ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ނ. ޅޮހީގައި ވާހަކަދައްކަވަނީ (ފޮޓޯ/ޖޭޕީ)
ވައުދު ޗެކް: ގާސިމްގެ ލޯނާއި ފްލެޓް ކުލި މާފުކޮށްދިނުމުގެ ވައުދު ދެކޮޅު ޖެހޭނެތަ؟
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިދިޔަ ޖޫން މަސް ތެރޭ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނޭކަން އިއުލާން ކުރައްވަމުން ވެވަޑައިގެން އެންމެ ބޮޑު ވައުދަކީ ހުޅުމާލޭގައި އާންމުންނަށް ދޫކޮށްފައި ހުރި ހުރިހާ ފްލެޓްތަކެއްގެ ކުލި "ލޯލާރިއެއް ވެސް ދައްކަން ނުޖެހޭ" ގޮތަށް މާފުކޮށްދެއްވާނޭ ކަމެވެ.
-
އިތުރަށް ކިޔާލަން - ހުރިހާ ފްލެޓެއްގެ ކުލި މާފުކޮށް، 20،000 ޔުނިޓް ހިލޭ ދޭނަން: ގާސިމް
އެއަށް ފަހު ގާސިމް މިހާރު ރަށްރަށަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން އއ. މަތިވެރީގައި އިއްޔެ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުން ވައުދުވެވަޑައިގަތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޫކޮށްފައިވާ އެސްއެމްއީ ލޯނުތައް އެކީ މައާފުކޮށްދެއްވާނޭ ކަމަށެވެ. އެއީ ބިލިއަނުން ހުރި ލޯނުތަކެއް ނަމަވެސް ވަރިހަމަ ކަމަށް ވިދާޅުވި އެވެ.
-
އިތުރަށް ކިޔާލަން - އެސްއެމްއީ ލޯނުތައް މައާފުކޮށްދޭން ގާސިމް ވައުދުވެއްޖެ
ސުވާލަކީ، ކުއްޔާއި ލޯނު މާފުކޮށް ދިނުމުގެ ވައުދު ފުއްދުމަކީ މާލީ ގޮތުން ދެކޮޅު ޖެއްސޭނޭ ވަރުގެ ކަންތައްތަކެއް ހެއްޔެވެ؟
ވައުދު ޗެކް: ގާސިމްގެ ލޯނާއި ފްލެޓް ކުލި މާފުކޮށްދިނުމުގެ ވައުދު ދެކޮޅު ޖެހޭނެތަ؟
— Dhauru (@Dhaurunews) August 30, 2023
◀️ ފްލެޓްތަކުގެ ކުއްޔާއި އެމްސްއެމްއީ ލޯނުތައް މާފުކޮށް ދޭ ނަމަ ސަރުކާރުން 19 ބިލިއަން ރުފިޔާގެ ބުރައެއް އުފުލަން ޖެހޭނެ
އިތުރަށް ކިޔާލަން: https://t.co/zF4gxeWjel pic.twitter.com/QlTw2fQugh
ހިޔާ ފްލެޓްތަކަށް އެކަނިވެސް 8 ބިލިއަން ރުފިޔާގެ ލޯން
ހިޔާ ފްލެޓްތަކުގެ ކުލި ކަނޑައެޅުމާ ގުޅޭ ގޮތުން 2021 ވަނަ އަހަރު އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އެ މަޝްރޫއު ހިންގާފައި ވަނީ %3.3ގެ އިންޓަރެސްޓް ރޭޓްގައި 6.7 ބިލިއަން ރުފިޔާގެ ލޯނު އެޗްޑީސީ މެދުވެރިކޮށް ސަރުކާރުން ނަގައިގެންނެވެ. އެ މަޝްރޫއުއަށް 10.5 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި:
-
2018 އިން 2020ގެ ސެޕްޓެމްބަރަށް އެ ލޯނުތަކުގެ އިންޓަރެސްޓަށް 629.4 މިލިއަން ރުފިޔާ ހަރަދުވެފައިވޭ
-
ހިޔާ ފްލެޓްތައް 8،500ރ.ގެ ކުއްޔަކަށް ދީފައި ހުރި ނަމަވެސް އެޗްޑީސީއަށް މުޅި މަޝްރޫއުން 138.1 މިލިއަން ރުފިޔާގެ ގެއްލުމެއް ކުރިމަތިވާނެ
ވޯލްޑް ބޭންކުން އޮކްޓޯބަރު 2022 ވަނަ އަހަރު ނެރުނު އިކޮނޮމިކް އަޕްޑޭޓް ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ދައުލަތުން 2021 ވަނަ އަހަރާ ހަމައަށް ނަގާފައިވާ ބޭރު ދަރަނީގެ ތިންބައިކުޅަ އެއްބަޔަކީ އެޗްޑީސީ އިން ހައުސިން މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ދަރަންޏެވެ. އެއީ 739 މިލިއަން ޑޮލަރު (11.4 ބިލިއަން ރުފިޔާ) އެވެ.
މިހާ ބޮޑު ދަރަންޏެއް ހައުސިން މަޝްރޫއުތަކާ ގުޅިފައިވާއިރު ފްލެޓްތަކުން އާމްދަނީއެއް ނުލިބޭ ގޮތަށް މާފު ކުރުމަކީ އެތައް ބިލިއަން ރުފިޔާއެއްގެ ބުރައެއް ދައުލަތަށް އުފުލަން ޖެހޭނެ ކަމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ހިޔާ ފްލެޓްތަކުގެ ކުލި މާފުކޮށްފި ނަމަ ދައުލަތަށް 17.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލޭނެ އެވެ. އަދި މިއީ އެންމެ މަޝްރޫއުއަކުން އުފުލަން ޖެހޭ ބުރަ އެވެ.
މިވަރުގެ އާމްދަނީއެއް ގެއްލިގެން ދައުލަތަށް އެ ބުރަ އުފުލޭނޭ ކަމާ މެދު މާލީ ދާއިރާގެ ބޭފުޅުން ސުވާލު އުފައްދަވަ އެވެ.
ހައުސިން މަޝްރޫއުތަކަށް ނަގާފައިވާ ލޯނު ރާއްޖޭގެ މުޅި އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ %19އަށް އަރާއިރު އެ މަޝްރޫއުތަކުން އެއްޗެއް ނުލިބޭ ގޮތަށް މާފުކުރުމަކީ އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެއް ކަމަށް ބޭންކިން ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވި އެވެ.
"ފްލެޓް ހަދަން ނެގި ލޯނުތަކަށް ފައިސާ ދައްކަން ކިރިޔާ ވެސް އެޗްޑީސީއަށް ލިބޭ އާމްދަނީއަކަށް ނޫނީ ސަރުކާރަށް ލިބޭ އާމްދަނީއަކަށް މި އޮންނަނީ ކުލި. އެހެން އޮއްވާ އެވަރު ބޮޑު އާމްދަނީއެއް ނުލިބޭ ގޮތަށް ވީމާ ލޯނު ދައްކަން ފައިސާ ހޯދާނޭ ގޮތެއް ވެސް އޮންނަން ޖެހޭ. އަނެއްކާ މަޝްރޫއުއެއް މި ހިންގަނީ ލޯނު ނަގައިގެން. ކުލި ލިބޭނޭ ކަމަށް ހިސާބު ޖަހައިގެން،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެ ބޭފުޅާ ވިދާޅުވި އެވެ.
މިހާރު ވެސް ހުޅުމާލޭގެ ސޯޝަލް ހައުސިން މަޝްރޫއުތަކުން ކުލި ނުލިބުމުގެ މައްސަލަ ބޮޑެވެ. އެކަމުގެ ސަބަބުން އެޗްޑީސީއަށް ބަޖެޓުން ފައިސާ ދޭން ޖެހެ އެވެ. މީގެ އިތުރަށް، ހިސާބުތަކަށް ބަލާއިރު، މިހާރު ވެސް ހުޅުމާލެ އިން ދީފައިވާ ފްލެޓްތަކުގެ %37 ފްލެޓުން އެޗްޑީސީއަށް ބަރާބަރަށް ކުއްޔެއް ނުދައްކަ އެވެ.
"އެޗްޑީސީގެ ހަރު މުދަލަށް ވުރެ އެޗްޑީސީގައި އޮތް ބޭރުގެ ދަރަނި މިހާރު ވެސް ބޮޑު. މީގެ އިތުރަށް ކުލި ނުދައްކާ ފަރާތްތައް ގިނަވި ނަމަވެސް އެޅޭނެ ފިޔަވަޅުތައް މަދުވުމުން އެޗްޑީސީއަށް ދަރަނީގެ ބުރަ ދިގު މުއްދަތުގައި އުފުލިދާނެ ކަމާ މެދު ސުވާލު އުފެދޭ،" ވޯލްޑް ބޭންކުގެ އޮކްޓޯބަރު 2022ގެ ރިޕޯޓްގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މި ކަންބޮޑުވުން އޮތް އިރު، އެ މަޝްރޫއުތަކުން ކުލި މާފުކުރުމަކީ މާލީ ގޮތުން ދެކޮޅު ޖެހޭނޭ އެއްވެސް ވިސްނުމެއްގައި ދެމެހެއްޓެނިވި ސިޔާސަތަކަށް ނުވާނެ އެވެ.
ލޯނުތައް މާފުކުރުމަކީ ވެސް ބިލިއަނެއްހާ ރުފިޔާގެ ބުރައެއް
ގާސިމް އިއްޔެ ވިދާޅުވި ގޮތުގައި 4-5 ބިލިއަން ރުފިޔާ ވިޔަސް އެސްއެމްއީ ލޯނުތައް މާފުކޮށްދެއްވާނެ އެވެ. އޭނާ އެކަން ކުރައްވަން ވައުދު ވަނީ އެސްއެމްއީ ލޯނުތައް ދެއްކުމަކީ އިންސާފުން ހިނގާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެވެ.
ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ގޮތަށް މި ސަރުކާރުން އުފައްދާފައިވާ އެސްއެމްއީ ބޭންކް، އެސްޑީއެފްސީގެ ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރާ ހަމައަށް އެ ބޭންކުން އެކަނި 526 މިލިއަން ރުފިޔާގެ ލޯނު ކުދި ވިޔަފާރިތަކަށް ދޫކޮށްފައިވެ އެވެ.
މީގެ އިތުރަށް ކޮވިޑް ތެރޭ ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އަދަދު 968 މިލިއަން ރުފިޔާއަށް އަރަ އެވެ. އެ އަދަދުތަކަށް އެކަނި ބެލިޔަސް އެސްއެމްއީއަށް ދޫކޮށްފައި ހުރި ލޯނުތައް މާފުކޮށްދޭ ނަމަ ސަރުކާރަށް 1.5 ބިލިއަން ރުފިޔާގެ ބުރައެއް އުފުލަން ޖެހޭނެ އެވެ.
އެކަމަކު ސުވާލަކީ ދައުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 107.77 ބިލިއަން ރުފިޔާއަށް އިތުރުވެ ޖީޑީޕީގެ %113 އަށް އަރާފައިވާ އިރު މި މާފުކޮށްދިނުންތަކުގެ ނަތީޖާއެއްގެ ގޮތުން 13 ބިލިއަން ރުފިޔާގެ ބުރައެއް އުފުލޭނެހާ ވަރު ދައުލަތުގެ ކިބައިގައި އެބަހުރި ހެއްޔެވެ؟
މާފްކުރުމުން ގެއްލޭ އެތައް ބިލިއަން ރުފިޔާއެއްގެ އާމްދަނީ ހޯދުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންވީއިރު ސަރުކާރުން ލޯނުތައް ނަގާފައިވާ ފަރާތްތަކަށް އަނބުރާ އެ ފައިސާ ދައްކާނީ ކިހިނެއް ހެއްޔެވެ؟ އެއީ ވެސް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
ކޮމެންޓް (4)
ސާޖީ
އޯކޭ
ތެފައާސާ.
ތެފައާސާ.