މާލެއަށް ބޯކޮށް ވާރޭވެހެމުންދިޔަ ދުވަހެއްގައި މަގުމަތިން އަންހެނަކު ހިނގާފައިދާ އިރު މީހަކު ސައިކަލެއްގައި އަރާހަމަވަނީ: ތޮއްޖެހުމާއި އިޖުތިމާއީ މައްސަލަތަކާ އެކު މާލޭގައި އޮތީ ހާސްކަން ބޮޑު ދިރިއުޅުމެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދަތި އުނދަގޫ ދިރިއުޅުމުގެ ހާސްކަން ކޮންމެހެން ވެސް ފިލުވަން ޖެހިފައި

ރާއްޖޭގެ ކޮންމެ ހަތަރު މީހަކުން އެކަކުގެ ކޮންމެވެސް ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ތަޖުރިބާކާރުންގެ ދިރާސާތަކުން ދައްކާ: އައިސީޕީ
11 އޮކްޓޯބަރު 2022
1

މުހިންމު ނުކުތާތައް

ނުތަނަވަސްކަމުގެ ތެރޭގައި ދުވަސްތައް ހޭދަކުރުމަކީ ނަފްސާނީ މައްސަލަތައް ދިމާވާ ކަމެއް

ރާއްޖޭގައި އޮތް ވަޒީފާގެ މާހައުލުގެ ސަގާފަތަށާއި އިޖުތިމާއީ ގޮންޖެހުންތަކަށް ލުޔެއް ލިބެން ޖެހޭ

ތިމާގެ ނަފްސާނީ ހާލަތާ މެދު އަމިއްލައަށް ހުޝިޔާރުވެ ފިޔަވަޅު އަޅަން ޖެހޭ؛ އަމިއްލަ ނަފްސަށާއި އަނެކުންނަށް އޯގާތެރިވުން މުހިއްމު

ޕެނަލް ޑިސްކަޝަންގެ ބައިވެރިޔާ، އޭނާގެ ހަޔާތުން ދުވަހެއް ސިފަކޮށްދިނެވެ.

ކޮންމެ ދުވަހަކު ހޭލައިގެން، ގޭގައި ދިރިއުޅޭ އެހެން މީހުންނާ ފާހާނާ 'ޝެއާ' ކުރަން ޖެހޭތީ، ދުވަސް ފެށިގެން އަންނަނީ ސްޓްރެސްއާ އެކު އެވެ. ތައްޔާރުވާން ގިނަ ވަގުތު ނަގާތީ ނާސްތާ ކުރާނެ ވަގުތެއް ނުލިބެ އެވެ. މަގުމައްޗަށް ނުކުންނަ އިރު މަގުތައް އޮންނަނީ ތޮއްޖެހިފަ އެވެ. ޓްރެފިކްގައި ޖެހިގެން އެތައް އުނދަގުލަކާ އެކު އޮފީހަށް ދެވޭއިރު ހުންނަނީ ދާހިއްލައި، ބޯހާސްވެފަ އެވެ. އޮފީހަށް ވަންނައިރު އޮފީހުގެ މެނޭޖުމަންޓާއި ވެރިން އެކިއެކި ކަންކަމަށް ޕްރެޝަރު ކުރެ އެވެ. މަސައްކަތުގައި އިނދެފައި ދުވާލުގެ ވަކި ހިސާބަކުން، ތޮއްޖެހިފައިވާ މަގުތަކުގައި ދުއްވާފައި، ދަރިފުޅު ބަލާ ސްކޫލު ދޮށަށް ދާން ޖެހެ އެވެ.

މިއިން ކޮންމެ ކަމަކީ މީހާއަށް ކުރިމަތިވާ އިތުރު ސްޓްރެސް އެކެވެ. ދުވަސް ކުރިއަށްދާ ވަރަކަށް ސްޓްރެސް މައްޗަށް ސްޓްރެސް ބޮޑުވެ އެވެ. ކޮންމެ ދުވަހަކު މި ކަންކަން ދަނީ ތަކުރާރު ވަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ފާހަގަކުރީ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެވެ. އިންސާނީ ދިރިއުޅުން މިހާރު ބަދަލުވެފައި އޮތް ގޮތުން، ނަފްސާނީ ބަލިތައް އޮތީ އާއްމުވެފަ އެވެ. ރާއްޖޭގައި ވެސް، ނަފްސާނީ މައްސަލަތައް ތަހައްމަލްކުރާ މީހުން އިންތިހާއަށް ދަނީ އިތުރުވަމުންނެވެ.

މިފަދަ ހާލަތްތަކަށް މީހުން ވެއްޓެން ދިމާވާ ގިނަ ސަބަބުތަކެއް ވެ އެވެ. ނަމަވެސް، ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި، އެ ސަބަބުތަކުގެ އެންމެ ކުރީގައި ވަނީ، ޒަމާނާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ އެކު، 'ސަވައިވަލް މޯޑް'ގައި ދުވަސްތައް ހޭދަ ކުރުމެވެ.

'ސަވައިވަލް މޯޑް'އަށް ދިޔުމަކީ ކުރިޔަށް ވެދާނެ ކަންކަމާ މެދު ހާސްވެ، އެކަންކަމުން ސަލާމަތްވާނެ ގޮތްތައް ހޯދަން ވިސްނުން ބަހައްޓަން ޖެހި، އަބަދު ސްޓްރެސްގެ ތެރޭގައި އުޅެން ޖެހުމެވެ. 'ސަވައިވަލް މޯޑު'ގެ ސަބަބުން، ދިރިއުޅުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލުމަށް ސިކުނޑި އާއި ހަށިގަނޑު ހުޝިޔާރުވާން މަޖުބޫރު ކުރުވަ އެވެ. ފަހުގެ ދިރާސާތަކަށް ރިއާޔަތްކޮށް ސައިކޮލޮޖިސްޓުން ބުނަމުންދަނީ 'ސަވައިވަލް މޯޑް'ގައި ބެދިފައިވުމުން މީހުން ނަފްސާނީ ބަލިތަކަށް ހުށަހެޅެމުންދާ ކަމަށެވެ.

ކަންބޮޑުވާންޖެހޭ ފަދަ ބޮޑު އަދަދެއް

ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގައި ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ މީހުންގެ އަދަދު ބިލިއަނަކަށް އަރަ އެވެ. ދުނިޔޭގެ އާބާދީގެ ނިސްބަތުން ބަލާއިރު އެއީ ގާތްގަނޑަކަށް ކޮންމެ ހަތް މީހަކުން އެކެކެވެ.

ރާއްޖޭގައި މި އަދަދު ހުރީ އެއަށް ވުރެ މާ މަތީގަ އެވެ. ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކެއްގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޗެއާޕާސަން ޑރ. މަރިޔަމް ޝަކީލާ، ތަޖުރިބާކާރުންގެ ދިރާސާތަކަކާ ހަވާލާދެއްވައި، އާދީއްތަ ދުވަހު ވިދާޅުވެފައިވެ އެވެ.

އަދި މިފަދަ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން، އާސަންދައިން މި އަހަރުގެ މެދުތެރޭގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ހެކިދެ އެވެ. އެގޮތުން:

  • 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 35،000 އަށް ވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކަށް ދަނީ ފަރުވާ ހޯދަމުން

  • މި އަދަދު އެންމެ ބޮޑުވެފައިވާ ކަމަށް ފާހަގަ ކުރެވެނީ 2019ގައި

  • އެ އަހަރު އެކަނި 44،055 މީހުން ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާފައިވޭ

އައިޖީއެމްއެޗް: ސަރުކާރުން މި ހޮސްޕިޓަލުގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރަށް ވަރަށް ބޮޑު ޑިމާންޑެއް އޮވޭ (ދައުރު ފޮޓޯ)

މީގެ އިތުރުން، މި އަހަރުގެ މާޗު މަހާއި އެޕްރީލް މަހު އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުގެ ކިޔޫގައި ތިބި މީހުންގެ އަދަދު ވަނީ 3،500 އަށް އަރާފަ އެވެ. އެ ހޮސްޕިޓަލުން ހިދުމަތް ހޯދަން ކިޔޫގައި ތިބި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ނަފްސާނީ އެހީތެރިކަން ހޯދަން މަސައްކަތްކުރި މީހުންނެވެ.

ދިވެހިރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މިއީ ކަންބޮޑުވާންޖެހޭ ފަދަ ބޮޑު އަދަދެކެވެ. އިތުރަށް ކަންބޮޑުވަނީ، މިހާ ބައިވަރު މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދެވޭވަރުގެ ކެޕޭސިޓީ ރާއްޖޭގައި ނެތީމަ އެވެ.

މީހުން ތިބީ 'ސަވައިވަލް މޯޑް'ގައި ބެދިފައި

ދިރިއުޅުމުގައި ހިތްހަމަޖެހުމާއި އުފާވެރިކަމާ ދުރުވެ، ހާސްކަމާއި ނުތަނަވަސްކަމުގައި ދުވަސްތައް ހޭދަވުމުން 'ސަވައިވަލް މޯޑް'އަށް ދިޔުމުގެ އެންމެ ސާފު މިސާލެއްގެ ގޮތުގައި މިފަހުން ފެންނަން އޮތީ ކޮވިޑް-19އާ އެކު އައި ގޮންޖެހުންތަކުގެ ސަބަބުން މީހުންނަށް ކުރިމަތިވި ހާސްކަމެވެ. މިކަމާ ބެހޭގޮތުން އެމެރިކާގައި މި އަހަރު ހެދި ދިރާސާއެއްގެ ބައިވެރިން އެންމެ އުނދަގޫވި ކަންކަމުގެ ގޮތުގައި ފާހަގަ ކުރި ކަންކަމަކީ:

  • ކުރިމަގުގައި ވާނޭ ގޮތެއް ނޭނގުން: ގެއިން ނުކުމެވޭނެ ދުވަހެއް ނޭނގުން، ކިޔެވުމާއި ވަޒީފާގެ ކަންކަމުގައި ވެދާނެ ގޮތްތަކާ މެދު ޝައްކު އުފެދުން، ހާއްސަ ދުވަސް ދުވަހާއި މުނާސަބަތުތައް ފާހަގަ ނުކުރެވުން

  • ވައިރަސްގެ އިތުރު ސްޓްރެއިންތައް އުފެދި ދުވަހަކު ވެސް މި ބަލިމަޑުކަމުން އަރައިނުގަނެވިދާނެ ކަމުގެ ބިރު ހީވުން؛ އެކަމުގެ ސަބަބުން ގޭގައި ބަންދުވެގެން ދިގު މުއްދަތަކަށް ތިބެން ޖެހުމުން ވަގުތު ދާ ގޮތެއް ނޭނގުން، އަދި ވަގުތު ބޭކާރުވާ ކަމުގެ އިހުސާސް ކުރެވުން

  • ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ ބައްދަލު ނުވުން؛ އެކަމުގެ ސަބަބުން އެކަނިވެރިކަން އިހުސާސުވެ، ގާތް ގުޅުންތަކަށް ބުރޫއެރުން

  • ކުރިއެރުމަށް ހުރަސް އެޅުން ނުވަތަ ކުރިއަރާނެ ފުރުސަތު ނުލިބުން: މަދަރުސީ މާހައުލަށް އައި ބަދަލުތަކާ އެކު ދަރިވަރުންގެ ކިޔެވުމާއި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއި ނަފްސާނީ ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް އެޅުން

  • ކޮވިޑްގެ ބަލިމަޑުކަމުގައި މައިންބަފައިންނާއި ގާތް މީހުންނާއި ރަހުމަތްތެރިން މަރުވުމުގެ ސަބަބުން ދިގު މުއްދަތަކަށް ބައެއް މީހުން 'ސަވައިވަލް މޯޑް'އަށް ދިޔުން

"އިހުސާސްވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އަބަދުވެސް ބޮޑު ކަންތައްގަނޑެއް ވޭވޭ އޮންނަހެން" ކަމަށް ދިރާސާގެ %87 ބައިވެރިން ބުނެފައިވެ އެވެ.

މެއި 2، 2022: ކޮވިޑް ލޮކްޑައުންގެ ދެ އަހަރު ދުވަހަށް ފަހު، މާފަންނު ސްޓޭޑިމްގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން: ކޮވިޑްގެ ސަބަބުން، މީހުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ހީނަރުވި (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ރާއްޖޭގައި ކޮވިޑްގެ ސަބަބުން މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކޮށްފައިވާ މިންވަރު ބަލަން ވަކި ހާއްސަ ދިރާސާއެއް ހަދާފައި ނުވި ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާ އެކު، ރާއްޖޭގައި ވެސް އެތައް ބަޔަކު ވަނީ އެމެރިކާގެ ދިރާސާއިން އެ ފާހަގަވި ފަދަ ކަންކަން ތަހައްމަލްކޮށްފަ އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި، ކުދިންގެ ކިޔެވުމަށް ބުރޫއަރާ، އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ނަތީޖާއެއްގެ ގޮތުން ނަފްސާނީ މައްސަލަތައް ގިނަވެ، އެކަމަށް ފަރުވާ ހޯދަން މަސައްކަތްކުރި މީހުންގެ އަދަދު ރާއްޖޭގައި އޭގެ ކުރިން ދުވަހަކު ވެސް ނުދާހާ މައްޗަށް ވަނީ ގޮސްފަ އެވެ.

ނަފްސާނީ ދުޅަހެޔޮކަން މުހިއްމުވަނީ ކީއްވެ؟

ނަފްސާނީ ދުޅަހެޔޮކަމަކީ އަހަރެމެންގެ އިހުސާސްތަކާއި ވިސްނުމާއި އިޖުތިމާއީ ދުޅަހެޔޮކަމެވެ. އެކަމުގެ ސަބަބުން، އަހަރެމެން ކަންކަމާ މެދު ވިސްނާ ގޮތާއި އަހަރެމެންގެ އިހުސާސްތަކާއި އުޅުން ހުންނަ ގޮތަށް އަސަރުކުރެ އެވެ. ނަފްސާނީ ދުޅަހެޔޮކަން ނެތް ނަމަ، ދިރިއުޅުމުގައި ދަތިތައް ދިމާވުމުން އެކަންކަން ހައްލު ކުރަން އުނދަގޫވެ، އެހެން މީހުންނާ އެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ، ކަންކަމުގައި އެންމެ ރަނގަޅު ގޮތް ނިންމަން ދަތިވެ އެވެ.

ކުރުކޮށް ބުނާ ނަމަ، ނަފްސާނީ ދުޅަހެޔޮކަން ހަޔާތުގެ ހުރިހާ ކަމަކާ ގުޅިގެން ދެ އެވެ. އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ބޮޑުވެގެން ދަނީ މިހެންވެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ވަރަށް ބައިވަރު 'ރިސްކު ފެކްޓާޒް' ހުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކުޑައިރު ތަހައްމަލްކުރާ އަނިޔާ ނުވަތަ އިހުމާލު

  • މުޖުތަމައުން ބާކީކޮށްލެވުން ނުވަތަ އެކަނިވެރިވުން

  • ތަފާތުކުރުން ނުވަތަ ނިކަމެތިކޮށްލުން

  • ފަގީރުކަން، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުން، ދަރަނިވެރިވުން

  • އިޖުތިމާއީ ގޮތުން އުނދަގޫތަކެއް ނުވަތަ ދަތިތަކެއް ހުރުން. މިސާލަކަށް، ވަކި ގިންތިއަކަށް ނުވަތަ މިންތިއަކަށް ނިސްބަތްވީތީ ފުރުސަތުތައް ހަނިވުން

  • ގާތް މީހަކު މަރުވުން

  • ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް ސްޓްރެސް ވުން، ނުވަތަ އިންތިހާއަށް ސްޓްރެސް ބޮޑުވުން

  • ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބައްޔެއް، ނުވަތަ ދާއިމީ ބައްޔެއް ހުރުން

  • ވަޒީފާ ގެއްލުން ނުވަތަ ވަޒީފާގެ ފުރުސަތުތައް ނެތުން

  • ގެދޮރު ނެތުން، ނުވަތަ ދިރިއުޅެން އެކަށީގެންނުވާ މާހައުލެއްގައި އުޅެން ޖެހުން

  • އެހެން މީހެއް ނުވަތަ ބައެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އަހަރުތަކެއް ހޭދަ ކުރަން ޖެހުން

  • މަސްތުވާތަކެއްޗަށް ދެވިހިފުން

  • ގެވެށި އަނިޔާ ނުވަތަ ހަނގާކުރުމުގެ ޝިކާރައަކަށް ވުން

  • ބޮޑު މީހެއްގެ ގޮތުގައި ބޮޑެތި ޓްރޯމާތަކެއް ކުރިމަތިވުން. މިސާލަކަށް އަމިއްލަ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ހާދިސާއެއް ދިމާވުން، ނުވަތަ އަނިޔާވެރި އަމަލެއްގެ ޝިކާރައަކަށް ވުން

  • ޖިސްމާނީ ސަބަބުތައް: މިސާލަކަށް ބޮލަށް ލިބިފައިވާ އަނިޔާއެއް ނުވަތަ ފިޓުޖެހުން ފަދަ ބައްޔެއްގެ ސަބަބުން

މީގެ ތެރެއިން ތަހައްމަލު ކުރަންޖެހޭ ކަންކަން އިތުރުވާ ވަރަކަށް އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން 'ރިސްކް ފެކްޓާޒް' އަށް އަހުލުވެރިވެ، ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ދުރާލާ ދެނެގަތުމަކީ ނަފްސާނީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އެޅޭ ފުރަތަމަ ފިޔަވަޅެވެ. މިކަންކަމުގެ ސަބަބުން ތިމާ 'ސަވައިވަލް މޯޑް'ގައި ބެދިފައިވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށް، އެ ސުވާލުގެ ޖަވާބު ހޯދުން މުހިއްމެވެ.

މަސައްކަތުގެ ސަގާފަތް ބަދަލު ކުރަންޖެހޭ

ގޭތެރޭގެ މާހައުލާއި ވަޒީފާގެ މާހައުލުގައި ދިމާވާ އުނދަގޫތަކާއި ހާސްބޮޑުވާން މެދުވެރިވާ ކަންކަމަކީ ވެސް މީހާ 'ސަވައިވަލް މޯޑް'އަށް ވައްޓާލާ ކަމެކެވެ. ފައިސާއާ ނުލާ އެއްވެސް ކަމެއް ނުވާ މި ޒަމާނުގައި ދިރިއުޅުން ކުރިޔަށް ގެންދަން މަސައްކަތް ކުރަން ޖެހޭ ގޮތާއި މަސައްކަތުގެ މާހައުލު ހުންނަ ގޮތުގެ ސަބަބުން ވެސް ސްޓްރެސްގެ ތެރޭގައި އުޅެން މަޖުބޫރުވާ ފަހަރު އާދެއެވެ.

އައިސީޕީ އިން 'ވޯކް ލައިފް ބެލެންސް'ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު ވިދާޅުވިގޮތުގައި "ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހާ އެއީ ރަނގަޅު މީހާ"އޭ ހީވެފައި އޮންނަ ވިސްނުން ބަދަލު ކުރަން ޖެހެ އެވެ.

ކޮންމެ މީހަކީ ވެސް ގަދަރުވެރި އިންސާނެއްކަން ގަބޫލުކޮށް، އާއިލާއާ އެކު ވަގުތު ހޭދަކުރުމާއި އަމިއްލަ ކަންކަމަށް ވަގުތު ބޭނުންވާނެކަން ވަޒީފާ ދޭ ފަރާތްތަކުން ވެސް ދަންނަން ޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މުވައްޒަފުންގެ މައްޗަށް އޮންނަ "އެކްސްޕެކްޓޭޝަން" ކުޑަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންސްޓްޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ)އިން 'ވޯކް ލައިފް ބެލެންސް'ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބު ވާހަކަ ދައްކަވަނީ (ފޮޓޯ/އައިސީޕީ)

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް އައުމާ އެކު އެ 'އެކްސްޕެކްޓޭޝަން' އިންތިހާއަށް ގޮސް، ރަސްމީ ގަޑި ނިމޭ ފަހުން ވެސް މަސައްކަތުގައި އުޅުމާއި އޮންލައިން މީޓިންތަކަށް އެރުން ފަދަ ކަންކަން އާންމުވި އެވެ.

ޓެކްނޮލޮޖީގެ ރޮނގުން ލިބިފައިވާ ކުރިއެރުންތަކާ އެކު އަހަރެމެން ދިރިއުޅެމުން އައި ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މިހާރު ކޮންމެ ކަމެއް ވެސް ނިންމަން ބޭނުންވަނީ ވަގުތުން ވަގުތަށެވެ. ގުޅާ ކޮންމެ ގަޑިއެއްގައި ފޯނު ނަގަން ޖެހެ އެވެ. އީމެއިލެއް ނުވަތަ މެސެޖެއް އައިސްފި ނަމަ ވަގުތުން ޖަވާބުދޭން ޖެހެ އެވެ.

މިފަދަ ކަންކަމުގެ ސަބަބުން ހާސްކަމާއި ސްޓްރެސް އުފެދޭކަން ފާހަގަކޮށް، މި ގޮތްތައް ބަދަލު ކުރަން ޖެހޭ ކަމަށް ޕެނަލިިސްޓުންނާއި ޑިސްކަޝަންގެ ބައިވެރިން ބުންޏެވެ.

"މުޖުތަމައުއަށް މި އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު އަހަރެމެންގެ ސިކުނޑިތަކަށް ވެސް އެބަ ބަދަލު އާދޭ. އެހެންވީމަ، އަބަދުވެސް އެކަމާ މެދު ސަމާލުވެ، ސިކުނޑިއަށް އަންނަ ނުރަނގަޅު ބަދަލުތައް 'އެކްޓިވްލީ އަންޑޫ' ކުރަން އެބަޖެހޭ،" ޕެނަލްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވި އެވެ.

ފަށަންވީ އަމިއްލަ ނަފްސުން

ޕެނަލް ޑިސްކަޝަންގެ ބައިވެރިޔާގެ ސުވާލަކަށްވީ، ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހޭ ސްޓްރެސްއާ މެދު ދެން ހެދޭނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި، އައިސީޕީގެ ސައިކޮލޮޖިސްޓް ދިމުތޫ ޕަސްކުއަލް ވިދާޅުވިގޮތުގައި ނަފްސާނީ ގޮތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެފަދަ ކަންކަން ބޮޑު ބައްޔަކަށް ވުމުގެ ކުރިން ދެނެގަނެ، އެކަމާ މެދު ފިޔަވަޅު އެޅުމެވެ.

އައިސީޕީގެ ފަރާތުން ބޭއްވި 'ވޯކް ލައިފް ބެލެންސް' ޑިސްކަޝަންގެ ޕެނަލިސްޓުން. (ފޮޓޯ/ އައިސީޕީ)

ކޮންމެ މީހަކީ ނަފްސާނީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި އެ ކަންކަން ހައްލުކުރާނެ ގޮތް އެނގޭނެ މީހަކަށް ނުވެދާނެ އެވެ. ސްޓްރެސް ބޮޑުވުމުން ދެން ކަންކުރަންޖެހޭ ގޮތާ މެދު ސުވާލު އުފެދިދާނެ އެވެ. ނުވަތަ އެކަން ހައްލު ކުރުމަށް ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތައް އެނގި ހުރެ ވެސް، އެ ބަދަލުތައް ގެންނަން ފަސްޖެހި، މާޔޫސްވެދާނެ އެވެ. އެކަމަކު ހަނދާން ބަހައްޓަންވީ، އަހަރެމެން ދިރިއުޅުމުގައި ދަސްކުރާ އެހެން ހުނަރުތައް ފަދައިން، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށްޓަކައި ވެސް ދަސްކުރެވޭނެ ހުނަރުތައް އެބަހުރިކަމެވެ.

ދިމުތޫ ވިދާޅުވިގޮތުގައި އަހަރެމެންގެ 'ލައިފް ސްކިލްސް' ތަރައްގީކޮށް ކުރިއެރުވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވޭނެ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ދަސްކުރެވިދާނެ ބައެއް ހުނަރުތަކަކީ:

  • އެސާޓިވްވުން - ބުނަން ބޭނުންވާ އެއްޗެއް އިހުތިރާމާއެކު ބުނުން، މިސާލަކަށް ކުރަން ބޭނުން ނުވާ ކަމަކަށް ނުވަތަ ވަގުތު ނެތް ކަމަކަށް ރީތިކޮށް ނޫނެކޭ ބުނުން

  • ކޯޕިން ސްކިލްސް - އުނދަގޫ ހާލަތްތައް ދިމާވާ ހިނދު އެ ކަންކަމާ އެންމެ ރަނގަޅަށް ކުރިމަތިލާނެ ގޮތް، މިސާލަކަށް މީހަކު ތިމާ ހިތްހަމަނުޖެހޭ އެއްޗެއް ބުނެފި ނަމަ ވަގުތުން ރައްދު ދިނުމުގެ ބަދަލުގައި، ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯ ވިސްނާލަން ވަގުތުކޮޅެއް ހޭދަކޮށްލުން

  • މައިންޑްފުލްނެސް - ތިމާގެ އަމިއްލަ ބޮލުތެރޭގައިވާ ހައިޖާނުގަނޑުން އެއްކިބާވެ، ކޮންމެ ކަމެއް ކުރާއިރު ވެސް އެކަމަކަށް ރަނގަޅަށް ސަމާލުކަންދީ، ކަންކަމާ މެދު 'ލޮޖިކަލް' ނަޒަރަކުން ހަމަޖެހިގެން ވިސްނަން މަސައްކަތް ކުރުން

  • ގްރައުންޑިން - ބޯހާސްވެ، ހިތް އަވަސްވެ، ނޭވާލާން އުނދަގޫވުމުން އަމިއްލައަށް ހަމަޖެހި، މީހާ އާދައިގެ ހާލަތަށް އައުމަށްޓަކައި ވަށައިގެންވާ މާހައުލަށް ސަމާލުކަން ދިނުން، ނުވަތަ ފުންކޮށް ނޭވާލުން ފަދަ އެކްސަސައިޒްތައް ހެދުން

  • ފޫހިނުވެ މަޑުމައިތިރިކަމާ އެކު އެއް ތަނެއްގައި އިންނަން ދަސްކުރުން - ފޯނަކާއި ނުލައި، އެއްވެސް ކަމެއް ނުކޮށް، ފޫހިނުވެ އިންނަން ދަސްކޮށްލުމަކީ ވެސް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި

  • މީހާ ސްޓްރެސްވާ ނަމަ އެކަން އަވަހަށް ދެނެގަނެ، އޭގެ މައްޗަށް ހާސްކަން ބޮޑުވުމުގެ ކުރިން، އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށްލާ، ހަމަޖެހިލަން ކޮންމެވެސް ކަމެއް ކޮށްލުން: އެގޮތުން ހިނގާލަން ދިޔުން، ފޮތެއް ކިޔާލުން، ހޮބީއަކަށް ވަގުތު ދިނުން ނޫނީ ފުންކޮށް ނޭވާލާ، ބޮލުގައި ހުރި ނެގަޓިވް ވިސްނުންތައް ޕޮޒިޓިވް ވިސްނުމަށް ބަދަލު ކުރުމަށް މަސައްކަތް ކުރުން

އަބަދުވެސް އަމިއްލަ މީހާގެ އިހުސާސްތައް ދެނެގަނެ، އެ އިހުސާސްތަކުގެ ފަހަތުގައިވާ ސަބަބުތަކާ މެދު ސުވާލު އުފައްދައި އެ ކަންކަން ހައްލު ކުރަން އަމިއްލަ ނަފްސާ އެކު ވަގުތު ހޭދަ ކުރުމަށް ޑރ. ޝާހު ވެސް ނަސޭހަތްދެއްވި އެވެ.

ރާއްޖޭގައި މި އޮތް މަސައްކަތުގެ ސަގާފަތާއި އިޖުތިމާއީ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ލިބެން އަދި ވަރަށް ދިގު މުއްދަތެއް ނަގާފާނެ އެވެ. ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ލިބެން ސިއްހީ ދާއިރާގައި ކުރަންޖެހޭ މަސައްކަތް ވެސް ބައިވަރެވެ. މިއީ ވީހާ ވެސް އަވަހަކަށް ހައްލު ލިބެންޖެހޭ ކަންކަމެވެ. 

ނަމަވެސް، މިހާރު ވެސް އަހަރެމެންނަށް ކުރެވޭނެ ބައެއް ކަންކަން އެބަހުއްޓެވެ. ނަފްސާނީ މައްސަލަތަކާ ބެހޭގޮތުން މައުލޫމާތު ހޯދައި އެކަންކަމާ މެދު ހޭލުންތެރިވުމެވެ. އަމިއްލަ މީހާގެ އިހުސާސްތައް ދެނެގަނެ، އެ އިހުސާސްތަކަށް އިހުތިރާމް ކުރަން ދަސްކުރުމާއި ހާސްކަން ކުރިމަތިވުމުން ހުސް ވަގުތުކޮޅެއް ނެގުމެވެ. ދިރިއުޅުމުގައި ދަތި ކަންކަން ދިމާވުމުން އެ ވާހަކަތައް އެހެން މީހަކާ ހިއްސާކޮށް، ގާތް މީހުންގެ ފަރާތުން އެހީއަށް އެދުމެވެ.

ހިތްވަރު އެލުވާލުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށާއި އަނެކުންނަށް އޯގާތެރިވާން ދަސްކުރަމާ ހިނގާށެވެ. ތިމާއާ މެދު އެހެން މީހުންގެ އަމަލުތައް ހުންނަން އެދޭނެ ފަދައިން އެހެން މީހުންނާ މެދު ވެސް ކަންތައް ކުރަމާ ހިނގާށެވެ. 

ދިރިއުޅުމަކީ ހަމައެކަނި އެއް ދުވަހުން އަނެއް ދުވަހަށް 'ސަވައިވް' ވުމެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް އުފާވެރިކަމާއި ހިތްހަމަޖެހުމާއި ލޯތްބާއި އަޅާލުމުން ފުރިގެންވާ ދިރިއުޅުމެއް ހައްގެވެ. މިފަދަ ދިރިއުޅުމެއް ހާސިލް ކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަމެއް ދިނުން މުހިއްމެވެ.

ކޮމެންޓް (1)

ލިނބޯ

12 އޮކްޓޯބަރު 2022
އޮފީސް ވަގުތު ދިގުލައިގެންގޮސް ދުވަހެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވަގުތު އޮފީހުގައި އުޅެން ޖެހުމަކީވެސް ވަރަށް ބޮޑު ސްޓްރެސްއެއް. 9އިން5 އަށް އޮފީސްތަކުގެ މަސައްކަތް ގަޑި ބަދަލުކޮށްފިނަމަވެސް އަމިއްލަ ނަފްސަށް ވަރަށް ގިނަ ކަންކަން ކުރުމަށް ވަގުތު ދެވޭނެ އަދި ސްޓްރެސް ކުޑަވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް