ރައްޔިތުން ތިޔަ ހޯދާ 'ނަމޫނާއަކަށް، މިސާލަކަށް އަޅުގަނޑު ނުވޭތޯ'

ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް އޭނާ ކޮށްދެއްވި ހިދުމަތްތަކާއި އެހީތަކުގެ ވާހަކަ ދައްކަވަނީ މާޒީގެ ތަޖުރިބާއަކީ ރައީސަކަށް މުހިންމު އެއްޗަކަށް ވާތީ ކަމަށް
31 އޯގަސްޓު 2023
2

މުހިންމު ނުކުތާތައް

ވިޔަފާރީގައި ލިބިވަޑައިގެންނެވި އާމްދަނީގެ ބޮޑު ބައެއް ހޭދަކުރެއްވީ ރައްޔިތުންނަށްޓަކައި

އެ ހުރިހާ އެއްޗެއް އިންވެސްޓްކުރެއްވި ނަމަ ރާއްޖޭގައި އޭނާ ވަރުގެ އެހެން ވިޔަފާރިވެރިޔަކު ނުހުންނާނެ

މިއީ ރައީސް ކަމަށް ކުރިމަތިލައްވާނެ ފަހު ފަހަރު ކަމަށް ވެސް ވިދާޅުވި

ގާސިމް އިބްރާހިމް ވާހަކަ ދެއްކެވީ ވަރަށް ގިނަ ތަފުސީލުތަކާ އެކުގަ އެވެ. އެ ވާހަކަތައް މެދުކަނޑާލެއްވީ އެންމެ ފަހަރަކު އެވެ. އެއީ ސަން އައިލެންޑް ރިސޯޓް، މިހާރުގެ ނަމުން ނަމަ، ވިލާ ޕާކްގެ މޫދު ރެސްޓޯރެންޓްގައި، ގާސިމް އިންނަވާ ނަމަ، އާންމުކޮށް ޒިޔާރަތްކުރާ ބިޔަ މާކަނާ އައުމުން، އެއަށް ކާން ދޭން މީހަކަށް ގޮވާލެއްވި ގޮވާލެއްވުމެވެ.

އެ މާކަނާ ދެތިން ފަހަރަކު ގާސިމް އިންނެވި ދިމާއަށް ނަޒަރު ހުއްޓާލައިގެން އިނދެ، ކައިރިއަށް ޖެހިލި ވެސް މެ އެވެ. އެއަށް ކާންދޭ މީހާ ދެކެ ވާ ލޯތްބެވެ. އަގުވަޒަންކުރުމެވެ.

އެކަމަކު ގާސިމްގެ އެހީތެރިކަން ލިބުނު/ލިބެމުން އަންނަ އެތައް ހާސް ދިވެހިން އޭނާގެ އަގު ވަޒަންކުރޭ ހެއްޔެވެ؟ ނުވަތަ ގާސިމް، އެންމެ ފަހު ފަހަރު އެ އެދިވަޑައިގަންނަވާ އެދިވަޑައިގަތުމާ މެދު، އޭގެ ކުރިން ނުވިސްނާހާ ފުންކޮށް ވިސްނައި، ގޮތެއް ކަނޑައަޅާފާނެ ހެއްޔެވެ؟

ގާސިމް އިބްރާހިމް، 'ދައުރު'އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަނީ

ހަޔާތުގައި އޭނާ ކުރެއްވި ތަޖުރިބާތައް ގިނަ އެވެ. އުމުރުފުޅުން 72 އަހަރުގައި، ރިޔާސީ އިންތިހާބަށް އޭނާ ނުކުންނަވައިގެން އެ ހުންނެވީ، ދިވެހި ރައްޔިތުން 9 ސެޕްޓެމްބަރުގައި ގޮތް ނިންމާއިރު ބަލަން ޖެހޭނެ 'ކާމިޔާބީގެ ސަފުހާތަކެއް' ހިއްޕަވައިގެން ކަމަށް ގަބޫލުކުރައްވައިގެންނެވެ.

މިހާތަނަށް އޭނާ ހޯއްދެވި ކާމިޔާބީތަކުގެ ފައިދާ، ރާއްޖޭގެ އެހެން އެއްވެސް ވިޔަފާރިވެރިޔަކާ ކައިރި ވެސް ނުކުރެވޭނެ މިންވަރަކަށް ހިއްސާކުރެއްވީ، ގާސިމް ވިދާޅުވި ގޮތުގައި، ދިވެހި ރައްޔިތުންނާ އެވެ.

"އަޅުގަނޑު މިހާ ހިސާބަށް އައިއިރު... އިންސާނިއްޔަތަށް، ރައްޔިތުންނަށް ކޮށްދީފައި ހުރި ހިދުމަތްތަކަށް ބަލައިލާއިރު އަޅުގަނޑުގެ މިހުރިހާ އިންވެސްޓްމަންޓްތަކަކީ %40 އަޅުގަނޑަށް ލިބުނު އެއްޗެއްގެ،" ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ އިންޓަވިއުގައި ގާސިމް ވިދާޅުވި އެވެ.

"އަނެއް %60 ދިޔައީ ކޮން ތާކަށް؟" އެހާ ހިސާބުން އޭނާ ސުވާލުކުރެއްވި އެވެ. އޭގެ ޖަވާބު ވެސް، ހަމަ އެ ނޭވާގައި ދެއްވި އެވެ.

ގާސިމްގެ މާމިގިލީ އެއާޕޯޓްގައި ހުރި ކުޑައެއްގެ ދަށުގައި އިންނަވައިގެން އާންމު މީހެއްގެ ވާހަކަ އަޑުއައްސަވަނީ

"ބޭރުގެ ބޭންކަކު ނުހުންނާނެ ލާރިއެއް. ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް، ކިޔަވައިދިނުމަށް، ބޭސްފަރުވާއަށް، ޖަމާއަތްތަކަށް، ޖަމިއްޔާތަކަށް، ކްލަބްތަކަށް، ރަށްރަށުގެ ފަޅު ހަދައިދިނުމަށް، ރަށްރަށުގެ މިސްކިތް ބިނާކުރުމަށް. ރަށްރަށަށް ކަރަންޓް ކޭބަލް ދިނުމަށް، ޖަނަރޭޓަރު ދިނުމަށް،" ގާސިމް ވިދާޅުވި އެވެ.

"ދެން މިހެން ގޮސް ނަން ހުސްކޮށް ކިޔުއްވާ، ނަން ހުސްކޮށް ކިޔުއްވާ!"

މި ހުރިހާ ވާހަކައެއް އެގޮތަށް ދެއްކެވުމުގައި، އޭނާގެ ކުރިމަތީގައ،ި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. މިއީ ރިޔާސީ އިންތިހާބަށް އޭނާ ނުކުންނަވާ ތިން ވަނަ ފަހަރެވެ. އުމުރުގެ ގޮތުން ބަލާ ނަމަ ފަހު ފަހަރެވެ. އެހެންކަމުން ވިދާޅުވީ 'އަޅުގަނޑުގެ ވާހަކަ އަޅުގަނޑު އަމިއްލައަށް މި ދައްކަނީ' ވެސް އެންމެ ފަހު ފަހަރަށް ވީމާ ކަމަށެވެ.

އެ މީހަކީ އަޅުގަނޑު ކަމަށް ނުވޭތޯ؟

ގާސިމްގެ ދީލަތިކަމާ މެދު އެއްވެސް މީހަކަށް ސުވާލެއް ނުއުފެއްދޭނެ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، އޭނާއަށް ވުރެ މާ ޒުވާން ކެންޑިޑޭޓުންނެކޭ އެއްގޮތަށް، ވަރުބަލިވުމެއް ނެތި، ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވައި، އެ ދައްކަވާ ވާހަކަތަކުގައި ވެސް އޭނާ ގެންދަވަނީ ހަނދާންކޮށްދެއްވަމުންނެވެ. ކަމެއް ކޮށްދީފައި އެކަން ގޮވާލެއްވުމުގެ މަގުސަދަކު ނޫނެވެ. އެކަމަކު މިހާތަނަށް ވެސް ރައްޔިތުންނަށް ކަންކަން ކޮށްދިނީ ކާކުތޯ އާއި ހަޔާތުގައި ކާމިޔާބު މަސައްކަތްތަކެއް ކުރީ ކާކުތޯ ވިސްނައިދިނުމަށެވެ.

އަމިއްލަ ދާ އޮހޮރުވައިގެން ހޯދި އާމްދަނީއަކުން އެ ވަރުގެ އެހީއެއް އާންމުންނަށް ދިން/ދޭ އެއްވެސް ވެރިޔަކު އެބަ ހުރިތޯ ގާސިމް ސުވާލުކުރެއްވި އެވެ. ނެތެވެ. ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމު އަދާކުރެއްވުމުން ލިބިވަޑައިގަންނަވާ ބޮޑު އިނާޔަތުން ވެސް އެއްޗެއް ދިއްކޮށްލައްވާނެ ބޭފުޅަކު ނެތްކަން، އޭނާގެ ވާހަކަތަކުން މާނަ ނެގިދާނެ އެވެ.

"އޭގެން އެއްވެސް ބޭފުޅަކު، އެމީހުންގެ މުސާރައިން ނޫނީ އެމީހުންގެ އާމްދަނީން ލޭ އޮހޮރުވައިގެން، ދާ އޮހޮރުވައިގެން ކުރި މަސައްކަތަކުން ދީފައި އޮތް އެއްޗެއް ދައްކަ ބަލަ އެއްވެސް މިންވަރެއް!" ގާސިމް ވިދާޅުވި އެވެ.

ކެމްޕޭން ދަތުރެއްގައި ގާސިމާއި އޭނާގެ ޓީމު އދ. މަންދޫގައި (ފޮޓޯ/ޖޭޕީ)

"ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައި ތިބި ބޭފުޅުންނަށް، ޔާމީނަށް ވެސް ލިބިވަޑައިގަންނަވާނެ ހަތަރު ލައްކައެއްހާ ރުފިޔާ. ރައީސް ނަޝީދަށް ވެސް ތިން ލައްކަ ކަންނޭނގެ އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އޭނާއަށް ވެސް ގާތްގަނޑަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ މަހަކު ލިބިވަޑައިގަންނަވާނެ. [އެފަދަ އާމްދަނީއެއް އެ ބޭފުޅުންނަށް ދައުލަތުން ދޭތީ] އަޅުގަނޑު ކަމެއް ބޮޑެއް ނުވެއޭ."

އެކަމަކު އޭނާގެ ކަންބޮޑުވުން އޮތީ ރައްޔިތުން ނިންމާނެ ގޮތަކާ މެދުގަ އެވެ. ހަޔާތުގައި އޭނާ ކުރެއްވި މަސައްކަތްތަކަކީ، ރައްޔިތުންނަށް މިއަދު ލިބެން އޮތް ނަމޫނާއަކަށް ވާތީ، ގޮތް ނިންމާ އިރު އެއަށް ނަޒަރެއް ނުހިންގަފާނެކަމުގެ ކަންބޮޑުވުމެވެ.

އިންޓަވިއުގެ ތެރޭގައި އަނެއްކާވެސް ގާސިމް ގެންނެވީ މިސާލެކެވެ. އެއް މިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ފިހާރައެއް ހުޅުވާ އިރު ތިބާ ހޯދާނީ އޭގެ ތަޖުރިބާ ހުރި، ހުނަރު ހުރި، ބުރަކޮށް މަސައްކަތުގައި ވެސް އުޅޭނެ އަދި ކާމިޔާބު ސާބިތުކޮށްދިން އިހުލާސްތެރިއެއް ހެއްޔެވެ؟ ނުވަތަ ތަނެއްދޮރެއް ނޭނގޭ އެކްޓިވިސްޓެއް ހެއްޔެވެ؟ ގާސިމް ވިދާޅުވީ، ތިބާ އެ އިންވެސްޓްމެންޓް ހަވާލުކުރާނީ ހުނަރު ހުރި، ކާމިޔާބު ސާބިތުކޮށްދިން މީހާއާ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ދެން ހަވާލުކުރަން ރައްޔިތުންނަށް މިހާރު އޮތް އެންމެ ރަނގަޅު އިހުތިޔާރަކީ އޭނާ ކަމަށް، ގާސިމް ވިދާޅުވީ އެ މިސާލަށް ފަހު އެވެ.

"އެމީހަކަށް އަޅުގަނޑު ނުވޭތޯއޭ، ދިވެހި ރައްޔިތުން ވިސްނުންތެރި ނަޒަރަކުން ވިސްނާވަޑައިގެންފިއްޔާ، މި ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ނަމޫނާއަކަށް، މިސާލަކަށް އަޅުގަނޑު ނުވޭތޯއޭ،" ގާސިމް އެއްސެވި އެވެ.

"އަޅުގަނޑު އަޅުގަނޑުގެ ވާހަކަ މި ދައްކަނީ. އެހެންނަމަވެސް އެންމެ ފަހު ފަހަރު ވީމާ އެ ހުރިހާ ވާހަކައެއް ވެސް ދައްކަން ޖެހޭނެތާ. އަޅުގަނޑު ކުރިމަތިލާނެ އެންމެ ފަހު ފަހަރު ދެން އިރާދަކުރެއްވިއްޔާ. މީގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަދި ދައުލަތުގެ ސިޔާސީ އެހެން މަގާމަކަށް ވެސް ކުރިމައްޗެއް ނުލާނަން."

....އެހެން ނޫން ނަމަ އަޅުގަނޑު ވަރުގެ ވިޔަފާރިވެރިޔަކު ނުހުންނާނެ

ސްޓޭޓް ބޭންކް އޮފް އިންޑިއާއިން 1970ގެ އަހަރުތަކުގެ މެދުތެރޭގައި ނެންގެވި 2،000 ޑޮލަރުގެ ލޯނަކީ، ގާސިމްގެ ވިޔަފާރި ކާމިޔާބީގެ އައްސޭރިއަކަށް ގެންދިއުމުގެ ފެށުމެވެ. އޭގެ ފަހުން އޭނާ ފަހަތަށް ބައްލަވާފައެއް ނުވެ އެވެ.

މިއަދު ރާއްޖޭގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ކުންފުންޏަކީ ގާސިމްގެ ވިލާ ގްރޫޕެވެ. ރާއްޖޭގެ އެންމެ މުއްސަނދި އެއް ކުންފުންޏެވެ. ނަމަވެސް އެ މުއްސަނދިކަން އެއަށް ވުރެ މާ ބޮޑަށް ފުޅާކުރުމުގެ ފުރުސަތު، ރައްޔިތުންގެ ކަންކަމާ އެވަރަށް ނޫޅުއްވި ނަމަ، ގާސިމަށް ބޮޑުވީހެވެ. އެހެންކަމުން އަޅުގަނޑު ސުވާލުކުރީމެވެ. އިންވެސްޓްކުރެވުނީ ލިބިވަޑައިގެންނެވި އާމްދަނީގެ ގާތްގަނޑަކަށް %40 ނުވަތަ %50 ނަމަ، އޭގެ އަނެއް ބައި ވެސް ރައްޔިތުންނަށް ހޭދަނުކުރައްވައި ވިޔަފާރިއަށް ހުސްކުރެއްވި ނަމަ، ގާސިމް ވެވަޑައިގަތީހީ ކިހާ ވަރެއްގެ ވިޔަފާރިވެރިޔަކަށް ހެއްޔެވެ؟

ސަން އައިލެންޑްގެ މޫދު ރެސްޓޯރެންޓެއް: ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ހުރިހާ އާމްދަނީއެއް އިންވެސްޓްކުރި ނަމަ އޭނާއާ އެއްވަރުގެ ވިޔަފާރިވެރިޔަކު ރާއްޖޭގައި ނުހުންނާނެ

"އަޅުގަނޑާ ކޮމްޕެއާކުރެވޭނެ ހަމަ އެކަކު ވެސް ނުހުންނާނެކަން މި ދިވެހިރާއްޖޭގައި،" އެ ސުވާލަށް އޭނާ ޖަވާބު ދެއްވަން ފެއްޓެވި އެވެ.

"އަޅުގަނޑާ އެއް ހަމާގައި ހުންނާނެ އެކަކު ވެސް ނެތްކަން އަޅުގަނޑަށް ޔަގީން. އެކަމަކު އަޅުގަނޑު [ރައްޔިތުންޓަކައި ކުރެއްވި ހޭދައާ މެދު] ރިގްރެޓެއް ނުކުރަމޭ އިނގޭތޯ. އަޅުގަނޑު ކުރި މަސައްކަތް އަޅުގަނޑު ކާމިޔާބުކޮށްފީމޭ."

ހަމައެކަނި އޭނާގެ އަމިއްލަ ވިޔަފާރީގެ ކާމިޔާބީތަކެއް ނޫނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ފަހު ދައުރުގައި، 2005 އިން 2008ގެ އޮގަސްޓް މަހާ ހަމައަށް ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުގެ ހައިސްޔަތުން ގެންނެވީ، ގާސިމް ވިދާޅުވި ގޮތުގައި، އޭގެ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލުތަކެކެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ބަޖެޓް 5 ބިލިއަން ރުފިޔާއަށް ނާރަ އެވެ. އެކަމަކު މިއަދު 40 ބިލިއަން ރުފިޔާއާ ކައިރި އެކުރަނީ، އެ ދުވަހު އޭނާ ފެއްޓެވި ބަދަލުތަކުގެ ސަބަބުން ކަމަށް، ގަބޫލުކުރައްވަ އެވެ.

"ވޯޓު ދޭން ޖެހޭނީ ގައުމަށް އެންމެ ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދެވުނު މީހެއްކަން، އެމީހަކު ހޯދުމުގައި ބަލަން އޮތީ މީހާގެ މާޒީގައި އެ މީހަކު ހޯދާފައިވާ ސަކްސަސްފުލްކަން [ކާމިޔާބުކަން]،" ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ޅ. ނައިފަރަށް ވަޑައިގެން އާންމުންގެ ބަޔަކާ ވާހަކަ ދައްކަވަނީ (ފޮޓޯ/ޖޭޕީ)

ހދ. އަތޮޅުން ފެށި ކެމްޕެއިންގައި ގާސިމް މިހާރު ގެންދަވަނީ އެކި ހިސާބުތަކަށް ދަތުރުކުރައްވަމުންނެވެ. އޭނާގެ ވާހަކާގައި އެންމެ ގިނައިން ތަކުރާރުކުރައްވަނީ، މާޒީގައި ކުރެއްވި މަސައްކަތާއި ހޯއްދެވި ތަޖުރިބާ އާއި ކާމިޔާބީތަކެވެ. ރައްޔިތުންނަށް އޭނާ ކޮށްދެއްވި ކަންކަމެވެ. ބައެއް މީހުންގެ ފާޑުކިއުމާއި ޖޯކް ޖެހުން އަމާޒުވެ އެވެ. އެކަމަކު އިންޓަވިއުގައި އޭނާ ވިދާޅުވި ގޮތަށް، 'މިއީ ފަހު ފަހަރު' ކަމުން، ރައްޔިތުންނަށް އޭނާގެ ހުރިހާ ކަމެއް ހަނދާންކޮށްދެއްވަނީ އެވެ. އެއީ ރައީސްކަމުގެ މަގާމަށް ބޭނުންވާނެ ތަޖުރިބާ އާއި ހިންގުންތެރިކަމާއި ރައްޔިތުންނާ މެދު ގެންގުޅޭނެ އަޅާލުމުގެ ހުރިހާ ސިފައެއް، މާޒީގެ ތެރެއިން ފެންނަން ހުރުމުންނެވެ.

ގާސިމާއި އޭނާގެ މުޅި ޓީމަށް ވެސް އެ ވާހަކަތައް ދައްކާ ހުސްވުމެއް ނެތެވެ.

ގޮތް ނިންމަން ތިބީ، ގާސިމް ވިދާޅުވި ފަދައިން، ރައްޔިތުންނެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް (2)

ޖޫޕް

1 ސެޕްޓެމްބަރު 2023
ގާސިމަށް އަބަދުވެސް ހެޔޮގޮތްތައް މިންވަރުކުރެއްވުން އެދެން. ނަމަވެސް، ހިތާމަ އާއި އެކު ދަންނަވަންޖެހެނީ ގައުމުގެ ވެރިޔަކަށް ނުފުދޭ. މިކަން ރައްޔިތުން ދައްކައިފި. މިފަހަރު ކުރީފަހަރު ތަކަށްވުރެ ދަށްކޮށްދާނީ. ހެޔޮއެދޭތީ މިވާހަކަ މި ހިއްސާ ކުރީ.
1 0

ޙަސަން

2 ސެޕްޓެމްބަރު 2023
@ޖޫޕް ސަތޭކައިގެ ވާހަކައެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް