ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
ރައީސް އެދިވަޑައިގަތީ ނައިފަރުން %50 އަށް ވުރެ ގިނަ ވޯޓަށް
ޅ. ނައިފަރު - އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އންތިހާބުގައި ޅ. ނައިފަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް %50 އަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ހޯދައިދޭން މި ރަށު ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު މި ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި އަތޮޅުގެ އެއްވެސް ރަށެއް ތަފާތު ނުކޮށް ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.
ތަފްސީލް- މި ރަށަކީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލެއް އޮންނަ އަދި މަޖިލީހުގައި ދާއިރާ ތަމްސީލު ކުރައްވާ މެންބަރަކީ ވެސް އިދިކޮޅު މެންބަރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ.
ނައިފަރަކީ މި އަތޮޅުގެ ވެރިކަން ކުރާ ރަށް ނަމަވެސް، ކުރީ ސަރުކާރުތަކުން މި ރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެރިކަން ކުރާ ރަށްރަށަށް ތަރައްގީ ގެނައިއިރު މި ރަށް އޮތީ ބާކީކޮށްލާފައި ކަމަށެވެ.
"ތަފާތު ބޮޑެތި ގަނޑުވަރުތަކާއި އޮފީސްތަކާ ކުރީގެ ސަރުކާރުތަކުން އަޅާފައި އެބަހުރި. އެކަމަކު ނައިފަރަކަށް އެ ބަދަލެއް ނާދޭ،" ހދ، ށ، ތ އަދި ދ އަތޮޅުގެ ވެރިކަން ކުރާ ރަށްރަށާ މި ރަށާ އަޅާބައްލަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނައިފަރު ރައްޔިތުންނަށް ވެރިކަމުގައި ހުންނަ މީހާ މުހިއްމު ނޫން ކަމަށާއި މި ރަށުގެ ރައްޔިތުން ބޭނުންވަނީ ރަށު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ވެރިއެއް ކަމަށެވެ.
ބޯހިޔާވަހިކަމަށް އިތުރު 200 ހައުސިން ޔުނިޓު
މި ރަށަކީ ޒަމާނުއްސުރެ ބިމުގެ ދަތިކަން އޮތް ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އުމްރާނީ ގޮތުން ތަރައްގީ ނައިސް އޮތް އެއް ސަބަބަކީ އެއީ ކަމަށެވެ.
ނަމަވެސް ވެރިކަމުގައި ވޭތުކުރާ މި ފަސް އަހަރު ތެރޭ ބޯ ހިޔާވަހިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނެވިއްޖެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ވިދާޅުވީ
-
ކުރިއަށް އޮތް ދައުރުގައި މި ރަށުން ހިއްކަން ނިންމާފައިވާ 20 ހެކްޓަރުގެ އިތުރަށް ބިން ހިއްކާނެ ކަމަށް
-
ފުރަތަމަ ފިޔަވަހީގައި 200 ހައުސިން ޔުނިޓު އަޅާނެ ކަމަށް
މިރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މި ސަރުކާރު އައި އިރު ހުއްޓިފައި އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން އެ މަސައްކަތް ފަށާފައި އޮތީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ.
" ދެން ޖެހުނީ އެ ކެންސަލް ކުރަން. މަޝްރޫއު ނިމިފައި އޮތް ނަމަވެސް އެކަމަކު ހިދުމަތް ނުލިބޭ ބައެއް ގޭގެ އެބަހުރި. ކުރިއަށް އޮތް ދައުރުގައި އެ ހިދުމަތް ހުރިހާ ގެއަކަށް ދޭނަން،" ރައީސް ވިދާޅުވި އެވެ.
މިރަށުގެ މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށް 2.6 ކިލޯމީޓަރުގެ މަގު ހަދަން ކޮންޓްރެކްޓުކޮށްފައި އޮތް ނަމަވެސް އެ މަގުތަކުގެ އިތުރުން ވެސް ހަދަން ޖެހޭ ހުރިހާ މަގެއް ތާރު އަޅައިގެން ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިރަށަށް ވެސް ވައުދުތަކެއް
ކުރިއަށް އޮތް ދައުރުގައި އިންތިހާބު ވެވަޑައިގެންފި ނަމަ މިރަށަށް އިތުރަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ؛
-
ހޮސްޕިޓަލަށް އިތުރު އިމާރާތަކާ އެކު ސައިކޭޓްރިސްޓެއްގެ ހިދުމަތް. މިއާ އެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީ
-
ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބެއް
-
ބަނދަރުގެ ދަތިތައް ހައްލުކޮށް ބޭރުގައި ރިވެޓްމެންޓު ޖަހާ ކުދި އުޅަނދުތައް ކައިރި ކުރެވޭނެ ގޮތެއް ހަދާނެ
-
ފްލެޓުތަކުގެ އަގު ތިރިކުރަން މަސައްކަތް ކުރާނެ