މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީ ހަރުގޭގައި - މިހާރު ފޮޓޯ/ހުސެއިން ވަހީދު

ސިޔާސީ

ލޮލަށް ފެނުނަސް ގަބޫލުކުރަން ދަތި، އެކަމަކު ހަގީގަތް

މީގެ ހަ އަހަރު ކުރިން ފާރިސް ހުންނެވީ އެމްޑީޕީ ހަރުގޭގައި. މިއަދު ނިހާންމެން ތިއްބެވީ ކުރީގެ ރައީސް ނަޝީދާ އެކު. މި ހުންނަނީ ކުރިން ގަބޫލުކުރަން ދަތި މަންޒަރުތައް
12 އޭޕްރީލު 2023
3

މީގެ ގާތްގަނޑަކަށް އަހަރެއް ކުރިން 17 މެއި 2017ގައި، އޭގެ ކުރިން ދިވެހިންގެ ހިޔާލަށް ވެސް ގެނެވިފައި ނުވާ މަންޒަރުތަކެއް، އާޓިފިޝަލް ބީޗު ކުރިމަތީގައި ހުރި އެމްޑީޕީގެ މައި ހަރުގެ ތެރެއިން ފެނުނެވެ؛ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އެތަނަށް ވަޑައިގަތުމެވެ. އެ ހަރުގޭގެ ޕޯޑިއަމްގައި ވާހަކަ ދެއްކެވުމެވެ. ފާރިސް ވަޑައިގެންނެވި އިރު، އެމްޑީޕީގެ މެމްބަރުން އޭގެ ކުރިން އެންމެ މަލާމަތްކުރި ލަވަ 'ތިޔައީ ޒައީމެ އަދު ލޮބުވެތިވި ދިވެހި ގައުމު ފަޚުރުވެރިވާ' ވެސް ދިޔައީ ޖަހަމުންނެވެ.

ހިޔާލަށް ގެންނަން ވެސް އުނދަގުލެވެ. އެކަމަކު ސިޔާސީ މަސައްކަތުގައި، ބައެއް މީހުންނަށް އޮންނާނީ، އެ ވަގުތަކު ހާސިލްކުރަން ބޭނުން ނަތީޖާއެއް ނެރުމަށްޓަކައި، އޭގެ ކުރިން ގަބޫލުކުރި ހުރިހާ އުސޫލެއް ފުނޑުފުނޑުކޮށްލުމެވެ. އޭރު ފާރިސްއަކީ، ބޮޑުބޭބޭފުޅު އަދި ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް މައުމޫންގެ ފަރާތްޕުޅުން ނުކުމެ ހުންނެވި ލީޑަރެވެ.

އެމްޑީޕީގެ ހަރުގެއަށް ފާރިސް ގެންދެވީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމެވެ. އޭނާ އެރޭ ވިދާޅުވީ "ރާއްޖެ އިން މި ފެންނަނީ ދުވަހަކު ވެސް ނުފެންނަ ކަހަލަ މަންޒަރެއް" ކަމަށެވެ.

ފާރިސް 17 މެއި 2017 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަނީ -މިހާރު ފޮޓޯ/ހުސެއިން ވަހީދު

މައުމޫންގެ ވެރިކަން 2008ގައި ނިމުމަކަށް ގެނައީ ފަސް އަހަރަށް ދެމިގެންދިޔަ އެމްޑީޕީގެ ވަރުގަދަ ކެމްޕޭނެއްގެ ތެރޭގަ އެވެ. އެ މުއްދަތުގައި މައުމޫނާއި އެމަނިކުފާނުގެ އާއިލާއާ ބެހޭ ގޮތުން ބޮޑެތި އެތައް ދޮގެއް ވެސް، އެމްޑީޕީގެ އިސް ވެރިންނާއި މެމްބަރުން ފެތުރި އެވެ. އެމްޑީޕީގެ ވެރިކަމުގައި، ވަރުގަދަ ހަމަނުޖެހުންގަނޑެއްގެ ތެރެއިން، މައުމޫން ގެކޮޅުން ނެރެ، ފުލުހަށް ހާޒިރުކުރި ދުވަސް ވެސް، ތާރީހުގައި އޮތީ ލިއެފަ އެވެ.

އެކަމަކު 17 މެއި 2017ގައި ފާރިސް ހުންނެވީ، އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީ ހަރުގޭގައި، އާއިލީ ލެއާ ވެސް ދެކޮޅަށް ނުކުމެވަޑައިގެންނެވެ.

"މިއަދު މިފެންނަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ އެތައް ބަޔަކު އެއް ޕްލެޓްފޯމަކަށް އަރައި، އެއް ޕޯޑިއަމަކަށް އަރައި މަސައްކަތް ކުރާ ތަން،" ޔާމީންގެ ސަރުކާރުން ސިޔާސީ އިދިކޮޅު ލީޑަރުން ހައްޔަރުކޮށް ކޯޓުތަކުން އެކި ހުކުމްތައް އިއްވަމުން ދިޔަ ދުވަސްވަރު، އެކުވަމުން އައި ކޯލިޝަންއާ ބެހޭ ގޮތުން ފާރިސް ވިދާޅުވި އެވެ.

އޭރު ކުރި މަސައްކަތުގެ އެންމެ ފަހުގެ ނަތީޖާއަކީ، ރިޔާސީ އިންތިހާބުގައި ޔާމީން ބަލިކޮށް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި، ޔާމީންގެ ފަސް އަހަރު ދިމާވި ފަދަ ސިޔާސީ އަނިޔާވެރިކަމެއް ނެތެވެ. އިދިކޮޅު ހުރިހާ ލީޑަރުން ޖަލަކަށް ނުލަ އެވެ. މުޒާހަރާކޮށްގެން ހުކުމެއް ނީއްވަ އެވެ. ކޯލިޝަން އެބަ ދަމަހައްޓަވަ އެވެ.

އެކަމަކު ރިޔާސީ އިންތިހާބު ބޯމަތިވުމާ އެކު އަނެއްކާ މިހާރު މި ފެންނަނީ އެފަދަ މަންޒަރެކެވެ. ސިޔާސީ ނަތީޖާއެއް ނެރުމަށްޓަކައި އަނެއްކާވެސް ކުރިން ހީކުރެވިފައި ނެތް ގޮތަކަށް 'ތެލާއި ފެން އެކުވާ' ތަނެވެ.

މިފަހަރު ވެސް އޭގެ އާރުކާޓީއަކީ ގާސިމެވެ. އެކަމަކު މިފަހަރު އޮތީ ސީދާ އޭނާއަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމުގެ މަގުސަދެވެ. ސަން އައިލެންޑް ރިސޯޓްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު، ކުރީގެ ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުން ކަމަށްވާ އަހުމަދު ނިހާން އާއި އަލީ އާރިފް އާއި ރިޔާޒު ރަޝީދުމެން ފަދަ ބޭފުޅުން، އެކުގައި ނެގި ފޮޓޯއަކީ އެ މަސައްކަތުގެ އެއް މަންޒަރެވެ. އެކަމަކު މިއީ ނަޝީދުގެ ވެރިކަމާއި އޭގެ ފަހުން ޔަމީންގެ ވެރިކަމުގެ ފަސް އަހަރު ވެސް، ނަޝީދާ އެންމެ ދެކޮޅު، އެންމެ ހަރުކަށި ބަސްތައް ވެސް ވިދާޅުވަމުން ގެންދެވި ބޭފުޅުންނެވެ.

ސިޔާސީ އެއް މަގަކުން ނަޝީދާ އެކު ނިހާން އާއި އާރިފް އަދި ރިޔާޒު ކުރިއަށް ވަޑައިގެންފާނެ ކަމަށް އޭގެ ކުރިން އެއްވެސް މީހަކު ހިއެއްނުކުރާނެ އެވެ. ނަމަވެސް ސިޔާސީ އެދުމެއްގައި މިއަދު އެއީ ސިޔާސީ ރަހުމަތްތެރިންނެވެ. ރައީސް ސޯލިހު ވެރިކަމުން ބާލައި، ގާސިމަށް އެ ގޮނޑި ހޯދައިދިނުމުގެ ރޭވުންތައް، ކޮންމެ ދުވަހަކު ވެސް ކުރަމުން އެ ގެންދަނީ ނަޝީދާއި ނިހާންމެން ގުޅިގެންނެވެ.

ކުރީގެ ރައީސް ނަޝީދާ އެކު ނިހާން އާއި އާރިފް އަދި ރިޔާޒު ވެސް ހިމެނޭ ޖޭޕީގެ އިސް ޓީމު

ސިޔާސީ ސަލާމުން އަތްޖޯޑުކުރުމުގެ ކުރިން، ފެންނާނީ މުޅިން ތަފާތު ހަގީގަތެކެވެ. ރައީސް ސޯލިހު 2018ގެ ކޯލިޝަން އެއްބަސްވުން ދަމަހައްޓަމުން ގެންދަވަނިކޮށް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ގާސިމާ މަޝްވަރާކުރަން މައުމޫންގެ އެމްއާރުއެމުން ނިންމުމުން، އެ ޕާޓީގެ ބައެއް ބޭފުޅުންގެ ހިޔާލު އަދި ހުރީ، ކުރީގެ ސިޔާސީ ހަގީގަތް ދޫނުކުރާ ގޮތަށެވެ.

ސަރުކާރުގައި އެމްއާރުއެމްއަށް ދީފައި ހުރި ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުންގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި މި ފަހުން ބަދަލުކުރި މެސެޖްތަކުން، ނިހާން އާއި އާރިފް އާއި ރިޔާޒުމެން އޭރު މައުމޫނާ ދެކޮޅަށް ތިއްބެވި ތިއްބެވުން ހިތި ގޮތަކަށް ފާހަގަކުރި އެވެ.

އެ މެސެޖްތަކުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ފާޅުކުރެއްވި ހިޔާލުގައި، ގާސިމްގެ އަރިހުގައި މިހާރު މަސައްކަތްކުރައްވާ އޭރުގެ ޕީޕީއެމްގެ އިސް މެމްބަރުން ސިފަކުރެއްވީ "އެމްއާރުއެމްގެ އެތައް ބަޔަކު ގެންގޮސް ޖަލުގެ ކުޑަގޮޅިތެރެއަށް 'ގިއްގަޅުވާލައި' ބަރަކާތްތެރި ރޯދަމަހެއްގެ ރޭއަޅުކަން ފޭރިގަނެ، އާރަށުގައި ކޭކު ފަޅައި ކޭކު ކާން" ތިބި ބައެއް'ގެ ގޮތުގަ އެވެ.

ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް އުފެއްދި ކޯލިޝަންގެ އިސް ލީޑަރުން: މިއަދު މީގެ ތެރެއިން ގިނަ ލީޑަރުން ތިއްބެވީ ރައީސް ސޯލިހާ ދެކޮޅަށް (ފޮޓޯ/ ޕީއެސްއެމް)

ޔާމީނާ ދެކޮޅަށް މައުމޫނާއި ފާރިސްމެން ނުކުންނެވި އިރު، ޔާމީންގެ ދިފާއުގައި ތިއްބެވީ ނިހާންމެންނެވެ. މައުމޫނާއި ފާރިސް ޖަލަށް ލި އެވެ. އެކަމަކު ޕީޕީއެމް މެމްބަރުންނަށް އޭރު އެއީ އުފާވެރި ކަންކަމެވެ. ހާއްސަކޮށް ނިހާނާއި އާރިފްއަކީ ސީދާ މައުމޫންގެ ސިޔާސީ ނުފޫޒުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ޖާގަ ލިބިވަޑައިގެންނެވި ބޭފުޅުންނެވެ. ނަމަވެސް ސިޔާސީ ދެކޮޅުވެރިކަމުގައި އޮންނާނީ އެފަހަރަކު އެ ބަޔަކު ތިބޭ ކޮޅެކެވެ. އެހެންވެ އޭރު ނިހާން އާއި އާރިފްމެންނަށް މުހިންމުވީ ޔާމީންގެ ކޮޅެވެ.

ނަޝީދަށް 2018ގެ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިނުގެންނެވުނީ އިއްވާފައި އޮތް 13 އަހަރުގެ ޖަލު ހުކުމަކާ ހެދި އެވެ. އެ ހުކުމް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ. އެކަމަކު ބޭރުގައި އަރުވާލެއްވިގެން އުޅުއްވަމުން ވެސް ނަޝީދު ގެންދެވީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ވިދާޅުވަމުންނެވެ. އެ ފުރުސަތު ބައިނަލްއަގުވާމީ ޕްރެޝަރުގައި ޔާމީންގެ ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް، ތަކުރާރުކޮށް ވިދާޅުވި އެވެ.

ނިހާންއަކީ ނަޝީދުގެ އެފަދަ ވާހަކަފުޅުތަކަށް އެންމެ ބޮޑަށް ރައްދު ދެއްވި ބޭފުޅެވެ. އޭރުގެ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެވެ. ރިޔާސީ އިންތިހާބަށް ނުކުންނަވައި، ޔާމީން ބަލިކުރައްވާނެ ކަމަށް، ޑިސެމްބަރު 2017ގައި ވިދާޅުވި ވާހަކަފުޅަށް ނިހާން ރައްދު ދެއްވި އެވެ.

"އެއީ، ޓްރައިޑް، ޓެސްޓެޑް، ފެއިލްޑް ފޯމިއުލާއެއް. ނަޝީދު ވިދާޅުވާ ފަރިއްސާއި ޖައްސަވާ ރާގު ކަމުދާނީ ވަރަށް މަދު މީހަކަށް،" އެދުވަހު ނިހާން ވިދާޅުވި އެވެ.

މިއަދު ގާސިމް ވެރިކަމަށް ގެންނަވަން ނަޝީދު ހުންނެވީ އެ ފަރިއްސާއި ރާގުގަ އެވެ. ނިހާންމެން ތިއްބެވީ ކަނުލައި އަޑުއައްސަވާށެވެ. ނަޝީދުގެ ސިޔާސީ ރޭވުންތަކުގައި ސީދާ ބައިވެރިވެވަޑައިގެންނެވެ.

މައުމޫނާއި ފާރިސް ވެސް އެ ފަޅިއަށް އަރައިވަޑައިގަތުން ކައިރި އެވެ. 

މިފަހަރުގެ ދުޝްމަނަކީ ރައީސް ސޯލިހެވެ.

ކޮމެންޓް (3)

ކަރޯ

13 އޭޕްރީލު 2023
މޫސާ ލަތީފް އަކީ ސޯލިހުގެ ޕަޕެޓެއް. ނޫސްވެރިއެއް ނޫން.
2 5

ހިމާރުލްގައުމު

12 އޭޕްރީލު 2023
ކަލޭ ސާލިހު ޕްރޮމޯޓްކުރަން ދުވާލަކު ސާޅީސް ރިޕޯޓ ްލިޔުނަސް އޭނައަށް 2023 ނުލިބޭނެ. ކަލޭ އަވާމެންދުރު ބަލަބަލާ އިނދޭ.
4 12

ވަކިރޭ

12 އޭޕްރީލު 2023
ކީއްވެބާ އެމްޑީއޭއާ އަދާލަތު ނުލީ، އެމްޑީޕީ ނައްތާލަން ގޮވި މީހުމް،ޝިޔާމް ގުޅާފާނެތީ ބިރުން ނުލިއުނީ
8 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް