ކޮޕް26ގައި ރާއްޖޭގެ އަމާޒަކީ އެއްބަސްވުމަކަށް ދާން ބާރުއެޅުމާއި ހިލޭ އެހީ ހޯދުން: މިނިސްޓަރު
އަލީ ނާފިޒު އަދި އާސިޔަތު މުހައްމަދު ސައީދު
ތިމާވެށީގެ ބިޔަ ސަމިޓް، ކޮޕް26 އަށް ދުނިޔޭގެ ހުރިހާ ގައުމެއްހެން އަންނަ ހަފްތާގައި އެއްތަންވާ އިރު، އަވަސް ފިޔަވަޅުތަކެއް އިންތިހާއަށް ބޭނުންވެ އެވެ. ދުނިޔޭގެ ހޫނުމިން މަތިވިޔަ ނުދީ ހިފަހައްޓަން ކަނޑައަޅާފައިވާ އަމާޒު ހާސިލްކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވުމަށް ރާއްޖެ ފަދަ ނާޒުކު އަދި ފުދުންތެރިކަން ކުޑަ ގައުމުތަކަށް ބޭނުންވާ އެހީ ހުރީ ނުލިބި އެވެ. މި ހާލަތުގައި ކޮޕް26 ފަށަން ތައްޔާރުވާ އިރު، އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާއަށް، ދުނިޔޭގެ މިހާރުގެ ހާލަތުން، ބަދަލެއް ފެނިވަޑައިގަންނަވަ އެވެ.
އަދި ކިރިޔާ ދުނިޔެ މި އަރާ ހަމަކުރީ އަޅުގަނޑުމެން ޒަމާންތަކެއް ވަންދެން ދައްކަމުން އައި ވާހަކައާ.
ރާއްޖެ ފަދަ ބިން ތިރި ޖަޒީރާ ގައުމުތައް ދެމިތިބުމާ ގުޅިފައިވާ މި މައްސަލައިގައި ފިޔަވަޅުއެޅުމުގެ ވަގުތު ފާއިތުވާން ދާ އިރު، ކޮޕް26 ސިފަކުރެވެނީ މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމަށް ދުނިޔެއަށް ލިބޭ "އެންމެ ފަހު ރަނގަޅު ފުރުސަތު"ގެ ގޮތުގަ އެވެ. ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށާއި ރާއްޖެ ފަދަ ގައުމުތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ހަގީގަތަކަށް ހެދުމަށް، މާނަވީ ނިންމުންތަކެއް މި ބައްދަލުވުމުގައި ކޮންމެހެން ބޭނުންވެ އެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯގައި އާދީއްތަދުވަހު ފަށާ ކޮޕް26ގެ ބައްދަލުވުމަށް ފުރާވަޑައިގަތުމުގެ ކުރިން 'ދައުރު'އަށް އިއްޔެ ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ޝައުނާ ވިދާޅުވިގޮތުގައި ރާއްޖެ އިން އެ ސަމިޓުގައި އަދާކުރާނެ އެންމެ މުހިއްމު އެއް ދައުރަކީ ހުރިހާ ގައުމުތަކަކުން އެއްބަސްވުމަކަށް ދިޔުމަށް ވަކާލާތުކުރުމެވެ. ދެވަނަ ކަމަކީ، ޝައުނާ ވިދާޅުވިގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް، ބަދަލެއްގެ ގޮތުގައި، ހިލޭ އެހީ ދޭން ބާރުއެޅުމެވެ.
'ތަފާތެއް ފެނޭ'
ކޮޕް26އާ ކުރިމަތިލައްވާ އިރު ޝައުނާއަށް ބަދަލެއް އިހުސާސްކުރެއްވެ އެވެ. އޭނާ ވިދާޅުވިގޮތުގައި ކޮޕްއަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި އެހެން ގައުމުތަކުގެ ވަޒީރުންނާ އެކު ބައިވެރިވަޑައިގެންނެވި އިރު، ހާއްސަކޮށް ބޮޑެތި ގައުމުތަކުގެ ފަރާތުން، ރަނގަޅު ރޫހެއް ފެނިވަޑައިގެންނެވި އެވެ.
މިހާރުގެ ތަފާތަކީ، ޝައުނާ ފާހަގަކުރެއްވިގޮތުގައި، ކުޑައެއް ބޮޑެއް ނެތި، ހުރިހާ ގައުމަކަށް ވެސް މޫސުމީ ބަދަލުގެ ނޭދެވޭ އަސަރުތައް އިހުސާސްކުރެވެމުންދާ ކަމެވެ. ޖަންގަލިތަކުގައި ރޯވުން، އާދަޔާހިލާފަށް ފެންބޮޑުވުން، ވާރޭވެހުން އަދި ހޫނުގަދަވުން ފަދަ ކާރިސާތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ދަނީ ތަޖުރިބާކުރެވެމުންނެވެ.
"އަދި ކިރިޔާ ދުނިޔެ މި އަރާ ހަމަކުރީ އަޅުގަނޑުމެން ޒަމާންތަކެއް ވަންދެން ދައްކަމުން އައި ވާހަކައާ،" ޝައުނާ ވިދާޅުވި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ 12 ދުވަހުގެ ބައްދަލުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުކުރުދުވަހު ދުބާއީން ފުރާވަޑައިގަންނަވާނެ އެވެ. މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަހު، 12 އަހަރު ތެރޭ، ރާއްޖޭގެ ރައީސަކު ކޮޕްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ވެސް ކޮޕް26ގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
އަޅުގަނޑުމެން ބޭނުންވަނީ އާޖެންޓް އެޑަޕްޓޭޝަން ނީޑްސްއަށް މިހިރަ ކަންކަން ހައްލުކުރުމަށް ފައިސާއޭ. ރިޕޯޓް ހަދާކަށް ނޫނޭ ފައިސާ ބޭނުންވަނީ. ސާވޭ ހަދާކަށް ނޫނޭ ފައިސާ ބޭނުންވަނީ. ލިބޭ ފައިސާކޮޅު ވެސް ކޮންސަލްޓެންޓުންނަށް ހަރަދުކުރުމަކަށް ނޫނޭ ބޭނުންވަނީ.
މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ގައުމުގެ ގޮތުގައި، ރާއްޖެ އިން އެންމެ ކުރިންސުރެ ވެސް އަންނަނީ އެ މައްސަލައާ ބެހޭގޮތުން އަޑުއުފުލުމުގައި ބައިނަލްއަގުވާމީ މައިދާނުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެ ސަގާފަތް ދަމަހައްޓައި މިފަހަރުގެ ކޮޕްގައި ވެސް އިސް ސަފުގައި މަސައްކަތްކުރުމަށް ރާއްޖެ ވަނީ ތައްޔާރުވެފަ އެވެ.
"އަޅުގަނޑުމެންގެ އަޑު ވަރަށް ބޮޑަށް އަހާ، ދުނިޔޭގެ އެކިއެކި ގައުމުތަކުން. އަދި އަޅުގަނޑުމެން އެ ކަންކަމުގައި ދެކޭ ގޮތް ވެސް އަޑުއަހާ،" ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ވިހަ ގޭސް ބޭރުކުރާ މިންވަރު ވަރަށް ބޮޑަށް މަދުކުރުމުގެ އަމާޒުތަކަކަށް ބޮޑެތި ބައެއް ގައުމުތަކުން މަސައްކަތްކުރަމުންދާކަން ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުންތަކުން ފާހަގަކުރެއްވުނު ކަމަށެވެ. މޫސުމީ ބަދަލުތައް މެދުވެރިވުމުގައި ހިއްސާ އެންމެ ބޮޑު ގައުމުތަކުން ރާއްޖެ ފަދަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ދިނުމަށް ވެފައިވާ ވައުދު ނުފުއްދުމަކީ ވެސް ކޮޕް26 އަށް ދާއިރު ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝައުނާ ވިދާޅުވިގޮތުގައި މާލީ އެހީގެ މައުލޫއުއަށް ބަލާ އިރު ވެސް، ކުރިއާ ހިލާފަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދޭ ފައިސާ އިތުރުކުރުމުގެ ވިސްނުން މިހާރު ގެންގުޅޭކަން ފާހަގަކުރެވެ އެވެ.
ސިޔާސީ ޕާޓީތަކާ ވެސް ރައްޔިތުންގެ މަޖިލީހާ ވެސް ސަރުކާރުގެ އިދާރާތަކާ ވެސް ވާހަކަދައްކަވައިގެން އެ ބޭފުޅުންގެ އަޑު އަޅުގަނޑުމެންނާ ހަމައަށް ވެސް ގެނެސްދޭށޭ. ހަމައެކަނި ސޯޝަލް މީޑިއާގައި އެ ބުނެލާ އެއްޗަކަށް ދޫކޮށް ނުލައްވާށޭ. ކުރެވޭނެ މަސައްކަތްތަކަކީ ކޮބާކަން ހޯދުމަށާއި އަދި އެ މަސައްކަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާށޭ.
'ގޮވާލާނީ ހިލޭ އެހީއަށް؛ ފައިސާއެއް ނުލިބޭ'
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ކުރިމަތިވަމުންދާ ގެއްލުންތަކުގެ ބަދަލު ލިބެންޖެހޭކަން ރާއްޖެ އިން މިފަހަރު ވެސް ފާހަގަކުރާނެ އެވެ. އެއީ ރައްކާތެރި ބޯފެނުގެ ނިޒާމްތައް ގާއިމްކުރުމާއި ގިރަމުންދާ ރަށްތައް ހިމާޔަތްކުރުމާއި ފެންބޮޑުވުން ހުއްޓުވުން ފަދަ ފިޔަވަޅުތަކަށް ފައިސާ ހޯދުމަށެވެ. ޝައުނާ ވިދާޅުވީ އެފަދަ ކަންކަމަށް ބޭންކުތަކުން ލޯނު ނަގަން ޖެހިގެން ނުވާނެ ކަމަށާއި ރާއްޖެ އިން ވަކާލާތުކުރާނީ ގައުމުތަކުން ހިލޭ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖެ އާއި އެހެން ވެސް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ގޮވާލަނީ ރައްކާތެރިކަން ހޯދުމުގެ މަޝްރޫއުތަކަށް ފައިސާ ދިނުމަށެވެ. ޝައުނާ ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް އެންމެ ބޮޑަށް ބޭނުންވަނީ ގޮނޑުދޮށް ހިމާޔަތްކުރުމާއި ފެނުގެ ނިޒާމް ގާއިމްކުރުން ފަދަ "ހާޑް އިންޖިނިއަރިން" އަދި އިންފްރާސްޓްރަކްޗާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް ފައިސާއެއް ނުލިބޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ގުޅުވައިގެން ބޮޑަށް ފައިސާ ލިބެނީ ރިޕޯޓް ހެދުމާއި ސާވޭކުރުން ފަދަ ކަންކަމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"[ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ] އެންމެ ބޮޑު އެއް ވާހަކައަކީ އަޅުގަނޑުމެން ބޭނުންވަނީ އާޖެންޓް އެޑަޕްޓޭޝަން ނީޑްސްއަށް މިހިރަ ކަންކަން ހައްލުކުރުމަށް ފައިސާއޭ. ރިޕޯޓް ހަދާކަށް ނޫނޭ ފައިސާ ބޭނުންވަނީ. ސާވޭ ހަދާކަށް ނޫނޭ ފައިސާ ބޭނުންވަނީ. ލިބޭ ފައިސާކޮޅު ވެސް ކޮންސަލްޓެންޓުންނަށް ހަރަދުކުރުމަކަށް ނޫނޭ ބޭނުންވަނީ،" ޝައުނާ ވިދާޅުވި އެވެ.
ހިމާޔަތުގެ މަޝްރޫއުތަކަށް އެހީ ނުލިބޭތީ ދައުލަތުގެ ބަޖެޓުން އެކަންކަން ކުރަން ޖެހުމަކީ، މިނިސްޓަރު ފާހަގަކުރެއްވިގޮތުގައި، ވަރަށް ބޮޑު ބުރައެކެވެ. ޝައުނާ ވިދާޅުވީ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުވާނީ އެފަދަ ކަންކަމުގެ ހަރަދު ކަމަށެވެ. ގްރީން ފަންޑުގެ ފައިސާ ވެސް ބޭނުންކުރަނީ އެގޮތުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ޝައުނާ ވިދާޅުވިގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ގާއިމްކުރުމަށް ގްރީން ޓެކްސް ބޭނުންކުރަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ކޮންމެ ރަށެއްގެ ފެން ފަށަލަ ތަޣައްޔަރުވެފައި އޮތުން ކަމަށް ވާތީ އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނަށް އަންނާނެ ދުވަހެއް، މި ނިޒާމްތައް ގާއިމްކުރެވުނީމަ ދެން ހުރި ތިމާވެށީގެ ކަންކަމަށް އަޅުގަނޑުމެން ހަރަދުކުރުމަށް. ދެން އަޅުގަނޑުގެ ވިސްނުން އެބަހުރި، މި ކަންކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސާ ވެސް މަޝްވަރާކޮށްގެން [ބެލުމަށް] ކޮން ގޮތަކުންތޯ އަޅުގަނޑުމެންނަށް ގްރީން ފަންޑުގެ ފައިސާ ބޭނުންކުރެވޭނީ، ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށް ނިމުނީމާ،" ޝައުނާ ވިދާޅުވި އެވެ.
'ޒުވާނުން އަޑުއުފުލައި މަސައްކަތުގައި ބައިވެރިވެދޭންވީ'
މޫސުމަށް އަންނަ ބަދަލުތަކާ މެދު ފިޔަވަޅު އެޅުން ލަސްކުރަމުން އައިސް، އޭގެ އެންމެ ބޮޑު ބުރަ ކުރިމަތިވެފައި މި އޮތީ މި ޖީލަށްކަން ޝައުނާ ފާހަގަކުރެއްވި އެވެ. "އަޅުގަނޑުމެންނަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށް ވުމަކީ އެކަށީގެންވާ ކަމެއް" ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވިގޮތުގައި އެ މަގާމުގައި ހުންނަވާ އިރު ރާއްޖެ އިން ފެނިވަޑައިގަންނަވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކަށް ތަމްރީން ލިބިފައިވާ ދިވެހި ޒުވާނުން މަދު ކަމެވެ.
ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި ބައިވެރިވުމަށް ވެސް އަދި ރާއްޖެއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ވެސް، ހުނަރު ލިބިފައިވާ ޒުވާނުން ބޭނުންވާ ކަމަށެވެ. އެހެންކަމުން، ގައުމީ ޔުނިވާސިޓީ އާއި މަތީ ތައުލީމުގެ ލޯނުގެ ފުރުސަތު ބޭނުންކޮށް، އެ ދާއިރާތަކަށް ހުނަރު އުފެއްދުމުގެ މަސައްކަތުގައި ޒުވާނުން ސަރުކާރާ ބައިވެރިވާން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"މިސާލަކަށް ރިނިއުބަލް އެނާޖީއަށް އަޅުގަނޑުމެން ޓްރާންޒިޝަންވާ އިރުގައި މި ޕެނަލްތަކުގެ މެއިންޓެނެންސާއި މީގެ ޓެކްނޮލޮޖީ ދަންނަ ޒުވާނުން އެބަ ތިބެން ޖެހޭ. އިންޖިނިއަރިން ދަންނަ ޒުވާނުން ތިބެން އެބަ ޖެހޭ. ފެނާއި ނަރުދަމާގެ ނިޒާމް ކޮންމެ ރަށެއްގައި ގާއިމްކުރެވޭ އިރުގައި ކޮންމެ ރަށެއްގައި އެ ހުނަރު އެނގޭ ޓެކްނީޝަނުން އެބަ ތިބެން ޖެހޭ. އެހެންވީމާ އެކަން ކުރެވޭނީ ޒުވާނުންނަށް،" ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ޒުވާނުންގެ ފަރާތުން އޭނާ އެދިވަޑައިގަންނަވާ އަނެއް ކަމަކީ، ކަންކަމަށް އަޑުއުފުލުމަށް ލިބިފައި އޮތް މިނިވަންކަމާއި ޖާގަ ބޭނުންކޮށްގެން، ފަސް ނުޖެހި، ގައުމީ ފެންވަރުގައި ވަކާލާތުކުރުމެވެ.
"ސިޔާސީ ޕާޓީތަކާ ވެސް ރައްޔިތުންގެ މަޖިލީހާ ވެސް ސަރުކާރުގެ އިދާރާތަކާ ވެސް ވާހަކަދައްކަވައިގެން އެ ބޭފުޅުންގެ އަޑު އަޅުގަނޑުމެންނާ ހަމައަށް ވެސް ގެނެސްދޭށޭ. ހަމައެކަނި ސޯޝަލް މީޑިއާގައި އެ ބުނެލާ އެއްޗަކަށް ދޫކޮށް ނުލައްވާށޭ. ކުރެވޭނެ މަސައްކަތްތަކަކީ ކޮބާކަން ހޯދުމަށާއި އަދި އެ މަސައްކަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާށޭ،" ޝައުނާ ވިދާޅުވި އެވެ.
"ސަރުކާރުން އަޑުއަހާނެ. އަދި ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް."
ކޮމެންޓް (1)
އަލީ ސުލޭމާން