އެއްބަސްވެ ދެބަސްވަމާ: ގިނައީ 'ތޮށިގަނޑު' ޕާޓީތައް، ކޯލިޝަންގެ ބޭނުން ދަނީ ފަނޑުވަމުން

ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓުންނަށްވުރެ ގިނައިން ވާދަކޮށްފިނަމަ އެއްވެސް ކެންޑިޑޭޓަކަށް %50 ނުހޯދުނު ނަމަވެސް މިހާރު އެހެން ކުދި ޕާޓީތަކާ ކޯލިޝަން ހެދުމުގެ މާނައެއް ނުފެންނަ ކަމަށް ކުރީގެ މަޖިލިސް މެންބަރު ހަސަން ލަތީފް ގަބޫލުކުރައްވާ
1 ގަޑިއިރު ކުރިން

ފެހި ގާނޫނުއަސާސީގެ މުސައްނިފުން ދުށް ގޮތުގައި ރާއްޖޭގެ ވެރިކަން ގާއިމުވާން ވާނީ ރައްޔިތުންގެ ތާއީދު ޔަގީންކޮށްގެނެވެ. ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތަށް ވޯޓު ލިބިގެނެވެ. އެހެންވެގެން ގާނޫނުއަސާސީގައި ވެރިކަމުގެ ރޮނގަކަށް ދާމާލީ "%50 އަދި އިތުރު އެއް ވޯޓު"ގެ ރޮނގެކެވެ. އެ އަދަދު ފުރަތަމަ ބުރުން ހަމަނުވާނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ނަގާ ގޮތަށެވެ.

މި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ފެނުނު އެއް ހަގީގަތަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރަތަމަ ބުރު އެ ރޮނގު ހުރަސް ނުކުރެވޭ ކަމެވެ. އެ ރޮނގު ހުރަސްކުރެވެނީ ދެ ކެންޑިޑޭޓުންނަށް މަދުވީމަ އެވެ. ފުރަތަމަ ބުރުގައި ދެ ކެންޑިޑޭޓުންނަށްވުރެ ގިނަ ނަމަ، ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ފަހަރެއް ނާދެ އެވެ.

ވޭތުވެދިޔަ ރިޔާސީ އިންތިހާބުތަކުގެ ނަތީޖާ:

2008:

  • ފުރަތަމަ ބުރު: އޭރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް 40%، ދެވަނަައަށް އެމްޑީޕީގެ ކެންޑިޑޭޓުު މުހައްމަދު ނަޝީދަށް %25

  • ދެވަނަ ބުރު: އޭރުގެ ރައީސް މައުމޫނަށް %46، ކޯލިޝަންގެ ތާއީދު ލިބިގެން ނަޝީދަށް %54

2013:

  • ފުރަތަމަ ބުރު: ތިން އަހަރު ވެރިކަންކުރެއްވި ކުރީގެ ރައީސް ނަޝީދަށް %45، ދެވަނައަށް ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް %25

  • ދެވަނަ ބުރު: ނަޝީދަށް %49، ކޯލިޝަންގެ ތާއީދު ލިބިގެން ޔާމީނަށް %51

2018:

  • ފުރަތަމަ ބުރު: ވާދަކުރެއްވީ ދެ ކެންޑިޑޭޓުން، ކޯލިޝަންގެ ތާއީދު ލިބިގެން އެމްޑީޕީގެ އިބްރާހީމް މުހައްމަދު ސޯލިހަށް %58، އޭރުގެ ރައީސް ޔާމީނަށް %42

2023:

  • ފުރަތަމަ ބުރު: އޭރުގެ ރައީސް ސޯލިހަށް %39 އަދި ދެވަނަ، މިހާރުގެ ރައީސް މުހައްމަދު މުއިއްޒަށް %46 އަދި އެއްވަނަ

  • ދެވަނަ ބުރު: ރައީސް މުއިއްޒަށް %54، ކުރީގެ ރައީސް ސޯލިހަށް %46

ފުރަތަމަ ބުރުން އެއްވެސް ސިޔާސީ ޕާޓީއަކަށް ރިޔާސީ އިންތިހާބު ނުނެގޭތީ، އަނެއްކާ ވެސް ކޯލިޝަންގެ ބަހުސް ތިލަވީ ރިޔާސީ އިންތިހާބު ދެން ވެސް ކާމިޔާބުކުރެވޭނީ ކޯލިޝަނަކަށް ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވެގެނެވެ.

ކޯލިޝަން ހެދުމާއި ވެރިކަމުގެ ނިޒާމަކީ 'ދައުރު'ން މި ހުކުރު ދުވަހު ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގެ މައުލޫ އެވެ. މި އެޕިސޯޑްގެ މެހެމާނަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ މަޖިލިސް މެންބަރު ހަސަން ލަތީފެވެ. ހަސަަނަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

'އެއްބަސްވެ ދެބަސްވަމާ' ވޮޑްކާސްޓްގައި، 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް (ދައުރު ފޮޓޯ/ އަލީ ނިޝާން)

2008، 2018ގައި އެ ނޫން ގޮތެއް ނެތް

ވޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ފުރަތަމަ ވެސް ވިދާޅުވީ މީގެ ކުރިން އިންތިހާބުތަކުގައި ކޯލިޝަން ހަދަން ޖެހުނީ އޭރުގެ ހާލަތުގެ ގޮތުންނާއި އިންތިހާބުގެ ވަގުތު ޖެހޭއިރު އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.

ފުރަތަމަ ވެސް އިޝާރާތްކުރެއްވީ ފެހި ގާނޫނުއަސާސީގެ ދަށުން ބޭއްވި 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ހަސަން ގަބޫލުކުރައްވާ ގޮތުގައި، އެ ފަހަރު ވާދަވެރި ސިޔާސީ ޕާޓީތަކަށް އޮތް ހަމައެކަނި ގޮތަކީ ވެސް ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތްކުރުމެވެ.

"2008ވަނަ އަހަރު ކޯލިޝަން ހަދަން ޖެހުނީ، ވަރަށް ވަރުގަދަ ވެރިކަމެއް ބަދަލުކުރަން. ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމެއް ނިންމަން. އޭރު އަޅުގަނޑުމެންނަށް ވިސްނާލަން ވެސް އުނދަގޫ، އެހެން އެންމެން އެއްބައިވެގެން ނޫނީ ކަމެއް ވެދާނެ ކަމަށް ވެސް،" ހަސަން ވިދާޅުވި އެވެ.

ދެން ހަސަން ފާހަގަކުރެއްވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށެވެ. އޭރު އެއީ ޔާމީންގެ ވެރިކަމެވެ. އޭރު ވާދަވެރި ޕާޓީތަކުގެ ލީޑަރުން ތިބީ ވެރިކަމަށް ކުރިމަތިނުލެވޭ ހާލަތަށް ގެންގޮސްފަ އެވެ. ހައްޔަރުގައި ނުވަތަ ހުކުމްކޮށްގެން ޖަލަށް ލައިފަ އެވެ. ނޫނީ ރާއްޖޭން ބޭރަށް އަރުވާލައިގެނެވެ. ހަސަން ގަބޫލުކުރައްވާ ގޮތުގައި، ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ލީޑަރުންނަށް މި ހާލަތު ކުރިމަތިވީމައި، ކޯލިޝަން ހެދުން ނޫން ގޮތެއް ނޯންނާނެ އެވެ.

"ކޯލިޝަން ހެދުން ނޫން ގޮތެއް އޭރު ނުވެސް ވިސްނޭނެ. ސިޔާސީ ހުރިހާ ލީޑަރުން ޖަލަށް ލީމައި، ބޭރަށް އަރުވާލަން ޖެހުނީމައި، ދެން ޖެހުނީ އޭރުގެ ހާލަތުގެ ސަބަބުން ހުރިހާ ޕާޓީތަކެއް ކޯލިޝަން ހަދައިގެން މަސައްކަތްކުރަން،" ހަސަން ލަތީފް ވިދާޅުވި އެވެ.

ކޯލިޝަން ހަދާނެ ޕާޓީތަކެއް މިހާރު ނެތް

މީގެ ކުރިން 2008 ،2013 އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އޭރު ވަރުގަދަކޮށް ފެނުނު ގިނަ ޕާޓީތަކަށް އޭރު ފެނުނު ވަރަށް ވެސް މިހާރު ތާއީދެއް ނުފެނެ އެވެ.

އޭރު 'ކިންގް މޭކާ'ގެ ދައުރު އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ލިބުނީ އެންމެ %2 ވޯޓެވެ. އެއީ އޭރު އެމްޑީޕީގެ ތެރެއިން އުފެދުނު ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރަށް ވުރެ ވެސް ދަށް އަދަދެކެވެ.

ދެން އޮތީ އަދާލަތު ޕާޓީއާއި އެމްޑީއޭ އެވެ. މި ދެ ޕާޓީއަކީ ވެސް މިހާތަނަށް ރިޔާސީ އިންތިހާބެއްގައި ވާދަ ވެސް ނުކުރާ ދެ ޕާޓީ އެވެ. އެމްޑީއޭން ނ. އަތޮޅާއި ދ. އަތޮޅުގެ ބައެއް ގޮނޑިތައް ކާމިޔާބުކުރަނީ މައި ދެ ޕާޓީން ކޮންމެ ވެސް އެއް ޕާޓީއަކާ ގުޅިގެނެވެ.

އެންމެ ފަހުން ބޭއްވި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕީއެންސީން ރަސްމީކޮށް ކޯލިޝަން ހަދަނީ އެމްއެންޕީއާ އެކު އެކަންޏެވެ. އެމްއެންޕީއަކީ ފުރަތަމަ ބުރު %1 ވޯޓު ވެސް ނުލިބޭ ޕާޓީއެކެވެ. އޭރު އެމްޑީޕީއާއި ޕީއެންސީ ޖެހިގެން އެންމެ ގިނަ ވޯޓު ހޯދި ޑިމޮކްރެޓްސް، އުމަރު، އަދި ޖުމްހޫރީ ޕާޓީން ވެސް ވަކި ކެންޑިޑޭޓަކަށް ތާއީދެއް ނުކުރެ އެވެ.

މި ނަތީޖާތަކަށް އިޝާރާތްކުރައްވަމުން ހަސަން ލަތީފް މީގެ ގިނަ ސިޔާސީ ޕާޓީތައް ސިފަކުރެއްވީ 'ތޮށިގަނޑުތަކެއް' ގޮތަށެވެ. އެ ޕާޓީތަކަށް ތާއީދު ދަށް ވަރުން، ތާއީދު އޮތް ވަރު ނުފެނެ އެވެ. ތާއީދު އޮތް ނުވެސް ދައްކަ އެވެ. ދައްކަން ބޭނުން ނުވާތީ، އިންތިހާބުތަކުގައި ވާދަ ވެސް ނުކުރެ އެވެ.

"މި ވަގުތު ކޯލިޝަން ހަދާ ވާހަކަ ދައްކާނަމަ، އެމްޑީޕީގެ އާންމު މެންބަރުންނާއި އެހެން ރައްޔިތުންގެ ހިތުގައި ވެސް އުފެދޭނެ ކޯލިޝަން ހަދާ ވާހަކަ މި ދައްކަނީ ކޮން ބަޔަކާބާއޭ. މިއަދު ކޮބައިތޯ އެ ވިދާޅުވާ ބޭފުޅުން؟ ނެތް ބަޔަކު ހޯދައިގެން ކޯލިޝަން ހަދާ ވާހަކަބާ ދައްކަވަނީ؟" ސުވާލުތަކެއް ކުރައްވަމުން ހަސަން ވިދާޅުވި އެވެ.

އެހެން ޕާޓީތައް ފަނޑުވެގެންދިޔަ މިންވަރަށް ބަލާފައި ކޯލިޝަނަކާ މެދު ވިސްނުމުގެ މާނައެއް ނެތް. ހުސް ތޮށިގަނޑުތަކެއް މި ހުންނަނީ. އެއިން ޕާޓީއެއްގެ ވަރެއް ނުވެސް އެނގޭ.

ހަސަން ލަތީފް / އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ކުރީގެ މަޖިލިސް މެންބަރު

ކައުންސިލް އިންތިހާބުގެ ކެމްޕެއިނާއި، އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ދަތުރުތަކުން ހަސަނަށް މަންޒަރު މިހާރު ކުރެއްސެނީ މިހެނެވެ؛ ސިޔާސީ ވަކި ފަލްސަފާއަކަށް ވެސް މިހާރު ވަކި ބުރަދަނެއް ނެތެވެ. މި ހުރި އެކި ޕާޓީތަކުގެ ލީޑަރުންގެ ބަހަށް ވެސް މިހާރު ބުރަދަން ދެވޭ ވަރެއް ނޫނެވެ. ރައްޔިތުން ނިކަމެތިވެގެން ގޮސްފައިވާ ހާލަތުގެ ސަބަބުން، މުހިންމު ވޯޓުލާން ރައްޔިތުން ބޭނުންވަނީ އެ މީހުުން ތަަނަވަސްވާނެ ސިޔާސަތުތަކެއް ދެއްކުމެވެ.

2018ވަނަ އަހަރު އެކުލަވާލި ސަރުކާރު ކޯލިޝަންގެ ލީޑަރުން؛ (ކަނާތުން ވާތަށް) ކުރީގެ ރައީސް ނަޝީދު، ކުރީގެ ރައީސް މައުމޫން، ކުރީގެ ރައީސް ސޯލިހް، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް، އަދާލަތުގެ ރައީސް އިމްރާން (ފޮޓޯ/ ޕީއެސްއެމް)

"ވައުދުތަކެއް ވާއިރު އެއީ ފުއްދޭ ވަރުގެ ވައުދުތަކެއް ތޯ ރައްޔިތުން އެބަ ވިސްނާ. އެ ވައުދުތަކުން ހަގީގަތުގައި ވެސް ތިމަންނަމެންގެ ދިރިއުޅުމަށް، ތިމަންނައާއި ތިމަންނަގެ އާއިލާއަށް ލިބޭ އާމްދަނީއަށް ހެޔޮ ބަދަލެއް އާދޭތޯ ރައްޔިތުން މިހާރު ވިސްނާ ކަމަކީ،" ހަސަން ވިދާޅުވި އެވެ.

