'ދައުރު' ސީދާ ޕޮޑްކާސްޓްގައި ތިމާވެށި އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ)
ކަންފަތުގައި އަތް އެޅިޔަސް، ލޯ މެރިޔަސް، މި ވާހަކަ ދައްކާނެ
މުހިންމު ނުކުތާތައް
ހުމެއިދާ ވިދާޅުވާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން ތަރައްގީ ދެކޭ ގޮތް މިހާރު ބަދަލުވެއްޖެ
ދައުލަތުގެ ބަޖެޓަކީ އަމިއްލަ ގޭގެ ހައުސްކީޕިން ބަޖެޓް ގޮތަށް ވެގެން ނުވާނެ
ރަށްރަށާއި ފަޅާއި ފަރުތަކަކީ ދިރިހުރި އެއްޗެއް، އެއަށް ގެއްލުން ދިނުމަކީ ދިރުން މަރާލުން
އެ އަޑުތައް އުފުލަނީ ރައްޔިތުންނަށްޓަކަ އެވެ. މި ގައުމުގެ މިހާރާއި ކުރިމަގުގެ ހިމާޔަތުގަ އެވެ. އެ ވާހަކަ ދައްކައިގެން ތިމާއަށް ލިބޭ މާލީ ފައިދާއެއް ނެތެވެ. ގިނަ ފަހަރަށް ތިމާ ވަނީ ސިޔާސީ މީހުންގެ ދުޝްމަނަކަށެވެ. އާންމުންގެ މެދުގައި މަގުބޫލުކަމެއް ނެތް، 'ހުސް އަނގަތަޅާ' މީހަކަށެވެ.
ނަމަވެސް ހުމެއިދާ އަބްދުލްޣަފޫރު (ހުމޭ) އެ އިއްވާ އަޑުތަކުގައި ހުރީ، ވިސްނައިފި މީހަކަށް އިބުރަތުގެ ފިލާވަޅުތަކެކެވެ. މިހާރު ރާއްޖެއަށް ނުވަތަ އެއަށް ވުރެ ދުރަށް ބަލާ ނަމަ، މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ މައްސަލަތަކުގެ ފެށުމާއި އެ މައްސަލަތަކުން ނުނެއްޓިގެން މި އުޅެން ޖެހޭ އުޅުމުގެ ސަބަބުތަކެވެ. ގިނަ ފަހަރަށް ކޮންމެ ކަމެއް ވެސް ހަލާކުވެގެން ދަނީ ސިޔާސީ މީހުންގެ އަމިއްލަ މަސްލަހަތު އިސްކުރުމުން ކަމަށް، ދުނިޔެ ދައްކާ ހަގީގަތެވެ.
ހުމެއިދާގެ އެ އަޑުތައް ނާހަން ކަންފަތުގައި އަތް އެޅިދާނެ އެވެ. އޭނާ އެ ދައްކާ ވާހަކަތަކުގެ ހަގީގަތް، ބަލައިލި ކޮންމެ ދިމާއަކުން ފެންނާތީ ނުބަލަން، ލޯ ވެސް މަރާލެވިދާނެ އެވެ. އެކަމަކު އޭނާގެ ވާހަކަތަކަށް ހުއްޓުމެއް ނެތެވެ.
ކުރުކޮށް ބުނާ ނަމަ ހުމެއިދާ އަޑު އިއްވަވަމުން ގެންދަވަނީ ރައްޔިތުންނަށްޓަކަ އެވެ. ރާއްޖޭގައި އުޅެ ބޮޑުވެ، ކިޔަވާ ވިދާޅުވެ، އޭގެ ފަހުން ދިގު މުއްދަތެއް ޔޫރަޕްގައި ހޭދަކުރެއްވި އެވެ. އެކަމަކު އޭނާގެ ހަނދާނުން ދުވަހަކު ވެސް ފޮހެވިގެންނުދާނީ ދިވެހިން ދިރިއުޅެމުން އައި ސާދާ ގޮތާއި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި މާހައުލުގެ ނާޒުކުކަމެވެ. އޭނާ ހިމާޔަތްކުރައްވަން ބޭނުންވަނީ އެކަންކަމެވެ.
ދުނިޔެ ގަބޫލުކުރާ ގޮތް ބަދަލުވެއްޖެ
އަޑު އިވިއްޖެ ހެއްޔެވެ؟ ދިވެއްސަކު ދިވެހިންނަށްޓަކައި އެ ދައްކަވަނީ، މި ރާއްޖޭގައި ދިރިއުޅޭ ހަމަ ކޮންމެ މީހެއްގެ ދިރިއުޅުމާ ގުޅިފައި ހުރި، އެކަމަކު އަހަރެމެން އެންމެން ނުދެނެހުރި ކަމަކަށް ހަދައިގެން މި ތިބޭ މައްސަލަތަކުގެ ވާހަކަ އެވެ. ތަރައްގީއަށްޓަކައި ރަށްރަށުގެ ފަޅުތައް، ފަރުތައް، މޫދު މިދަނީ ގުރުބާންކުރަމުންނެވެ. ގުދުރަތީ ދިރުންތައް ނެތޭ އެތައް ކަމެއް މިދަނީ ކުރަމުންނެވެ. އޭގެ ފަހަތުގައި އޮތީ، ތަރައްގީ އެވެ. ނުވަތަ 'ތަރައްގީގެ ނަމެ'ވެ.
"އަޅުގަނޑުމެންނަށް ތަރައްގީކަމަށް ގަބޫލުކުރެވިފައި މި އޮތް އެއްޗަކީ، މި ޒަމާނުގައި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ތަރައްގީކަމަށް ބެލެވެން އޮތް ހެނެއް،" ހުމެއިދާ ވިދާޅުވި އެވެ.
އެހެން ވިދާޅުވެފައި އާންމުން ދުނިޔޭގެ އެހެން ދިމަދިމާލަށް ނަޒަރު ހިންގައިގެން ދައްކާ ވާހަކަތަކަށް ވެސް އޭނާ ވަޑައިގަތެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން، އެ ތަރައްގީގައި ތިމާވެށީގެ އެތައް ކަމެއް ގުރުބާންކޮށްފައި ހުރި ވާހަކަތަކެވެ. އެހެންކަމުން އަހަރެމެން ވެސް އެ ތަރައްގީ ހޯދަން އެ ގުރުބާނީ ވާން ޖެހޭ ކަމަށް، ރައްޔިތުންނަށް ވިސްނިފައި އޮވެދާނެ އެވެ. އެކަމަކު އޭރު ކުރެވުނީ ކުށެއް ކަމަށް މިއަދު އެހެން ގައުމުތަކުން އެބަ ގަބޫލުކުރެ އެވެ.
އަމިއްލަ ގޭގެ ހައުސްކީޕިން ބަޖެޓް ގެންގުޅޭ ހެން ނުގެންގުޅެވޭނެ އިނގޭތޯ ދައުލަތުގެ ބަޖެޓެއް.
"ތަރައްގީއަށްޓަކައި ތިމާވެށި ހަލާކުުކުރުން 'އެއް ޒަމާނެއްގައި އެހެން ގައުމުތަކުގައި އޮތަސް، އެއީ [ގޯހެއްކަން] ފަހުމްވެގެން އެއީ [އަސްލު ތަރައްގީ ނޫންކަން] ދެނެގަނެގެން އެމީހުންގެ ގުދުރަތީ ވެށި އަލުން އިއާދަކުރަން ވެސް އެބަ މަސައްކަތްކުރޭ،" ހުމެއިދާ ވިދާޅުވި އެވެ.
ދިވެހި އާންމުންގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ސަރުކާރަކުން ގަބޫލެއް ނުކުރެ އެވެ. ސިޔާސީ ވެރިން ގަބޫލެއްނުކުރެ އެވެ. އެހެންކަމުން އެމްޓީސީސީ ކަހަލަ ސަރުކާރުގެ ކުންފުނިތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބަނދަރު ހަދައި، ބޮޑު ހިލަ ޖެހުމާއި ބިން ހިއްކުމާއި އެއާޕޯޓްތައް ހަދަން ސަރުކާރުން ކުރާ ހޭދައިންނެވެ.
ސަރުކާރުތަކުން އެ ހިންގާ ތަރައްގީގެ މަޝްރޫއުތައް ރާވާ ގޮތާއި ތަންފީޒުކުރާ ގޮތް، ހުމެއިދާ ކަހަލަ، ސޭވް މޯލްޑިވްސް ކެމްޕެއިންގެ ވޮލަންޓިއަރުންނަކަށް ކަމަކުނުދެ އެވެ. ކޮންމެ ރަށެއް، ކޮންމެ ފަޅެއް، ކޮންމެ ފަރެއް ހަލާކުރުމުގެ އެއްވެސް ބޭނުމެއް ނުވިސްނެ އެވެ. ރައްޔިތުންތަކެއް ހަމަ ބުނެލާ އިރަށް، ތިމާވެށި ގުރުބާންވެގެން ނުވާނެ އެވެ.
ބައެއް ކަންކަން ގޯހުން ގޯހަށް ދާތީ ޝަރުއީ މަރުހަލާއިން ހައްލެއް ލިބޭތޯ ވެސް، އެ ވޮލަންޓިއަރުން މަސައްކަތްކުރެ އެވެ. މި ސަރުކާރުން ގުޅިފަޅު ހިއްކައިގެން މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކުރަން ހިންގާ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ހުމެއިދާ ހުށައެޅުއްވި މައްސަލައަކީ އޭގެ މިސާލެކެވެ. މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށައެޅުއްވި އެ މައްސަލައާ މެދު ސަރުކާރުން ހަމަ ޔަގީނުން ވެސް ހިތްހަމައެއް ނުޖެހޭނެ އެވެ.
އެކަމަކު ހުމެއިދާ ދެކެވަޑައިގަންނަވާ ގޮތް ތަފާތެވެ. ރާއްޖޭގެ ފަރުތަކަކީ، ފަޅުތަކަކީ، ރަށްރަށަކީ ދިރިހުރި އެއްޗިއްސެވެ.
"ކަނޑުފަޅުތަކާއި ފަރުތަކުގެ ނިޒާމާއި އެހެން ހުރިހާ މާހައުލީ ނިޒާމުތައް މިއީ އަޅުގަނޑުމެންގެ މުއްސަނދިކަން. ގުދުރަތީ [އެ] މުއްސަނދިކަން ބަލަން ވެގެން ޓޫރިސްޓުން ރާއްޖެ އަންނަނީ. އެމީހުން އައިސްގެން އަޅުގަނޑުމެންނަށް ލިބޭ މާލީ މަންފާ ހޯދެނީ،" ހުމެއިދާ ވިދާޅުވި އެވެ.
"ދެން އޮތީ މަސްވެރިކަން. މަސްވެރިކަމުގެ ސިނާއަތު ބަރޯސާ ވަނީ ވެސް ވެށީގެ ދުޅަހެޔޮކަމަށް. އެހެންވެ ތަރައްގީއަކީ އެ ނައްތާލުން ކަމަށް ގަބޫލުކޮށްފިއްޔާ އަޅުގަނޑަކަށް ހިއެއްނުވޭ އެއީ ދެކޮޅުޖެހޭ ވާހަކައެއް ހެންނެއް."
ކަނޑުގެ ދިރުންތަކާއި ރީތިކަން އެކުލެވޭ 'ކިކި ރީފް' އޮންނަނީ ގުޅިފަޅު ސަރަހައްދުގަ އެވެ. އެއީ 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ތަނެއް ވެސް މެ އެވެ. އެކަމަކު ބޮޑު ހޭދައެއްކޮށްގެން އެ ފަޅު ހިއްކުމުން، އެ ރީތިކަމާއި އެ ދިރުންތައް ނެތިދިއުމުގެ ބިރު އެބަ އޮތެވެ. މައްސަލައަކީ އާންމުންނަށް އެކަން ނޭނގުމެވެ. އާންމުންގެ ގިނަ މީހުންގެ ލޮލަށް އެ ރީތިކަން ނުފެންނާތީ، އެއީ އޮތް ތަނެއްކަން ނުދެނެހުއްޓެވެ. އެ މައުލޫމާތު އާންމުންނަކަށް ސަރުކާރުން ނު ވެސް ދެ އެވެ. މަޝްރޫއު އިއުލާންކޮށް، އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ އެއްބަސްވުމުގައި ސޮއިކޮށްލަނީ އެވެ.
"މާލެ ސަރަހައްދުގައި ރާއްޖޭގެ ވަރަށް ބޮޑު އާބާދީއެއް އުޅޭ އިރު ކިތައް މީހުންނަށް ގުޅީފަޅު [މަޝްރޫއު] ލިބޭ ގެއްލުމުގެ މައުލޫމާތު އެނގޭނީ؟ ސަރުކާރުން ހިންގި ޕްރޮސެސްގައި ކިތައް މީހުންނާ ބައްދަލުކުރެއްވީ، މައުލޫމާތު ދެވިފައި ހުރީ؟" ހުމެއިދާ ސުވާލުކުރެއްވި އެވެ.
މިވާ ގޮތް ކިތައްމެހާ ވެސް ދެރަ
'ތަރައްގީ'އޭ ބުނެފި ނަމަ އާންމު މީހާ ތިމާވެށީގެ ވާހަކަ އަޑުއަހާނެ ހެއްޔެވެ؟ ރަށުގެ ކުޅި ނައްތާލައި، ގަސްތައް ކަނޑައި އަދި ފަޅު ހިއްކައިގެން އެއާޕޯޓް ހަދާ އިރު ރަށުގެ ރައްޔިތުން ތިބެނީ އުފަލުންނެވެ. އެއާ ދެކޮޅަށް ވާހަކަ ދައްކާ މީހާ ވަނީ މޮޔައަކަށެވެ. ތަރައްގީއަށް ހުރަސްއަޅާ މީހަކަށެވެ.
'ދައުރު'ގެ 'ސީދާ' ޕޮޑްކާސްޓްގައި، ހުމެއިދާއާ ސުވާލުކުރަމުން، އަޅުގަނޑު މިސާލެއް ނެގީ އުފަން ރަށް ހއ. ދިއްދޫންނެވެ. އަޅުގަނޑާއި ދިއްދުއާ، ދިރިއުޅުމުގެ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކު ދިއްދޫ ހުޅަނގު ފަރާތުގައި އޮންނަ ބޮޑު ފަޅަކީ، ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތަކާ ގުޅިފައި އޮތް ގުދުރަތީ ރީތިކަމެވެ. އިންސާނެއްގެ ރީތިކަން ބިނާވަނީ މޫނަށް ކަމަށް ވާ ނަމަ އެއީ ދިއްދޫގެ ރީތި މޫނެވެ. ނަމަވެސް މިއަދު ދިއްދޫ ގިނަ ބަޔަކު ބޭނުންވަނީ އެ ރީތިކަމަށް ފަސް އަޅައި، އެއާޕޯޓެއް ހަދާށެވެ. އެއާޕޯޓެއް ނުހެދިޔަސް އެ ފަޅު ހިއްކާށެވެ.
ހުމެއިދާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީން ގެންގުޅުނީ ތިމާވެއްޓާ ވަރަށް ރަހުމަތްތެރި މެނިފެސްޓޯއެކެވެ. އެ މެނިފެސްޓޯގައި އެމްޑީޕީގެ ސަރުކާރަކުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން އިސްކަންދިނެވެ.
"އެ މެނިފެސްޓޯ ކިޔާލީމާ ހިތަށް ފިނިކަން ލިބިގެންދޭ،" ހުމެއިދާ ވިދާޅުވި އެވެ.
ނަމަވެސް ކަން ވަމުން ދަނީ އެހެންނެއް ނޫނެވެ. ސަރުކާރުގެ ތަރައްގީގެ ތެރޭގައި ބޮޑަށް އޮތީ ތިމާވެށި ހަލާކުކުރުމެވެ. ބައިނަލްއަގުވާމީ ޖަލްސާތަކުގައި ތިމާވެށީގެ ހިމާޔަތުގެ ކުރީގައި އުޅޭ ގައުމެއް ކަމަށް ދެއްކިޔަސް، ގައުމުގެ އެތެރެއިން ފެންނަނީ ގުދުރަތީ ދިރުންތައް ނެތޭ ކަހަލަ މަޝްރޫއުތަކެވެ.
ގިނަ މަޝްރޫއުތައް ހިންގި ވަރަކަށް ވަކި ބަޔަކަށް ލިބޭ މާލީ މަންފާ ވެސް ބޮޑުވާނެ އެވެ. ބީލަމަށް ލައިގެން ވިޔަސް، އަދި އަޑިން ނިންމާލައިގެން ވިޔަސް، މަޝްރޫއުތަކުން ނާޖާއިޒު ފައިދާ ނެގުން ރާއްޖޭގައި މިހާރު ދަނީ ހައްދުން ނެއްޓެމުންނެވެ. ދައުލަތުގެ ސިޔާސަތު ބައެއް ފަހަރަށް އެނބުރެނީ ވަކި ބަޔަކަށް ފައިދާ ހޯދައިދޭ ގޮތްތަށެވެ.
"އެއްވެސް ހާލަތެއްގައި ސިޔާސަތު ކަނޑައެޅިގެން ނުވާނެ އަޅުގަނޑުމެންގެ ޖީބަށް ނޫނީ ތިޔަ ބޭފުޅާގެ ޖީބަށް، ނޫނީ ރަހުމަތްތެރިޔާގެ ޖީބަށް ކޮންޓްރެކްޓްސްތަކުގެ މަންފާ ލިބޭނެ ގޮތަށް އޮވެގެން،" ހުމެއިދާ ވިދާޅުވި އެވެ.
"އެގޮތަށް ހިންގާ ކަމަށް ވަންޏާ ނުދެންނެވޭނެ ދައުލަތް ހިންގަނީއެކޭ، ނޫނީ ސަރުކާރެއް ހިންގަނީއެކޭ. އަމިއްލަ ގޭގެ ހައުސްކީޕިން ބަޖެޓް ގެންގުޅޭ ހެން ނުގެންގުޅެވޭނެ އިނގޭތޯ ދައުލަތުގެ ބަޖެޓެއް."
ދައުލަތުގެ ބަޖެޓުން ތަރައްގީއަށް ކުރާ ހޭދައިގެ ބޮޑު ބައެއް ތިމާވެށީގެ ހަލާކަކަށް އެބަ ވެ އެވެ. ހުމެއިދާ ނޫނަސް، ރާއްޖެ ދެކެ ލޯބިވާ އެތައް ބަޔަކަށް އެއީ ހިތްހަލާކުވާ ކަހަލަ މަންޒަރެކެވެ. އާޓު ގެލެރީގައި މިހާރު ކުރިއަށްދާ 'ސާޗިން ފޮ ލޮސްޓް ޓައިމް'ގެ ކުރެހުންތެރިޔާ ފްރާންސްގެ ފިލިޕް ލައުރެލާއަށް ފެންނަނީ ތަރައްގީގެ ނަމުގައި ރާއްޖޭގެ ރީތި ތިމާވެށި ހަލާކުކުރާ ތަނެވެ. އޭނާއަކީ 1978 އިން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ މީހެކެވެ.
"އަޅުގަނޑު މި ގައުމަށް އައީ ރާއްޖެއަށް އޮންނަ ވަރަށް ބޮޑު ލޯތްބެއްގެ ސަބަބުން. އެކަމަކު މިހާރު މި ގައުމު ތަރައްގީވެ، ވަރަށް ބޮޑަށް ބަދަލުވެއްޖެ. އެއީ އަޅުގަނޑަށް އެހާ ކަމުދާ ބަދަލެއް ނޫން،" އުމުރުން 81 އަހަރުގެ ފިލިޕް ބުންޏެވެ.
އެ މައުރަޒަށް 'ސާޗިން ފޮ ލޮސްޓް ޓައިމް' ކިޔަން ޖެހުނީ ވެސް މިހެންވެ،" ފިލިޕް ބުންޏެވެ.
އޭނާގެ ކުރެހުންތަކަށް ހިޔާލު ހޯދި، 'ދައުރު'ގެ ލިއުންތެރިޔާ މުނާލް ޝުޖާއު ލިއުނު ގޮތުގައި، "ރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށްތަކުންނާއި ރަށުތެރޭގައި ހެދޭ ފެހި ގަސްގަހާގެއްސާއި ނޫ ކަނޑުތަކާ އަދި އޭގައިވާ މަސްމަހާމެހިންނެވެ."
އެކަމަކު އާންމު ދިވެހި މީހާ އެކަން ނުދެނެހުއްޓެވެ. މި ގައުމުގެ އުފަން، ގައުމު ދެކެ ލޯބިވާން ޖެހޭ މީހާ އެކަން ގަބޫލެއްނުކުރެ އެވެ.
"ދިވެހިރާއްޖޭގެ ދިފާއީ ނިޒާމަކީ އަޅުގަނޑުމެންގެ ފަރުފަޅުތައް. ސުނާމީ އައިސްގެން ދިވެހިރާއްޖެ ސަލާމަތްކޮށްދިނީ އަޅުގަނޑުމެންގެ ފަރުތައް،" ހުމެއިދާ ވިދާޅުވި އެވެ.
އަޑުއަހާށެވެ. އަހަން ބޭނުން ނޫނިއްޔާ ކަންފަތުގައި އަތް އަޅާށެވެ. ބަލާށެވެ. ބަލަން ބޭނުން ނޫނިއްޔާ ލޯ މަރާލާށެވެ. އެކަމަކު ހުމެއިދާ އެ ވާހަކަތައް ކުރިއަށް ގެންދަވާނެ އެވެ. އޭނާގެ އަމިއްލަ މަސްލަހަތަކަށް ނޫނެވެ.
އަޅުގަނޑުމެން އެންމެންގެ ހައްގުގަ އެވެ. ގައުމަށްޓަކަ އެވެ.
ކޮމެންޓް (1)
މިވާހަކަ