އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މިއަދު ގދ. މަޑަވެލީގައި. (އެކްސް ފޮޓޯ/މުހައްމަދު މާސިހު)

ނަޝީދުގެ ރައްދު ސޯލިހަށް: ކޯލިޝަން ކާމިޔާބީއެއް ހޯދާނެ ކަމެއް ނެތް؛ އެކަނި އެއްބުރުން މޮޅުވެވޭނެ

ސޯލިހު ވިދާޅުވާ ގޮތުގައި، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހަމައެކަނި އެމްޑީޕީގެ މެންބަރުންގެ ތާއީދު ނުފުދޭނެ؛ ނަމަވެސް ނަޝީދު ވިދާޅުވަނީ އެއީ އެމްޑީޕީއަށް އެކަނި ހޯދޭނެ ކާމިޔާބީއެއް ކަމަށާއި ކޯލިޝަނެއްގެ ގޮތުގައި އެކަން ކުރުމުގެ ބޭނުމެއް ނެތް ކަމަށް

އެމްޑީޕީއަށް އެކަނި 2028ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށާއި ނަމަވެސް އެހެން ޕާޓީތަކުގެ ބަޔަކަށް ސަރުކާރު ހިންގުމުގެ ކަންތައްތަކާއި މަގާމުތައް ދޭ ގޮތަށް އެކަން ކުރާނެ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގައި ރިޔާސީ އިންތިހާބެއް ދެން ވެސް ކާމިޔާބުކުރެވޭނީ އެެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.

ސޯލިހު ވިދާޅުވާ ގޮތުގައި، ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ހަމައެކަނި އެމްޑީޕީގެ މެންބަރުންގެ ތާއީދު ނުފުދޭނެ އެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ އެމްޑީޕީއާ އެއްގޮތަށް ތިބި އެހެން ޕާޓީތަކާ ގުޅި، ކޯލިޝަނަކަށް މަރުހަބާ ކިޔުމެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ ޗެއާޕާސަން މަގާމަށް ވާދަކުރައްވާ ނަޝީދު މިއަދު ގދ. މަޑަވެލި/ހޯޑެއްދުއަށް ވަޑައިގެން ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ވިދާޅުވީ 2028ގެ ރިޔާސީ އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ކާމިޔާބީގައި ބައިވެރިކުރަން ވާނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީން، އަޅުގަނޑުމެންނަށް 2028 ވަނަ އަހަރު ކާމިޔާބު ކުރެވޭނެ. ކާމިޔާބު ކުރާއިރުގައި ވަރަށް ބޭނުންތެރި، ތިޔަ ބޭފުޅުންނާ (އެމްޑީޕީގެ މެމްބަރުންނާ) އެކީގައި ކާމިޔާބުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

"ކާމިޔާބު ވުމަށްފަހުގައި އެހެން ޕާޓީއެއްގެ ބަޔަކަށް ސަރުކާރުގެ ބޮޑެތި މަގާމުތަކާއި ސަރުކާރުގެ ހިންގުމުގެ އެތައް ކަންތައްތަކެއް ދޫކޮށްލާ ގޮތަށް އަޅުގަނޑުމެން ކާމިޔާބު ހޯދާނެ ކަމެއް ނެތް. އަދި ކާމިޔާބު ހޯދާފައި އެ ކާމިޔާބަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރި މީހުންނަށް (ޕާޓީގެ މެމްބަރުންނަށް) އެ ކާމިޔާބުގައި ބައިވެރިވެވެން ޖެހޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީއަށް އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ."

ގުޅުންހުރި - ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެހެން ޕާޓީތަކަށް ފުރުސަތު ދެއްވައިގެން ކެބިނެޓު އެކުލަވައިލުމުން ނަޝީދާއި އެމަނިކުފާނުގެ ފަޅީގެ މީހުން މީގެ ކުރިން ވެސް ފާޑުވިދާޅުވެފައިވެ އެވެ.

ތަފްސީލު - އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކޯލިޝަނަކާ ނުލައި ކާމިޔާބު ކުުރެވޭނެކަމުގެ ޔަގީންކަން ނަޝީދު ދެއްވީ، މި ސަރުކާރު އައި ފަހުން ބޭއްވި އިންތިހާބުތަކާއި ނެގި ވޯޓުތަކުން ލިބުނު ނާކާމިޔާބީތަކާ ގުޅުވައިގެންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި ނާކާމިޔާބީގެ އެ ސިލްސިލާ އަންނަ ރިޔާސީ އިންތިހާބަށް ވެސް ދެމިގެންދާނެ އެވެ.

ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު މިހާރު ވެސް ހުންނެވީ ނާކާމިޔާބީގެ ދަތުރު އަމިއްލަފުޅަށް ފައްޓަވައިގެން ކަމަށެވެ.

"އެއްވެސް މީހަކު ބުނެގެނެއް ނޫން ފެންނަ ނުފެންނަ ވޯޓެއް ނެގީ. އަމިއްލަފުޅަށް، ބަލީގެ ތެރެއަށް ހުށަހެޅިވަޑައިގަންނަވަން ވެގެން، އަމިއްލަފުޅަށް ފެންނަ ނުފެންނަ ވޯޓަކަށް އައްސަވައިގެން އޭގެން ބޮޑު ތަނުން ބަލިވެވަޑައިގަންނަވައިގެން އެ ހުންނަވަނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އޭގެ ފަހުން ސަރުކާރު އައީ ހައްތަހާ ވެސް ބަލިވަމުން ކަމަށެވެ. އަދި އިހަށް ދުވަހު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ނާކާމިޔާބީ ވެސް ފާހަގަކުރެއްވި އެވެ.

ނަޝީދު އެ ވޯޓުގެ ނަތީޖާ ސިފަކުރެއްވީ ސަރުކާރު "އެތައް ތަނެއް، އެތައް ތަނެއް ބަލިވެގެން" ދިޔަ ކަމަށެވެ. ނަމަވެސް، އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓަށް އެ އިންތިހާބު ކާމިޔާބު ކުރެވުނީ 62 ވޯޓުގެ ތަފާާތަކުންނެވެ.

ކޮމެންޓް (6)

ތެފައާސާ.

8 ޖޫން 2026
އިޓަލީއިން މިފަހަރުގެ ވޯލްޑްކަޕްވެސް ނަގާނެ!!
4 1

ކޮސް

9 ޖޫން 2026
@ތެފައާސާ. ބްރޯ އިޓަލީ ކޮލިފައިވެސް ނުވޭ
0 0

ތެފައާސާ.

9 ޖޫން 2026
@ކޮސް އެގްޒޭކްޓްލީ މައި ޕޮއިންޓް
0 0

ޢަލީ

8 ޖޫން 2026
މަޤާމު ތައް ދޭންޖެހޭނީ ޕާޓީ މީހުންނަކަށް ނޫން، ކަމަށް ޤާބިލް މީހުންނަށް. އެހެންނޫނީ ތިއީ އަމިއްލަ އެދުންވެރިކަމައިގެން އުޅޭ ބައެއް. އިބޫ ވެރިކަމުގައި މިސާލަކަށް އިބޫވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުރީ ކަމަށް އެކަށީގެން ނުވާ ޤާބިލް ނޫން ފަރާތެއް. މިނިސްޓަރެއްގައި ހުންނަންޖެހޭ އަހްލާޤީ ސިފައެއްވެސް ނެތް. އިބޫ ސަރުކާރު ވެއްޓުމުގައި އެކަހަލަ ނާޤާބީލް މީހުން ތިބުން ހިމެނޭ.
7 0

ކޮސް

8 ޖޫން 2026
@ޢަލީ ބަލަ ޕާޓީގެ ޤާބިލު މީހުންނަށޭ ދޭންޖެހޭނީ.މާރިޔާއަކީ ޤާބިލު ފަރާތެއް .ބޮޑެތި 10 ވަރަކަށް ފިރިހެނުންނަށް ވުރެ މާރިޔާ ގަދަވާނެ. އެނގިއްޖެ.
1 1

ޢަލީ

8 ޖޫން 2026
@ކޮސް ހަހަހަހަ. ހަމަ ޔަޤީނުންވެސް އަނގަ ގަދަވާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް