9 ނޮވެމްބަރު 2022 ވަނަ ދުވަހުގެ ރޭ ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވި ގަރާޖު އަނދާފައި (ދައުރު ފޮޓޯ)

10 މީހުންގެ މަރާ އެކު ހިތާމައިން ފުރުނު

ރާއްޖޭގައި ދިގު މުއްދަތެއްގައި މަސައްކަތްކުރަމުން އައި އިންޑިއާ އާއި ބަންގްލަދޭޝްގެ 10 މީހުން އަލިފާނުގައި އަނދައިގެން ދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
29 ޑިސެމްބަރު 2022

އާދައިގެ ފެންވަރަށް ހަދާފައިވާ ގޭގެ އެ ފަންގިފިލާގައި ހަތަރު ކޮޓަރި ހުރެ އެވެ.

އެއް ކޮޓަރީގައި އިންޑިއާގެ ދެމަފިރިން އުޅޭއިރު، ޖެހިގެން ހުރި ކޮޓަރީގައި އުޅެނީ ހަމަ އެ ގައުމުގެ ފިރިހެނުންތަކެކެވެ. ތިން ވަނަ ކޮޓަރީގައި ބަންގްލަދޭޝްގެ އަންހެނަކު ދިރިއުޅޭއިރު ދެން ހުރި ކޮޓަރި ހުންނަނީ ހުހަށެވެ.

އެއިން ކޮންމެ މީހަކީ ވެސް ރާއްޖޭގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ މީހުންނެވެ. އުޅެނީ ކޮންމެވެސް ވަޒީފާއެއްގަ އެވެ. ދެމަފިރިންގެ ތެރެއިން އަންހެން މީހާއަކީ، އެކި ގޭގެއަށް ގޮސް ކައްކައިދީ އުޅޭ މީހެކެވެ. ފިރިމީހާ އުޅެނީ ކޮންޓްރެކްޓަށް މަސައްކަތް ކޮށްދޭ ގުރޫޕެއްގަ އެވެ.

ދަންވަރުގެ އެ ވަގުތުގައި އެ އެންމެން ވެސް ތިބީ، ދުވާލުގެ ބުރަ މަސައްކަތަށް ފަހު ވަރުބަލިވެ، ނިދާ ހަރުދަނޑިވެފަ އެވެ.

ގޭގެ މަތީގައި އުޅޭ މީހުން އަރާފައިބަން ވެސް ހުރީ ވަރަށް ހަނި ސިޑިއެއް (ދައުރު ފޮޓޯ)

އެކަމަކު މިދިޔަ 9 ނޮވެމްބަރު ދުވަހުގެ ރޭ، މ. ނިރުފެހި ގޭގެ ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު،  ފެތުރިގަނެ، ގޭގެ މަތީ ބުރީގައި ނިދާފައި ތިބި މީހުންނާ ހަމައަށް ފޯރަން ނެގީ ދެ މިނިޓެއްހާއިރެވެ. ލަކުޑިން ޑެކު އަޅައި، ދެ ފަންގިފިލައަށް ހަދާފައި ހުރި އެ ގޭގައި ތިބި މީހުންނަށް އަލިފާނުން ސަލާމަތްވެ، އެތަނުން ނުކުންނަށް ލިބުނީ ވެސް އެއަށް ވުރެ މަދު ވަގުތުކޮޅެކެވެ.

ފުރަތަމަ ފަންގިފިލާގައި ތިބި ކޮޓަރިތަކުގައި ތިބި ބައެއް މީހުންނަށް ހޭލެވުނީ ދުމާހެދި ނޭވާ ނުލެވިގެންނެވެ. އަނެއް ބައި މީހުންނަށް ބާރު އަޑެއް އިވިގެންނެވެ. ހޭލެވުނު މީހުން، އެ މީހަކަށް ނުކުމެވުނު ގޮތަކުން އެތަނުން ނުކުތެވެ. ސިޑީގެ ތަންކޮޅަކުން ފައިބާފައި، ދެން ތިރިއަށް ފުންމާލީ އެވެ. ފައިސާއެއް އަންނައުނެއް، އެކައްޗެއް ވެސް އަތުޖައްސާނެ ވަގުތެއް ނުވި އެވެ.

އެ ފަންގިފިލާގައި ނިދާފައި ތިބި، ދެމަފިރިންނަކަށް އެތަނުން ނުކުންނާނެ ފުރުސަތެއް ނުލިބުނެވެ. މުޅި ތަން ސުންނާފަތި ކުރަމުން، ގަދައަށް ރޯވަމުން ދިޔަ އަލިފާންގަނޑުގެ ޝިކާރައަށް އެ މީހުންވި އެވެ.

ނިރުފެހި ގޭގައި ހުރި ގަރާޖުގައި ދެ ގޭސް ސިލިންޑަރު: އަލިފާން ރޯވީ މި ގަރާޖުގައި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރާއްޖޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު އެ ހާދިސާގައި އެ ދެމަފިރިންނާ އެކު، އިތުރު އަށް މީހުން މަރުވި އެވެ. ހަ ފިރިހެނުންނާއި ހަތަރު އަންހެނުން އަލިފާނުގައި އަނދައިގެން ދިޔަ އިރު، ނިރުފެހިގޭގައި، ހަދާފައި ހުރި ކުދި ކޮޓަރިތަކުގައި އުޅުނު 26 މީހުންގެ ދިރިއުޅުން އަޅިއަށް ވީ އެވެ.

މަރުވި ގިނަ މީހުން ރާއްޖޭގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ބައެއް މީހުން 10-12 އަހަރު ވެއްޖެ އެވެ. އަންހެނުންނަކީ، ގޭގޭގައި ކައްކައިދީ، ގޭތެރޭގެ މަސައްކަތްކޮށްދޭން އުޅުނު މީހުންނެވެ. ދިވެހި ބަސް އެ މީހުން ދަނެ އެވެ. ދިވެހިންނާ އެ މީހުން ގާތެވެ.

އެކަމަކު ކުޑަ ވަގުތު ކޮޅެއްގައި ހިނގި އެ ހާދިސާއިން އެ މީހުން ރާއްޖޭގައި އުޅުނު ހާލަތު ވަޒަންކޮށްލެވެ އެވެ. ކިތަންމެ ގިނަ ދުވަހު ރާއްޖޭގައި އުޅުނަސް، ކިތަންމެ ބުރަކޮށް މަސައްކަތް ކޮށްދިނަސް، އެ މީހުން ވަންނަން ލިބިފައި ހުރީ ހޮހޮޅައެއް ކަހަލަ ތަނެކެވެ. އެ އިމާރާތާއި ހާދިސާ ހިނގަން މެދުވެރިވި ގޮތަށް ބަލައިލާ އިރު ވެސް ފެންނަނީ ހުސް އިހުމާލެވެ.

މާލޭގައި މީހުން ތޮއްޖެހިފައި އޮތް އިރު މިކަހަލަ ނުރައްކާތެރި ގޮތްގޮތަށް ގަރާޖުތައް ހިންގުމުގެ ގެއްލުން ބޮޑު (ދައުރު ފޮޓޯ)

ގިނައިން ކޮޓަރިތައް ހެދުމަށް، ތަން ބައިކޮށްފައި ހުރީ ފްލައިވުޑް ފިލައިންނެވެ. ކޮންމެ ތަނެއްގައި ވެސް ހުންނަނީ އެނދެއް ބަހެއްޓާހާ ޖާގަ އެވެ. ތަނުގެ ހާސްކަން ބޮޑެވެ. ކޮންމެ ކޮޓަރިއެއްގައި ކަހަލަ ގޮތަކަށް ގޭސް ފުޅި އެވެ.

ގިނަ ބަޔަކު ދިރިއުޅޭ އެ އިމާރާތުން ތިރިއަށް ފައިބަން ހުންނަނީ ވެސް އެހާމެ ހަނި، އުނދަގޫ ސިޑިއެކެވެ. ބޭރަށް ނުކުންނަން ހުންނަ ދޮރު ވެސް ކުޑަ އެވެ.. އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އެތަނުން ސަލާމަތް ވެވޭނެ ގޮތެއް، ތަން އިމާރާތް ކޮށްފައި ހުރި އިރު ވެސް ނެތެވެ.

ދެން އެގޭގައި ހުރީ ގަރާޖެވެ. ފަސޭހައިން އަލިފާން ރޯވާން ދިމާވެދާނެ އެތައް އެއްޗެއް، އެތައް ކަމެއް އެތަނުގައި ހުއްޓެވެ. ގޭސް އަޅާ ސިލިންޑަރާއި އޮކްސިޖަން އަޅާ ސިލިންޑަރެވެ. ތަން ހިންގީ ގަވައިދާ ހިލާފަށެވެ. އެތަން މޮނީޓާ ކުރާނެ މުއައްސަސާއެއް ނެތެވެ.

އެންމެ ފަހުން، 'ބޮމެއް' ގޮވާހެން ތަން ގޮވައިގެން ދިޔައީ، އެތައް ބައެއްގެ ފުރާނައާ އެކުގަ އެވެ. އަހަރު ނިމުނީ، އެކަމުން އިބުރަތް ލިބުގަނެ، ރަނގަޅު ކުރަން ހުރި ގިނަ ކަންކަމެއް ދައްކަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް