ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ: ނަޝީދު ވިދާޅުވަނީ ކުޑަކުދިންގެ ހިޔާގެ މައްސަލައިގައި ޒެނީޝާއަށް ދައުވާ ކުރުމުން ލިބޭނެ ފައިދާއެއް ނެތް ކަމަށް

ޖުޑިޝަރީ

ޒެނީޝާގެ މައްސަލާގައި ނަޝީދުގެ ބަހަކީ ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނޫން ބާ؟

ނަޝީދު ކަންބޮޑުވެވަޑައިގަތީ ހަމައެކަނި ޒެނީޝާއަށް ދައުވާކޮށްފާނެތީ އެވެ. ކުޑަކުދިންގެ ހިޔާ ތެރޭގައި ހިނގީ ކިހާވަރެއްގެ ކަމެއް ކަން، ނުވަތަ ހިނގި ކަމެއްގައި ޒެނީޝާގެ އިހުމާލެއް ނުވަތަ ބައިވެރިވުން އޮތް މިންވަރެއް ބެއްލެވުމުގެ ޝައުގެއް އެމަނިކުފާނުގެ ނެތެވެ.
30 އޮކްޓޯބަރު 2021

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާ ގުޅޭ ގޮތުން އެޗްއާރްސީއެމް އިން ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސީރިއަސް މައްސަލައެކެވެ. އެއީ 2017 ގައި ފުލުހުންނާއި ސިފައިންނާ ގުޅިގެން ޖެންޑާ މިނިސްޓްރީން ހިންގި ހަރަކާތްތަކެއްގައި، އެ މުއައްސަސާތަކުގެ ބައެއް މުވައްޒަފުން ކުޑަކުދިންގެ ހިޔާގެ ކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ބައެއް ކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން ކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.

މިއީ ޓޯޗާގެ އަމަލެކެވެ. ވަރަށް ސީރިއަސް ތުހުމަތެކެވެ. އެ މައްސަލަ ތަހުގީގުކޮށް، ދައުވާ އުފުލައި އެކަމުގައި ބައިވެރިވާ ފަރާތްތައް ޒިންމާކުރުވުމަކީ ދައުލަތަށް ލާޒިމު ކަމެކެވެ.

އެ މައްސަލައިގެ މާ ބޮޑު ތަފްސީލެއް އަދި ދައުވާކޮށްދޭން އެޗްއާރްސީއެމުން އެދުނު 30 މީހުން އެކަމުގައި ބައިވެރިވަނީ ކިހިނެއް، ކިހާ މިންވަރަކަށް ކަމެއް ވެސް ސާފެއް ނޫނެވެ. އެނގެން އޮތީ، އެ ހާދިސާއާ ގުޅިގެން އެޗްއާރްސީއެމް އިން ޕީޖީއަށް ފޮނުވި ބޮޑު ލިސްޓުގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވެސް ހިމެނޭކަމެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ (ކ) އަދި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު. (ފޮޓޯތައް/ ޖެންޑާ މިނިސްޓްރީ އަދި ފުލުހުން)

ޕީޖީން އެ މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި އޮތް އިރު، ދައުވާކުރެވޭނެކަން ނުވަތަ ނޫންކަން ވެސް ކަނޑައެޅޭ ހިސާބަކަށް ނުދެ އެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ޒެނީޝާއަށް "ކުރާ ދައުވާ އަނބުރާ ގެންދަން" ޖެހޭ ކަމަށް ރާއްޖޭގެ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރު މިވަނީ ގޮވާލައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަން ވެސް ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، މައްސަލައިގައި ހިމެނޭ 30 މީހުންގެ ތެރެއިން ވަކި މީހަކާ ގުޅުވައިގެން މިފަދަ ވާހަކައެއް ދެއްކެވުމަކީ ވަކި ކުޑަ މައްސަލައެއް ނޫނެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. މައްސަލާގައި ހިމެނޭ އަނެއް29 މީހުންގެ ވާހަކައެއް ވިދާޅެއްނުވެ އެވެ.

"ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތް ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަ ނަޝީދު ވިދާޅުވީ އެ މަނިކުފާނު ގެންގުޅުއްވާ ނުރަސްމީ އެކައުންޓްތަކުންނެއް ނޫނެވެ. ވެރިފައިކޮށްފައިވާ، 248،000 މީހުން ފޮލޯކުރާ އެ މަނިކުފާނުގެ ރަސްމީ އެކައުންޓުންނެވެ. އެ މަނިކުފާނުގެ އެންމެ ޓުވީޓަކުން މިވަނީ ރާއްޖޭގެ ޖުޑީޝަރީ އާއި ޕީޖީގެ އިތުރުން އެޗުއާރުސީއެމްއާ މެދު އިތުރު ސުވާލުތަކެއް އުފެދިފަ އެވެ.

ނަޝީދު ކަންބޮޑުވެވަޑައިގަތީ ހަމައެކަނި ޒެނީޝާއަށް ދައުވާކޮށްފާނެތީ އެވެ. ކުޑަކުދިންގެ ހިޔާ ތެރޭގައި ހިނގީ ކިހާވަރެއްގެ ކަމެއް ކަން، ނުވަތަ ހިނގި ކަމެއްގައި ޒެނީޝާގެ އިހުމާލެއް ނުވަތަ ބައިވެރިވުން އޮތް މިންވަރެއް ބެއްލެވުމުގެ މާ ބޮޑު ޝައުގެއް އޮތްކަން އެ ޓުވީޓަކުން ނޭނގެ އެވެ.

ކޯޓުތަކަށް ނުސީދާ ގޮތުގައި ނުފޫޒު ފޯރުވަން ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބެވުން ގޯސް

ދިޔާނާ ސައީދު/ ކުރީގެ ބަންޑާރަ ނައިބު

މިއީ ޒެނީޝާގެ މިނިސްޓަރުކަމުގައި ފެންމަތިވި މިފަދަ ފުރަތަމަ މައްސަލައެއް ވެސް ނޫނެވެ. އޭނާގެ މިނިސްޓަރުކަމުގައި 2017 ގައި ކުޑަކުދިންގެ ހިޔާގެ ތެރޭގައި މައްސަލަތައް ބޮޑުވި އެވެ. އެ އަހަރު ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް އަނިޔާކުރި މައްސަލައެއް ފެންމަތިވެ، 11 މީހެއްގެ މައްޗަށް ދައުވާކުރަން އެދި ރިޔާސީ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅުމުން ހަ މީހަކަށް ދައުވާ ވެސް ކުރި އެވެ.

މިހާރު ފެންމަތިވެގެން މި އުޅޭ މައްސަލައިގައި ޒެނީޝާއަށް ދައުވާ އުފުލި ނަމަވެސް، ކޯޓުގައި އޭނާގެ މައުސޫމްކަން ސާބިތުކުރުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ކޯޓާ ހަމައަށް މައްސަލަ ފޯރުމުގެ ކުރިން، ދައުވާ އަނބުރާ ގެންދަން ނަޝީދު ވިދާޅުވުމަކީ ޖުޑީޝަރީ އާއި ޕީޖީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ނަޝީދުގެ ޓުވީޓާ ގުޅިގެން، އެޓާނީ ޖެނެރަލް އޮފީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މަސައްކަތްކޮށް، ޝަރުއީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާ ލިބިހުރި، ދިޔާނާ ސައީދު ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ނުފޫޒުން ޖޭއެސްސީ މިނިވަންވާން ޖެހޭ ކަމަށެވެ.

"ކޯޓުތަކަށް ނުސީދާ ގޮތުގައި ނުފޫޒު ފޯރުވަން ސިޔާސީ ބޭފުޅުން ޖޭއެސްސީގައި ތިއްބެވުން ގޯސް،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި މަގާމުތަކުގައި ތިބި ފަރާތްތަކުން އެޗްއާރްސީއެމް އާއި އެހެން އިދާރާތަކުން ކުރާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އިހުމާލުވާ ނަމަ ދައުވާކުރުމަކީ އެ ފަރާތްތައް ޒިންމާކުރަން ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"މިނިވަން މުއައްސަސާތަކުގެ ނިންމުންތަކަށް މަޖިލީހުގެ ރައީސް ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގި އިރު ފުރަތަމަ ފަނޑިޔާރަކަށް އިންނެވި އެކަމަކު ހުކުމުގެ ކުރިން މިހާރުގެ ޖޭއެސްސީން ވަކިކުރަން ނިންމުމުން އިސްތިއުފާ ދެއްވި ހައިލަމް ވިދާޅުވި އެވެ.

ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބަކަށް ހުންނެވި ޑރ. އަހްމަދު އަލީ ސަވާދު ވިދާޅުވީ އެޗްއާރްސީއެމްގެ ޒިންމާ އަދާކޮށް ޝަރީއަތަށް ހުށަހަޅަން ޕީޖީއަށް ފޮނުވާ ކަންކަމުގައި ގޮތް ނިންމަންވާނީ ދައުވާކުރުމުގެ ގައިޑްލައިންތަކަށް ބަލައިގެން ކަމަށެވެ.

"ޕީޖީ ޝަރީއަތަށް ހުށަހެޅީމާ ނިޔާކުރާނީ ފަނޑިޔާރު. ފަނޑިޔާރު ގޯސްހަދައިފި ނަމަ ޖޭއެސްސީ މެދުވެރިކޮށް އެކަން ބަލާނީ މަޖިލިހުން. ތަރުތީބުގައި އިސްފަސްވުމެއް ނެތް،" ސަވާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކާއި، ޕީޖީ ނުވަތަ ފަނޑިޔާރުން ގޯސް ހެދުމުން އެކަން ބަލަން ތިބި ފަރާތްތަކުން މައްސަލަތަކުގައި ޒާތީ ރައުޔު އާންމުކުރުމުން، އެއީ މިނިވަން މުއައްސަސާތަކަށް ނާޖާއިޒް ނުފޫޒު ފޯރުވުން ކަމަށެވެ.

"ޒާތީ ރައުޔުތަކަށް މިނިވަން ކޮމިޝަންތައް ހިންގިގެން ނުވާނެ،" ސަވާދު ވިދާޅުވި އެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ ވާހަކަ ދައްކާ އެއް ސަބަބަކީ މިއީ އެވެ. ޖޭއެސްސީގައި އިންނަވާ ބޭފުޅަކު، ވަކި މީހަކަށް ދައުވާ ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން، ހަގީގަތުގައި ވެސް ޖުޑީޝަރީގެ މިނިވަންކަމާ މެދު ސުވާލު އުފެދެ އެވެ. ރައްޔިތުން ވެސް އަންނަނީ އެކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކި މީހަކަށް ވީތީ ދައުވާ ކުރަން ބުނުމަކީ ނުފޫޒަށް ވާ ފަދައިން، ވަކި މީހަކަށް ވާތީ ދައުވާ ނުކުރަން ބުނުމަކީ ވެސް ނުފޫޒެވެ.

ޖޭއެސްސީގައި އިންނަވާ ނަޝީދަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް، ސިޔާސީ ގޮތުން ވަކިކުރުމަކީ ވާނެ ކަމެއް ނޫނެވެ. އަދި ވަކި މީހަކަށް ދައުވާނުކުރަން ގޮވާލެއްވުމަކީ ގަބޫލުކުރެވޭނެ ބަސްފުޅެއް ވެސް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް