އިއްޔެ ބޭއްވި އމާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒް ވާހަކަ ދައްކަވަނީ: އަދިވެސް ލޯނު ނަގަން ޖެހޭ ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އިންފްލޭޝަންގެ ތަކުލީފު ކުޑަކުރަން ސަރުކާރަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް: ފައްޔާޒު

އިގްތިސާދާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކާ ކަމަށް ވިދާޅުވެ އެކަމާ މިނިސްޓަރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވި

އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް މި ދަނޑިވަޅުގައި ބޮޑުވަމުން ދިޔަ ނަމަވެސް އެއީ ސަރުކާރުގެ ބާރުގައި އޮތް ކަމެއް ނޫން ކަމަށާއި އެކަމުގެ ތަކުލީފު ރައްޔިތުންނަށް ކުޑަކޮށްދޭން ސަރުކާރަށް ކޮށްދެވޭނެ މާ ބޮޑު ކަންތައްތަކެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ތަފްސީލް - އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ރާއްޖޭގެ އިގްތިސާދުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއީ އިގްތިސާދަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ އަނެއްކާ ވެސް ކުރިމަތިވެފައިވާ ހާލަތެއް ކަމަށެވެ. އަދި އެއީ ސަރުކާރަށް ބާރު ނުފޯރާ ސަބަބުތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ޔޫކްރޭން ރަޝީޔާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާ އެކު ތަކެތީގެ އަގުތައް ބޮޑުވުން ނުވަތަ އިންފްލޭޝަންގެ ޕްރެޝަރާ ރާއްޖެއަށް ވެސް ކުރިމަތިވެފައިވޭ

  • ތަކެތީގެ އަގުތައް މަޑުމަޑުން ރާއްޖޭގައި ވެސް ބޮޑުވާން ފަށައިފި 

  • ހުރިހާ މުދަލެއްގެ އަގު ރާއްޖޭގައި ވެސް ބޮޑުވާނެ

ނަމަވެސް އެކަމުގެ ތަކުލީފް ރައްޔިތުންނަށް ކުޑަކުރަން މިވަގުތު ސަރުކާރަށް ކޮށްދެވޭނޭ މާ ބޮޑެތި ކަންތައްތަކެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މިވަގުތު ރާއްޖޭގެ ދަރަނި ބޮޑުވެފައި ވުމުން ތަކެތީގެ އަގު ހެޔޮ ކުރުން ފަދަ ކަންކަމަށް ބޭނުންވާ ފައިސާ މިވަގުތު ނުލިބުމެވެ.

ބާޒާރުމަތީ ވިއްކަން ބަހައްޓާފައި ހުރި ތަރުކާރީ އާއި މޭވާ: ރާއްޖޭގެ ބާޒާރުގައި ވެސް ތަކެތިގެ އަގުތައް އަންނަނީ ބޮޑުވަމުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"މާ ބޮޑެތި ކަންތައްތަކެއް އޭގެ ޒާތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް ނޫން އެއީ. ކެރިފޯރުންތެރިކަން ހުރި މިންވަރުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް އޭގެ ތަކުލީފް ކުޑަކުރަން ކަންތައްތަކެއް ފަހަރުގައި ކުރެވިދާނެ، ފައިސާ ހުރި ކަމަށް ވަންޏާ. އެކަމަކު އަޅުގަނޑުމެން މިއަދު މިތިބީ ދަރަނި ބޮޑުވެގެން. އެހެން ކަމަށްވާއިރު އެ ޕްރެޝާ ރައްޔިތުންނަށް ކުޑަކުރަން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.

'އެންމެ ބޮޑު ގޮންޖެހުމަކީ ހަގީގަތާ ހިލާފު ވާހަކަ'

ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރީ ރަނގަޅު ދިމާލަކަށް ކަމަށެވެ. އޭގެ ހެކި ދައްކަވަމުން އޭނާ ވިދާޅުވި ރަޝިޔާ ޔޫކްރެއިން އަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ %20 ކަމަށްވީ ނަމަވެސް އެ މާކެޓް ގެއްލި އަދި ޗައިނާއިން އެންމެ ޓޫރިސްޓެއް ނާންނަ އިރުވެސް މޭ މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން އައި މަސް ކަމަށެވެ. އަދި ކޮވިޑްގެ ކުރިއާ އަޅާ ބަލާއިރު މިހާރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުން މަދުވަނީ 42،000 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ބަޔަކު ނިކުމެ ދެ މިނެޓުން އެއް މިނެޓް ލޯނު ނުދެއްކެނިއްޔާ ޑިސްޓްރެސްއޭ ކިޔައި، އެ ވާހަކަ ދެއްކީމާ އޭގެ އަސަރު އެބަކުރޭ. މިއީ އަޅުގަނޑު ދެކޭ އެންމެ ބޮޑު ގޮންޖެހުން މިވަގުތަށް

ފައްޔާޒު އިސްމާއިލް، އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ ޓޫރިޒަމް ރަނގަޅުވެފައި ހުރުމަކީ މި ދަނޑިވަޅުގައި ވެސް ރާއްޖެއަށް އޮތް އެންމެ ބޮޑު ނަސީބު ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ރަނގަޅު ނިންމުންތައް ސަރުކާރަށް ނިންމިފައި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެރައިވަލްވެސް އެ ހުރީ ރަނގަޅަށް. ޓޫރިޒަމް ރަނގަޅަށް ވަރުގަދަކޮށް އެހުރީ... އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ އިގްތިސާދު މި ހުރީ ރަނގަޅު މިސްރާބަކަށޭ ގޮންޖެހުންތަކާ އެކުވެސް،" ފައްޔާޒު ވިދާޅުވި އެވެ.

މިވަގުތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސާދާ މެދު އެއްވެސް އަސާސެއް ނެތް ވާހަކަތައް އެކި ފަރާތްތަކުން ދައްކާތީ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރަނި ނުދެއްކި ރާއްޖެ ޑީފޯލްޓް ހާލަތަކަށް ގޮސްދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅިގެން އޭގެ އަސަރު ރާއްޖެއަށް ކުރާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ނަމްބަރުތަކަށް ބަލާއިރު އެ ހާލަތު ރާއްޖޭގައި ނެތްކަން ސާފުވެ އެވެ. އެހެން ނަމަވެސް ހަގީގަތާ ހިލާފު ވާހަކަތަކުން އިންވެސްޓަރުން ރާއްޖެއާ ފެއަށް ޖެހެމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު ޕާކިން ޒޯންގައި މީހަކު މަޑުކޮށްލައިގެން ހުރި އިރު، ކުރިމަތީގައި އޮތް ތެޔޮ ރައްކާ ކުރާ ތެޔޮ ފުނަދޫ ޖެޓީގައި ބޮޑު ތެޔޮ ބޯޓެއް: ތެލުގެ އަގު ރާއްޖޭގައި ވެސް އަންނަނީ ބޮޑުވަމުން(ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"ބަޔަކު ނިކުމެ ދެ މިނެޓުން އެއް މިނެޓް ލޯނު ނުދެއްކެނިއްޔާ ޑިސްޓްރެސްއޭ ކިޔައި، އެ ވާހަކަ ދެއްކީމާ އޭގެ އަސަރު އެބަކުރޭ. މިއީ އަޅުގަނޑު ދެކޭ އެންމެ ބޮޑު ގޮންޖެހުން މިވަގުތަށް،" ފައްޔާޒު ވިދާޅުވި އެވެ.

'ދަރަނި ހުންނަނީ ނަގަން؛ އަދިވެސް ނަގަންވީ'

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ވަޒީފާތައް ނުގެއްލި ވިޔަފާރިތައް އެކީ ހަލާކުނުވެ ސަލާމަތްވީ ދަރަނި ނަގައިގެން އެހީގެ ގޮތުގައި އެ ފައިސާ ވިޔަފާރިތަކަށް ދެވުމުން ކަމަށެވެ. އެވަގުތު އިގްތިސާދަށް އެހީ ނުދެވުނު ނަމަ ރާއްޖޭގެ އިގްތިސާދު އެކީ ހަލާކުވެ 20 އަހަރެއްހާ ދުވަސް ވަންދެން ރައްޔިތުން އުޅޭނީ ވަރަށް ހާލުގައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން މިދިޔަ އަހަރު %13ގައި ހިފެހެއްޓި އަދި މިއަހަރު %7.9ގައި ރާއްޖޭގެ އިގްތިސާދު ކުރިއަރަނީ ލޯނު ނަގައިގެން ވިޔަފާރިތަކަށް އެހީތެރިކަން ދެވުނީމަ އެވެ.

ފައްޔާޒު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑްގެ ތެރޭގައި ސަރުކާރުން ނެގި ދަރަނި އަދިވެސް ކުޑައީ އެވެ. ފިނޭންސް މިނިސްޓަރާ ވެސް އަދި އެމްއެމްއޭގެ ގަވަރުނަރާ ވެސް އެކަމުގައި ހިޔާލުތަފާތުވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރާއްޖެއަށް ދަރަނި ދެއްކޭނޭ ގާބިލްކަން އެބަހުރި ކަމަށެވެ. އަދި ދަރަންޏަކީ ނަގަން ހުންނަ އެއްޗެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ދަރަނި ނަގައިގެން ރައްޔިތުންނަށް ކަންކަންކޮށްދޭންވީ ކަމަށެވެ. އަދި އޭނާގެ ވިސްނުމަކީ އަދިވެސް އިތުރަށް ދަރަންޏަށް ފައިސާ ނަގައިގެން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އެންމެން އެކުގައި މަސައްކަތްކޮށް ހާލަތުން އަރައިގަތުން މުހިންމު ކަމަށް ވިދާޅުވި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"އަދިވެސް ދަރަނިވެސް ނަގަންވީ. އަދިވެސް ނަގަންވީ. ދަރަނި ނެގޭވަރު އެބަހުރި އަޅުގަނޑުމެން ގައިގާ. އޭގެއިން އިކޮނޮމިކް ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން އިންވެސްޓް ކުރަންވީ. ފައިސާ ހޯދައިގެން ނުހެދި އެހުރި ރިސޯޓްތަކަށް އިންވެސްޓް ކުރަން މި އަންނަނީ ވަކާލާތު ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އެކަން ކުރަންވާނީ ސަމާލުވެގެން. އެކަމަކު، ދަނަރި ނުނަގާ ޕްރޮޖެކްޓް ހުއްޓާލާ ވާހަކައެއީ އަޅުގަނޑު ތާއީދު ކުރާ ވާހަކައެއް ނޫން. ވިސްނުންތެރިކަމާ އެކު ކުރިއަށް ދެވޭނެ. އެގޮތަށް މިދަނީ."

އޭނާ ވިދާޅުވީ އެއާޕޯޓް ޓާމިނަލް ހުޅުވެންވާއިރަށް ގިނަ ރިސޯޓްތައް ހުޅުވެން ޖެހެ އެވެ. އެހެން ނުވެއްޖެ ނަމަ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވުރެ އެނދުގެ އަދަދު މަދުވެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވާނެ އެވެ. އަދި އެއާޕޯޓްގެ އާ ޓާމިނަލާ ރަންވޭ އެއްކޮށް ހުޅުވެންވާއިރަށް ގިނަ ފްލައިޓްތަކަކުން ވެސް ޖާގައަށް އެދެމުން އަންކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންވެ، ލޯނު ނަގައިގެން ޓޫރިޒަމް އިންވެސްޓްމަންޓްތައް ހިންގަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު އެދިވަޑައިގަތީ އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރަށް ލަފަޔާ އެހީތެރިކަން ދީގެން އެކުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދުމަށެވެ. އޭރުން މިހާރު މިހިރަ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ޢަލީބެ

14 ޖޫން 2022
ފައްޔާޒު ތިމަގާމު ހުރުމުގެ ބޭނުމެއްދެން ކޮބާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް