ފްރޭންކް ބާނަބީގެ އަނބިމީހާ ގޭލް، އެމީހުންގެ ތުއްތު ދަރިފުޅު ގޮވައިގެން ކުޑަފޮޅުދޫގެ އަތިރިމަތީގައި ހުރި އިރު، ދެ ފަރާތުގައި އެކުވެރި ދެ ދިވެހިން މަޑުކޮށްލައިގެން
ދިރިއުޅުން ބަދަލުކޮށްލި ދަތުރެއް؛ އަދިވެސް އެ ހަނދާންތަކާ އެކު
މިހާރު އޭގެ ފަހުން ބައި ގަރުނު ވަނީ އެވެ.
އެމެރިކާގެ ފްރޭންކް ބާނަބީ އަދިވެސް ބޭނުންވަނީ، އިރުއޮއްސެމުންދާ ވަގުތު އއ. ބޮޑުފޮޅުދޫ އަތިރިމަތީގައި މަޑުކޮށްލައިގެން އިންނާށެވެ. ކައިރީގައި ބައިންދަން ބޭނުންވަނީ ހަޔާތުގައި އޭނާ އެންމެ ލޯބިވި، އަނބިމީހާ ގޭލް އެވެ. ހަނދާންކުރަން ބޭނުންވަނީ އެތަނުގައި އިންނައިރު، ކުރިމަތިން ފެންނަން އޮތް ރަށުގައި އެ ދެމަފިރިން ހޭދަކުރި، އެންމެ އުފާވެރި ދުވަސްތަކެވެ.
މީގެ 48 އަހަރު ކުރިން ރާއްޖެ އައިސް، ކުޑަކުޑަ ފަޅުރަށެއްގައި ދިރިއުޅުން ފަށައިގެން، އެ ރަށުގައި އުފަންވި އޭނާގެ ދަރިފުޅާ އެކު ދުވަސްތައް ހޭދަކުރި ގޮތް މިހާރު ވެސް ބާނަބީގެ ހިތުގައި ހާއްސަ އެވެ. އުމުރުން މިހާރު 80 އަހަރާ ގާތްކުރާ ބާނަބީ އަދިވެސް އެ ހަނދާންތައް އާ ކުރަނީ، އޭނާގެ ހަޔާތުގެ އެންމެ އުފާވެރި، ހުވަފެނީ ދުވަސްތަކުގެ ގޮތުގަ އެވެ.
އެކަމަކު މިހާރު ހުރިހާ ކަމެއް ބަދަލު ވެއްޖެ އެވެ. ކެންސަރު ބަލީގައި، ޒުވާން އުމުރުގައި އަންހެނުން މަރުވެއްޖެ އެވެ. އޭނާ ދިރިއުޅުނު ރީތި ފަޅުރަށަކީ މިހާރު ރިސޯޓެކެވެ. އެއަށް ވުރެ ބޮޑަށް، އޭނާ މިސާލެއްގެ ގޮތުގައި ދުށް ރާއްޖެއަކީ، ބާނަބީ ދެކޭގޮތުގައި މިހާރު އެހެން ތަނެކެވެ. މީގެ އަހަރުތަކެއް ކުރިން އޭނާއަށް ރާއްޖެއިން ފެނުނު މަންޒަރާއި ކުރި ތަޖުރިބާތައް ވެސް ބަދަލު ވެއްޖެ އެވެ.
އަމިއްލަ ޔޮޓުގައި 1974 ވަނަ އަހަރު ބާނަބީއަށް ރާއްޖެ އާދެވުނީ، އޭނާގެ ބަހުން ނަމަ، އޮޅުމަކުންނެވެ. އިންޖީނަކާ ނުލައި ހަމައެކަނި ރިޔަލުގެ އެހީގައި ކުރަމުން ދިޔަ އެ ދަތުރަށް، ސްރީ ލަންކާ ކައިރިން އުފެދުނު ތޫފާނަކުން ހުރަސް އެޅުނީ އެވެ. އަދި އެ ތޫފާނުން ނެއްޓެން ކުރި މަސައްކަތުން، އޭނާ އާއި ގޭލްއަށް ރާއްޖެ އާދެވުނީ އެވެ.
އެ ދެމަފިރިންނަށް ރާއްޖެ ފެނުނީ 'ސުވަރުގެއެއްް' ފަދަ ތަނެއްގެ ގޮތުގަ އެވެ. ކުދިކުދި ޖަޒީރާ ރަށްތަކާއި ރީތި މޫދާއި ގޮނޑުދޮށެވެ. ރާއްޖެ އާދެވުނުތަނުން، އެ މީހުންގެ ޔޮޓު ފަރަށް އަރައި، ހަލާކުވި އެވެ. އެހެންވެ، އެ މީހުން ނިންމީ ދުނިޔެ ބަލާލަން ކުރި އެ ދަތުރު ނިންމާލައި، ރާއްޖޭގެ ރަށެއްގައި ވަޒަންވެރިވާށެވެ.
އަހަންނަށް ފެނުނީ އެހެން ރާއްޖެއެއް. ރަށްތައް ވެސް، މީހުން ވެސް، އެ މީހުންގެ އުޅުން ވެސް، ވަރަށް ބޮޑަށް ބަދަލުވެއްޖެ.
ސަރުކާރުގެ ހުއްދައާ އެކު ބާނަބީގެ ދެމަފިރިން ފޭބީ، ބޮޑުފޮޅުދުއާ ފަސް މިނިޓެއްހާ ދުރުގައި އޮންނަ ކުޑަފޮޅުދުއަށެވެ. އެ ރަށުގައި އެ މީހުންނަށް ގެ އަޅައިދިނީ ބޮޑުފޮޅުދޫގެ ރައްޔިތުންނެވެ. އެއީ، ތެޅި ގަލުން އަޅާފައިވާ، އޭރުގެ ފެންވަރަށް ބަލާއިރު ވަރަށް ރީތި ގެ އެކެވެ. ބާނަބީގެ ދެމަފިރިން ވެސް ގިނަގިނައިން ބޮޑުފޮޅުދުއަށް ދެ އެވެ. އޭރު ގޭލް އިނީ ބަލިވެ އެވެ. އެމީހުން ދެން ބޭނުންވީ، އަލަށް ދިރިއުޅެން ފެށި ރަށުގައި ވިހާށެވެ.
ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރަމުން ދިޔަ އެ ދެމަފިރިންނަށް ރާއްޖެއިން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެއް ގެއިން އަނެއް ގެއަށް ދުވެ އުޅޭ ކުޑަކުދިންނެވެ. އެހެން އުޅޭއިރު އެއީ ކާކުގެ ދަރިއެއް ކަމެއް ވަތްކެއް ނުވެ އެވެ. ރަށުގެ ކޮންމެ މީހަކު އަނެކާއަށް އަޅާލަ އެވެ. އޭނާއަށް ފެނުނީ އެއް ގެއެއްގައި ހުންނަ އެއްޗެހި އަނެއް ބަޔަކު ކައިގެން އުޅޭތަނެވެ. ފުރާވަރުގެ ފިރިހެން ކުދިން ގޮވައިގެން، އެ މީހުންގެ ބަފައިން މަހަށް ނުކުންނައިރު، މަންމައާ އެކު އަންހެން ކުދިން ގޭދޮށުގައި އުޅެ އެވެ. މިނިވަންކަމާއި އުފާވެރިކަމުގަ އެވެ.
"އެފަދަ ތަނެއްގައި ކާކު ދަރިއެއް ބޮޑުކުރަން ބޭނުން ނުވާނީ؟،" އޭގެ 48 އަހަރު ފަހުން، 'ދައުރު' އަށް އީމެއިލުން ޖަވާބުދެމުން ބާނަބީ ބުންޏެވެ.
ކުޑަފޮޅުދޫގައި އެ ދެމަފިރިންނަށް ލިބުނު ދަރިއަށް އެ މީހުން ކީ، ދޮންކޮއްކޮ އެވެ؛ ފުރިހަމަ ނަމުން ނަމަ ދޮންކޮއްކޮ ބާނަބީ އެވެ. ބޭރު ހިރުނދު ގަހުގައި އެލުވާފައި ހުންނަ ޖޯލީގައި އެ ކުޑަކުއްޖާ އޮންނައިރު، އުރާލުމަށް، ކައިރި ރަށްތަކުގެ މީހުން ދެ އެވެ. ހަދިޔާ ބަދިޔާ ހިފައިގެން ދުރު ރަށްރަށުން ވެސް މީހުން އެ މީހުން ކައިރިއަށްް ޒިޔާރަތް ކުރި އެވެ.
ކެލިފޯނިއާގެ ސެންޓަ ބާބަރާއަށް ނިސްބަތްވާ ބާނަބީގެ ދެމަފިރިން ބޭނުންވީ، އުމުރުގެ ދެން އޮތް ބައި ވެސް ރާއްޖޭގައި ދިރިއުޅޭށެވެ. ދޮންކޮއްކޮ ބޮޑުކުރަން ބޭނުންވީ ދިވެއްސެއް ގޮތަށް، ދިވެހިންގެ ރިވެތި ގުޅުމާއި ރަނގަޅު އަހްލާގުގެ މަތީގަ އެވެ. އެކަމަކު ދަރިފުޅަށް އަހަރު ނުވަނީސް، ބާނަބީގެ ބައްޕައަށް ހާޓްއެޓޭކެއް ޖެހިގެން އެމެރިކާއަށް ދާން ޖެހުނެވެ. އެމީހުން ފުރީ، އެނބުރި ރާއްޖެއަށް އައުމުގެ އުއްމީދުގަ އެވެ.
"ވަރަށް ބޭނުންވި އެނބުރި އަންނަން. އެކަމަކު އަހަންނަށް ދެން އެ ފުރުސަތެއް ނުލިބުނު. އެއީ ދައްކަން މާ ފަސޭހަ ވާހަކައެއް ނޫން،" ތަފްސީލަށް ނުގޮސް، ބާނަބީ ކިޔައިދިނެވެ.
ރާއްޖޭގައި ހޭދަކުރި ދުވަސްތަކަކީ ރީތި ވާހަކައެއް ކަމަށް ނިންމައި، އަދި ތަންކޮޅެއް ފަހުން ރާއްޖެ އައުމުގެ އުއްމީދުގައި ދެން އެ މީހުން މިސްރާބު ޖެހީ ކެނެޑާއަށެވެ. ބޭނުންވީ ރާއްޖެއިން ފެނުނު ކަންކަމާއި ތަޖުރިބާތައް އެހެން ކުޑަކުދިންނަށް ކިޔައިދޭން ސްކޫލެއް ހުޅުވާށެވެ.
ބާނަބީ ބުނިގޮތުގައި ރާއްޖެއިން އޭނައަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ، ކުޑަކުއްޖަކު ޒިންމާދާރު ގޮތެއްގައި ބޮޑުވުމަށާއި ސިކުނޑި ތަރައްގީވުމަށް ގުދުރަތީ މާހައުލާ ގާތްވުމުގެ މުހިއްމުކަމެވެ. ކްލާހުގައި އިނދެ ކިޔަވައިގެން ޑިގްރީއެއް ހޯދުނު ނަމަވެސް، އެހެން މީހުންނާ ގުޅިގެން އުޅުމާއި މައިންބަފައިންނާ އެކު މަސައްކަތުގެ މާހައުލުގައި ބައިވެރިވުމަކީ، މުސްތަގްބަލަށްޓަކައި ކިހާ މުހިއްމު ކަމެއް ކަމެވެ. ސްކޫލަށް ގޮސް ތައުލީމަށް ސަމާލުކަން ހުއްޓުމުގެ ކުރިން، ވަށައިގެންވާ މާހައުލާ ކުޑަކުއްޖާ ގުޅުވާލަން ޖެހޭ ކަމެވެ.
"މަގުމަތީގައި ކުދިން ހުސް ފަޔާ ދުވަން ޖެހޭ. ދޯނި ދުއްވާލަން ނުކުމެ، މޫދަށް އެރިލަން ޖެހޭ. ޅައުމުރުގައި ލިބިފައި އެ އޮންނަ މިނިވަންކަން އެންމެ ހެޔޮގޮތުގައި ބޭނުން ކުރަން ޖެހޭ،" ބާނަބީ ބުންޏެވެ.
"ހަގަށް ތިބި ކޮއްކޮމެން ބަލައި، މައިންބަފައިންނަށް ކަންކަމުގައި އަތްގާތްކޮށްލަދިނުމަކީ ވެސް ކުއްޖާއަށް ކިހާ މުހިއްމު ކަމެއްކަން އަހަރެންނަށް ދަސްވި."
ރާއްޖެއިން ފެނުނު މަންޒަރުން 'އިންސްޕަޔާ'ވެ ކެނެޑާގައި އޭނާ ހުޅުވި ސްކޫލުގައި ކިޔަވައިދިނީ ތައުލީމީ ކަންކަމެއް ނޫނެވެ. ރާއްޖެއިން އޭނާއަށް ފެނުނު ކަންކަމެވެ. ބޮޑުފޮޅުދޫގެ ކުދިން ކުރި ކަންކަމެވެ. އެ ކުދިން ގަހަކަށް އެރިޔަސް، ދޯންޏަކަށް އެރިޔަސް އަމިއްލަ ނަފްސަށް އިތުބާރު އޮވެ އެވެ. ކަންކަމަށް ސަމާލުކަން ދެ އެވެ. އޭނާ ކިޔަވައިދިނީ އެ ކަންކަމެވެ.
ބާނަބީ ބުނިގޮތުގައި އޭރުގެ ހާލަތަށް ބަލައި، ތައުލީމީ ދާއިރާގެ ޕްރޮފެޝަނަލް މީހުން ބުނީ އެއީ މޮޔަ ކަމެކޭ އެވެ. އެކަމަކު އޭނާގެ ސްކޫލުގައި ކިޔެވި ކުދިންގެ ހުނަރާއި ގާބިލްކަން ފެނިފައި މީހުންގެ ތައުރީފް އޭނާއަށް ލިބެން ފެށި އެވެ. އަހަރުތަކެއް ވާންދެން އޭނާ އެ ސްްކޫލު އެ ގޮތުގައި ހިންގި އެވެ.
ބާނަބީގެ ހަޔާތް އަނެއްކާވެސް ބަދަލުވީ ގޭލްއަށް ކެންސަރު ޖެހި ބަލިވުމުންނެވެ. އޭރު ދެ މީހުން ވަރިވެ، ދިރިއުޅުން ރޫޅިފައި އޮތް ނަމަވެސް، ބަލިވުމުން އެންމެ ގާތުގައި ހުރީ ބާނަބީ އެވެ. ގޭލް ކެންސަރާ ހަނގުރާމަ ކުރަމުން ދިޔައިރު، އެހީތެރިއެއްގެ ގޮތުގައި އޭނާ ހުއްޓެވެ.
ގޭލްގެ މަރާ އެކު، އޭނާ ރާއްޖެ އެނބުރި އައުމުގެ ހުވަފެން ދޫކޮށްލި އެވެ. އެކަމަކު އޭގެ 45 އަހަރު ފަހުން، އޭނާ ރާއްޖެ އަންނަން ބޭނުންވި އެވެ. ދޮންކޮއްކޮ ބޮޑުވެ، އޭނާގެ ދަރިން ވެސް ރާއްޖެ ބަލާލަން ބޭނުންވުމުންނެވެ. އެކަމަކު އެކަކު ގާތު ވެސް އޭނާ ނުބުނެ އޮތް ވާހަކައަކީ، 2019 ގައި ކުރި އެ ދަތުރުގައި އޭނާ އައީ ރާއްޖޭގައި މަޑުކުރަން ހިތުލައިގެން ކަމެވެ. ރާއްޖޭގެ ހަމަހިމޭން، އެކުވެރި މާހައުލާއި ހިތްހެޔޮ ދިވެހިންނާ އެކު ހަޔާތުގެ ބާކީ އޮތް ބައި ވޭތުކޮށްލުމަށެވެ.
މީގެ ހަތަރު އަހަރު ކުރިން ބޮޑުފޮޅުދުއަށް އޭނާ ދިޔައީ އެ އުއްމީދުގަ އެވެ.
"އެކަމަކު އަހަންނަށް ފެނުނީ އެހެން ރާއްޖެއެއް. ރަށްތައް ވެސް، މީހުން ވެސް، އެ މީހުންގެ އުޅުން ވެސް، ވަރަށް ބޮޑަށް ބަދަލުވެއްޖެ،" ބާނަބީ ބުންޏެވެ.
އަހަރުތަކެއް ފަހުން އޭނާއަށް ބޮޑުފޮޅުދުއަށް ދެވި، ޒުވާން އުމުރުގެ އުފާވެރި ދުވަސްތައް މަތިން ހަނދާންވި ނަމަވެސް، އޭނާއަށް ފެނުނީ ބަދަލުވެފައިވާ ދިރިއުޅުމެކެވެ. ލޯބިވާ އަނބިމީހާއާ އެކު އުޅުނު ފަޅުރަށް އޮތީ ރިސޯޓަކަށް ބަދަލުވެފަ އެވެ. މަގުމަތީގައި ހުސް ފައިގައި ދުވެ އުޅޭ ކުޑަކުދިންނެއް ނުފެނެ އެވެ. އޭނާއަށް ފެނުނީ ތަރައްގީއާ އެކު މީހުން ވެސް ބަދަލުވެފައިވާ ތަނެވެ.
"އަހަރެން މިހުރީ މުސްކުޅިވެ ގައިބާރު ދެރަވެފައި. އަހަންނަށް ފެނުނީ ބަލަން އުނދަގޫވެ، ހިތަށް ތަދުވި މަންޒަރުތަކެއް،" ބާނަބީ ބުންޏެވެ.
މިފަހަރު ރާއްޖެ ދޫކޮށް އޭނާ ދިޔައީ ތައިލެންޑަށެވެ. ތަރައްގީއާ ދުރު، ޖަންގަލީގެ އަވަށަކަށެވެ. ބޭނުންވީ އެންމެ ޒުވާން އުމުރުގައި ރާއްޖެއިން ކުރެވުނު ކަހަލަ އިހުސާސްތަކެއް އަލުން ކުރާށެވެ. އެކަމަކު އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެން އާ ދިރިއުޅުމެއް ފެށި ނަމަވެސް އޭނާ އަކަށް ރާއްޖޭގެ ހަނދާންތަކަކާ ދުރެއް ނުވެވުނެވެ.
މިހާރު، މި ވަގުތު ވެސް އޭނާ އިންނަން ބޭނުންވަނީ ބޮޑުފޮޅުދޫގެ އަތިރިމަތީގަ އެވެ. ލޯބިވާ އަނބިމީހާއާ އެކު، ކުރިމަތިން ފެންނަން އޮތް ކުޑަފޮޅުދުއަށް ބަލާށެވެ. އެކަމަކު މިހާރު އަނބިމީހާއެއް ވެސް، ކުޑަފޮޅުދުއެއް ވެސް ނެތެވެ. މީގެ އަހަރުތަކެއް ކުރިން އޭނާއަށް ރާއްޖެއިން ފެނުނު އެކުވެރިކަމާއި އުފާވެރިކަމެއް ވެސް ނެތެވެ.
ކޮމެންޓް (9)
އަސަރު
ޢެޑްމުންޑޯ
އިމްޕްރެސިވް
ހުވަދޫ އަހައްމަދޭ
ހުސްނުހީނާ
ރަދީފްއޮފިޝަލް
ފެށުނުޒަމާން
ހުވަދޫ އަހައްމަދޭ
ނޭފަރޭ