އެއްބަސްވެ ދެބަސްވަމާ ވޮޑްކާސްޓް: 'ބޮޑު ބަދަލު'ން 2 ވެރިން ގެންނަން މި އުޅެނީ ކީއްކުރަން؟
ރަނގަޅު ވާހަކައެކެވެ. ކުރީގެ ރައީސް މުހައްމަދު ނަަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ 'ބޮޑު ބަދަލު' އެޖެންޑާއަށް އެމްޑީޕީގެ އެތެރެއިން ބޮޑު ތަރުހީބެއް ލިިބިގެން މި ދިޔައީ ބަދަލުތަކެއް ބޭނުންވާކަން އެ ޕާޓީގެ އާންމު މެންބަރުންތަކަކަށް ވެސް ގަބޫލުކުރެވިގެންނެވެ. ވޭތުވެދިޔަ ވެރިކަންތަކާއި މި ސަރުކާރުގައި ވެސް ހުދުމުހުތާރު ކަންކަން ފެންނަމުންދާ ވަރުން، ބަދަލުތަކުގެ ޝުއޫރު ދަނީ އުފެދެމުންނެވެ.
ތިން ބާރު ވަކިކޮށް އޮންނަ ޑިމޮކްރެޓިކް އޮނިގަނޑެއް ހިމެނޭ ގާނޫނުއަސާސީއަކަށް 2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ދިޔަ ނަމަވެސް ތިން ބާރު ވަކިވި ތަނެއް ނުފެނެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބޭ ފަހުން މަޖިލީހާއި ޖުޑީޝަރީ ވެސް އޮންނަނީ ރައީސްގެ މުށުތެރޭގަ އެވެ. އެކަކުގެ މުށުތެރޭގައި ދައުލަތުގެ ބާރުތައް އޮވެގެން ވެރިކަންކުރި މާޒީއާ ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ ދިގު 30 އަހަރުގެ ބަދަލުގައި ފަސް އަހަރުން މިހާރު ވެރިކަން ބަދަލުކުރެވޭތީ އެވެ.
މި ވަގުތު މުޅި ދައުލަތް އޮތީ ރައީސް މުހައްމަދު މުއިއްޒުގެ 'އަތްދަށު'ގަ އެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ދެމިއޮންނަނީ އެ މަނިކުފާނުގެ މުޅި ބާރު އޮތް ޕީއެންސީން ނިންމާ ގޮތަކަށް އަމަލުކޮށްގެނެވެ. ޖުޑީޝަރީގެ ބެލެނިވެރި ކޮމިޝަންގެ ކޮންޓްރޯލް ވެސް އޮތީ ޕީއެންސީއަށެވެ. މި ހާލަތުގައި ދައުލަތުގެ ހިންގުން ހަރުދަނާ ވުން ބިނާވަނީ އެ މަނިކުފާނުގެ ހަރުދަނާވުމުގެ މައްޗަށެވެ. އަނިޔާވެރިނުވެ، ހައްގުތައް ކަށަވަރުވުމުގައި މުޅިން ބަރޯސާވެފައި މި އޮތީ ރައީސްގެ 'އިހުލާސްތެރިކަމުގެ' މައްޗަށެވެ.
ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު ބޭނުމަކީ ވެރިމީހާގެ ޒާތީ ސިފަތަކަށް ވުރެ އެ ނިޒާމު ވަރުގަދަވެ، ވެރިމީހާ ވެސް ނިޒާމަށް ބޯލަނބަން މަޖުބޫރުވުމެވެ. އެހެންކަމުން، ރާއްޖޭގެ ވެރިކަން ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް އެބަ ބޭނުންވެ އެވެ. ނަމަވެސް 'ބޮޑު ބަދަލު'ގެ އެޖެންޑާއާ ހަމައަށް އައުމަށް، ދެ ލީޑަރެއްގެ ދެމެދު އެއްބަސްވުންތަކެއް އެބަ އޮތެވެ. ފައްޔާޒާއި ނަޝީދުގެ ޕާޓްނާޝިޕާއި ޕާޓްނާޝިޕްގެ އެއްބަސްވުމަކީ 'ދައުރު'ން ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މި ފަހަރުގެ މައުލޫ އެވެ. އަދި މި އެޕިސޮޑްގެ މެހެމާނަކީ ފައްޔާޒެވެ.
'ބޮޑު ބަދަލު'ގައި ދެ ވެރިން ހިމެނި ސަބަބަކީ؟
އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާންކުރެއްވުމަށް މިދިޔަ 19 އޭޕްރީލްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒަށް ނަޝީދު ތާއީދުކުރައްވާނެކަން ވެސް ހާމަކުރެއްވި އެވެ.
'ބޮޑު ބަދަލު'ގެ ޕްރެޒެންޓޭޝަން ފައްޔާޒު ހުށަހެޅުއްވިއިރު އޭގައި ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔެއް ހުންނަން ހިމަނާފައި އޮތެވެ. ބަރުލަމާނީ ނިޒާމުގެ އެ ސިފަ ހިމެނިއިރު، މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުގެ ސިފަ ހިމަނާފައެއް ނުވެ އެވެ. ޕްރެޒެންޓޭޝަނަށް ފަހު ނަޝީދު އިއުލާންކުރެއްވީ، ސަރުކާރުގެ ވެރިޔާއަށް ފައްޔާޒު ވުމަށާއި ދައުލަތުގެ ވެރިޔާއަށް ނަޝީދު ވާން އެދިވަޑައިގަންނަވާ ކަމެވެ.
މި ބަދަލުގެ ބޭނުމަކީ އެ ދެ ލީޑަރުންނަށް ވެރިކަން ބެއްސެވުންތޯ ސުވާލު އުފެދެ އެވެ. 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ ޒާހިރު)ގެ ފުރަތަމަ ސުވާލުތައް ވެސް އަމާޒުވެގެން ދިޔައީ ދެ ވެރިން ތިބެން ޖެހޭ ގޮތަށް ހުށަހެޅި ބޭނުމާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި ފައްޔާޒު ފުރަތަމަ ވެސް ވިދާޅުވީ، އެ ހުށަހެޅުމުގައި އޮތް ކަމަކީ ސަރުކާރުގެ ބާރުތައް ދެ ވެރިއަކަށް ބެހުން ނޫން ކަމަށެވެ. ސަރުކާރު ހިންގުމުގެ ޒިންމާތަކުގެ ތެރެއިން އެއްވެސް ޒިންމާއެއް ދައުލަތުގެ ވެރިޔާގެ މައްޗަށް ހަވާލެއް ނުކުރެވޭނެ އެވެ.
"އަޅުގަނޑުމެން މި ކިޔަނީ އެއްގޮތަކަށް ވެސް ސަރުކާރުގެ ބާރުތައް ބަހާލާ ވާހަކައެއް ނޫން. ސަރުކާރު އޮންނާނީ ހަމަ މިހާރު ވެސް އޮންނަ ގޮތަށް، މުޅި ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ވެރިއެއް ހުންނަ ގޮތަށް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ދައުލަތުގެ ވެރިޔާއަށް ހަވާލުކުރެވޭ ޒިންމާއަކީ މިހާރު ވެސް ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން ރައީސަށް ހަވާލުކޮށްފައިވާ ގާނޫނުއަސާސީ ބެލެހެއްޓުމުގެ ޒިންމާ އެވެ.
މިހާރުގެ ގާނޫނުއަސާސީގައި ރައީސަށް ދީފައި އޮންނަ އެއް ބާރަކީ "މި ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅައިފައިވާ ކަންތައްތައް އިހްލާސްތެރިކަމާ އެކު ތަންފީޒުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުން،" މި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ބޮޑު ބަދަލުގެ އެޖެންޑާގައި އެ ބުނާ ދައުލަތުގެ ވެރިޔާއަށް ހަވާލުކުރާނީ އެ މަސްއޫލިއްޔަތެވެ. ދައުލަތާއި ސަރުކާރު އެއް މުއައްސަސާއަކަށް ވާން ކޮންމެހެން ނުޖެހޭ ކަމަށާއި ދައުލަތުގެ ވަކި މުއައްސަސާއެއް ގާއިމުކުރަނީ ފާރަވެރިވުމުގެ އިތުރު ފަށަލައެއް ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމާންތަކެއް ވަންދެން ރާއްޖޭގައި ވެސް އަމަލުކުރަމުން ގޮސްފައިވާ ގޮތަކީ ދައުލަތުގެ ވެރިޔަކާއި ސަރުކާރު ހިންގަން ބޮޑުވަޒީރެއް ހުރުމެވެ. ޖުމްހޫރިއްޔަތަކަށް ދެވަނަ ފަހަރު ބަދަލުވުމަށް ފަހުގައި ވެސް ހަތަރު އަހަރު ފަހުން ބޮޑުވަޒީރުގެ މަގާމު އަލުން ވުޖޫދުކުރި އެވެ. އޭރުގެ ރައީސް އިބްރާހިމް ނާސިރު ސަރުކާރު ހިންގުމުގެ ބައެއް ޒިންމާތައް ހަވާލުކޮށް ބޮޑުވަޒީރަކު އައްޔަންކުރީ އެވެ. ނަމަވެސް އެ ގޮތުގައި ދެމިއޮތީ އެންމެ ތިން އަހަރެވެ. އެގޮތުން، 1975 ވަނަ އަހަރު، ރައީސް ނާސިރު ބޮޑުވަޒީރުގެ މަގާމު އުވާލެއްވި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ނާސިރު ވިދާޅުވެފައިވަނީ ވެސް "އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ" ކަމަށެވެ.
ތާރީހުގެ މި ހަގީގަތްތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ އޭރުގައި ވެސް މައްސަލަ ޖެހެން ދިމާވި އެއް ސަބަބަކީ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސަރުކާރު ހިންގުމުގެ ބައެއް ބާރުތައް ހަވާލުކޮށްފައި އޮތުން ކަމަށެވެ. އަދި ބޮޑުވަޒީރަށް ވެސް ސަރުކާރު ހިންގުމުގެ ބާރުތަކެއް ދީފައި އޮތުމުން، ދެ ވެރިންގެ ދެމެދުގައި ފުށުއެރުންތައް ގިނަވީ އެވެ.
އަޅުގަނޑުމެން މި ކިޔަނީ ސަރުކާރުގެ ހިންގުން ވަކިކޮށްފައި، ދައުލަތުގެ ހިންގުން ވަކިކުރާ ވާހަކަ. ސަރުކާރުގެ ހިންގުން ދެ މީހަކަށް ދިނުމެއް ނޫން.
ފައްޔާޒު ވިދާޅުވީ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީގެ އިތުރުން ސަރުކާރު ވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަގުން ބޭރަށްދާ ނަމަ އެކަން ރައްޔިތުންނަށް ހިއްސާކުރުމާއި ފާރަވެރިވެގެން އޮންނަ މުއައްސަސާއެއް ބޭނުންވާ ކަމަށެވެ. ދައުލަތުގެ ހިންގުން ވަކިކުރުމުން އެފަދަ މުއައްސަސާއެއް އުފެދިގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރު ހިންގާ މީހާ ގާނޫނުއަސާސީއާ ހިލާފު ކަންތައްތަކެއް ކުރުމަށް، ޖުޑީޝަރީ އާއި ޕާލިއަމެންޓުން ވެސް އެ ކަމަށް އެއްބާރުލުންދޭ ހާލަތެއްގައި މުޅި ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނަށް މުހާތަބު ކުރާނެ މުއައްސަސާއެއް ހެޑް އޮފް ސްޓޭޓަކީ،" ފައްޔާޒު ވިދާޅުވި އެވެ.
'ބޮޑު ބަދަލު' ހާސިލްކުރަން ހިނގަން އޮތް މަގު
ފައްޔާޒު ގަބޫލުކުރައްވާ ގޮތުގައި، 'ބޮޑު ބަދަލު'ގެ ހުށަހެޅުންތަކާ މެދު އެމްޑީޕީގެ ރަސްމީ ސްޓޭންޑެއް ފުރަތަމަ އޮންނަން އެބަ ޖެހެ އެވެ. އަދި އެމްޑީޕީން ކޮންމެ މީހަކު ރިޔާސީ ކެންޑިޑޭޓަކު ނުކުތަސް ނުކުންނަން ޖެހޭނީ އެ ހުށަހެޅުންތަކާ އެކީގަ އެވެ.
"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަަކަށް ނޫން މި ހުށަހެޅުންތަކެއް އަންނަނީ. އޭގެ މާ ކުރިން، އަޅުގަނޑުގެ އުންމީދަކީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ކޮންމެ ބޭފުޅަކު ނުކުތް ނަމަވެސް އެމްޑީޕީގެ ޕޮޒިޝަނެއް އޮންނަން ވާނެއޭ މި ކަންކަމުގައި،" އޭނާ ވިދާޅުވި އެވެ.
ގައުމީ ކަންކަމުގައި އެމްޑީޕީން ސްޓޭންޑް ކަނޑައަޅަނީ އެ ޕާޓީގެ ކޮންގްރެސް އިންނެވެ. ކޮންގްރެސްގެ ބަދަލުގައި އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަކީ ވެސް ރަނގަޅު ގޮތެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުން ނޫނެކޭ ބުނުމުން އެ ނިމުނީ އަދި ކިތަންމެ ރަނގަޅު ހިޔާލަކަށް ވިއަސް. އެހެންވީމާ ރައްޔިތުންގެ ކައިރިއަށް ދާން ބިރުގަނެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރަސްމީ ސްޓޭންޑް ކަނޑައެޅުމުން އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯގައި ވެސް އެ ވާހަކަތައް ލިޔާނެ އެވެ. އަދި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވެ، ސަރުކާރު އެކުލަވާލާތާ ދެ މަހެއްގެ ތެރޭގައި ހިޔާލު ހޯދުމުގެ ވޯޓަކަށް ފުރަތަމަ ގޮވާލަން ޖެހޭނެ ކަމަށެވެ.
"ހެޑް އޮފް ސްޓޭޓަކާއި ހެޑް އޮފް ގަވަމަންޓެއް ހުރުން ފަދަ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ޖެހޭނެ. ރައްޔިތުންގެ ރުހުން ލިބުމުން ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުން ވެސް ޖެހޭނީ އެކަން ބަލައިގަންނަން،" އޭނާ ވިދާޅުވި އެވެ.
އެއަށް ފަހު އެ ބަދަލުތައް ގެންނަން ގާނޫނުއަސާސީ ފަރުމާކުރުމަށް ހާއްސަ މަޖިލީހެއް ނޫނީ ހުރިހާ ސިޔާސީ ޕާޓީތައް ތަމްސީލްވާނެ މަޖިލީހެއް އެކުލަވާލެވިދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ކަންކަމަކީ އަދި މަޝްވަރާކުރެވޭނެ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
'ދައުރު'ގެ ވޮޑްކާސްޓްގައި ނަޝީދު:
ނަޝީދު، ފައްޔާޒަށް ލަނޑެއް ދީފާނެތަ؟
މި ބަދަލުތަކަށް އެމްޑީޕީގެ ތެރެއިން ވަކާލާތުކުރައްވާ ތަން ފެންނަނީ ނަޝީދުގެ ފެކްޝަނާއި ފައްޔާޒުގެ ފެކްޝަނުގެ ފަރާތުންނެވެ. ނަމަވެސް ވެރިކަމަށް އަބަދު ވެސް މަސައްކަތްކުރައްވާ ނަޝީދާއި ވެރިކަމަށް މިހާރު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ބަދަހިކަމާ އެކު ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށް ކަމާ މެދު ޔަގީންކަން ކުޑަ އެވެ.
