ކުރެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)

ޅ. ކުރެންދޫ

އިސްލާހީ މަސައްކަތުގެ ހަނދާންތަކާ އެކު ރައީސް ވިދާޅުވީ ކުރެންދުއަކީ އަބަދުވެސް އެމްޑީޕީ ރަށެއް ކަމަށް

ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުންނަށް ލިބިފައިވާ އެންމެ މުހިއްމު ހައްގު ބޭނުންކުރާ ބައެއް ކަމަށާއި އެ ހައްގަކީ ވޯޓު ކަމަށް

ޅ. ކުރެންދޫ - ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ހިންގި އިސްލާހީ މަސައްކަތުގައި އަނިޔާ ލިބުނު ގިނަ ބަޔަކު މި ރަށުގައި ތިބޭނެ ކަމަށާއި މި ރަށަކީ އެމްޑީޕީގެ އިސްލާހީ މަސައްކަތް ފެށީއްސުރެ އެ މަސައްކަތުގައި ގިނަ ބަޔަކު އުޅޭ، އަބަދުވެސް އެމްޑީޕީގެ ރަށެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ކުރެންދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި ރަށު ރައްޔިތުންގެ ގިނަ ބަޔަކީ އިސްލާހީ މަސައްކަތުގެ ތެރެއިން ޕެޕާ ސްޕްރޭއާ ކުރިމަތިލައި ޖަލުގެ ކުޑަ ގޮޅި ފެނިފައި ތިބި މީހުން ކަމަށެވެ.

ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ކުރެންދޫ އަށް ވަޑައުގަތުން (ފޮޓޯ/އެމްޑީޕީ)

ބުނީ ކީކޭ؟ - "ކުރެންދޫ ބަލަދެއް ނުވޭ،" އަދިވެސް މި ރަށަކީ އެމްޑީޕީގެ ސަޕޯޓަރުން ގިނަ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ. 

ރައީސް ވަނީ، 2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީން ހިންގި އިސްލާހީ މަސައްކަތްތަކުގެ ހަނދާން އާކުރައްވައި އެ ހުރިހާ ހަރަކާތެއްގެ އެންމެ އިސް ސަފުގައި މި ރަށުގެ ރައްޔިތުން ހަރަކާތްތެރިވިކަން ފާހަގަކުރައްވައިފަ އެވެ.

"މީގެ ތެރެއިން ކިތަންމެ ބޭފުޅުންނެއް ތިއްބަވާނެ ޖަލުގެ ކުޑަ ގޮޅި ދެކެފައި. ކަރުނަ ގޭސް، ޕެޕާ ސްޕްރޭއާ ކުރިމަތިލާފައި. އެތައް އެތައް މުޒާހަރާއެއްގައި ކުރީ ސަފުގައި ތިއްބެވި ބޭފުޅުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

މި ރަށުގެ "ދޮންމޫސަބޭ" އަކީ އެމްޑީޕީ އުފެއްދި ދުވަސްވަރު، މާލޭ ދުންފުނި ހަރުގޭގައި އެންމެ ގިނައިން ތަގުރީރު ދިން އެކަކު ކަމަށާއި، އޭނާގެ އުމުރުުން މިހާރު 80 އަހަރުން މައްޗަށް ގޮސްފައި ވާއިރު، އަދިވެސް ހުރީ އެމްޑީޕީގެ ހަރަކާތްތަކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ކުރެންދުއަށް ވަޑައުގަތުން (ފޮޓޯ/އެމްޑީޕީ)

ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުންނަށް ލިބިފައިވާ އެންމެ މުހިއްމު ހައްގު ބޭނުންކުރާ ބައެއް ކަމަށާއި އެ ހައްގަކީ ވޯޓު ކަމަށެވެ.

"ދެވަނަ ދައުރަކާ ކުރިމަލާނީ ބޮޑު ތަފާތަކުން އެއް ބުރުން [އިންތިހާބު ކާމިޔާބުކޮށްގެން]،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރިން ތަހައްމަލުކުރި އަނިޔާވެރިކަމަށް އެނބުރި ދާން ރައްޔިތުން ބޭނުން ނުވާ ކަމަށާއި، އުފާވެރިކަމާއި އުފަލާ ހަމަޖެހުމާ އެކު ފަސް އަހަރު ހޭދަކުރެވިއްޖެ ކަމަށެވެ.

ކުރެންދުއަށް ވެސް ވައުދުތަކެއް

ކުރެންދު އަކީ ތޮއްޖެހިފައިވާ ރަށެއް ނަމަވެސް، ރަށަށް ބޭނުންވާ އަސާސީ ގިނަ ކަންތައްތަކެއް ހުންނާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ދައުރަށް އިންތިހާބުވެއްޖެ ނަމަ، މި ރަށަށް ކޮށްދެއްވާނެ ކަންތައްތައް ވިދާޅުދެއްވާފަ އެވެ.

  • އިތުރު 50 ހައުސިން ޔުނިޓު އަޅައި ބޯހިޔާވަހިކަމަށް ހައްލު ގެނެސްދޭނެ

  • ބޮޑެތި މަގުތަކުގައި ތާރު އަޅައި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ފެން ހިންދާ ނިޒާމެއް ގާއިމް ކުރާނެ

  • ގިރާ ސަރަހައްދު ހިމާޔަތްކޮށް ނިންމާނެ

  • ޒުވާނުންނަށް ކުޅިވަރު ކުޅޭނެ އިންޑޯ ޔޫތު ކޮމްޕްލެކްސްއެއް ގާއިމްކުރާނެ

  •  ވޭސްޓް މެނޭޖުމެންޓު ސެންޓަރު އަޕްގްރޭޑުކޮށް، ކުނީގެ މައްސަލަ ހައްލުކޮށްދިނުން

  • ދަތުރު ދާނެ ރަށެއް ހާއްސަ ކުރާނެ

  • ސްކޫލަށް ބޭނުންވާ އިތުރު ކްލާސްރޫމް އަޅާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް