ސްރީ ލަންކާގެ ގޯލް ފޭސްގައި ހުރި ހޮޓަލެއްގެ ބިއްލޫރިގަނޑު މީހަކު ސާފު ކުރާއިރު އެ ސަރަހައްދުގައި ހުރި ލަންކާގެ ދިދައެއް ވިހުރެނީ: އިގްތިސާދީ ކާރިސާއިން އަރައިގަންނަން އެ ގައުމުން މި ހަފްތާ މުހިންމު ނިންމުންތައް ނިންމާނެ - ފޮޓޯ/ރޮއިޓާޒް

ސްރީ ލަންކާ

ލަންކާއަށް ހައްސާސީ ވަގުތުކޮޅެއް؛ ބޭންކުތައް ވެސް ޗުއްޓީއަކަށް

އުއްމީދަކީ މި އަހަރު ނިމޭ އިރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %95 އަށް ދަރަނި ދަށްކުރުން

ސްރީ ލަންކާއަށް 1948ގައި އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު ލަންކާގެ އެތެރޭގެ ދަރަނިތައް އަލުން މުރާޖައާކުރުން ނުވަތަ ރީސްޓްރަކްޗާ ކުރުމާ ގުޅޭ މުހިންމު ނިންމުންތަކަކަށް އެ ގައުމު މިހާރު ވަނީ ތައްޔާރުވެފަ އެވެ. އެކަން މި ހަފްތާ ތެރޭ ނިންމާއިރު އެ ގައުމުގެ އިގްތިސާދުގެ މުސްތަގުބަލު ބިނާވެފައި ވަނީ އެ މުހިންމު ނިންމުންތަކުގެ މައްޗަށެވެ.

އެތެރޭގެ ދަރަނިތައް މުރާޖައާ ކުރުމުގައި އަަމަލު ކުރާނޭ ގޮތްތަކުގެ ނިންމުންތައް މިދިޔަ ބުދަދުވަހު ކެބިނެޓުން ފާސްކޮށް މިއަދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެ ނިންމުންތަކަށް ރުހުން ދިނުމަށް ވަނީ ބަހުސްތައް ފަށައިފަ އެވެ.

އެއާ އެކު މާލީ ބާޒާރަށް އަރާފާނޭ ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ގައުމުގެ ބޭންކުތަކާއި މާލީ އިދާރާތައް ވަނީ މުއާމަލާތްތައް ކުރުން ހުއްޓާލައި ފަސް ދުވަހުގެ ޗުއްޓީއެއް ނަގައިފަ އެވެ. މިއީ ލަންކާގެ ތާރީހުގައި ވެސް ބޭންކުތައް މިފަދަ ހާއްސަ ޗުއްޓީއަކަށް ދާ ފުރަތަމަ ފަހަރެވެ. 

ލަންކާގެ ބޭންކުތައް ފަސް ދުވަހަށް ބަންދުކުރަނީ ކީއްވެގެންކަން ޑެއިލީމިރާގެ ބިޒްނަސް އެޑިޓަރު އިންދިކާ ކިޔައިދެނީ: މިއީ އެ ގައުމުގެ ތާރީހުގައި ވެސް މިފަދަ ބަންދަކަށް ބޭންކުތައް ދާ ފުރަތަމަ ފަހަރު

ލަންކާގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މިދިޔަ އަހަރު އެ ގައުމުން ބައިވެރިވެފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ 2.9 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގެ ދަށުން، މި އަހަރުގެ ނިޔަލަށް ލަންކާގެ ދަރަނި ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން %95 އަށް ކުޑަކުރަން ޖެހެ އެވެ. އެހެން ނުވެއްޖެ ނަމަ، އައިއެމްއެފްއިން އެހީ ދިނުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ އެވެ.

އެ އަމާޒަށް ވާސިލްވާން ލަންކާއިން އަޅާ އެއް ފިޔަވަޅަކީ އެ ގައުމުގެ އެތެރޭގެ ދަރަނީގެ ގޮތުގައި ހިސާބުކުރެވިފައިވާ 42.1 ބިލިއަން ޑޮލަރު އަނބުރާ ދެއްކޭނެ އާ ގޮތްތަކަކަށް ދަރަނި ދިން ފަރާތްތަކާ އެކު އެއްބަސްވުމަކަށް އައުމެވެ. 