ހަސަން ދެކެވަޑައިގަންނަވާ ގޮތުގައި މީގެ ކުރިން ވެސް އަދި އެންމެ ފަހުން ވެސް ނަތީޖާގައި ބަދަލުކުރި މީހުންނަކީ ރައްޔިތުންނެވެ. ޕާޓީތަކެއް ނޫނެވެ. ދެބައިކުޅަ އެއްބައަށްވުރެ ގިނަ ރައްޔިތުން އޭރުގައި އޮންނަ ސަރުކާރަކާ ދެމެދު ނުރުހުން ބޮޑުވުމުގެ ސަބަބުން ދެން އޮންނަ އިހުތިޔާރަކަށް ވޯޓު ދެނީ އެވެ.

"ދެން މާ މުހިންމެއް ނުވޭ، ދެން ހުރީ ކާކުތޯ ވެސް. ދެން ކާކު ކާކާތޯ، ކޮން ޕާޓީއެއް، ކޮން ޕާޓީއަކާތޯ ވެސް ގުޅެނީ. ކޮން ޕާޓީތަކަކާ ގުޅިގެންތޯ އޭރުގެ ސަރުކާރާ ދެކޮޅަށް މި މަސައްކަތްކުރަނީ ވެސް،" ހަސަން ވިދާޅުވި އެވެ.

ކެމްޕޭން ނިންމާލުމަށް އެމްޑީޕީން ބޭއްވި ރެލީގެ ތެރޭން(ފޮޓޯ/އެމްޑީޕީ)

ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ނިންމުން

މިހާރު އޮތް ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން އެހެން ވިދާޅުވުމުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ 'ބޮޑު ބަދަލު'ގެ ވާހަކަތަކާއި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ވާހަކަތައް 'ދައުރު'ގެ ވޮޑްކާސްޓްގައި ދެކެވުނެވެ.

ހަަސަން ވިދާޅުވީ މިހާރު ކޯލިޝަން ގާނޫނެއް ހެދުމުގެ މާނައެއް ވެސް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ނިންމޭނެ ގޮތެއް ހެދުމެވެ. އޭގެ އެއް ގޮތަކީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ޕްރެފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމެވެ.

މި ނިޒާމުގައި ވޯޓު ދޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓްކޮށްގެނެވެ. ވޯޓުލާ ކޮންމެ މީހަކަށް ކަމުދާ ތަރުތީބުން ވޯޓު ދެވޭ ގޮތަށެވެ. ވޯޓު ކަރުދާހުގައި ފާހަގައެއްގެ ބަދަލުގައި ޖަހަން ޖެހެނީ ނަންބަރުތަކެކެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށެވެ. އިންތިހާބު ކާމިޔާބު ކުރާނީ އެންމެ ގިނަ މީހުން "އެކެއް" ގޮތުގައި ބަލައިގަންނަ ކެންޑިޑޭޓެވެ.

މި ނިޒާމުގައި ވެސް %50 ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެ ގޮތެއް ގެންގުޅެ އެވެ.

އޭގައި އަމަލުކުރާ ގޮތަކީ 50 ޕަސެންޓު ރައްޔިތުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ، ދެން ބަލާނީ "ދޭއް" ރޭޓިން ދިން ގޮތަށެެވެ. "ދޭއް" ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން އެންމެ މަދުން ލިބުނު ކެންޑިޑޭޓު ނުލަ އެވެ. "ދޭއް" ރޭޓިންއަށް ފަހު ވެސް 50 ޕަސެންޓު ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ބުނި އުސޫލުން ކުރިއަށް ދާނެ އެވެ.

ހަސަން ވެސް ނިސްބަތްވާ ނަޝީދުގެ ފެކްޝަނުން ހުށަހަޅާ 'ބޮޑު ބަދަލު'ގައި މި ކަމެއް އަދި ނެތެވެ. ނަމަވެސް ހަސަން ލަތީފް ވިދާޅުވީ އަދި އެއީ ފުރަތަމަ ކަރުދާހެވެ. ރައްޔިތުންގެ ހިޔާލުތައް އިތުރަށް ހޯދައިގެންނާއި، ފުޅާ ދާއިރާއެއްގައި ބަހުސްކޮށްގެން ކަރުދާސް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް