ ބަޔަކު ވެސް ބުންޏެވެ. ކުރީ ސަރުކާރުގައި "ޕްލޭނެއް ނެތި" ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުން، އަށެއްކަ އަހަރު ވީއިރު ވެސް އަދި އެ މަސައްކަތް އެއްކޮށް ނިމި، ހިދުމަތެއް ނުލިބެ އެވެ. އެ މަސައްކަތް ވެސް އަވަސްކޮށް، ރައްޔިތުންގެ ތަކުލީފަށް ނިމުމެއް ގެނެސްދޭން ކިރިޔާ ވެސް މަސައްކަތް ކުރީ މި ސަރުކާރުން ކަމަށް، މި ރަށުން ވާހަކަ ދެއްކި ގިނަ މީހުން ބުންޏެވެ.
ގާތްގަނޑަކަށް 6،000 މީހުން ދިރިއުޅޭ މި ރަށަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް ބޮޑު ރަށެކެވެ. ގެތައް ގިނައިރު، ސަރުކާރުގެ މުއައްސަސާތައް ވެސް ގިނަ އެވެ. އެކަމަކު ރަށުގެ މަގުތަކުގެ މައްސަލަ އަކީ ފެށުނީއްސުރެ މި ރަށު މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. އަޑިގުޑަން ބޮޑު، ކިރިޔާ ވާރޭ ވެހިލާއިރަށް ވެސް ކިސަޑު ހެދި، ހިނގާބިނގާވުމަށާއި ދުއްވާ އެއްޗެހި ދުއްވަން ވެސް ދަތިވެ އެވެ.
އެ މަައްސަލައަށް ހައްލެއް ގެނެސް، ރަށުގެ ނަރުދަމާ ނިމުމުން މަގު ހެދުމުގެ މަސައްކަތް ފަށަން މިހާރު އޮތީ އާރުޑީސީއާ ހަވާލުކޮށްފަ އެވެ. މި ސަރުކާރުން މި ރަށުގެ ރައްޔިތުންގެ އަޑު އެހި ކަމަށް، ރަށުގެ ގިނަ ބަޔަކު ބުނާ އެއް ސަބަބަކީ މިއީ އެވެ. ރަށުގައި ތާރު އަޅައިގެން ހެދެން ހުރި ހުރިހާ މަގެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިއްޔެ ރައީސް ވައުދުވެވަޑައިގަތެވެ.
"ސަރުކާރުން ރައްޔިތުންގެ އުއްމީދުތަކަށް ހަގީގީ ކުލަ ގެނެސް ދެއްވައިފި. ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. މިއާ އެކީ، މި ރަށުން ރައީސަށް ބޮޑު ކާމިޔާބެއް ލިބޭނެ،" ނައިފަރުން ވާހަކަދެއްކި ފިރިހެނަކު ބުންޏެވެ.
މި ރަށުން ވާހަކަ ދެއްކި ޒުވާނަކު ވެސް ބުނީ "މިއީ ސަޅި ރައީސެއް ކަމަށާއި އަދިވެސް [ވެރިކަމުގައި] ބަހައްޓަން ޖެހޭ" ކަމަށެވެ. ރަށަށް ބޭނުންވާ ކަންތައްތައް ކޮށްދޭނެ ކަމަށް ވިދާޅުވާ ވެރިއަކީ ރައީސް ސޯލިހް ކަމަށް އޭނާ ބުންޏެވެ.
މި ރަށުގެ ކައުންސިލުގައި އޮންނަނީ އިދިކޮޅުގެ މެޖޯރިޓީ އެވެ. ކައުންސިލުން ސަރުކާރާ ގުޅިގެން ރަށަށް ތަރައްގީ ގެންނަން މަސައްކަތް ނުކުރާ ކަމަށް ބުނި ދެތިން މީހަކާ ވެސް ދިމާވި އެވެ.
"ސަރުކާރާއި ރައީސްގެ އަމިއްލަ އިސް ނެންގެވުމަށް މި ރަށަށް ކަންތައް ކޮށްދެއްވަނީ،" ރަަށުގެ ތަރައްގީއަށް ކައުންސިލުން އެއްބާރުލުން ނުދޭކަން ފާހަގަކޮށް، އެ ތަނުން އެކަކު ބުންޏެވެ.
-
އިތުރަށް ކިޔާލަން - ރައީސް އެދިވަޑައިގަތީ ނައިފަރުން %50 އަށް ވުރެ ގިނަ ވޯޓަށް
ހިންނަވަރުން: 'މިއީ ބަރާބަރު 5 އަހަރު'
ރައީސް ސޯލިހަށް އެންމެ ހާއްސަ ވާނެ ރަށަކީ ހިންނަވަރެވެ. އެ މަނިކުފާނު އެ ރަށަކަށް ނިސްބަތްވެވަޑައިގަންނަވާ އަދި އުމުރުފުޅުން 10 އަހަރު ވަންދެން ދިރިއުޅުއްވި އެ ރަށުގެ ރައްޔިތުންނަށް ވެސް އެ މަނިކުފާނު އެހާ ހާއްސަ އެވެ.
"ރައީސް ދެކެ އަޅުގަނޑުމެން ވަރަށް ލޯބިވޭ،" ހިންނަވަރަށް އިއްޔެ ހަވީރު ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް ގޮސް ހުރި ހުރި ޒުވާން އަންހެނަކު ބުންޏެވެ.
ރަށު ކައުންސިލްގެ ރައީސް ހަސަން ޝާފިއު ވެސް ރޭ ވިދާޅުވީ ހަމަ އެހެންނެވެ. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވެސް ވިދާޅުވީ، "އަޅުގަނޑުމެން ހަގީގަތުގައި ވެސް ރައީސް ދެކެ ވަރަށް ލޯބިވާ" ކަމަށެވެ. މި ރަށުން ރައީސާ މެދު ފަހުރުވެރިވާ މިންވަރާއި ރައީސް ދެކެ ލޯބިވާ މިންވަރު ރަށުގެ ކުދި ބޮޑު އެންމެންގެ މޫނުމަތިން ފެނުނެވެ.
ރައީސަށް އިތުރު ދައުރެއް ދޭން މި ރަށުގެ ގިނަ މީހުން ބޭނުންވާ ސަބަބުތައް ވަަރަށް ގިނަ އެވެ. ވެރިކަން ކުރަން "މި ވަރުގެ ކުއްޖެއް ނުލިބޭނެ" ކަމަށް ރަށުގެ ދުވަސްވީ މީހުން ބުނާއިރު، ޒުވާނުން ބޭނުންވާ ތަރައްގީ އާއި ރަށުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް، ކުރިއަރަން ފެށީ މި ސަރުކާރުގައި ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. ރަށަށް އިތުރު ތަރައްގީ އަންނަން އޮތީ "ރަށުގެ ދަރިއަކު" ވެރިކަމުގައި ބަހައްޓައިގެން ކަމަށް މި ރަށު މީހުން ބުނެ އެވެ.
"އަދިވެސް އުއްމީދަކީ [ރައީސް ސޯލިހް] އިތުރު ދައުރަކަށް ހޮވުން. މި ވީހާ ތަނަށް ނުކޮށްދޭ ކަންތައް ކޮށްދީފި،" މި ރަށުން ވާހަކަ ދެއްކި މެދު އުމުރުގެ އަންހެނަކު ބުންޏެވެ.
މިއީ ހިންނަވަރަށް "ބަރާބަރު ފަސް އަހަރެވެ". ހިންނަވަރުގެ އިތުރުން، މުޅި މި އަތޮޅަށް ވެސް މި ފަސް އަހަރުގެ ތެރޭގައި "ދިރުން އައިސްފި" ކަމަށް، މި އަތޮޅުގެ ހަތަރު ރަށުގެ ރައްޔިތުން ވެސް ބުނެ އެވެ. މި އަތޮޅުން އަދިވެސް ބޭނުންވަނީ އަދި ޔަގީންކުރަނީ ވެސް "އަތޮޅު ރައީސް"އަށް އެއް ބުރުން އިތުރު ދައުރެއް ލިބޭނެ ކަމެވެ.