ފުރަތަމަ ނަޝީދުގެ މާޒީ އެވެ. އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) އާއި އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން ނަޝީދާ ދެމެދު ޖެހުނު ސިޔާސީ މައްސަލަތަކުގެ ސަބަބުން އިބްރާ އެއްފަރާތްވާން ޖެހުމެވެ. ފަހުން 2023ގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވި ފަހުން، ފެނިގެންދިޔައީ އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ތަނެވެ.
އެހެންވެ ވާދަވެރި ގިނަ ބަޔަކު ދެކޭ ގޮތުގައި ނަޝީދު، ފައްޔާޒު އެއްފަރާތްކޮށް ރިޔާސީ ޓިކެޓަށް މަސައްކަތްކުރަން އުޅުމަކީ ވަރަށް ގާތް ކަމެއްގެ ގޮތުގަ އެވެ.
ނަމަވެސް ފައްޔާޒު ވިދާޅުވީ އެ ހާލަތު އޭނާއަށް ނުފެންނަ ކަމަށެވެ. މިއަދު ފައްޔާޒަކީ ވެސް އެމްޑީޕީގެ އެތެރޭގައި ބާރާއި ނުފޫޒު އޮތް ވަރުގަދަ ލީޑަރެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އަދި ނަޝީދު ވެސް އޭނާއާ އެކު މަސައްކަތްކުރަައްވަނީ އެކަން ބަލައިގަނެގެން ކަމަށެވެ.
އަޅުގަނޑަކީ ސިޔާސީ ގޮތުން ބާރު އޮތް މީހެއް އެމްޑީޕީގެ ތެރޭގައި. މި ބަދަލުތައް ޑެލިވާކުރެވޭނެ ޕާޓްނާއެއްގެ ގޮތުގައި ދެކިގެން އަޅުގަނޑާ އެކު ރައީސް ނަޝީދު ވެސް އެ މަސައްކަތްކުރައްވަނީ.
މާޒީގައި ހިނގި ބައެއް ކަންކަމަށް އިޝާރާތްކުރައްވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް ހަދައިގެން އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރެއްވުމަކީ އެ މަނިކުފާނު ހެއްދެވި ގޯހެއް ކަމަށެވެ. ހަމަ އެގޮތަށް 2008 ވަނަ އަހަރު، ފައްޔާޒުގެ ބޭބެ އިބްރާހީމް އިސްމާއިލް ވެސް އެމްޑީޕީ ދޫކުރައްވައި ސޯޝަލް ލިބެރަލް ޕާޓީ ހެދުމަކީ ވެސް ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"... އެކަމަކު އެއީ ސިޔާސީ މިސްޓޭކްސް. ކާމިޔާބުނުވީމައި މިސްޓޭޓަކަށް މި ވަނީ ވެސް. ފަހަރުގައި ކާމިޔާބުވި ނަމަ މިސްޓޭކަކަށް ނުވީސް،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އާއި ނަޝީދު މި ވަގުތު ގަބޫލުކުރައްވާ ހަގީގަތަކީ ރާއްޖޭގެ ހިންގުން ހަރުދަނާކުރުމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމާއި އެކަން ކާމިޔާބުވާނީ ދެ ބޭފުޅުން ވެސް އެކުގައި މަސައްކަތްކުރައްވައިގެން ކަމަށެވެ. އެމްޑީޕީގެ އެތެރޭގައި ނަޝީދަށް އަދިވެސް ވަރަށް ތާއީދު ބޮޑު ކަމަށާއި އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވާނީ އެ ތާއީދާއެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް