އެމްއެންޔޫގައި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ކިޔަވަމުން އަންނަ ފާތުމަތު ޒައިނާ މުހައްމަދު މޫސާ، 'ސީދާ' ޕޮޑްކާސްޓްގައި ވާހަކަ ދައްކަނީ (ދައުރު ފޮޓޮ/ހުސައިން ސުނައިން)
މި ދެ ޒުވާނުން ދެކޭ ގޮތް: މިއީ ވަރަށް އުއްމީދީ ގައުމެއް
މުހިންމު ނުކުތާތައް
މި އަހަރުގެ އިންތިހާބުގެ ކެމްޕޭން ޒުވާނުންނަށް އަމާޒުކުރަން ހުރިހާ ކެންޑިޑޭޓުން ވެސް ސަމާލުކަން ދޭނެ
މާލެ ސަރަހައްދު ތޮއްޖެއްސުމުން ސަލާމަތްކޮށް، އެހެން ސަރަހައްދުތަކެއް ތަރައްގީކުރަން ޖެހޭ
ވޯޓު ވިއްކަނީ ކޮންމެ މީހަކު އިންތިހާބު ވިޔަސް އާންމުންނަށް މާ ބޮޑު ފައިދާއެއް ނެތް ކަމަށް ވިސްނާތީ
ކޮފީގައި ތިބޭ އިރު ޒުވާން ގްރޫޕްތައް އެކަކު އަނެކަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި ތިބެނީ ފޯނަށް ގެއްލިގެންނެވެ. ކޮންމެވެސް ގޭމެއްގަ އެވެ. އޮންލައިންކޮށް ކުޅެވޭ ކޮންމެވެސް ކުޅިގަނޑެއްގަ އެވެ.
ބައެއް ފަހަރަށް ހިތަށްއަރަ އެވެ. ގައުމާ މެދު އެއްވެސް ފިކުރެއްނުކޮށް ޒުވާނުން ވަގުތު ހޭދަކުރާ ނަމަ، ކުރިމަގުގައި މި ގައުމު އޭގެ ރަނގަޅު މިސްރާބުގައި ހިންގާނީ ކޮން ބައެއް ހެއްޔެވެ؟ ސިޔާސީ މީހުން ބޭނުން ކޮންމެ ގޮތެއް ގައުމަށް ހަދާއިރު ވެސް، ޒުވާނުން ތިބޭނީ 'އަހަރެމެންނާ ބެހޭ ކަމެއް ނޫނޭ' ބުނެލަބުނެލާ ހައްޔެވެ؟ ދައުލަތް ހިންގުމުގެ ނަމުގައި ނުވަތަ އެކި ކަހަލަ ތަރައްގީތަކަށް ހިންގާ މަޝްރޫއުތަކުގެ ފަހަތުގައި ތިބެގެން ސިޔާސީ މީހުން މުއްސަނދިވާ އިރު ވެސް އެމީހުން ދިފާއުކުރާނީ ހެއްޔެވެ؟
މި ކަހަލަ ކިތައްމެ ސުވާލެއް ޒުވާނުންނާ މެދު އުފެދެ އެވެ. އެކަމަކު ޒުވާނުން ޒުވާނުންނާ މެދު ވިސްނާ ގޮތް އެނގޭނީ ޒުވާނުންނާ ބައްދަލުކޮށްލައިގެންނެވެ. އެ ނިޔަތުގައި އަޅުގަނޑު، ގައުމީ ޔުނިވަސިޓީގައި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ކިޔަވަމުން އަންނަ ފާތުމަތު ޒައިނާ މުހައްމަދު މޫސާ، 21، އާއި މުހައްމަދު ރައުހާން އަހުމަދު، 27، އަށް ދައުވަތު ދިނީ އަޅުގަނޑުގެ ޕޮޑްކާސްޓް 'ސީދާ'ގައި ބައިވެރިވުމަށެވެ.
ގައުމީ ކަންކަމާ ޒުވާނުން ވިސްނާ
ގައުމާ ބެހޭ ގޮތުން އަމާޒުކުރި ތަފާތު ސުވާލުތަކަށް ދެ ޒުވާނުންގެ ހިޔާލު، މިނިވަންކަމާ އެކު ފާޅުކުރި އެވެ. ދިވެހި ޒުވާނުން ގައުމުގެ ކަންކަމުގައި ބައިވެރިނުވާކަމަށް ނުވަތަ ނުވިސްނާ ކަމަކަށް، ޒައިނާ އާއި ރައުހާން ވެސް ގަބޫލެއްނުކުރެ އެވެ.
ރައުހާން ބުނީ ކަންކަން އެނގޭ މިންވަރު އެކި މީހުންގެ ތަފާތު ކަމަށެވެ. އެއީ ތެދު ވާހަކައެކެވެ. ބައެއް މީހުންނަކީ ކަންކަން ހޯދާށާއި އެތައް ދާއިރާއަކުން މައުލޫމާތު ލިބިގަންނަން ލޯބިކުރާ ބައެކެވެ. އަނެއް ބައެއްގެ ބޮލަށް ވަކި ކަމަކާ ބެހޭ މައުލޫމާތު އަޅަން ޖެހެނީ އެހެން މީހުންނަށެވެ.
މިސާލެއްގެ ގޮތުން ރައުހާން ނެގީ އޭނާގެ އަމިއްލަ ނަފުސެވެ. ސިޔާސީ ކަންކަމާ މެދު ބޮޑަށް ލޯ ހުޅުވި، ވިސްނެން ފެށުނީ، ސިޔާސީ ދާއިރާއަށް އޭނާގެ ޝައުގުވެރިކަން ހުރުމާއި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ކިޔަވަން ފެށުމުންނެވެ. އެކަމަކު އެއީ އެހެން ޒުވާނުންގެ ޝައުގަކަށް ނުވެދާނެ އެވެ. އެހެންކަމުން އެ ޒުވާނުންނަށް، މިސާލަކަށް ގައުމުގެ ކޮރަޕްޝަނާ މެދު، އެހާ ބޮޑަށް ނުވިސްނުން އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.
ކޮރަޕްޝަނަކީ، ކޮންމެ ސަރުކާރަކުން ވެސް ދުރުވާން ބޭނުން 'ބައްޔެކެ'ވެ. ނަމަވެސް އާ ގާނޫނުއަސާސީ 2008ގައި އުފެއްދި ފަހުން އައި ހުރިހާ ސަރުކާރަކާ މެދު ވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް އެޅެ އެވެ. ހަމައެކަނި އެމްއެމްޕީއާރުސީގެ މައްސަލަ އެކަންޏެއް ނޫނެވެ. ގާނޫނަށް 'އަތުނުވާ ގޮތަށް' އެކަމަކު އެހެން މީހުންނަށް އެނގޭހާ ސާފުކޮށް، ދައުލަތުގެ ތެރެއިން މާލީ މަންފާ ހޯދުމަކީ، މިއަދުގެ ސިޔާސީ ހަރަކާތުގެ އެއް 'ރުކުނަށް' އޮތީ ވެފަ އެވެ.
ރައުހާން ބުނީ ކޮރަޕްޝަނުން ސީދާ ތިމާއަށް އޭގެ އަސަރުނުކުރާ ނަމަ ޒުވާނުންނަށް އެކަން މުހިންމު ނުވެދާނެ ކަމަށެވެ. ސަބަބަކީ، އޭނާ ދެކޭ ގޮތުގައި، ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަންތަކުގެ އަސަރު އެންމެންނަށް ކުރާނީ 'ވަރަށް ދުރުދުރުން އައިސްފަ' އެވެ. އެއީ ވަގުތުން ވަގުތަށް އެންމެންނަށް އޭގެ ކަމެއް ނޫނެވެ.
ހުރިހާ ކެންޑިޑޭޓުންނަށް އެބަ އެނގޭ އަލަށް ވޯޓު ލާ މެޖޯރިޓީ ނެގިއްޖެއްޔާ އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެކަން. އެހެންވެ މުޅިން އަލަށް ވޯޓުލާ ފަރާތްތަކަށް ފޯކަސްކޮށްގެން ކެމްޕެއިން ކުރިއަށް ގެންދާކަން މިފަހަރު ފާހަގަކޮށްލެވޭ.
އެކަމަކު އޭނާ ބުނީ ޒުވާނުން ތަންކޮޅެއް ހަރުވާން ފެށުމުން ނުވަތަ ދުވަސް ވާން ފެށުމުން އެފަދަ ކަންކަން މާ ބޮޑަށް އެނގެން ފަށާނެ ކަމަށެވެ. އެހާ ހިސާބުން އެ މައްސަލައާ ދެކޮޅަށް އަޑުއުފުލާނެ ކަމަށް ވެސް، އޭނާ އުއްމީދުކުރެ އެވެ.
މިހާރުވެސް ގައުމީ ކަންކަމުގައި ޒުވާނުން އެމީހުންގެ އަޑު އިއްވުމުގެ އިތުރުން ކަންކަމުގައި ބައިވެރިވާ ކަމަށް، ދެ ޒުވާނުން އެއްބަސްވި އެވެ.
"ކޮފީ މޭޒެއްގައި ވާހަކަ ދެއްކުން ކަމަށް ވިޔަސް، ޕްރޮޓެސްޓެއް ކުރަން ޖެހުން ކަމަށް ވިޔަސް، ސޯޝަލް މީޑިއާގައި މައުލޫމާތެއް ފެތުރުން ކަމަށް ވިޔަސް، އަޅުގަނޑުމެންގެ ލެވެލްގައި އެބަ ކުރަން،" ރައުހާން ބުންޏެވެ.
އިންތިހާބުގެ ކެމްޕެއިންގެ ފޯކަސް ބަދަލުވެފައި
ޒައިނާއަށް ދެ ކަމެއް ގަބޫލުކުރެވެ އެވެ. އެއް ކަމަކީ ބޮޑެތި ޕާޓީތަކުގައި ކުރިން އޮތް 'ކަލްޓް މައިންޑް ސެޓް' ބަދަލުވުމުގެ ނިޝާންތައް ފެނުމެވެ. މިސާލެއްގެ ގޮތުން އޭނާ ނެގީ އެމްޑީޕީގެ ރިޔާސީ ޓިކެޓެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް އަދި ފެށުނީއްސުރެ އެމްޑީޕީގެ 'ރޫހު' ކަމަށް ބެލެވުނު ކުރީގެ ރައީސް މުހައްމަދު ނަޝީދެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އަނެއް ކަމަކީ މިފަހަރުގެ އިންތިހާބުގައި އަލަށް ވޯޓުލާ ޒުވާނުންގެ އާބާދީ ބޮޑުވުމެވެ. ކެންޑިޑޭޓުންގެ ފޯކަސް ބޮޑަށް އޮތީ، ޒައިނާ ބުނި ގޮތުގައި، އަލަށް ވޯޓު ލާ ނުވަތަ ވޯޓް ލާ މީހުންގެ ބޮޑު ހިއްސާއެއް ހިމެނޭ ޒުވާނުންގެ ވޯޓު ހޯދާށެވެ.
"ހުރިހާ ކެންޑިޑޭޓުންނަށް އެބަ އެނގޭ އަލަށް ވޯޓު ލާ މެޖޯރިޓީ ނެގިއްޖެއްޔާ އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެކަން. އެހެންވެ މުޅިން އަލަށް ވޯޓުލާ ފަރާތްތަކަށް ފޯކަސްކޮށްގެން ކެމްޕެއިން ކުރިއަށް ގެންދާކަން މިފަހަރު ފާހަގަކޮށްލެވޭ،" ޒައިނާ ބުންޏެވެ.
އެންމެ ބޭނުންވާ ވައުދުތަކަކީ ކޮބައިތޯ އެހުމުން ރައުހާން ބުނީ ރާއްޖޭގެ އިގުތިސާދު ހަމައެކަނި ޓޫރިޒަމަށް ބިނާވެފައި އޮތް އޮތުން ބަދަލުކުރުމާއި މާލެ ތޮއްޖެއްސުން 'މައިތިރިކުރެވޭނެ' ގޮތެއް ހޯދުން ކަމަށެވެ.
ރާއްޖޭގައި އެބަ ހުރި ޕޮޓެންޝަލް. މިއީ މުސްތަގުބަލެއް އޮތް ގައުމެއް.
މުހިންމު ދެ މައްސަލަ އެވެ. ނަމަވެސް، އެހާ އަވަސް ހައްލެއް ފެނުން ދުރު ދެ ދާއިރާ ވެސް މެ އެވެ. ރާއްޖޭގެ ހުރިހާ ހިސާބަކުން މާލެއަށް އަންނަ މީހުން ދަނީ ގިނަވަމުންނެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމާ އެކު، އެ އަދަދު ކުރިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މާލެ ތޮއްޖެއްސުން އޮތީ ކުރިއަށެވެ.
ރައުހާން ދެކޭ ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ބިން ބޮޑު އަދި ތަރައްގީކުރެވޭނެ ރަށްރަށް އެބަ ހުއްޓެވެ.
މި އުޅެނީ "ޕޮލިޓިކަލް ވިލް ނެތިގެން،" އޭނާ ބުންޏެވެ.
"އެތަންތަނުގައި [ތަރައްގީކުރާ ރަށްރަށުގައި] ފެސިލިޓީޒް ހެދީމާ މީހުން ދާނެ. މާލެއަށް އައީ ވެސް ގަދަބާރުން، މަޖުބޫރުކޮށްގެންނެއް ނޫން. އެ ހިދުމަތްތައް އެހެން ރަށްރަށުން ލިބެން ފަށާ ހިސާބުން ބަދަލުވެގެން ދާނެ."
މާލެ ތޮއްޖެއްސުމަކީ ސިޔާސީ ވެރިން ގަސްދުގައި ކުރާ ކަމެއް ކަމަށް، ބައެއް މީހުން ބުނާ ބުނުމަށް އޭނާ ތާއީދުކުރެ އެވެ.
"އެހެން ބުނުމުގެ ޖާގަ އެބަ އޮތް،" ރައުހާން ބުންޏެވެ.
އިންތިހާބުގައި ވޯޓު ވިއްކުމަކީ ރާއްޖޭގައި ވެސް އާންމު ކަމެއް ކަމަށް، ވަރަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ރާއްޖޭގެ ގާނޫނުތައް ފުރިހަމަނުވުމާއި ދައުލަތުގެ މުއައްސަސާތަކުގެ ގާބިލްކަން ކުޑަވުމުގެ ނަތީޖާއަކީ، އެއްވެސް އިންތިހާބެއްގައި، ފަރުދާގެ ފުރަގަހުން ހިންގާ މި ބޮޑު ހިޔާނާތް އަތުލައިނުގަނެވުމެވެ.
ވޯޓު ވިއްކުމާއި ވޯޓު ގަތުމާ މެދު ދެ ޒުވާނުންގެ ހިޔާލަކީ ކޮބައިތޯ އަޅުގަނޑު ސުވާލުކޮށްލީމެވެ. ޒައިނާ ބުނީ އެހެން ވަނީ ކޮންމެ މީހަކު ވެރިކަމަށް އަޔަސް އާންމު މީހާއަށް ލިބޭ ފައިދާއެއް ނެތުމުން ކަމަށެވެ.
"ވޯޓު ވިއްކާ ފަރާތުން ވޯޓު ވިއްކަނީ ރައްޔިތުމީހާ އެމީހާ އެންމެން ބޭނުންވާ ކަންތައްތަކަށް ރިއާޔަތްކޮށްފައި. ބައެއް މީހުންނަށް އެބަ ހީވޭ މީނާ ވެރިކަމަށް އަޔަސް ވެސް، ނަޔަސް ވެސް ތިމަންނައަށް ލިބޭނެ ފައިދާއެއް ނޯންނާނޭ،" ޒައިނާ ބުންޏެވެ.
"އެހެންވީމާ ނަގާށޭ ލިބޭ އެއްޗެއް. ލިބޭތާ ލިބިގަންނާށޭ. އެހެންވެ އޭގައި ހިފަނީ."
ރައުހާން ބުނީ ވޯޓު ގަންނަން ހޭދަކުރާ ކެންޑިޑޭޓް މަގާމާ ހަވާލުވެ އޭނާގެ އެ ހޭދަ އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.
"އެ ރިކަވާކުރާނީ ރައްޔިތުމީހާގެ ޖީބަށް އަތް ބާނައިގެން ކަމަށް ވަނީ ނަމަ އެކަން [ވެސް] އޭނާ ކުރާނެ،" ރައުހާން ބުންޏެވެ.
ޑިމޮކްރަސީގެ ހަމަތަކާ ދެކޮޅު މި މުޑުދާރުކަން ރާއްޖޭގައި ކުޑަކުރެވޭނެ ގޮތްތަކެއް ވެސް، ދެ ޒުވާނުންގެ އިލްމީ ދުރުމީއަށް އަރަ އެވެ. އެގޮތުން ޒައިނާ ބުނީ ސިވިކް އެޑިޔުކޭޝަން މުހިންމު ކަމަށެވެ. މިއީ ޑިމޮކްރަސީއަކަށް ވަރަށް މުހިންމު ބައެކެވެ. އެ ދާއިރާގެ މައުލޫމާތުން އާންމު ރައްޔިތުން މުއްސަނދިވެއްޖެ ނަމަ، މުޖުތަމައުއެއްގައި އެންމެންގެ ހެވަށް، އެންމެންގެ ރައްކަލަކަށް، އެންމެންގެ މުސްތަގުބަލަށް، އަމަލްތައް ބަހައްޓާނެ ގޮތް ދަސްވާނެ އެވެ. ވޯޓަކީ ވިއްކާލެވޭ އެއްޗަކަށް ވުރެ 'މުގައްދަސް' އެއްޗެއްގެ ގޮތުގައި ވިސްނޭނެ އެވެ.
އުއްމީދުން ފުރިފައި
އަޅުގަނޑަށް ވުރެ 30 އަހަރު ހަގު މި ދެ ޒުވާނުންނަށް ފެންނަ މަންޒަރާއި އަޅުގަނޑަށް ފެންނަ މަންޒަރު ތަފާތުވުން އެކަށީގެންވެ އެވެ. ތަރައްގީގެ އެތައް މަންޒަރެއް އެބަ ފެނެ އެވެ. ބޯހިޔާވަހިކަމުގެ އިމާރާތްތައް އުސްވެއްޖެ އެވެ. އަގުބޮޑު ހޮސްޕިޓަލްތައް އަޅަނީ އެވެ. ދައުލަތް ދަރައިގެން ނަމަވެސް ރައްޔިތުން ހިތްހަމަޖައްސުވަން ވަރަށް ގިނަ ޕްރޮގްރާމްތައް ހިންގަ އެވެ.
އެކަމަކު މީގެ ތެރެއިން ގިނަ ކަންކަމުގެ ފަހަތުގައި ތިބެގެން ސިޔާސީ މީހުން ނާޖާއިޒު އެތައް ފައިދާތަކެއް ދަނީ ހޯދަމުންނެވެ. އެއް ޕާޓީގެ ސަޕޯޓަރުންނަށް ހިޔާނާތް ފެންނަނީ އަނެއް ޕާޓީ ވެރިކަން ކުރާ އިރު އެވެ. ދައުލަތުގެ ހަމަތައް ނަގާލާތަން ފެންނަނީ ވެސް އަނެއް ޕާޓީގެ ވެރިކަމުގަ އެވެ.
އެކަމަކު ގައުމާ މެދު އުއްމީދެއް ވެސް އޮންނަންވާނެ އެވެ. ޒައިނާ އާއި ރައުހާން ބުނެދިނީ އެ އުއްމީދެވެ. މިސާލުތައް ވެސް ދައްކަމުންނެވެ.
"ރާއްޖެއަކީ ވަރަށް، ވަރަށް، ވަރަށް އުއްމީދީ ގައުމެއް. ރައްޖޭގައި ވަރަށް ބައިވަރު ކެޕޭސިޓީ އެބަހުރި،" ޒައިނާގެ ޖަވާބު ފެށީ ވެސް އެހާ ފޮނިފޮނި ވާހަކަކޮޅަކުންނެވެ.
"ރާއްޖޭގައި ޓޫރިޒަމް ނޫނަސް ފައިސާ ހޯދޭނެ ގޮތްގޮތް އެބަހުރި. އެކަމަކު އެކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުކޮށްގެން."
ރައުހާންގެ ބަސްކޮޅު ވެސް އެހާމެ ރީއްޗެވެ. މިއީ އުއްމީދީ ގައުމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި ބައެއް ރައްޓެހިން ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަން ވިސްނާ ވިސްނުމާ އޭނާ ދެކޮޅު ވެސް މެ އެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ ރާއްޖެ ދޫކޮށް ބަދަލުވާނެހެންނެއް ޕާމަނަންޓްކޮށް،" އަމިއްލަ މުސްތަގުބަލާ މެދު ރައުހާން ބުންޏެވެ.
"ރާއްޖޭގައި އެބަ ހުރި ޕޮޓެންޝަލް. މިއީ މުސްތަގުބަލެއް އޮތް ގައުމެއް."
ނަމަވެސް ކުރިމަގަށް ކަންކަން ރަނގަޅުކުރުމުގެ ޒިންމާ އޮތީ ރައްޔިތުންގެ ބޮލުގައި އެޅިފަ އެވެ. ޒައިނާ ދެކޭ ގޮތުގައި ކަންކަން ރަނގަޅު ކުރަން ތިބޭނީ ހަމައެކަނި ވެރިންނެއް ނޫނެވެ. ސިޔާސީ މީހުންނެއް ވެސް ނޫންމެ އެވެ.
"ކަންކަން ރަނގަޅު ކުރެވޭނީ ރައްޔިތުން އެމީހުންގެ ޒިންމާ އަދާކުރަން ފަށާ ހިސާބުން،" ޒައިނާ ބުންޏެވެ.
އެހެން ގޮތަކަށް ބުނާ ނަމަ ގައުމުގެ ވެރިންނާއި ރައްޔިތުން ގުޅިލާމެހިގެންނެވެ. ތިން ބާރު ވަކިވެފައި އޮތް އޮތުން ހަރުދަނާކޮށް ކުރިއަށް ގެންގޮސްގެންނެވެ. މުއައްސަސާތަކުގެ ވާޖިބު އަދާކޮށްގެންނެވެ.
"މަލްޓި ޕާޓީ ސިސްޓަމް އުފެދުނު އިރުން ފެށިގެން ރާއްޖެ ފުދޭ ވަރަކަށް ބައިބައިވެފައި ކަންނޭނގެ [މި އޮތީ]. ދެ ފިކުރެއް ކަމަށް ވިޔަސް އަޅުގަނޑުމެންނަކީ އެއް ގައުމަކަށް ނިސްބަތްވާ ބައެއް،" ޒައިނާ ބުންޏެވެ.
"ވެރިކަމުގައި ހުންނަ މީހަކު ކުރާ ކަންކަމުން ހުރިހާ އެންމެންނަށް ވެސް ފައިދާވާނެ، ހުރިހާ އެންމެންނަށް ވެސް ގެއްލުންވާނެ. އެހެންވެ ވަކި ޕާޓީއަކަށް ނިސްބަތްވިއްޔޭ ކިޔާފައި އޮންނަ ގުޅުން ކަނޑާލައިގެން ނުވާނެ."
ރިޔާސީ ބޮޑު އިންތިހާބަކަށް އިރުއަރާ އިރު މިއީ ދިވެހިންނަށް ޒުވާނަކު ދިން ވަރަށް މުހިންމު މެސެޖެއް ކަމަށް ބަލަމާ ހިނގާށެވެ.
ކޮމެންޓް (7)
ދޮން ބުޅާ
ޑެލޫޫޒު ބިން އަހްމަދް ފޫކަލްޓް
ޤައްޔޫމް އަބްދުލް މައުމޫން
ސޮއްޕެ
އީވިލް ހަސަން ކުރުސީ
އެފް.ޑަބްލިޔު
ސިކުނޑި