ގާނޫނުއަސާސީއަށް 15 އަހަރު: އެ ގޮނޑިއަށް ގާސިމް އައުން ފުރަތަމަ ހުއްޓުވި، އެކަމަކު ފަހުން އެއީ ރައީސް
"މިއަދު އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރައްޔިތުންގެ ލޯތްބާއި ގަދަރާއި އިހުތިރާމް ލިބިގެންވާ ބޭފުޅަކު ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ރިޔާސަތުގައި އިންނަވަން،" އދ. އަތޮޅުގެ މެމްބަރު އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގެ މި ޖުމްލައިގެ ކުރިން ގާސިމް އިބްރާހިމްގެ ނަން ހުށައެޅުއްވި އެވެ. ކުރިއަށް ދަނީ އާ ގާނޫނުއަސާސީ އެކުލަވާލަން ހޮވި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ފުރަތަމަ ޖަލްސާ އެވެ. ދުވަހަކީ 19 ޖުލައި 2004 އެވެ. އެ ޖަލްސާގެ މައިގަނޑު ބޭނުމަކީ ހާއްސަ މަޖިލިހުގެ ރައީސަކަށް މެމްބަރުންގެ ތެރެއިން ބޭފުޅަކު އިންތިހާބުކުރުމެވެ. އެ ޖަލްސާގައި 100 މެމްބަރުން ތިއްބެވި އެވެ.
ގާސިމަކީ އދ. އަތޮޅުން ހާއްސަ މަޖިލިހަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފުރިހަމަ ކޮންޓްރޯލް އޮތް ހާއްސަ މަޖިލިހުގެ ރައީސްގެ ގޮނޑިއަށް، ގާސިމަށް ވަޑައިގެންނެވޭނެ މާހައުލެއް ނެތެވެ. އެހެންކަމުން ޒަކީގެ އެ ހުށައެޅުއްވުމަށް ފަހު ދެން ކުރިމަތިވި 'ވޯޓު ލާނީ ސިއްރުންތޯ، އަތް އުފުލައިގެންތޯ'އާ މެދު އުފެދުނު ހިޔާލު ތަފާތުވުން ނިމުނީ، ސަރުކާރުން ބޭނުންވި ގޮތަށް، އަތް އުފުލައިގެން ކުރިއަށް ގެންދާށެވެ.
ހާއްސަ މަޖިލިހުގެ ރައީސް ކަމަށް ގާސިމްގެ އިތުރުން ދެން ހުށައެޅީ ސަރުކާރަށް ނިސްބަތްވާ އައްބާސް އިބްރާހިމްގެ ނަމެވެ. ގާސިމަށް ކެރިގެން ވޯޓު ދެއްވީ އެންމެ ފަސް ބޭފުޅުންނެވެ.
ގާސިމް އިބްރާހިމަށް ނަމަށް ނެގި ވޯޓު
-
ހާޒިރުވި މެމްބަރުންގެ އަދަދު: 84
-
ފެންނަ ކަމަށް: 5
-
ވޯޓު ނުދޭ: 79
އައްބާސް އިބްރާހިމަށް ނެގި ވޯޓު
-
ހާޒިރުވި މެމްބަރުންގެ އަދަދު: 84
-
ފެންނަ ކަމަށް: 71
-
ނުފެން ކަމަށް: 13
ސިއްރު ވޯޓަކަށް ދިޔަ ނަމަ ރިޔާސަތަށް ގާސިމް ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރައީސް ކަމަށް ގާސިމް ގެންނަން ބޭނުންވި މެމްބަރުން އިހުތިޖާޖުކޮށް ރައީސް އޮފީހުގައި ރައީސް މައުމޫނާ ވެސް ބައްދަލުކުރި އެވެ. ނަމަވެސް އާ ގާނޫނުއަަސާސީ ހެދުމުގެ މަސައްކަތް ފެށީ ސަރުކާރުގެ ސީދާ ކޮންޓްރޯލްއާ އެކު ސަރުކާރުން ބޭނުން ބޭފުޅަކު ރިޔާސަތުގައި ބައިންދައިގެންނެވެ.
އޭގެ ފަހުން ތިން އަހަރު ވާން ކައިރިވި އިރު މަންޒަރު ބަދަލުވެއްޖެ އެވެ. އައްބާސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރަށް ވެއްދި އެވެ. އެ ދެ ފަހަރު ވެސް އިދިކޮޅުގެ ހުށައެޅުން ފާހެއް ނުވި އެވެ. ދެ ވަނަ ފަހަރަށް އެ މައްސަލަ ވައްދައި، ވޯޓު ކާމިޔާބުކުރެއްވި ނަމަވެސް އައްބާސް ނިންމެވީ އިސްތިއުފާ ދެއްވާށެވެ. އެހެންކަމުން 6 މޭ 2007ގައި ރިޔާސަތުން އިސްތިއުފާ ދެއްވި އެވެ.
އޭރު ސިޔާސީ މާހައުލުގެ އޮއިވަރު ހުރީ ގާސިމާ އެއްކޮޅަށެވެ. ޖުމްހޫރީ މައިދާނުގައި 12-13 އޮގަސްޓް 2004ގައި މައުމޫނާ ދެކޮޅަށް ބޭއްވި ބޮޑު އެއްވުމާ ގުޅިގެން ގާސިމް ޖަލަށް ލި އެވެ. އޭގެ ހަތަރު މަސް ފަހު ރާއްޖެއަށް ކުރިމަތިވީ 26 ޑިސެމްބަރު 2004ގެ ގެއްލުން ބޮޑު ސުނާމީ އެވެ. އެ ކާރިސާއާ ގުޅިގެން މައުމޫންގެ އެއް ނިންމެވުމަކީ ސިޔާސީ ކުށްވެރިން މިނިވަންކުރުމެވެ. ގާސިމް ފަދަ ބޭފުޅުން ސަރުކާރާ ކައިރިކުރުމެވެ. ނަތީޖާއަކީ 28 ޖުލައި 2005ގައި ފިނޭންސް މިނިސްޓަރުގެ މަގާމު ގާސިމަށް ލިބިވަޑައިގަތުމެވެ. ދެން އައީ 6 މޭ 2007 އެވެ. ހާއްސަ މަޖިލިހުގެ ރައީސްކަމުން އައްބާސް އިސްތިއުފާ ދެއްވުމާ އެކު އެކަމަށް 'ދޮންވެގެން' ހުންނެވީ ގާސިމެވެ.
އޭނާގެ ނަން ހުށައެޅުއްވީ ލ. އަތޮޅު މެމްބަރު މޮނާޒާ މުހައްމަދު ނައީމެވެ. ގާސިމްގެ ހިދުމަތްތަކާއި ގާބިލްކަމާ ބެހޭ ގޮތުން ނައީމް ދެއްކެވި ވާހަކަ ނިންމާލެއްވީ "ކުއްލިއަކަށް ބާގީއަކަށް ހުންނަވާފައި މިހާރު ގާޟީއެއްގެ ލަގަބު ލިބިވަޑައިގެންފައިވާ އަޅުގަނޑުމެންގެ ފިނޭންސް މިނިސްޓަރު'އޭ ވިދާޅުވަމުންނެވެ.
ގާސިމް އިބްރާހިމަށް ނެގި ދެވަނަ ވޯޓު
-
ހާޒިރުވި މެމްބަރުންގެ އަދަދު: 80
-
ފެންނަ ކަމަށް: 71
-
ނުފެންނަ ކަމަށް: 13
އައްބާސްގެ ރައީސްކަމުގައި 144 ޖަލްސާ ބޭއްވި އެވެ. އޭގެ ތެރެއިން 100 ޖަލްސާއެއްގައި އޭނާ ރިޔާސަތު ބެލެހެއްޓެވި އެވެ. ނަމަވެސް އައްބާސްއަކީ މައުމޫންގެ އާއިލީ ބޭފުޅަށް ވުމާއި ސަރުކާރުން ބޭނުން ގޮތަކަށް ކަންކަން ކުރެއްވުމުގެ ތުހުމަތު، މެމްބަރުން މަދު ނަމަވެސް އަޑު ގަދަ އިދިކޮޅުން، އަޅުވަމުން ދިޔަ އެވެ. ދެން އެހާމެ ގިނަ ހުރަސްތައް ވެސް ކުރިމަތިވި އެވެ. އެހެންކަމުން ބޭނުންވާ ސްޕީޑްގައި ޖަލްސާތައް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ސަރުކާރުގައި ގާސިމް ހުންނެވި ނަމަވެސް އޭނާއަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ސިޔާސީ ދާއިރާގެ ބަދަލުތަކަށް، ސިއްރުންނާއި ފާޅުގައި ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅަކަށް ވުމުން، ގިނަ ބައެއްގެ އިތުބާރު އޮތެވެ.
"ގާނޫނު އަސާސީ ހެދުމަށްޓަކައި ހާއްސަ މަޖިލިހަށް ތަފާތު ހިޔާލުގެ މީހުން، ސަރުކާރުގެ ވިސްނުން ފިޔަވައި، އެހެން ވިސްނުމުގެ މީހުން ލާން، ހޮވަން [ވެސް] ވެވެން އޮތް އެހީތެރިކަމެއް [ދިނިން]،" ގާސިމް ވިދާޅުވި އެވެ.
މާޒީގެ ތެރެއަށް އޭނާ އަލުން ވެންނެވީ އާ ގާނޫނުއަސާސީއަށް 15 އަހަރު ވީ، މިއަދާ ގުޅިގެން، 'ދައުރު'ން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ އިންނެވީ އަމިއްލަ ރިސޯޓް ސަން އައިލެންޑްގައި، އޭނާ އާންމުކޮށް ވަގުތު ހޭދަކުރައްވާ ސީފުޑަށް ހާއްސަ ރެސްޓޯރެންޓްގަ އެވެ.
ވަރަށް ބޮޑު ކާމިޔާބީއެއް، އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެން ދިޔަ ދުވަހެއް. އަޅުގަނޑުމެން އުއްމީދުކުރާ، ރައްޔިތުންގެ ފަންޑަމެންޓަލް ރައިޓްސް، އަސާސީ ހައްގުތައް ކަށަވަރުވެގެން ދިޔަ ދުވަސް.
ސަރުކާރު ހިންގަން އިސްލާހީ އެތައް ކަމެއް ބޭނުންވާކަމުގެ އިހުސާސްތައް އޭނާއަށް ކުރެވެން ފެށީ، ގާސިމް ވިދާޅުވި ގޮތުގައި، 1980ގެ ތެރޭގައި ވިޔަފާރި އާއި އިގުތިސާދީ ދާއިރާގައި ވެސް ހުރި އެތައް ހުރަހަކާ ގުޅިގެންނެވެ. އޭނާ ބޭނުންކުރެއްވީ އޭރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅަކީ ގާސިމެވެ.
އޭނާ ވިދާޅުވާ ގޮތުގައި ސަރުކާރާ އެކު ބައެއް ކަންކަމުގައި ވާހަކަ ދައްކައި މަޝްވަރާކުރުމުގެ ދޮރު، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރެއިން ހުޅުވުނެވެ. އަދި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބޮޑެތި އިދާރާތަކުން ރާއްޖެއަށް ކުރާ ދަތުރުގައި ވިޔަފާރިވެރިންގެ ޖަމިއްޔާއާ ވެސް ބައްދަލުކޮށް، ހިޔާލު ހޯދަ އެވެ. އެކަމަކު މުޅި ގައުމަށް ބޭނުންވަނީ އެއަށް ވުރެ މާ ބޮޑު އިސްލާހީ ބަދަލުތަކެއްކަން، ގާސިމް ވިދާޅުވި އެވެ.
"ދުނިޔެއަށް އައި ބަދަލާއި ރާއްޖޭގެ މީހުންނަށް އައި ބަދަލާއި ވިސްނުމާއި ދުނިޔެއަށް އައި ތަރައްގީ އާއި ތަހުޒީބާއި މިކަންކަމާ ހުރިހާ އެއްޗެހި ލާމެހި ގުޅިފައި މިވަނީ،" އާ ގާނޫނުއަސާސީއަކާ ހަމައަށް ރާއްޖެ މިސްރާބު ޖަހަން މަޖުބޫރުވި ސަބަބުތަކާ ބެހޭ ގޮތުން ގާސިމް ވިދާޅުވި އެވެ.
އެ އިސްލާހުތައް، އޭގެ ކުރިން ރާއްޖެ ނުދެކޭ ވަރުގެ މިނިވަންކަމަކާ ވެސް އެކު، ގެނެސްދިނީ އާ ގާނޫނުއަސާސީންނެވެ. އެ ގާނޫނުއަސާސީ ވީހާވެސް އަވަހަކަށް ނިންމަން ލިބުނު ބާރަކީ، އެއްވެސް ޝައްކެއް ނެތި އެނގޭ ގޮތުގައި، 6 މޭ 2007ގައި ރިޔާސަތަށް ގާސިމް ވަޑައިގަތުމެވެ.
"އަޅުގަނޑު ހަވާލުވެގެން ހަގީގަތުގައި ދަންނަވާ ނަމަ ނުވަ ވަރަކަށް މަސް ވެސް ނުވޭ، އެ ބޮޑު ގާނޫނުއަސާސީ [ނިންމީ]،" އޭނާ ވިދާޅުވި އެވެ.
"ހާދަ ބޮޑު ވަގުތަކާއި ހާދަ ބޮޑު ބަހުސްއެކޭ، އެއްބައި ދުވަސްދުވަހު ތިން ޖަލްސާ ވެސް ބާއްވާފައި ހުންނާނެ. ހެނދުނު ޖަލްސާއެއް، މެންދުރުފަހު ޖަލްސާއެއް، ރޭގަނޑު ޖަލްސާއެއް. އެވަރަށް މަސައްކަތްކޮށްގެން ނިންމީ."
އެކަމަށް ގާސިމްގެ ޝައުގުވެރިކަން ހުރި ބޮޑު މިންވަރަކީ ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ގަވަރުނަރުގެ މަސްއޫލިއްޔަތުތައް އުފުއްލަވަމުން ވެސް ރިޔާސަތު ބަލަހައްޓަވަން ދެއްވި ސަމާލުކަމެވެ. ފުރަތަމަ ދުވަހު ވެސް ބޭނުންވީ ހަމައެކަނި އެ ގޮނޑި ނޫންކަން ސާބިތުކޮށްދެއްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ކާމިޔާބު ހޯއްދެވިކަމާ މެދު ސުވާލެއް ނެތެވެ.
"ހަމަ ގައިމުވެސް ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މިވަނީ ކެތްތެރިކަން މަދުވެފައި ގާނޫނުއަސާސީ ނިންމަން،" އޭނާގެ ނަން ހުށައެޅި 2 މޭ 2007ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
އެ ޖަލްސާގައި ގާސިމްގެ ނަން ފެއިލްވެދާނެކަމުގެ ބިރު ވެސް އޮތެވެ. ޖަލްސާގައި އާ ރައީސަކު ނުހޮވައި ނިންމާލަފާނެކަމުގެ ޝައްކު ވެސް ބޮޑުވި އެވެ. އެހެންކަމުން ގާސިމް ވާހަކަ ދެއްކެވީ ވަގުތު ބޭކާރުނުކޮށް، އިތުރު ހިޔާލު ތަފާތުވުންތަކަށް ފުރުސަތު ނުދީ، އެ ޖަލްސާގައި އާ ރައީސަކު ހޮވުމަށެވެ. އޭގެ ކުރިން ޖަލްސާ ނިންމާނުލުމަށެވެ.
"ވަކި ބަޔަކަށް ވަކި ޕާޓީއަކަށް ކޮށްދޭ ކަމެއް ނޫން ގާނޫނުއަސާސީ ހެދުމަކީ،" ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
އެކަމަކު އެ ދުވަހު ވަކި ގޮތެއް ނުނިންމުނެވެ. އެހެންވެ 6 މޭގެ ޖަލްސާއަށް އެކަން ދިގުދަންމާލި އެވެ. އެ ޖަލްސާގައި ގާސިމްގެ ނަމަށް ވޯޓަށް އެހޭ ވަރުވީ ޖަލްސާގެ ވަގުތު ވެސް އިތުރުކޮށްގެންނެވެ.
ރިޔާސަތުގައި ގާސިމް އިންނެވި ފުރަތަމަ ޖަލްސާއަކީ 10 މޭ 2007ގައި އޮތް 146 ވަނަ ޖަލްސާ އެވެ. މިއީ އާ ގާނޫނުއަސާސީގެ ތާރީހުގައި ފާހަގަކޮށްލެވޭ ދުވަހެކެވެ. އައްބާސްކުރެއްވި މަސައްކަތް ވެސް ބޮޑެވެ. ބުރަ އެވެ. އެކަމަކު ރާއްޖޭގެ ސިޔާސީ ހަގީގަތް އޮތީ މައުމޫނާ އެހާ ކައިރި ބޭފުޅަކަށް އެ ހާލަތުގައި ހާއްސަ މަޖިލިސް ކުރިއަށް ގެންދެވޭހާ ފަސޭހަކޮށެއް ނޫނެވެ. އެހެންކަމުން ގާސިމަކީ އެވަގުތަށް އެންމެ ރަނގަޅު އިހުތިޔާރުކަމާ މެދު ދެބަސްވެކޭކަށް ނެތެވެ.
"ރައްޔިތުންގެ ފަރާތުން މި މަޖިލިހަށް ލިބިދާނެ ކޮންމެ ތައުރީފެއް އަޅުގަނޑުމެންނާ ހިއްސާކުރާ ނަމަ، މި މަޖިލިސް ވާ ކޮންމެ ބަދުނާމެއް ވެސް އަޅުގަނޑުމެން އުފުލަން ޖެހޭނެ،" ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލިހުގެ މައި ތަޅުމުގައި ހުރި ރިޔާސަތުގެ މާޒުކޮޅުގައި އިށީންނަވައި ދެއްކެވި ވާހަކާގައި ގާސިމް ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގަތީ ހާއްސަ މަޖިލިހަށް ލިބެމުން ދިޔަ ބަދުނާމުތަކުން ސަލާމަތްވާން، ހުރިހާ މެމްބަރުން އެކައްޗެއް ކިޔައިގެން މަސައްކަތް ނިންމާލަން ހިފުމަށެވެ.
"އަޅުގަނޑުގެ އަޒުމަކަށް ވެފައި މިވަނީ ތިޔަ އިއްޒަތްތެރި މެމްބަރުންގެ އެހީތެރިކަމާއި މުރާލިފުޅު މަސައްކަތްޕުޅުގެ ސަބަބުން މި މަސައްކަތް ވީ އެންމެ އަވަހަކަށް، އެންމެ ރަނގަޅަކަށް ނިންމާލުން،" އޭނާ ވިދާޅުވި އެވެ.
އެކަން، 2008ގެ ރިޔާސީ އިންތިހާބުގެ ކުރިން، 26 ޖޫންގައި، ނިންމާލި އެވެ. އަދި 7 އޮގަސްޓް 2008ގައި ރައީސް މައުމޫން އާ ގާނޫނުއަސާސީ ތަސްދީގުކުރެއްވި އެވެ. ރާއްޖޭގެ ތާރީހުގައި ވެސް ދިވެހިންނަށް އެހާ ބޮޑު މިނިވަންކަމެއް ލިބުނު، ހައްގުތައް ހިމާޔަތްކުރެވުނު، ގާނޫނުއަސާސީއެއްގެ އަލިކަން ފަތުރާލެވިފައެއް ނުވެ އެވެ.
"ވަރަށް ބޮޑު ކާމިޔާބީއެއް، އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެން ދިޔަ ދުވަހެއް. އަޅުގަނޑުމެން އުއްމީދުކުރާ، ރައްޔިތުންގެ ފަންޑަމެންޓަލް ރައިޓްސް، އަސާސީ ހައްގުތައް ކަށަވަރުވެގެން ދިޔަ ދުވަސް. ވެރިކަން ކުރުމުގެ ނިޒާމް ތިން ބާރަކަށް ބަހާލެވިގެން ދިޔަ ދުވަސް،" އެ ދުވަހުގެ ހަނދާންތައް އާކުރައްވަމުން 'ދައުރު'ގެ އިންޓަވިއުގައި، ގާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ގާސިމް މިއަދު ފޯމް ހުށައަޅުއްވާނެ އެވެ. އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މައި މަރުކަޒަށް އޭނާ ވަޑައިގަންނަވާ އިރު، ބަލާ މީހަކަށް، މާޒީގެ ތެރެއިން ފެންނާނީ، މީގެ 15 އަހަރު ކުރިން އެ ބޮޑު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ހާއްސަ މަޖިލިހުގެ ޖަލްސާތައް ގެންދިޔަ ގޮތެވެ. އޭގެ ހުރިހާ ކްރެޑިޓެއް ގާސިމް ނުނަންގަވަ އެވެ. އޭނާގެ ޝުކުރު އޭރުގެ ރައީސް މައުމޫނަށް ބޮޑެވެ. އައްބާސް އާއި ހާއްސަ މަޖިލިހުގެ ނައިބު ރައީސް ޝާހީން ހަމީދަށް ވެސް އެހާމެ ޝުކުރެވެ. މެމްބަރުންގެ ބުރަ މަސައްކަތް ލޯތްބާ އެކު ފާހަގަކުރެއްވި އެވެ. އަދި މަޖިލިހުގެ އިދާރީ މުވައްޒަފުން އެ ދިން ވަގުތާއި ހިތްވަރުގެ މަތިން ވެސް ހަނދާނެއް ނުނެތެ އެވެ.
އޭރުގެ ހާލަތު އެނގޭ މީހުންނަށް މިހާރު ވެސް ބުނެވިދާނެ އެވެ؛ ގާސިމް ނެތް ނަމަ ހާއްސަ މަޖިލިސް ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވީހެވެ. ތެދެކެވެ. ގާސިމްގެ ބާރާއި ނުފޫޒަކީ އޭރަށް ވެސް އާދައިގެ ކަމެއް ނޫނެވެ. ފިނޭންސް މިނިސްޓަރަކަށް ހުންނެވުމުން ސަރުކާރުގެ ކޮންޓްރޯލް އޮތް ހާއްސަ މަޖިލިހުގައި ގާސިމަށް އެހީތެރިކަން ދޭން މަޖުބޫރުވާނެ އެވެ. އިދިކޮޅު ހިޔާލުގެ ބޭފުޅުން ގާސިމަށް ކުރާ އިތުބާރު ބޮޑެވެ. އެހެންކަމުން ދެ ކޮޅުން ވެސް އޭނާއަށް އޮތީ އެއްބާރުލުމެވެ.
ހަލަބޮލި ހާއްސަ މަޖިލިހަށް ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް ގެނެސްދީ ގާނޫނުއަސާސީ ފާސްކޮށް، ހާއްސަ މަޖިލިހުގެ ޒިންމާ ނިންމާލަން ކުރިމަތިވި ދެ ސަބަބަކީ އެ އެވެ.
ކޮމެންޓް (1)
55559