ފޯޅަވަހީގެ އަސްލު ވަޒަންވެރިން ކަމަށް ދައުވާ ކުރާ މީހުންގެ ތެރެއިން މީހެއް
ފޯޅަވައްސާއި ދިވެހިންނާ އޮތީ ކޮން ގުޅުމެއް؟
މުހިންމު ނުކުތާތައް
އައްޑޫ ދުވަސް ވީ މީހުން މިހާރު ވެސް ކުރީގެ ވާހަކަތައް ކިޔައިދޭ
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ހެކި ދޭ 16 ވަނަ ގަރުނުގެ ލިއުންތައް ވެސް އެބަ ހުރި
ފޯޅަވައްސަށް ގޮސް ދިވެހިން އެތަނުގެ ކާށި ރާއްޖެއިން ބޭރުކުރި ކަމަށް ބެލެވޭ
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރަށް ތިން ކަމެއް ހުށަހެޅުއްވި ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ؛ އޭގެ ތެރެއިން އެއް ކަމަކަށް އޮތީ، އެ މަނިކުފާނު ވިދާޅުވާ ގޮތުން، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި ބެއްލެވުމެވެ. އެކަމަށް ނަޝީދު ބާރުދެއްވީ، ސަގާފީ އަދި ތާރީހީ ހެކި ހުރި ކަމަށް ވިދާޅުވަމުންނެވެ.
ނަމަވެސް، އެކަމުގެ ހެއްކެއް ނަޝީދު ނުދައްކަވަ އެވެ. އަދި ނަޝީދު އެފަދަ މަޝްވަރާއެއް ކުރެއްވި ކަމެއް އެނގެން ނެތް ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
ވެރިކަމުގައި ކުރެއްވި ކަމަށް އެ މަނިކުފާނު ވިދާޅުވާ އެ މަޝްވަރާގެ ވާހަކަފުޅުތައް، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ނަޝީދު ތަކުރާރުކުރެއްވި އެވެ. އޭރު ވެސް އަދި މިހާރު ވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމާއި އެތަން ދޫކުރެވެން ނެތް ކަމެވެ. (ފޯޅަވައްސަކީ ޗާގޯސްގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ ކަމަށް އާންމުކޮށް ވާހަކަ ދައްކައެވެ. ނަމަވެސް ދިވެހި ރަދީފު ފޮތުގައި ފޯޅަވަހި ބޭނުންކޮށްފައި އޮންނަނީ އެއް ރަށެއްގެ ބަދަލުގައި ގިނަ ރަށްތަކެއްގެ މާނައިގަ އެވެ.)
ޗާގޮސް ރަށްތަކުގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް އަރައިރުމުގެ ތެރެއިން، ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ވިދާޅުވުމާ އެކު، އެކަމަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓުނެވެ. ދިވެހިންނާއި ފޯޅަވައްސާ އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު އުފައްދައި، އެނގެން ބޭނުންވި އެވެ.
އެކަމަކު ހަގީގަތަކީ، ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެތައް އަހަރަކަށް ދެމިގެންދާ، މި ބަހުސް ފެށުމުގެ މާ ކުރިން ވެސް، ދިވެހިން ފޯޅަވައްސާ ގާތްކަމެވެ. ރާއްޖެ އާއި ވަށައިގެންވާ އެހެން ޖަޒީރާ ގައުމުތަކުގައި މީހުން ވަޒަންވެރިވި ތާރީހަށް ބަލާ ނަމަ، ދިވެހިންނަށް ވުރެ ފޯޅަވައްސާ ގާތް ބަޔަކު ނެތެވެ. އެ ވާހަކަ އެ ޖޯޝުގައި، އެންމެ ގިނައިން ދައްކާ ބަޔަކީ، އެންމެ ކައިރީގައި އޮންނަ އައްޑޫ މީހުންނެވެ.
ހަތް އަތޮޅެއްގެ މައްޗަށް އޮންނަ، 70 ރަށް ހިމެނޭ ޗާގޯސް އަކިޕެލަގޯ ނުވަތަ އައްޑޫ ބައެއް މީހުން ބުނާ ގަޮތުން ނަމަ ފޯޅަވަހީގެ ވާހަކަ، އައްޑުއަށް އުފަން މެދު އުމުރުގެ މީހުން ފަށަނީ، އެ މީހުންގެ މާމަ ނުވަތަ ކާފަމެން ކިޔައިދޭތީ އަހާ ކަމަށް ބުނަމުންނެވެ. މާމަ އާއި ކާފަގެ ވާހަކަ ފަށަނީ އެ މީހުންގެ މައިންބަފައިން ކުޑައިރު އަޑުއަހާކަމަށް ބުނަމުންނެވެ. އެއީ އެންމެ ކުރިން ދިވެހިން ވަޒަންވެރިވެ އުޅުނު ތަނެއް ކަމާއި ބޭރު މީހުން އެ ރަށްތަކުގައި ވަޒަންވެރިވީ ދިވެހިން މަރާލާފައި ކަމަށް ބުނެ އުޅެ އެވެ. މިއީ ތުންތުން މަތިން ދެމިގެން އައިސްފައިވާ ވާހަކަތަކެކެވެ.
ނަމަވެސް ތާރީހީ ލިޔުންތަކާއިި އައްޑޫ މާލިމީންގެ ނިޔަމި ފޮތްތަކުން، ދިވެހިންނާ ފޯޅަވައްސާ ގުޅުން އޮތްކަން ޔަގީންކޮށްދެ އެވެ.
"އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ ފޯޅަވަހީގެ ވާހަކަތައް އަޑުއަހަން. އެކަމަކު އޭރު ހީކުރީ އެއީ އައްޑުއާ ޖެހިގެން ވަރަށް ކައިރީގައި އޮންނަ ރަށެއް ކަމަށް،" އުމުރުން ވަރަށް ދުވަސްވީ، މަރަދޫފޭދޫ ފިރިހެނަކު ކިޔައިދިނެވެ.
"އެހާވެސް ސާދާކޮށް، ސާފުކޮށް އެ ވާހަކަތައް ކިޔައިދޭނީ."
އައްޑޫ މީހުން ބުނާ ގޮތުން، ގަމާ 300-400 މޭލުގެ ދުރުމިން ހުންނަ ފޯޅަވަހީގެ ރަށްތަކަށް އެމީހުން ދަތުރުކޮށް އުޅުނެވެ. އޭރު ސީޝެލްސް އާއި ފޯޅަވައްސަކީ ވެސް މީހުން އާބާދުނުވެ އޮތް ފަޅުރަށްތަކެކެވެ. ޖަޒީރާ އެ ރަށްތަކުގައި މީހުން އާބާދުވެފައިވަނީ، ރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ އެތައް ގަރުނެއް ފަހުންނެވެ.
އައްޑޫގެ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު، އެ މީހުންގެ ކާބަފައިންނަށް އެ ރަށްތަކަށް ދެވުނީ ބެހިގެންނެވެ. އަނެއް ބަޔަކު ބުނަނީ އެ ރަށްތަކުގެ ރުއްގަހުން މަންފާ ހޯދުމަށް ގޮސް އުޅުނީ ކަމަށެވެ. ރައްތަކުން ކާށި އަޅައި، އެހެން ގައުމުތަކަށް ވިއްކާ، ނަފާ ހޯދަމުން ދިޔަ ކަމަށް އައްޑޫގެ މީހުން ކިޔައިދެ އެވެ.
އެކަމަކު ފޯޅަވައްސަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި މާ ކުރީ ޒަމާނުއްސުރެ ބަލާކަމުގެ ހެއްކަކީ، ރާއްޖޭގެ ރަސްކަމުގައި ހުންނެވި އިރު، ނުވަ ވަނަ ހަސަން ރަސްގެފާނު 1561 ވަނަ އަހަރު ޕޯޗުގީޒުގެ ވެރިންނަށް ފޮނުއްވި ސިޓީފުޅެވެ. އޭގައި ލިޔުއްވާފައިވާ ގޮތުން، އޭނާއަކީ 'ރާއްޖޭގެ ރަށްތަކާއި ސުއާދޫގެ ތިން ޕަޓާނާ އާއި ޕުއްލޮބޭގެ ހަތް ރަށުގެ ވެރިޔާ' އެވެ.
މީގެ 461 އަހަރު ކުރިން ފޮނުއްވި އެ ސިޓީފުޅުގައި، ރަސްގެފާނު ދެކުނުގެ ތިން އަތޮޅު ނިސްބަތް ކޮށްފައިވަނީ 'ޕަޓާނާ'ގެ ނަމުންނެވެ. ޕުއްލޮބޭއަކީ ފޯޅަވަހި ކަމުން، މިއީ، އޭރު ވެސް އެ ރަށްތަކަކީ ދިވެހިންގެ ތަނެއް ކަމަށް ބަލާކަމުގެ ހެއްކެކެވެ.
ފްރާންސްގެ ލީޑަރު ނަޕޯލިއަންގެ ދުވަސްވަރު، 1778 އިން ފެށިގެން މޮރިޝަސް އާއި ފޯޅަވަހި އޮތީ، އެ ގައުމުގެ ބާރުގެ ދަށުގަ އެވެ. އޭގެ ފަހުން 1814 ގައި އިނގިރޭސީންގެ ބާރުދަށަށް ދިޔަ ނަމަވެސް އޭގެ 200އެތައް އަހަރެއް ކުރިން، އެ ރަށްތަކަކީ ދިވެހިންގެ ތަނެއްގެ ގޮތުގައި މިވަނީ ބަލައިފަ އެވެ.
އައްޑޫ ހުޅުދޫ އަރާއިރަގޭ މާލިމީ މޫސާ ތައްކާނުގެ ނިޔަމި ފޮތުގައި ވެސް ރާއްޖެ އޮތް ތަން ކިޔައިދީފައިވަނީ ފޯޅަވަހި ހިމަނައިގެންނެވެ. އޭގައި ބުނެފައިވާ ސީދާ ބަހަކީ މިއެވެ؛
"ފަސްލު: ދިވެހިރާއްޖޭގެ އަރުލު ބުނާނަމެވެ: ފޯޅަވަހީ ދަރަޖަ 40، އައްޑޫ ގަމު ދަގީގް 48، މަރަދޫ ދަގީގް، 46، ހިތަދޫ ދަގީގް، 41، ކޯއްޓޭ ދަގީގް 44."
ތާރީހު ދިރާސާކުރާ ބޭފުޅުން، އެކަން މާނަކުރައްވަނީ، އޭރުގެ މާލިމީން ފޯޅަވަހި ދުށީ ރާއްޖޭގެ ރަށެއްގެ ގޮތުގައި ކަމަށެވެ.
ފޯޅަވައްސާ ގުޅޭ ގޮތުން ދިރާސާ ލިޔުންތަކެއް ލިޔުއްވާފައިވާ ސ. މީދުއަށް އުފަން އަބްދުﷲ ޒުހުރީ ވިދާޅުވި ގޮތުގައި ފޯޅަވަހީގެ ރުއްގަހުން ލިބޭ އެއްޗަކަށް އެންމެ ފުރަތަމަ ހުކުމް ކުރަމުން ދިޔައީ ދިވެހިންނެވެ. އެކަމަށް ބާރު ދެއްވައި، އޭނާ ވިދާޅުވީ ސީޝެލްސް ހިމަނައިގެން، ހަމައެކަނި އެ ރަށްތަކުގައި ހެދޭ ތާވައް ކާއްޓަށް ކިޔާ ސައިންޓިފިކް ނަމަކީ 'ލޮޑޮއިސިއާ މޯލްޑިވިކާ' ކަމަށެވެ. އަހަރެމެންނަށް މިފެންނަ ކާއްޓާ މުޅިން ތަފާތުކޮށް ހުންނަ މި ކާއްޓަކީ، އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ހެދުނު އެއްޗެއް ނޫނެވެ.
ޒުހުރީ ވިދާޅުވި ގޮތުގައި ރާއްޖެއަށް ނިސްބަތްކޮށް، ތާވައް ކާއްޓަށް ނަން ދީފައިވަނީ، ދިވެހިންގެ ފަރާތުން ބޭރު ގައުމުތަކަށް އެ ކާށި ތައާރަފްވެފައިވުމެވެ. އެހެންވެ، ފޯޅަވަހީގެ ރަށްތަކުން ކާށި ހޮވައިގެން ގޮސް، ބޭރު ގައުމުތަކަށް ވިއްކައިގެން، އެ ނަން ރާއްޖޭގެ ނަމާ އެކުވެ ހަރުލީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް، އަޑަށް ބާރުލައްވާފައި އެންމެ ބޮޑަށް ވިދާޅުވާ އެއް ބޭފުޅަކީ ނަޝީދެވެ. ރާއްޖޭގެ ތާރީހާ ގުޅޭ ގޮތުން ހޯއްދަވައި، ބައްލަވާ ނަޝީދުގެ އަތްޕުޅުގައި، އެކަމަށް ބާރުދޭ އެހެން ހެކިތައް ހުރި ކަމަށް ޒުހުރީ ވެސް ވިދާޅުވި އެވެ. އެފަދަ އެކައްޗެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، މީދޫގެ ނަމުގައި ފޯޅަވަހިން ވަގުފުކޮށްފައިވާ ބިމުގެ ފަތްކޮޅެކެވެ. އެކަމަކު، މިކަމާ ގުޅޭ ގޮތުން ނަޝީދު ފާޅުގައި ވާހަކަފުޅެއް ނުދައްކަވަ އެވެ. ހަމައެކަނި ވިދާޅުވަނީ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބެލެވޭ ސަގާފީ އަދި ތާރީހީ ހެކި ހުރި ކަމަށެވެ.
ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ގޮތުގައި މިހާރު ދައުވާ ކުރަމުން އަންނަ، ޗާގޯސިއަން ނުވަތަ އިލޮއިސް މީހުން އެ ރަށްތަކުގައި ދިރިއުޅެފައިވަނީ 1790 އިން ފެށިގެން، 1970 ވަނަ އަހަރާ ހަމައަށެވެ. އެއީ، އެކި އަހަރުތައް މަތިން، މަދު އަދަދުތަކުން އާބާދުކުރި މީހުންނެވެ. އޭޝިއާ އާއި އެފްރިކާގެ ކަޅު ނަސްލުގެ މީހުންނާއި ލެޕްރަސީ ފަދަ ބަލިތަކުގައި އެކަހެރިކުރި މީހުންނެވެ.
އެކަމަކު އޭގެ މާ ކުރިން އެއީ ރާއްޖޭގެ ތަނެއް ކަމަށް ބަލައި، ދިވެހިން ވަނީ އެއީ ދިވެހިންނާ ކިހާ ގާތް ތަނެއްކަން ބުނެދީފަ އެވެ.
ކޮމެންޓް (11)
ފޯޅަވަހި
ފޯޅަވަހީ 02
ތޯރިގު
ސިކުނޑި
ޢަހަރެން
ނަޝީދު 2
މުޚުތާރު
ބެލްސީ
ހިތަދޫ ހުސެން
ވަލިދީދީ
ދަގީގު