ގާސިމް މަތިވެރީގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ޖޭޕީ)

އެސްއެމްއީ ލޯނުތައް މައާފުކޮށްދޭން ގާސިމް ވައުދުވެއްޖެ

ގާސިމް ވިދާޅުވީ ދައުލަތުން ރައްޔިތުން ދަރަނިވެރިކުރުވަމުން ދަނީ ކުރިއާލާ ރާވައިގެން ކަމަށާއި، އެސްއެމްއީ ލޯނު ދޫކުރުމުގައި އެއްވެސް އަސާސެއް އަދި ހަމައެއް ނެތް ކަމަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީތަކަށް) ދައުލަތުން ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް މައާފުކޮށްދެއްވަން އޭނާ މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެެއް؟ - އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އަރިއަތޮޅަށް ކުރަައްވާ ދަތުރުގައި އއ. މަތިވެރިއަށް ވަޑައިގެން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ދައުލަތުން ރައްޔިތުން ދަރަނިވެރިކުރުވަމުން ދަނީ ކުރިއާލާ ރާވައިގެން ކަމަށާއި، އެސްއެމްއީ ލޯނު ދޫކުރުމުގައި އެއްވެސް އަސާސެއް އަދި ހަމައެއް ނެތް ކަމަށެވެ.

ބުނީކީކޭ؟ - "އެސްއެމްއީ ލޯނޭ، އަނެކައްޗެކޭ ކިޔައިގެން ދައުލަތުގެ ފައިސާ އިން ބަޖެޓުގައި ޖަހައިގެން، ނަގައިގެން ދީފައި، އެއް ބަޔަކު ލައްވާ އެގްރިމެންޓު ހައްދައި އަނެއް ބަޔަކު ލައްވާ ނުހަދާ. ބޭނުން ވަރަކަށް ބޭނުން މީހަކަށް ލާރި އަޅަމުން މި ދަނީ،" ގާސިމް ވިދާޅުވި އެވެ.

އެ ފައިސާ އަނބުރާ ދައްކާނެ ގޮތެއް ރައްޔިތުންގެ ގިނަ ބައެއްގެ އަތުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ސަރުކާރެއްގައި، އަޅުގަނޑަށް މާތްﷲ އިރާދަކުރައްވައިގެން ތިޔަބޭފުޅުން އަޅުގަނޑު ހޮއްވަވައިފި ނަމަ، ދައުލަތުން، ސަރުކާރުން ދީފައި ހުރި ހުރިހާ އެސްއެމްއީ ލޯނެއް މައާފުކޮށްދޭނަން، ހަމަ ވަގުތުން،" މާލެ އާއި ރާއްޖެތެރެ ތަފާތުކުރުމެއް ނެތި އެކަން ކުރައްވާނެކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ސަރުކާރު ދެއްވައިފި ނަމަ، ވަރިިހަމަ 2 ބިލިއަން، 3 ބިލިޔަން ރުފިޔާ އޮތަސް. ހަމަ އެ ދުވަހުން ފެށިގެން މައާފުކޮށްދޭނަން."

ގާސިމް ވިދާޅުވީ އެ ލޯނުތައް މައާފުކޮށްދެނީ އެއީ އެއްވެސް އުސޫލެއް އަދި ހަމައެއް ނެތި ދޫކުރާ ލޯނެއް ކަމަށް ވާތީ ކަމަށާއި އެ ލޯނު ދޫކުރުމުގައި އެއްވެސް އިންސާފެއް ވެސް ނެތް ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން ރައްޔިތުންނަށް ދީފައިވާ ހުރިހާ ލޯނެއް މައާފުކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާތިތަކަށް ފައިސާ ދޫކުރަން މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ބޭންކުން، ވިޔަފާރި ފެށުމަށާއި ތަރައްގީ ކުރުމަށް އަދި ހަރުމުދާ ގަތުމަށް ވެސް 5 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދެ އެވެ.

  • ފަށާ ވިޔަފާރި - އަލަށް ފަށާ ވިޔަފާރިތަކަށް 2 މިލިއަން ރުފިޔާއާ ހަމައަށް ދޭ ލޯނެއް

  • ވިޔަފާރި ތަރައްގީ - ދިގު މުއްދަތުގެ އިންވެސްޓްމަންޓަށް 5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު

  • ހަރުމުދާ - މިއީ ވިޔަފާރިތަކަށް ބޭނުންވާ ހަރު މުދާ ގަންނަން 100،000ރ. އިން 5 މިލިއަނާ ހަމައަށް ދޫކުރާ ލޯނެއް

  • ރަށު ފަތުރު - ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރަން 200،000ރ. އިން 5 މިލިއަނާ ހަމައަށް ދޫކުރާ ލޯނެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް