މަރުކަޒީ ބޭންކު އެމްއެމްއޭ: ބޭރު ފައިސާގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އާ އަހަރު 2023

އިގުތިސާދީ ގޮންޖެހުން ބޮޑު އަހަރެއް ނިމި، އުއްމީދީ އަހަރަކަށް

ރަޝިޔާ/ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ތެލާއި ތަކެތީގެ އަގުބޮޑުވުމުގެ ހުރަސްތައް ރާއްޖެއަށް ވަނީ ކުރިމަތިވެފައި
28 ޑިސެމްބަރު 2022
1

މުހިންމު ނުކުތާތައް

އަހަރު ނިމުނު އިރު ގޮންޖެހުންތަކާ އެކު ވެސް ރާއްޖޭގެ އިގުތިސާދީ ދުވެލި ރަނގަޅު

2023 ގައި އިގުތިސާދު ކުރިއަރާނެ މިންވަރާ މެދު ވެސް ބޭރުގެ ޖަމާއަތްތަކުން ހިތްހަމަޖެހޭ

އެކަމަކު ދަރަނި ބޮޑުވުމާއި ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމަކީ ހުރި ގޮންޖެހުންތައް

އަނެއްކާވެސް އަހަރެއް ނިމުނީ އެވެ. އިގްތިސާދީ ނަޒަރަކުން ބަލާއިރު 2022 އަކީ އާ ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރެކެވެ. އޭގެ އަސަރު މިހާރު ވެސް ދަނީ ފެންނަމުންނެވެ. ކަމާ ބެހޭ މާހިރުން ލަފާކުރަނީ ކުރިއަށް އޮތް އަހަރަށް ވެސް އެކަން ދެމިގެން ހިނގައިދާނެ ކަމަށެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުން ހިންދެމިލިތަނާ އިރުމަތީ ޔޫރަޕުގައި ފެށި ރަޝިއާ/ޔޫކްރެއިން ހަނގުރާމަ އެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލުނެވެ. ގިނަ ބާވަތްތައް އެތެރެކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖޭގެ ރިޒާވަށް އެ ބުރަ އުފުލެނީ ކިރިޔަކިރިޔާ އެވެ. އެކަމާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒުކުރުން އޮތީ މި ފެށޭ އަހަރު އެވެ. މި ވަގުތަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބަލިމަޑުކަމަށް ފަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، ރަނގަޅު މިންވަރެއްގައި އިތުރުވަމުންދިޔުމެވެ.

ރާއްޖޭގެ ދަރަނި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް، ކޮވިޑް-19ގެ ކުރިއާ އެއްހަމައަކަށް މިހާރު އަންނަނީ އިއާދަވަމުންނެވެ. ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހަލުވި ކަމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް އެއްބަސްވެ އެވެ. ނަމަވެސް އެ އިދާރާތަކުން ފާހަގަކުރާ އާންމު ކަންބޮޑުވުމަކީ، ދަރަންޏާއި މާލީ ގޮންޖެހުންތައް ބޮޑު މައްސަލަ އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ދަރަންޏަކީ 86 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރާއްޖެއިން ބޭރުން ނެގި 32.3 ބިލިއަން ރުފިޔާ

  • އެތެރޭގެ ފަރާތްތަކުން ހޯދި 54.2 ބިލިއަން ރުފިޔާ

ދަރަނި ނެގުން ވީހާވެސް މަދުކުރުމަށް ބޭރުގެ މާލީ ފަރާތްތަކުން އިރުޝާދު ދިން ނަމަވެސް، 2022ގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް، މުޅިން އަލަށް ހަތަރު ލޯނެއް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ކުނި މެނޭޖުކުރުން ހަރުދަނާ ކުރުމާއި ކުނިން ހަކަތަ އުފައްދާ މަޝްރޫއަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން 13.9 މިލިއަން އެސްޑީއާރު (18 މިލިއަން ޑޮލަރު ނުވަތަ 292 މިލިއަން ރުފިޔާ)

  • 2-

    ބަޖެޓް ސަޕޯޓަށް ކާގިލް ފައިނޭންޝަނަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ)އިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)

  • 3-

    ގުޅީފަޅު ދެ ވަނަ ފިޔަވަހީގެ ބިން ހިއްކަން އޭކޭއޭ، އޭބީއެން އެމްރޯ އަދި އައިއެންޖީއިން 108 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ)

  • 4-

    ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާކުރަން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 19.5 މިލިއަން ޑޮލަރު (300 މިލިއަން ރުފިޔާ)

އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދަރަނި ދައްކަން ޖުމްލަ ހަރަދުކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)

ތެޔޮ އަގު ބޮޑުވުމުން އައި ލޮޅުން

ރާއްޖޭގެ ރިޒާވް ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ އެކު ތެޔޮ އެތެރެކުރަން ކުރާ ހަރަދު އެތައް ގުނައަކުން ބޮޑުވުމެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިއަ ޖެނުއަރީ މަހާއި ނޮވެމްބަރު މަހުގެ ތަފާސްހިސާބުތައް އަޅާބަލާއިރު، ތެޔޮ އެތެރެކުރަން ކުރި ހޭދަ، %38.5 ވަނީ ބޮޑުވެފަ އެވެ. އެގޮތުން:

  • ޖެނުއަރީ މަހު ތެލުގެ ބާވަތްތައް އެތެރެކުރަން 722 މިލިއަން ރުފިޔާ

  • ނޮވެމްބަރު މަހު އެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވަނީ ބޮޑުވެފައި

ތެލުގެ އަގު ބޮޑުވުމުގެ އަސަރު، އެކި ގޮތްގޮތުން އާންމު ދިރިއުޅުމަށް ވެސް ވަނީ ކޮށްފަ އެވެ. މިސާލަކަށް ބަލާ ނަމަ، އުޅަނދުފަހަރަށް ތެޔޮ އެޅޭ އަގު ބޮޑެވެ. މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ވެސް ބޮޑުވި އެވެ.

ހުޅުމާލެ އެފްއެސްއެމް ޕެޓްރޯލް ސްޓޭޝަން: ތެލުގެ އަގު ހަތަރު ރުފިޔާއަށް ބޮޑުވި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އަހަރު ފެށުނު އިރު އެސްޓީއޯއިން ތެޔޮ ވިއްކި އަގަކީ:

  • ޕެޓްރޯލް ލިޓަރެއް 11.16ރ. އަށް

  • ޑީސަލް ލިޓަރެއް 11.84ރ.އަށް

އޭގެ ފަހުން އެކި ފަހަރުމަތިން ތެލުގެ އަގު ބޮޑުވި އެވެ. އަދި އެންމެ ފަހުން އަގު ކިރިޔާ ވެސް ދަށަށް ޖެހިލީ އޮގަސްޓް 18 ގަ އެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ތެޔޮ ވިއްކަމުން އަންނަނީ:

  • ފެޓްރޯލް ލީޓަރެއް - 15.97ރ.

  • ޑީސަލް ލީޓަރެއް - 16.32ރ.

އޭގެ އިތުރުން ތެލުގެ އަގު އުފުލުމާ އެކު އިމްޕޯޓަށް ކުރާ ހަރަދު ބޮޑުވެ، ބާޒާރުގައި ތަކެތީގެ އަގު ވެސް ވަނީ މައްޗަށް ޖެހިލައިފަ އެވެ. އެގޮތުން:

  • 2022 ފެށިއިރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުރީ %0.2 ގައި

  • މިދިޔަ ހަ އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް، މިދިއަ ޖޫން މަހު އިންފްލޭޝަން %5.2 އަށް ބޮޑުވި

  • އެންމެ ފަހުން އޮކްޓޫބަރު މަހު އިންފްލޭޝަން ރޭޓު ހުރީ %2.9 ގައި

ތަކެތީގެ އަގު ބޮޑުވިޔަސް، އިމްޕޯޓު ކުރުން އިތުރު

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން އެނގޭ ކަމަކީ، މަހަކަށް ފަހު މަހެއް، ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުވަމުން އަންނަ ކަމެވެ. އެގޮތުން ފާއިތުވެދިޔަ ހަ މަސް ދުވަހު ރާއްޖެއަށް ތެލުގެ ބާވަތްތައް ހިމެނޭ ގޮތަށް މުދާ އެތެރެކުރި މިންވަރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު:

  • 1-

    ޖޫން - 5.2 ބިލިއަން ރުފިޔާ (%78 އިތުރު)

  • 2-

    ޖުލައި - 4.3 ބިލިއަން ރުފިޔާ (%56 އިތުރު)

  • 3-

    އޮގަސްޓް - 4.8 ބިލިއަން ރުފިޔާ (%48 އިތުރު)

  • 4-

    ސެޕްޓެމްބަރު - 4.4 ބިލިއަން ރުފިޔާ (%27 އިތުރު)

  • 5-

    އޮކްޓޫބަރު - 4.3 ބިލިއަން ރުފިޔާ (%14 އިތުރު)

  • 6-

    ނޮވެމްބަރު - 4.6 ބިލިއަން ރުފިޔާ (%15 އިތުރު)

މާލޭގެ ވިޔަފާރި ބަނދަރު: މުދާ އެތެރެކުރާ މިންވަރު ދަނީ މައްޗަށް (ފޮޓޯ/އެމްޕީއެލް)

ތެޔޮ ގަތުމަށާއި މުދާ އެތެރެކުރަން ކުރާ ހަރަދު ބޮޑުވަމުން ދިއުމުގެ ނޭދެވޭ އަސަރު ދައުލަތުގެ ރިޒާވަށް ކުރިމަތިވެ، ހީނަރުކަން ދައްކައިދެ އެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި:

  • ޑިސެމްބަރު 2021 ގައި ރިޒާވުގައި ހުރީ 805.8 މިލިއަން ޑޮލަރު

  • ނޮވެމްބަރު 2022 ގައި ރިޒާވުގައި ހުރި ފައިސާގެ އަދަދު 604.2 މިލިއަން ޑޮލަރަށް ދަށްވި

  • ކުރު މުއްދަތުގެ ދަރަނީގެ އަދަދު - 385.2 މިލިއަން ޑޮލަރު

  • ޔޫޒަބަލް ރިޒާވް - 219 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ)

ތެޔޮ ހަރަދު ކުޑަކުރަން ސޯލާ ޕެނަލްއާ ދިމާއަށް

ރާއްޖެއިން ތެލަށް ކުރާ ހޭދައިން އަހަރަކު 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ސަލާމަތްކުރުމަށް، ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ގާއިމުކުރުމުގެ މަޝްރޫއެއް ސަރުކާރުން ޑިސެމްބަރު މަހު ވަނީ ފަށައިފަ އެވެ. އެ މަޝްރޫއު ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ.

މަޝްރޫއުގެ ހުލާސާ:

  • ދުވާލަކު 5 މެގަވޮޓުގެ ހަކަތަ އުފައްދާނެ

  • އަހަރެއްގެ މައްޗަށް 7.3 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ

  • ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއަށް ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.09 ސެންޓު (1.681ރ.)

  • ތެލަށް ކުރާ ހޭދައިން 15 އާއި 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކޮންމެ އަހަރަކު ސަލާމަތް ކުރެވޭނެ

އާ އަހަރަށް އެމްއެމްއޭ އާއި ބޭރުގެ ފަރާތްތަކުން ދޭ އުންމީދު

ކޮވިޑުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން %154އަށް ދަރަނި އެރުމަށް ފަހު ދަރަނީގެ ނިސްބަތް މިހާރު އެއަަށް ވުރެ ކުޑަ އެވެ. އެހެންވިޔަސް، އަދިވެސް ރާއްޖޭގެ ދަރަނި ވަރަށް ބޮޑު ކަމަށާއި މެދު ރާސްތާގައި ވެސް ދަރަނީގެ މިންވަރު ހުންްނާނީ ވަރަށް މަތީގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވަނީ ފާހަގަކޮށްފަ އެވެ. އައިއެމްއެފްއިން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކަކީ:

  • ބޭރުން ހޯދަން ޖެހޭ ފައިސާގެ މިންވަރު އިތުރުވުމުން މިހާރު ވެސް މަދުވެފައިވާ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ބުރަ ބޮޑުވުން

  • ދަރަނި ދައްކަން ފައިސާ ހޯދުން ނުވަތަ ދަރަނި ފަސްކުރަން ކުރިމަތިވާ ގޮންޖެހުން ބޮޑުވުން

  • ޑޮލަރު ލިބުމުގެ ދަތިކަމާއި ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްތައް ކުރާ މިންވަރު އިތުރުވުން

  • ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދުތައް ދަށަށް ދިއުން

  • ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިއުން

  • ދުނިޔޭގެ މާލީ ބާޒާރުން ފައިސާ ލިބުން ދަތިވުން އަދި އަގުބޮޑުވުން

މި އަހަރާއި އަންނަ އަހަރަށް އެމްއެމްއޭ އާއި ބޭރުގެ މާލީ އިދާރާތަކުން ޖަހާފައިވާ ހިސާބުތަކާއި ލަފާކުރާ ގޮތް ކޮންމެވެސް ވަރަކަށް ތަފާތު ނަމަވެސް، ދެކޮޅުން ވެސް ބުނަނީ އުންމީދު އެބަ އޮތް ކަމަށެވެ. އެގޮތުން:

  • 2022ގައި އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރާ މިންވަރު - (އެމްއެމްއޭއިން: %12.3، ވޯލްޑް ބޭންކުން: %12.4، އައިއެމްއެފްއިން: %10.5)

  • 2023 ގައި އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރާ މިންވަރު - (އެމްއެމްއޭއިން: %7.6، ވޯލްޑް ބޭންކުން: %8.2، އައިއެމްއެފްއިން: %6.6)

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: އެމްއެމްއޭއިން ދެކެނީ 2023 ގައި ވެސް އިގުތިސާދު ކުރިއަށް ދާނެ ކަމަށް (ދައުރު ފޮޓޯ)

އާ އަހަރު ފެށުމާ އެކު ޖީއެސްޓީ ރޭޓު %6 އިން %8އަށް އަދި ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް އައިއެމްއެފް އާއި ވޯލްޑް ބޭންކުން ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ. އެއީ އެ ދެ އިދާރާތަކުން ލަފާ ވެސް ދީފައިވާ ގޮތެވެ.

އައިއެމްއެފްއިން އިސްލާޙީ ފިޔަވަޅުތަކުގެ ގޮތުގައި އަޅަން ރާއްޖެއަށް ގޮވާލި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ދައުލަތުގެ ހަރަދު، ހާއްސަކޮށް ކޮންމެހެން ބޭނުން ނޫން ބޮޑެތި މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ކުޑަކުރުން ނުވަތަ ފަސްކުރުން

  • ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުން

  • ދަރަނި މެނޭޖުކުރުން ހަރުދަނާކޮށް، ވަރަށް ވިސްނުންތެރިކަމާ އެކު އެކަން ކުރުން

  • އާންމުކޮށް އެންމެންނަށް ސަބްސިޑީ ދިނުން ހުއްޓާލައި ހައްގުވާ ފަރާތްތަކަށް އެކަނި އެ އެހީތެރިކަން ފޯރުކޮށްދިނުން

އިދިކޮޅަށް މަސައްކަތް ކުރާނެ މާ ބޮޑު ފުރުސަތެއް ނެތް

ދައުލަތުން ދަރަންޏަށް ނަގާ ފައިސާ ނުވަތަ ދައުލަތް ޒިންމާވާ ގޮތަށް ގެރެންޓީ ދޫކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭ ގޮތަށް، އިދިކޮޅު ކޯލިޝަނުން މާލިއްޔަތު ގާނޫނަށް އިސްލާހު ގެންނަން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެ މަސައްކަތް ހުއްޓުނީ މަޖިލީހުން އެ އިސްލާހު ބޭރުކޮށްލި ހިސާބުންނެވެ.

ފައިސާ ޗާޕުކުރުން ނުވަތަ ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯ ކުރުން ނިމުމަކަށް ގެނައުމަށް އިދިކޮޅުން ކުރި މަސައްކަތް ވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ. މަޖިލީހުގައި އިދިކޮޅު މެމްބަރުން އެ މަސައްކަތް ފެށީ ދަރަނި ބޮޑުވުމުގެ މައްސަލަ ތިލަވެ، 2023 ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ޖޭޕީ މޯގަންއިން ވެސް ބުނެފައިވަނިކޮށެވެ.

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ފައިސާ ޗާޕު ކުރަން ސަރުކާރަށް ދީފައި އޮތް ހުއްދަ ނިމުމަކަށް ގެނައުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ، އޯވާޑްރޯގެ ހާލަތު އޮތުމުން ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނީޓަކުރުމުގެ ފުރުސަތު ތިން ވަނަ ފަރާތަކަށް ނުލިބުމުގެ ކަންބޮޑުވުމެވެ. އަދި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެގެންދާ ކަމާއި އެ ހާލަތު އޮތުމުން އިގްތިސާދަށް ނުރައްކާ ކުރިމަތިވާ ފަދަ ކަންކަން ކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. ނަމަވެސް އެ ގަރާރު ވެސް މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.

ފިޔަވަޅުތަކާ މެދު ސަރުކާރުގެ ޔަގީންކަން ބޮޑު

ދައުލަތުގެ ދަރަނި ބޮޑުވެފައިވާ މިންވަރު އެންމެ  ފުރަތަމަ ހިލުވައިލި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމްޑީޕީ ޕީޖީ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނުރައްކާ މިންވަރަކަށް ދައުލަތުގެ ރިޒާވު ދަށަށް ހިނގައިދާނެކަމުގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ. އަދި އެކަމުން ސަލާމަތްވުމަށް، އެމަނިކުފާނު އޭގެ ކުރިން ވެސް ދެއްކެވި، ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ވާހަކަ ތަކުރާރު ކުރެއްވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ސަރުކާރުގެ ފަރާތުން ރައްދު ދެއްވައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރީސްޓްރަކްޗާ ކުރަން ޖެހޭ ދަރަންޏެއް ނުވެސް ނެތް ކަމަށެވެ. ރީސްޓްރަކްޗާ ކުރަން މި ސަރުކާރަށް ފެނުނު ދަރަނިތައް އޭގެ މާ ކުރިން ރީސްޓްރަކްޗާ ކޮށްފައިވާކަން ފާހަގަކުރައްވައި ރާއްޖޭގައި ދަރަނި ނުދެއްކޭވަރުގެ ގޯސް ހާލަތެއް، އެއް ގޮތަކަށް ވެސް ނެތް ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

31 އޮކްޓޯބަރު 2022: ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު 2023 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަނީ (ފޮޓޯ/ މަޖިލިސް)

އިންފްލޭޝަންގެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެކަމުގެ ތަކުލީފު ކުޑަކުރަން ސަރުކާރުން ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ. މިނިސްޓަރު ދެއްވި ސަބަބަކީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު ކުޑަކުރަން ކަމެއް ކުރާވަރަށް ފައިސާ ނެތުމެވެ.

ފައްޔާޒުގެ ވިސްނުމުގައި ދަރަންޏަށް ފައިސާ ނަގައިގެން މަޝްރޫއުތައް ހިންގުމަކީ މައްސަލައެއް ނޫނެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވެން އޮތް ގޮތަކީ އެއީ އެވެ.

އިތުރަށް ކިޔާލަން

ދަރަނީގެ ކަންކަމާ ގުޅޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް މި ސަރުކާރުން ގޮންޖެހިތަން، އަހަރުގެ އެކި ހިސާބުތަކުގައި ފެނުނެވެ. އަންނަ އަހަރު ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ވޯލްޑް ބޭންކާއި އައިއެމްއެފްއިން ތާއީދުކުރިކަން ބަލައިގަތް ނަމަވެސް، އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވިއިރު މިނިސްޓަރު އަމީރު ވިދާޅުވީ، 2023 ގައި މުޅި ދުނިޔޭގެ އިގްތިސާދާ މެދު އައިއެމްއެފްއިން ދެކެނީ މާ ބަނަކޮށް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ވާހަކައަކީ ތަފާތު ވާހަކައެއް ކަމަށް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކަ އެވެ. ދަރަންޏަށް ފަރުވާކުރަން ގެންގުޅޭ ބޭހަކީ، ކޮވިޑަށް ފަހު ފުޅާވަމުން އަންނަ ރާއްޖޭގެ ފަތުރުވެރިކަމާއި އެ ސިނާއަތުން ލިބޭ އާމްދަނީ އެވެ.

ކޮވިޑްގެ ފަހުން ޗައިނާ މާކެޓު މުޅިން ބަންދުވެ އަދި ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ޔޫކްރެއިން ފަދަ، މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި 10 މާކެޓުގެ ތެރޭގައި ހިމެނޭ މުހިންމު ގައުމުތަކުން ފަތުރުވެރިން އަންނަ މިންވަރު މަދުވި އެވެ. ނަމަވެސް، އެހެން ދިމަދިމާލުން މާކެޓު ހޯދައިގެން، މި އަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެވުނެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ފެށޭ އާ އަހަރަށް ކަނޑައަޅާފައި އޮތީ ދެ މިލިއަން ފަތުރުވެރިން ހަމަކުރުމުގެ އަމާޒެވެ. އެކަމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޗައިނާ އެވެ. ކޮވިޑް-19ގެ ބަންދު ޗައިނާއިން އުވާލުމާ އެކު ޗައިނާގެ އެތައް ލައްކަ ބަޔަކު މިހާރު ވަނީ ބޭރަށް ދަތުރުކުރަން ބުކިން ހަދަން ފަށައިފަ އެވެ.

ކޮމެންޓް (1)

ހުސެން ސައީދު

30 ޑިސެމްބަރު 2022
ނޫނޭ އަދި އޮތީ ކަންތަށް، އެއްގޮތަކަށްވެސް ހީނުކުރޭ އަހަރު ބަދަލް ވުމަކީ ޖާދުލުން ހާލަތު ބަދަލްވާނެ ކަމެއްކަމަށް،
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް