ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުވަން ބޭއްވި ޖަލްސާގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ހުރިހާ ފްލެޓެއްގެ ކުލި މާފުކޮށް، 20،000 ޔުނިޓް ހިލޭ ދޭނަން: ގާސިމް

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ 20،000 ހައުސިން ޔުނިޓް ހިލޭ ދޭނީ އެކަމަށް ގާބިލު، ބޭނުން ޖެހިފައި ތިބި ފަރާތްތަކަށް ކަމަށް

މިދިޔަ ހުރިހާ ސަރުކާރުތަކެއްގައި ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓާއި ހައުސިން ޔުނިޓްތަކުގެ ކުލި މާފްކޮށް، އިތުރު 20،000 ހައުސިން ޔުނިޓް ހިލޭ ދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން ވެސް ހިޔާ ފްލެޓާއި ސިފައިންގެ ފްލެޓްތަކުގެ ކުލި މާފު ކުރާނެ ކަމަށް ހާމަކުރައްވާފައިވާ ގާސިމް، އޭނާގެ ބޯހިވާހިކަމުގެ ވައުދު އަލުން ވިދާޅުވީ މިރޭ ޖޭޕީން އާންމުކުރި ވީޑިއޯ މެސެޖެއްގަ އެވެ.

ބުނީ ކީކޭ؟ -"އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ދީފައިވާ ފްލެޓްކަމަށް ވިޔަސް، ގެކަމަށް ވިޔަސް، ދައުލަތަށް ލާރި ދައްކާކަމަށް ވަންޏާ އެ ހުރިހާ ފައިސާއެއް މާފުކޮށްދޭނަމޭ،" ގާސިމް ވިދާޅުވި އެވެ.

"އޭގެ އިތުރަށް އަޅުގަނޑުމެން ދަންނަވާފައި އޮންނާނެ 20،000 ހައުސިން ޔުނިޓް އަޅާ ވާހަކަ. އެ ހައުސިން ޔުނިޓްތައް ވެސް ވެގެންދާނީ ރާއްޖޭގެ އަތޮޅުތަކުގައި ވެސް އަދި މާލޭގައި ވިޔަސް މި ދެންނެވި އުސޫލުން އެއްވެސް ފައިސާއެއް ނުނަގާ ގޮތަށް."

ގާސިމް ވީޑިއޯ މެސެޖްގައި ވާހަކަ ދައްކަވަނީ

ގާސިމް ވިދާޅުވީ 20،000 ހައުސިން ޔުނިޓް ހިލޭ ދޭނީ އެކަމަށް ގާބިލު އަދި ބޭނުން ޖެހިފައި ތިބި ފަރާތްތަކަށް ކަމަށެވެ.

"އެއީ ޕާޓީގައި ހުރި މީހަކަށް ބަލައިގެނެއް ނޫން. އެއީ ކޮންމެ ޕާޓީއެއްގައި ހުރި މީހެއް ކަމުގައި ވިޔަސް، ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމުގައި ވިޔަސް، އެކަމުގައި އެންމެ ބޮޑަށް މުހުތާދު ބޭނުން ޖެހިފައިވާ މީހުންނަށް އަޅުގަނޑުމެން އެކަން ކޮށްދޭނީ،" ގާސިމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމް ވަނީ، އިދިކޮޅު އެހެން ޕާޓީތަކުން އެއްބަސްވާ ނަމަ، އެންމެންނަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެން ތާއީދު ކުރައްވާ ކަމަށް ހާމަކޮށްފަ އެވެ. އެ ކެންޑިޑޭޓަކީ ގާސިމް ކަމަށް ނުވިޔަސް، ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް އޮތީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ގާރޫނު

22 ޖުލައި 2023
އިނގޭ ބާ މިކިޔޭ ނުކިޔޭ އެއްޗެއް.... ދެން ވޯޓު ހޯދަން ކޮންމެފަދަ ކަމެއްވެސް މިމީހުން ކޮށްފާނެކަން މިއިނގެނީ
2 0

ރީއާން

20 ޖުލައި 2023
ގައުމު އިނދަޖައްސަންތޯ ތިއުޅުއްވަނީ؟ ތިހިރީ ވެރިކަމުގެ ދަހިވެތިކަމުގައި ކުރާ ވައުދުތައް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް