ރާއްޖޭގެ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ: ރިސޯޓް ހަދާއިރު ރަށުގެ %50އާ ހަމައަށް އިމާރާތް ކުރެވޭނޭ ގޮތަށް ގަވައިދު ވަނީ ބަދަލުކޮށްފައި.
ރަށެއްގެ %50ގައި ރިސޯޓް ހެދުން: ފަހި، ފެހި ބަދަލެއްތަ؟
ރިސޯޓް ހަދަން ކުއްޔަށް ދޭ ރަށްތައް ތަރައްގީ ކުރުމުގައި ގެންގުޅެން ޖެހޭ އުސޫލަށް ޓޫރިޒަމް މިނިސްޓްރީއިން މިދިޔަ އަންގާރަ ދުވަހު ގެނައި ބަދަލާ އެކު އެފަދަ ރަށްތަކުގެ ދެ ބައިކުޅަ އެއް ބައި ނުވަތަ %50ގައި ރިސޯޓް ތަރައްގީ ކުރެވޭނެ އެވެ. މީގެ ކުރިން އުސޫލު އޮތް ގޮތުން ނަމަ ރަށެއްގެ %30 ސަރަހައްދަށް ވުރެ ބޮޑުކޮށް ރިސޯޓް ތަރައްގީކޮށްގެން ނުވާނެ އެވެ.
މި ބަދަލަކީ ރާއްޖޭގެ ޓޫރިޒަމަށް ކޮންކަހަލަ އަސަރެއް ކޮށްފާނޭ ބަދަލެއް ހެއްޔެވެ؟
'އާ ރިސޯޓް ކޮންސެޕްޓަށް މި ބަދަލު މުހިންމު'
އެ ބަދަލާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެއީ ގެންނަން މާ ލަސްވެފައިވާ ބަދަލެކެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގެ ކޮންސެޕްޓް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައި ވުމުން، ރިސޯޓަކަށް ބޭނުންވާނެ ހުރިހާ ފެސިލިޓީތަކެއް ތަރައްގީކުރަން ކުރިއާ ހިލާފަށް މިހާރު ރަށުގެ ވަރަށް ބޮޑު ސަރަހައްދެއް ބޭނުންވުމެވެ.
ބޮޑެތި ސަރަހައްދުތައް މިހާރު ޑިވަލޮޕްކުރަން އެބަ ޖެހޭ ރިސޯޓްތަކުގައި. އެހެންވެ، ޑިވަލޮޕަރަށް މި ދެނީ ހަމަ އިހުތިޔާރެއް އެ މީހުން ބޭނުންވާ މަލްޓިމިލިއަން ޑޮލަރުގެ ޕްރޮޑަކްޓެއް ކުރިއޭޓް ކުރަން.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިސޯޓްތަކުގައި މިހާރު ހަދަނީ ކުރިން ހަދާ ކުދިކުދި ކޮޓަރިތަކުުގެ ބަދަލުގައި ބޮޑެތި ވިލާތަކެވެ. އެހެންވެ، ރަށުގައި އިމާރާތް ކުރެވޭ ބައި ބޮޑު ކުރަން ޖެހިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ހުރި ކޮޓަރިއަކާ އެއްވަރު ވާނޭ މިހާރުގެ ބާތުރޫމް އެކަނި. ކޮޓަރި ވިލާއަށް، މިހެން ގޮސް ކޮޓަރީގެ ފުޓްޕްރިންޓް މިހާރު ވަރަށް ބޮޑުވެއްޖެ. ބޮޑެތި މުއްސަނދިން އައިސް އެ މީހުންގެ މުޅި ޗުއްޓީ އެ ސަރަހައްދުގައި އެބަ ހޭދަކޮށްލާ،" މައުސޫމް ވިދާޅުވި އެވެ.
"ބޮޑެތި ސަރަހައްދުތައް މިހާރު ޑިވަލޮޕްކުރަން އެބަ ޖެހޭ ރިސޯޓްތަކުގައި. އެހެންވެ، ޑިވަލޮޕަރަށް މި ދެނީ ހަމަ އިހުތިޔާރެއް އެ މީހުން ބޭނުންވާ މަލްޓިމިލިއަން ޑޮލަރުގެ ޕްރޮޑަކްޓެއް ކުރިއޭޓް ކުރަން."
ދެން އޮތް ކަންބޮޑުވުމަކީ ރިސޯޓް ހަދާ ރަށްރަށުގެ ފެހިކަން މުޅިން ގެއްލި، ރާއްޖޭގެ ޓޫރިޒަމްގައި މި އޮންނަ ގުދުރަތުގެ ރީތިކަން ނެތިދާނެތީ އެވެ. އަދި ރިސޯޓްތަކުގައި ތޮއްޖެހުން ފަދަ ކަންކަން ކުރިމަތިވެ، ރާއްޖޭގެ ޓޫރިޒަމްގެ އަސްލު ސިފަ ގެއްލުމުގެ ފުރުސަތު ވެސް އޮތް ކަމަށް ގަބޫލުކުރާ މީހުން ވެސް އެބަ ތިއްބެވެ.
މަތިންދާބޯޓެއް މައްޗަށް ދާ ގޮތަށް ގޮސް ނުފައިބާ އޮންނަ ގޮތަށް، ހައްދެއް ނެތި ވިޔަފާރި ފުޅާކުރުމުގެ ވިސްނުމެއް މި އޮންނަނީ. އޮތް ވިޔަފާރީގެ ވެލިއުއެއް ނުއެއް ފެނޭ. ވިސްނުމާއި ފިކުރު މި އޮންނަނީ، ހައްތަހާ ފައިދާ ބޮޑުކުރަން
ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ އެކްޓިވިސްޓުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުން ބޮޑު ރާއްޖޭގެ ތިމާވެއްޓަށް އަނެއްކާވެސް މިކަމުން ގެއްލުމާ ކުރިމަތިވެދާނެތީ އެވެ.
"ރިސޯޓެއް މި ހަދަނީ ރަށެއްގެ ގުދުރަތީ ނިޒާމަށް ބަދަލު ގެނެސްގެން. އެކަމަކު ރިސޯޓް ވެސް ހަދަން އެބަ ޖެހޭ. އެކަމަކު މިހާރު މި ރިސޯޓް މި ހަދަނީ އެއްކޮށް ވެށި ފަނާކުރާ މޮޑެލްއެއްގައި. ދެން އޭގެ މައްޗަށް މި އަންނަނީ އިމާރާތް ކުރެވޭ ވަރު އިތުރުކުރުމާ މައްޗަށް ހެދުމާ މިކަހަލަ ކަންކަން،" ތިމާވެށީގެ އެކްޓިވިސްޓެއް ކަމަށްވާ ހުމޭދާ އަބްދުލް ގަފޫރު (ހުމޭ) ވިދާޅުވި އެވެ.
"މި މީހުންގެ ވިޔަފާރި ވިސްނުމަކީ އޮންނަ އެއްޗެއް ބޮޑޭ ކުރަން ޖެހޭނީ. އެ ރަނގަޅަށް ބަލަހައްޓައިގެން ފައިދާ ހޯދުމެއް ނޫނޭ."
އޭނާގެ އެންމެ ބޮޑު ބިރަކީ ރާއްޖޭގެ ޓޫރިޒަމްގެ މިސްރާބު ދުވަހެއް ދުވަހަކަށް ރާއްޖޭގެ ގުދުރަތީ ވެއްޓާ އިދިކީލަ ގޮތަކަށް ދާތީ އެވެ. ހުމޭދާ ވިދާޅުވި ގޮތުގައި، އަބަދުވެސް ފަައިދާ އިތުރު ކުރުމުގެ ވިސްނުމުގެ ތެރެއިން، މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ބޮޑެތި ސިޓީ ހޮޓާ ހަދައި ރާއްޖޭގެ ޓޫރިޒަމް ތޮއްޖެއްސުމަކީ އަންނަން އޮތް ޖީލުތަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
"މަތިންދާބޯޓެއް މައްޗަށް ދާ ގޮތަށް ގޮސް ނުފައިބާ އޮންނަ ގޮތަށް ހައްދެއް ނެތި ވިޔަފާރި ފުޅާކުރުމުގެ ވިސްނުމެއް މި އޮންނަނީ. އޮތް ވިޔަފާރީގެ ވެލިއުއެއް ނުއެއް ފެނޭ. ވިސްނުމާއި ފިކުރު މި އޮންނަނީ ހައްތަހާ ފައިދާ ބޮޑުކުރަން. ސިޓީ ހޮޓާ މޮޑެލްއަށް އަޅުގަނޑުމެންގެ ޓޫރިޒަމް ދާ ތަން މި ފެންނަނީ. ގިނަ ލާރި ހޯދަން ތޮއްޖެއްސުން މި ފެންނަނީ،" ހުމޭދާ ވިދާޅުވި އެވެ.
'ރިސޯޓް އޯނަރު ރަށް ހަލާކެއް ނުކުރާނެ؛ އެއީ އަގުބޮޑު މުދަލެއް'
ނަމަވެސް، ރިސޯޓް ތަރައްގީކޮށް ހިންގާ ކުންފުނިތައް ތަމްސީލުކުރާ ޖަމިއްޔާ، މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވި ގޮތުގައި، ރިސޯޓެއް ހަދާފައި އޮންނަ ރަށެއްގެ ގުދުރަތީ ވެށި ހަލާކުރުމަކީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކުރާ ބަޔަކު ކުރާނޭ ކަމެއް ނޫނެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލަން ކަމަށް ވާއިރު، ރިސޯޓް ހަދަން ދިގު މުއްދަތަކަށް ރަށެއް ނަގައި އެ ތަނަށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓް ކުރާ މީހަކު ރަށުގެ ގުދުރަތީ ވެށި ދަމަހައްޓައި ރަށް ރައްކާތެރިކުރާނެ އެވެ. އެ ވަރަށް އެ ރަށަކާ މެދު ވިސްނާނޭ މީހަކު ނުހުންނާނޭ ކަމަށް ނަޒީރު ވިދާޅުވި އެވެ.
"ރިސޯޓް އޯނަރަށް އެބަ އިނގޭ ޓޫރިސްޓުން މި ތަނަށް އަންނަ ސަބަބު. ދެން އެ މީހުން ނޫޅޭނޭ ރަށުގެ މުޅި ފެހިކަން ނަގާލައި ރަށް ހަލާކުކޮށްގެން ރިސޯޓް ހަދާކަށް. އޭނާގެ ޕްރޮޑަކްޓެއް އޭނާ ހަލާކެއް ނުކުރާނެ. އެހެންވީމާ މިހާރު ވެސް މީހުން އުޅޭ ރަށަކަށް ވުރެ ވެސް ގިނަ ރިސޯޓްތަކުގައި ފެހިކަން ބޮޑުވާނެ، ގުދުރަތީ ވެށި ވެސް ޕްރިޒާވްކޮށްފައި ހުރީ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރަށް ބޮޑު އެއްޗެއް ދެއްކުމަށް ފަހު، 99 އަހަރަށް ނަގާ ރަށްތަކުގައި އިމާރާތް ކުރެވޭ ވަރު %30ގައި ބެހެއްޓީ މީގެ އެތައް ޒަމާނެއް ކުރިން ރިސޯޓްތައް ހަދަމުން އައި ކޮންސެޕްޓަށް ބަލައިގެންނެވެ. ނަމަވެސް، މިހާރުގެ ކޮންސެޕްޓަށް ރިސޯޓްތައް ތަރައްގީ ކުރާއިރު ބޮޑެތި އަދި ގިނަ އަދަދެއްގެ ރެސްޓޯރަންޓްތައް ފަދަ ތަންތަން ހަދަން ޖެހުން ކަހަލަ ކަންކަމާ ހުރެ، އިމާރާތް ކުރެވޭ ސަރަހައްދު ބޮޑުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިސޯޓެއް ހަދަން ދާ ހަރަދު ވެސް މިހާރު އެތައް ތަނެއް ބޮޑުވެފައި ވުމުން، މަތީ ފަންތީގެ ރިސޯޓްތައް ތަރައްގީކުރަން ބޮޑު ސަރަހައްދެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިލްޓް-އަޕް އޭރިއާ މި ބަލަނީ ވޯޓާ ވިލާޔާ ވެސް އެކުގައި. އެހެން ބަލާއިރު މިހާރުގެ ކޮންސެޕްޓްތަކުގައި ރޫމްތައް ބޮޑެތިވެ، ޕްރައިވެސީ ބޮޑުކޮށް ބެހެއްޓުމާއި ގިނަ ރެސްޓޯރަންޓްތައް ހެދުމާ މިހެން ގޮސް މި ޒަމާނުގެ ޓޫރިޒަމަށް ފައްތަން އަޅުގަނޑުމެން ބޮޑު ޖާގައެއް އެބަ ބޭނުންވޭ. މި ކަންކަން ކުރާއިރު ވެސް ފެހިކަން ނުގެއްލޭ ގޮތަށް ކޮންސެޕްޓްތައް އަންނާނީ. އަޅުގަނޑުމެންގެ އެއްެވެސް ނިޔަތެއް އަދި ރިސޯޓެއް ނުވެސް ހަދާނެ ފެހިކަން ގެއްލުވާލައިގެން،" ނަޒީރު ވިދާޅުވި އެވެ.
"މުޅި ގައުމަށް ފައިދާވާ ހޮލިސްޓިކް އެޕްރޯޗެއް ޓޫރިޒަމް އިންވެސްޓަރުންގެ އޮންނާނީ."
ރިސޯޓް އޯނަރު ނޫޅޭނޭ ރަށުގެ މުޅި ފެހިކަން ނަގާލައި ރަށް ހަލާކުކޮށްގެން ރިސޯޓް ހަދާކަށް. އޭނާގެ ޕްރޮޑަކްޓެއް އޭނާ ހަލާކެއް ނުކުރާނެ. އެހެންވީމާ މިހާރު ވެސް މީހުން އުޅޭ ރަށަކަށް ވުރެ ވެސް ގިނަ ރިސޯޓްތަކުގައި ފެހިކަން ބޮޑުވާނެ، ގުދުރަތީ ވެށިވެސް ޕްރިޒާވްކޮށްފައި ހުރީ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވެސް ނަޒީރާ އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ރަށެއްގެ %50ގައި ރިސޯޓް ހެދުމުގެ ހުއްދަ އޮތަސް، ގިނަ މީހުން އެ ވަރަށް ވެސް ރަށެއްގައި އިމާރާތެއް ނުކުރާނެ އެވެ. ސަބަބަކީ، އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ހަދާ ރިސޯޓަކަށް ޓޫރިސްޓުން ގެނެވެން އޮތީ އެ ތަނުގައި ފެހި ކަމާއި ގުދުރަތީ ވެށި ދަމަހައްޓައިގެން ކަމަށް ވާތީ އެވެ.
"ރިސޯޓެއް ހަދަން ލިބޭ ރަށަކީ އެ އިންވެސްޓަރުގެ ބޮޑު އެސެޓެއް. އެ ވެލިއު އެޑް ކުރެވޭ އެއްޗެއް އެއީ. އެހެންވީމާ، އެ އެސެޓް އިންވެސްޓަރު ހަލާކެއް ނުކޮށްލާނެ. އަނެއްކާ އޭނާ ވިއްކަން ބަލާއިރު ވެސް ތަން ވިއްކޭނީ ވެސް އެ ތަން ނެޗުރަލް ގޮތުގައި އޮވެގެން. އެހެންވެ، ސަރުކާރަށް ވުރެ ވެސް އެ ރަށް ނަގާ މީހާ އެ ރަށަށް ބަލާނެ،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ޓޫރިޒަމް ފެށުނު އިރު ރަށްތައް ދެނީ އެންމެ ފަސް ވަރަކަށް އަހަރަށް ކަމަށެވެ. އެހެންވެ، ރަށަކީ އޭރު އިންވެސްޓަރުންނަށް އެސެޓަކަށް ނުވާ ކަމަށާއި އެހެންވެ ރަށް ހިމާޔަތް ކުރަން އޭރު ސަރުކާރުތަކުން ފިޔަވަޅު އަޅަން ޖެހުނީ ކަމަށެވެ. ނަމަވެސް، ދިގު މުއްދަތަކަށް ރަށް ދޭން ފެށުމުން އެ ނުރައްކަލެއް މިހާރު ނެތް ކަމަށް މައުސޫމް ގަބޫލުކުރައްވަ އެވެ.
"އޭރު ފަސް އަހަރަށް ދިނީމާ އިންވެސްޓަރު ބަލާނީ އެ ތަނުން ބޮޑު އެއްޗެއް ނަގަން ކޮންމެ ގޮތަކަށް ވެސް އެ މުއްދަތުގައި. އެހެންވެ، ސަރުކާރަށް އޭރު މަޖުބޫރުވޭ ރަށް ހިމާޔަތް ކުރަން،" މައުސޫމް ވިދާޅުވި އެވެ.
"ރާއްޖެ ކަހަލަ ޓޫރިޒަމް ހުރި ގައުމުތަކުގައި މިއަށް ވުރެ ވެސް ބޮޑަށް ބިލްޓް-އަޕް އޭރިއާ އެބަހުރި ދީފައި. އެކަމަކު އަޅުގަނޑުމެން އަދިވެސް، ތިމާވެއްޓަށް ވެސް ނުބަލާ އިންވެސްޓަރުން ވެސް ތިބެދާނޭ ކަމަށް ބަލާފައި ރާއްޖެއިން ތިމާވެއްޓަށް ދޭ އަހަންމިއްޔަތުކަން އޮތީމާ، އަނެއް %50 ވެސް އަޅުގަނޑުމެން މި ހުރީ ބަަހައްޓާފައި."
'މިއީ އިންގިލާބީ ބަދަލެއްގެ ފެށުމެއް'
މަޓީގެ ނަޒީރު ވިދާޅުވި ގޮތުގައި، ރިސޯޓް ހަދާ ރަށްތަކުގައި އިމާރާތް ކުރެވޭ ވަރު އިތުރުކުރަން އެ ޖަމިއްޔާއިން އެދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. އެ ބަދަލަކީ ރަނގަޅު ބަދަލެއްކަން ފާހަގަ ކުރައްވައި ނަޒީރު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ރާއްޖެއަށް ޓޫރިޒަމްގެ ގިނަ އިންވެސްޓަރުން ޝައުގުވެރިވާނެ އެވެ. އަދި ޒަމާނަށް އަންނަ ބަދަލާ އެކު ބަދަލުވަމުން އަންނަ ޓޫރިޒަމްގެ ކޮންސެޕްޓްތަކަށް ފެތޭ ގޮތަށް ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރަން މި ކަމުން މަގުފަހިވާނޭ ކަމަށް ނަޒީރު ގަބޫލުކުރައްވަ އެވެ.
މިނިސްޓަރު މައުސޫމް މި ބަދަލު ސިފަކުރެއްވީ އިންގިލާބީ ބަދަލެއްގެ ފެށުުމުގެ ގޮތުގަ އެވެ. ނަޒީރެކޭ އެއްގޮތަށް މައުސޫމް ވެސް ވިދާޅުވަނީ މި ބަދަލުގެ ސަބަބުން ޒަމާނީ ޓޫރިޒަމް ޕްރޮޑަކްޓްތައް ފައްކާކުރަން އިންވެސްޓަރުންނަށް އާ ދޮރެއް ހުޅުވިގެން ހިނގައްޖެ ކަމަށެވެ. އެއީ ޕްރައިވެސީ ލިބޭ، މަތީ ފެންވަރުގެ ވިލާތަކާއި ގުދުރަތީ ވެށިން އަރާމު ލިއްބައިދޭނޭ ފަދަ އާ ބާވަތުގެ ރިސޯޓުތަކެއްގެ ފެށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރުގެ ރިސޯޓްތަކަކީ ނޭޗާ، ޕްރައިވެސީ، ލަގްޒަރީ. އެ ގޮތަށް ރާއްޖޭގައި އާ ކޮންސެޕްޓަށް ރިސޯޓްތައް ހަދަން އިންވެސްޓަރުންނަށް މި ހުޅުވާލަދެވުނީ. މި ކަމުން އިންގިލާބީ ބަދަލެއް ކުރިއަށް އޮތް އަހަރުތަކުގައި ފެންނާނޭ އަޅުގަނޑު ބުނާނީ،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (3)
އިއްސެ
ސައީދު
ހަސަން