އަގު ބޮޑު ފްލެޓެއްގެ ނަމޫނާ ފޮޓޯއެއް: މިކަހަލަ ތަންތަން ރާއްޖޭގައި ވިއްކާ އިރު ނަގުދު ފައިސާއިން ދައްކާ ނަމަ ގާނޫނީ ހުރަހެއް ނޯވޭ

ފައިސާ ދޮވުން

އެ ގަންނަނީ އަގުބޮޑު ޕެންޓްހައުސް، ފްލެޓް، އެކަމަކު އެކަން ބަލާނީ ކާކު؟

ނަގުދު ފައިސާއިން މުއާމަލާތްކުރެވޭނެ އެންމެ މަތީ މިންވަރެއް އެމްއެމްއޭއިން ކަނޑައަޅަން އޭސީސީން ދިން ލަފާއާ އެއްގޮތަށް އަމަލްކޮށްފި ނަމަ މަނީ ލޯންޑަރިން ހުއްޓުވަން ވެސް އެހީއަކަށް ވާނެ
22 ފެބްރުއަރީ 2023
6

ފްލެޓެއް ގަންނަން ޝަރުތު ހަމަވެ، ހުށައަޅަން ޖެހޭ ހުރިހާ ލިއެކިއުމެއް ހުށައަޅާ ނިންމާލި އެވެ. އޭނާ ހީކުރީ ދެން އޮންނާނީ ޑައުންޕޭމަންޓަށް ދައްކަން ޖެހޭ ފައިސާގެ ކަންކަން ހަލާސްކުރުން ކަމެވެ. ނަމަވެސް ފްލެޓް ވިއްކާ ފަރާތުން ކޮންމެ ހަފުތާއަކުހެން ގުޅާފައި، މިވެނި އެއްޗެއް، އެވެނި އެއްޗެއް ބޭނުން ކަމަށް ބުނެ އެވެ.

"އެންމެ ފަހުން އަހަރެން ބުނީ ދެން ވަރިހަމައޭ ތި ފްލެޓް ނުލިބުނަސް. ތިވަރަކުން ބޭނުމެއް ނޫނޭ،" ގަވާއިދާ އެއްގޮތަށް ކުރަން ޖެހޭ ކަންކަމުގައި ކުރިމަތިވާ އުނދަގޫތައް ބޮޑުކަމުން ހިތްހަމަނުޖެހިގެން އޭނާ ދިން ޖަވާބު ކިޔައިދިނެވެ.

އެކަމަކު އެއީ ފްލެޓް ވިއްކާ ފަރާތުގެ މައްސަލައެއް ނޫނެވެ. އެއީ ފްލެޓް އަގުގެ %20ގެ ޑައުންޕޭމަންޓް ދައްކާފައި، ލޯނަށް ހުށައަޅާ ނަމަ ބޭންކްތަކުން ބޭނުންވާ މައުލޫމާތެވެ. ޑައުންޕޭމަންޓްގެ ފައިސާއަކީ މީހެއްގެ އެހީއަކަށް ވެގެން ނުވެ އެވެ. އާއިލާއިން ބޭރު މީހެއްގެ އެއްޗަކަށް ވެގެން ނުވެ އެވެ. ހުރިހާ މުއާމަލާތެއް ހުންނަން ޖެހޭނީ ބޭންކް މެދުވެރިކޮށެވެ. ލިބޭ އާމްދަނީ ކަށަވަރުކުރުމާއި އާމްދަނީ ލިބޭ ގޮތް ބުނެދޭން ވެސް ޖެހެ އެވެ.

އޭސީސީގެ ބައްދަލުވުމެއް ކުރިއަށް ދަނީ: އެމްއެމްއޭއަށް ދިން ލަފާ ހަގީގަތަކަށް ވެއްޖެ ނަމަ، ބަދަލެއް އައުން އެކަށީގެންވޭ (ފޮޓޯ/ރައީސް އޮފީސް)

އެއީ ރަސްމީ މާލީ ނިޒާމުގެ ތެރެއިން މުއާމަލާތެއް ހިންގާ ނަމަ ވާނެ ގޮތެވެ. ގާނޫނާ އެއްގޮތަށް އުޅޭ ރައްޔިތުންނަށް އޮންނާނީ އެބުނާ އެއްޗެއް ހަމަކޮށް، އެ ބުނާ ކަމެއް ފުރިހަމަކުރުމެވެ. އެކަމަކު ކުށް ކޮށްގެން ފައިސާ ހޯދާ ކަމަށް ތުހުމަތުކުރެވޭ މީހުން، އެ ނިޒާމުން ސަލާމަތްވެ، ބޭނުން ގޮތަކަށް އުޅެވެ އެވެ. އެމީހުންނަށް ޕެންޓްހައުސް ވެސް ގަނެވެ އެވެ. އެމީހުންނަށް އަގުބޮޑު ފްލެޓްތައް ވެސް ގަނެވެ އެވެ. އުޅަނދު ފަހަރު ވެސް ގަނެވެ އެވެ.

ސުވާލެއް ނާދެ އެވެ. ސުވާލެއް އަންނާކަށް ވެސް ނުޖެހެ އެވެ. އެ މީހުން މާލީ މުއާމަލާތް ހިންގާލަނީ ނަގުދު ފައިސާއިންނެވެ. ކިތައްމެ ގިނައިން ނަގުދު ފައިސާ ބޭނުންކުރިޔަސް، އެއާ މެދު، ފްލެޓް ވިއްކާ ފަރާތުން ވެސް ސުވާލެއްނުކުރާނެ އެވެ. ކުރާކަށް ނުވެސް ޖެހެ އެވެ. އެއްވެސް ގާނޫނަކުން އެކަން މަޖުބޫރެއްނުކުރެ އެވެ.

އޭސީސީން މި ފަހުން އާންމުކުރި ރިޕޯޓެއްގައި ލަފާދީފައި އެވަނީ އެ މައްސަލައިގެ އެއް ހައްލަށެވެ. މަނީ ލޯންޑަރިން ހުއްޓުވުމެވެ. ކުށް ކޮށްގެން ހޯދާ ފައިސާ މުދަލަށް ބަދަލުނުކުރެވޭނެ ގޮތް ހެދުމެވެ. އެކަމަކު މަނީ ލޯންޑަރިންގެ ގާނޫނުގައި، ނަގުދު ފައިސާއިން ހިންގާ އެކަމަކު ޝައްކުކުރެވޭ މުއާމަލާތްތަކަށް ނަޒަރެއް ދޭން ޖެހޭ ކަމަކަށެއް ނޯވެ އެވެ. އެހެންކަމުން މަސްތުވާތަކެތި ވިއްކައިގެންނާއި ދައުލަތުގެ ފައިސާއިން ކޮރަޕްޝަން ހިންގާ މީހުންނަށް، ރާއްޖޭގައި އޮތީ މިނިވަންކަމެވެ. ބޭންކް އެކައުންޓަށް އެ ފައިސާ ނުވަންނަ ނަމަ، އެއާ މެދު ތުހުމަތެއްކޮށް، ތަހުގީގެއް ހިންގުމުގެ ބާރެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނޯންނަ ކަމަށް، އެ ފަރާތްތަކުން ބުނެ އެވެ.

ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ހާއްސަ ގާނޫނެއް ހެދުން މުހިންމު ކަމަށް ބުނެފައިވާ ރިޕޯޓްގައި ނަގުދު ފައިސާގެ ވާހަކަ އަންނަނީ، ކުށުގެ ތެރެއިން ލިބިގަންނަ މުއްސަނދިކަން 'ސާފުކުރަން' ނަގުދު ފައިސާއިން ރާއްޖޭގައި މިނިވަންކަމާ އެކު މުއާމަލާތްކުރެވޭތީ އެވެ. މިސާލެއްގެ ގޮތުން 12-15 މިލިއަން ރުފިޔާގެ ޕެންޓްހައުސްއެއް ގަންނަނީ އެވެ. ނުވަތަ އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި ފްލެޓެއް ގަންނަނީ އެވެ. އެ މުއާމަލާތުގައި ޑިވެލޮޕަރަށް ނަގުދު ފައިސާއިން ދައްކާ ނަމަ އެކަމަށް އެއްވެސް ހުރަހެއް، ގާނޫނީ ގޮތުން ރާއްޖޭގައި ނެތެވެ.

މަސްތުވާތަކެތި ވިއްކުމުގައި މީހަކު ބައިވެރިވަނީ: ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ބޮޑު

ކުރީ ސަރުކާރުގެ ވެރިކަމުގައި ކުރިމަތިވި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް، ފައިސާ ލިބުނު އެތައް ބަޔަކު، ނަގުދު ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކޮށް، މުދަލަށް ބަދަލުކޮށްފައި ހުރުން ވަރަށް ކައިރި އެވެ. އެ ހިޔާނާތުގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ވެސް ހުންނެވީ ދިގު ޖަލު ހުކުމެއްގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އެ ކުށް ސާބިތުވީ އަމިއްލަފުޅު އެކައުންޓަށް ފައިސާ ލައްވައިގެން، ހިންގެވި މުއާމަލާތްތަކެއްގެ ސަބަބުންނެވެ.

އެ ހިނާޔާތުން ނަގުދު ފައިސާއިން ބައިއެޅުނު އެތައް ބަޔަކު، ކޯޓަށް ގެންދެވޭނެ ގޮތެއް ނޯންނާނެ އެވެ. ކިތައްމެ ވަރަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ކޮނެ، ދައުވާ އުފުލަން މަސައްކަތްކުރިޔަސް، އެ އަދަބާ ދިމާނުވާނެ އެތައް ބަޔަކު އެ އުޅެނީ އެވެ.

މަނީ ލޯންޑަރިން ހުއްޓުވަން ޔާމީންގެ ވެރިކަމުގައި ތަސްދީގުކުރެއްވި ގާނޫނުގައި ވެސް، ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބެލޭކަށް ނެތެވެ. އެހެންކަމުން އެއީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެފައި އޮތް މިންވަރާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުން އާންމުވެފައި އޮތް ދުވަސްވަރަކަށް ބަލާ ނަމަ، ފުރިހަމަ ގާނޫނެއް ނޫންމެ އެވެ.

ނަގުދު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މިންވަރެއް އެމްއެމްއޭއިން ކަނޑައަޅަން އޭސީސީން ލަފާ ދިނަސް، އެ ލަފާ ދީފައި އޮތް ގޮތް އެހާ ވަރުގަދަ ކަމަކަށެއް ނުފެނެ އެވެ. އޭގައި ބުނެފައި އޮތީ "ރާއްޖޭގެ މާހައުލާ ގުޅޭ ގޮތުން އަދި ވިޔަފާރިތަކަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް" އެ މިންވަރު ކަނޑައެޅުމަށެވެ. ކުށް ކޮށްގެން ހޯދާ ފައިސާ މުދަލަށް ބަދަލުކުރާ އިރު ރާއްޖޭގައި ގެދޮރު ގަތުން އާންމެވެ. އެކަމަކު އޭސީސީން ބޭނުންކޮށްފައި އޮތް ބަހުރުވައަށް ނަޒަރެއް ހިންގާލާ ނަމަ، އެ ބުނެވެނީ، މިސާލަކަށް ގެދޮރު ވިއްކުމަކީ ވިޔަފާރިއަކަށް ވާތީ، އެއަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް ނަގުދު ފައިސާގެ މިންވަރު އެމްއެމްއޭއިން ކަނޑައެޅުން ރަނގަޅެއް ނޫން ކަމެވެ.

ރާއްޖޭގައި ނުހައްގު މުއްސަނދިކަން ހޯދުމުގެ އެދުން ދިވެހިންގެ ތެރޭގައި އޮތީ ވަރަށް މަތީގަ އެވެ. ސިޔާސީ މީހުން އެކަންޏެއް ނޫނެވެ. ފައިސާ ނަމަ، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެ ލިބިގަތުން ޒުވާނުންގެ މެދުގައި ވެސް ދަނީ އާންމުވަމުންނެވެ. ރާއްޖޭގައި ހިންގާފައި ހުރި ގަތުލުތަކާއި ފުލުހުންގެ އޮޕަރޭޝަންތަކުން އަތުލައިގަތް މަސްތުވާތަކެތީގެ ވިޔަފާރީގެ 'ބޮޑުންނަށް' ބަލާ ނަމަ ރާއްޖޭގެ ޒުވާން ޖީލުގެ ވަރަށް ގިނަ ބަޔަކު ތިބީ އެއަށް ވަދެފަ އެވެ. އެ މީހުން މުއާމަލާތްކުރާނީ ނަގުދު ފައިސާއިންނެވެ. ކުށް ކޮށްގެން އާމްދަނީ ލިބި، އެ އާމްދަނީ ރީތި ގޮތަކަށް ސާފުކޮށްލަނީ އެވެ.

ރިޕޯޓް ފެށިއިރު، ނަން ނުޖަހާ ގޮތަށް ގެނެސްދިން މީހާއަށް ކުރިމަތިވީ މުޅިން ވެސް ހުރަހެވެ. އޭނާ އުޅުނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ތަނެއް ގަންނާށެވެ. އޭނާ ވައްކަމެއް ނުކުރެ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިއެއް ނުވެ އެވެ. ދައުލަތުގެ ފައިސާއެއްގައި ނުޖެހެ އެވެ.

ނުހައްގު މުއްސަނދިކަން ހޯދާ މީހުންނަށް އެއްވެސް ހުރަހެއް ނެތި، އެ އުޅެނީ މިނިވަންކަމުގަ އެވެ. އެންމެންގެ ކުރިމަތީގައި ފައިސާ 'ދޮވެ' ރީތިކުރަމުން އެހެރަ ދަނީ އެވެ.

ކޮމެންޓް (6)

ނަގުދު

23 ފެބްރުއަރީ 2023
މައްސަލައަކީ ނަގުދު ފައިސާއެއްނޫން. ކޮރަޕްޓް މީހުން. ފްރައުޑް އަދި ލޯނޑާކުރާ ފައިސާ ހޯދާނެ ގާބިލު މީހުން ނެތްކަން. ބޭކުތަކުގެ ހާލަތު ދަށްކަން. އެވާހަކަ ނުދައްކަން ގޭސް އަބުރަނީތި
0 0

ބުޖާބުޖާ

22 ފެބްރުއަރީ 2023
"މަނީ ލޯންޑަރިން ހުއްޓުވަން ޔާމީންގެ ވެރިކަމުގައި ތަސްދީގުކުރެއްވި ގާނޫނުގައި ވެސް، ނަގުދު ފައިސާއިން ކުރާ މުއާމަލާތްތައް ބެލޭކަށް ނެތެވެ." ހައިރާނެއް ނުވޭ...
5 0

އޭޓީއެމް

22 ފެބްރުއަރީ 2023
"ކުރީ ސަރުކާރުގެ ވެރިކަމުގައި ކުރިމަތިވި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް، ފައިސާ ލިބުނު އެތައް ބަޔަކު، ނަގުދު ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކޮށް، މުދަލަށް ބަދަލުކޮށްފައި ހުރުން ވަރަށް ކައިރި އެވެ." ކައިރިއެއް ނޫން ޔަގީން.
3 0

ފެރީނިޒާމު

22 ފެބްރުއަރީ 2023
ތިކަން ތިހެން ނުކޮށް ތިއޮންނަނީ ހަމަ ގަސްތުގަ. ސިޔާސީ މީހުންނާ މެންބަރުންވެސް ގަނެ ވިއްކަނީ ނަގުދު ފައިސާއިން. އެހެންވީމަ ޑްރަގުލޯޑުންނަށް ކުރާ އަސަރު އެމީހުންނަށްވެސް ކުރާނެ. މީ އެއްކަހަލަ ދެ ބައިގަނޑު މިއުޅެނީ.
6 0

އޯކޭ

22 ފެބްރުއަރީ 2023
ރަނގަޅު ވާހަކައެއް. މީހުން ލޮލުގަ އަނދުން އަޅުވަން ހަދާ ގާނޫނުހުސް. އެކަމަކު ތިނަން ނުޖަހާ މީހާގެ ހަގީގަތެއްވެސް ނޭނގޭނެ. މޫސަ ކިހިނެތް ޔަގީންކުރާނީ އޭނަ ކަމެއް ނުކުރާކަމެއް؟ ބުނާ އެއްޗެއްތާ އިނގޭނީ. ޖަސްޓް ސޭއިންގ.
2 3

މާހޯރަ

22 ފެބްރުއަރީ 2023
ތި މޫސާލަތީފުގެ ކޮންމެ ލިޔުމެއް އެމްއެމްޕީއާރުސީ އާއި ރާއީސް ޔާމީނާއި ގުޅުވާނެ
6 9

އިތުރު އާޓިކަލް

އިތުރު އާޓިކަލް