އެތެރޭގެ ދަރަންޏަށް ހަދާނީ ކިހިނެއް؟ 

ލަންކާގެ މަރުކަޒީ ބޭންކުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި އެތެރޭގެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމުގެ ގޮތުން އަޅާނޭ އެންމެ ބޮޑު ފިޔަވަޅަކީ އެ ގައުމުން ވިއްކާފައިވާ ޓްރެޝަރީ ބިލް (ޓީ-ބިލްތައް) ދިގު މުއްދަތުން ފައިސާ ދައްކާ ބޮންޑުތަކަކަށް ބަދަލު ކުރުމެވެ.

ލަންކާގެ ބާޒާރެއްގައި ދުވަހު މަސައްކަތަށް މަޖޫރީ ކުރާ މީހަކު އޭނާގެ ގާޑިޔަލުގެ މަތީ މަޑުކޮށްލައިގެން: ލަންކާގެ އިގްތިސާދުގެ މުސްތަގުބަލު ބިނާވާނީ މި ހަފްތާ ނަގާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް -- ފޮޓޯ/ރޮއިޓާޒް

އެ ކަމުގެ ތަފްސީލް ދެއްވަމުން ލަންކާގެ މަރުކަޒީ ބޭންކް، ސެންޓްރަލް ބޭންކް އޮފް ސްރީ ލަންކާ (ސީބީއެސްއެލް)ގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ ވިދާޅުވެފައިވާ ގޮތުގައި ޑޮލަރުން ވިއްކާފައިވާ ޓީބިލްތައް ބޮންޑަށް ބަދަލު ކުރުމުގައި އެ ތަކެތި ގަނެފައިވާ ފަރާތްތަކާ އެކު ތިން ގޮތަކަށް އެއްބަސްވާން ވަނީ ނިންމައިފަ އެވެ. އެއީ:

  • 1-

    ބޮންޑުތަކަށް ދައްކަން ހުރި ފައިސާގެ %30 މާފުކޮށް، %4 އިންޓަރެސްޓްގައި 6 އަހަރު ތެރޭ އަނބުރާ ފައިސާ ދައްކާ ގޮތަށް

  • 2-

    ބޮންޑުގެ %30 މާފުނުކޮށް ދޭ ނަމަ، %1.5 އިންޓަރެސްޓްގައި 15 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް؛ އަދި އެ ބޮންޑުންތަކަށް ފައިސާ ދައްކަން ފަށާނީ ނުވަ އަހަރު ފަހުން ކަމަށް އެއްބަސްވުން

  • 3-

    ބޭރު ފައިސާގެ ޓީބިލްތައް ލަންކާ ރުޕީސް ބޮންޑްތަކަކަށް ބަދަލުކުރަން ފުރުސަތު ދިނުން؛ މިގޮތަށް އެއްބަސްވާ ނަމަ، ލަންކާގެ އެތެރޭގެ އިންޓަރެސްޓު އަދިި %1 އިންޓަރެސްޓް ހިމަނައިގެން 10 އަހަރު ތެރޭ އަނބުރާ ފައިސާ ދައްކާ ގޮތަށް 

ލަންކާގެ މަރުކަޒީ ބޭންކް: އެތެރޭގެ ދަރަނި މުރާޖައާކުރުމުގެ ފިޔަވަޅުތަކާ އެކު ބޭރުގެ ދަރަނި މުރާޖައާކުރަން ބޮޑު ބާރަކަށް ވާނެ ކަމަށް ބުނޭ

ލަންކާ ރުޕީސްއިން ވިއްކާފައިވާ ޓީބިލްތައް ބޮންޑަށް ބަދަލުކުރުމުގައި އަމަލުކުރަން ނިންމާފައިވާ ގޮތްތަކަކީ:

  • 1-

    ޕެންޝަން ފަންޑް ފަދަ ގައުމީ ފަންޑުތަކުން ގަނެވެފައިވާ ބޮންޑްތައް ދެއްކުން 2027 އާއި 2038 އަށް ދަންމާލުން؛ އެއީ %9ގެ އިންޓަރެސްޓްގައި

  • 2-

    މަރުކަޒީ ބޭންކުން ގަނެފައިވާ ޓީބިލްތަކަށް، 2029 އަދި 2038ގައި ފައިސާ ދައްކަން ޖެހޭ ގޮތަށް ލަސްކުރުން؛ މިކަން ކުރާނީ ދެވަނަ މަރުހަލާގައި

ނަތީޖާއަކީ ކޮބާ؟

މި ފިޔަވަޅުތަކުގެ ސަބަބުން އެތެރޭގެ ދަރަނި ދެއްކުމަށް 2027 ވަނަ އަހަރާ ހަމައަށް 16.9 ބިލިއަން ޑޮލަރުގެ ލުޔެއް ހޯދޭނޭ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. 

އެތެރޭގެ ދަރަނި މުރާޖައާކުރުމުގެ މަސައްކަތުގެ ތެރޭގައި ކޮމާޝަލް ބޭންކުތަކުން ގަނެފައިވާ ބޮންޑްތައް މުރާޖައާ ނުކުރުމަށް އެ ގައުމުން ވަނީ ނިންމައިފަ އެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، ފައިސާ ނުދައްކާ ލޯންތަކުގެ ބުރަ އާއި ބޭރުގެ ދަރަނި މުރާޖައާކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް އަދި ޓެކްސްތަކުގެ ބުރަ ބޭންކުތަކަށް މިހާރު ވެސް ބޮޑުވެފައިވާތީ އެވެ.

ބީއޯސީގެ އޭޓީއެމް ކައިރީގައި މީހަކު ކިޔޫ ހަދައިގެން

އެތެރޭގެ ދަރަނި މުރާޖައާކުރުމުގެ މަސައްކަތުގެ ސަބަބުން ބޭންކުތަކުގައި ރައްކާކޮށްފައި ހުރި އާންމުންގެ ފައިސާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަން އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކުރަމަ ސިންހާ ވަނީ ދެއްވައިފަ އެވެ. 

ލަންކާގެ ޓްރެޝަރީ ސެކްރެޓަރީ މަހިންދަ ސްރިވަރުދަނަ ވިދާޅުވެފައިވާ ގޮތުގައި އެތެރޭގެ ދަރަނި މުރާޖައާ ކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ބޭރުގެ ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް އޮތް 36 ބިލިއަން ޑޮލަރު ދެއްކުމުގައި ލުއިތައް ހޯދުމަށް، ފަސޭހަތަކެއް ލިބޭނެ އެވެ. 

"އެތެރޭގެ ދަރަނިތައް މުރާޖައާކުރެވުމާ އެކު ލަންކާއިން ދަރަނި އޮތް ބޭރުގެ ފަރާތްތަކަށް ވަރަށް ބޮޑު އިތުބާރެއް ލިބޭނެ އެ ދަރަނިތަކަށް ލުއި ދިނުމާ މެދު. މިއީ އެ މަޝްވަރާތަކުން ކުރިއެރުން ހޯދުމަށް ލިބޭ ފުރުސަތެއް،" ސްރިވަރުދަނަ ވިދާޅުވި އެވެ.

ލަންކާގެ ބޭރުގެ ދަރަނީގެ ތެރެއިން 24 ބިލިއަން ޑޮލަރަކީ ބޭރުގެ ފަރާތްތަކަށް ވިއްކާފައިވާ ބޮންޑް އަދި ޖަޕާން، ޗައިނާ، އިންޑިއާއިން ނަގާފައިވާ ދަރަންޏެވެ. 

އެ ގައުމުތަކާ އެކު ވެސް ދަރަންޏަށް ލުއި ހޯދުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ. ލަންކާއިން ލަފާކުރަނީ ސެޕްޓެމްބަރުގެ ނިޔަލަށް ބޭރުގެ ދަރަނި މުރާޖައާ ކުރުމަށް ގައުމުތަކާއި ބޮންޑް ގަނެފައިވާ ފަރާތްތަކާ އެކު އެއްބަސްވުމަކަށް އާދެވޭނޭ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް