ސޯލިހްގެ ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގައި އެ މަނިކުފާނުގެ ކަނާތްފަރާތުގައި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ (ފައިލް ފޮޓޯ/ރައީސް އޮފީސް)

ސޯލިހް ކެބިނެޓް އެކުލަވާލެއްވީ ޕާޓީ މީހާ އިސްނުކޮށް ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މާރިޔާގެ ފާޑުކިޔުން

ނަޝީދުގެ ކެމްޕެއިން ބައްދަލުވުމެއްގައި މާރިޔާ މީކާއިލްއަށް ނިސްބަތްކުރައްވައި ވިދާޅުވީ ނަޝީދުގެ ވެރިކަން ވައްޓާލި ބަޔަކު މިހާރު އުޅެނީ 'ކުޑަކުޑަ ކުއްޖެއް ބަހައްޓައިގެން' އެމްޑީޕީ 'ޖަހައިގަންނަން' ކަމަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓު އެކުލަވާލެއްވި ގޮތާ ގުޅޭ ގޮތުން އެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާރިޔާ މިގޮތަށް ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން ރޭ ގަލޮޅު ކަންމަތީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޗެއާޕާސަންގެ ރޭހުގައި ސޯލިހްގެ ތާއީދު އޮތީ، ނަޝީދާ ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހްމަދު ނަސީމް އަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ނަޝީދު، ރޭ ގަލޮޅު ކަންމަތީގައި ބޭއްވެވި ކެމްޕެއިން ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީ (ފޮޓޯ/ކެމްޕެއިން ޓީމް)

ތަފްސީލު - ނަޝީދު ފަޅީގައި ހުންނެވި މާރިޔާ ރޭ ވަނީ ސޯލިހް މަގާމުތަކަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުންނާ ގުޅޭ ގޮތުން ޕާޓީގެ މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުން އޮތް ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފަ އެވެ. މާރިޔާ ވިދާޅުވީ:

  • އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވާއިރު، ޕާޓީ ވެރިކަމަށް ގެނައުމަށް އެންމެ ބޮޑު މަސައްކަތެއް ވެސް ކުރަނީ ޕާޓީގެ އާންމު މެންބަރުން ކަމަށް

  • އެމްޑީޕީގެ މެންބަރުން ހިތާއި ރޫހުން އެ މަސައްކަތްކޮށް، ޕާޓީގެ ކެންޑިޑޭޓަށް ވޯޓުލަނީ އެއްވެސް އެޗެއް ބޭނުން ވެގެން ނޫން ކަމަށް

"އެކަމަކު އެމްޑީޕީގެ ސަރުކާރެއް އައިމާ މި ފެންނަނީ އަދާލަތު [ޕާޓީގެ] ބޭފުޅެއްގެ ހުއްދަ އޮވެގެން ނޫނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ވެސް ނުކޮށްލެވޭ،" ސޯލިހްގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އާދަލަތު ޕާޓީގެ އަލީ ޒާހިރަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ދެން ފާޑުވިދާޅުވީ ސޯލިހް ކެބިނެޓު އެކުލަވާލެއްވި ގޮތަށެވެ.

"މިއީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ ކަމެއް. އެމްޑީޕީގެ މީހުން އެންމެ ހިތްހަމަނުޖެހެނީ [އެމްޑީޕީގެ ސަރުކާރުގައި] އެހެން ޕާޓީގެ މީހުން ގަދަކަމުން. ދެންމެ އިއްސެ ވެސް [މާރިޔާގެ ކުރިން ވާހަކަ ދެއްކެވި މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ ކައުންސިލަރު އިސްމާއިލް ހަލީމް) ވިދާޅުވެއްޖެ، އެއް ބޭފުޅެއްގެ އަނބިކަނބަލުންނަށް މިނިސްޓަރުކަން [ދެއްވިއިރު] ހަމައެކަނި ކޮލިފިކޭޝަންއަކީ ބޮޑު ވިޔަފާރިވެރިއެއްގެ އަތްނބަކަށް ވީކަން،" ސޯލިހް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވި ނިންމެވުމަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގައި ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އަލީ ޒާހިރު (ކ) އަދި ސޯލިހް 
ކުރީގެ ސަރުކާރުގައި ޓްރާސްޕޯޓް މިނިސްޓްރުގެ މަގާމު ފުރުއްވި އައިޝަތު ނަހުލާ (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

"ދެން ފެނިގެން ދިޔައީ އެ އޮތް ބޮޑު ހޯމް މިނިސްޓްރީ އަނެއްކާވެސް ބޭފުޅަކާ ހަވާލުކޮށްގެން ތިބީ. އެހެންވީމަ އެމްޑީޕީ މީހާ ވަރަށް ހިތުގައިޖެހޭ އެކަމާ،" އެ މަގާމް އަދާކުރެއްވި އަދާލަތު ޕާޓީގެ އޭރުގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއާ ބެހޭގޮތުން މާރިޔާ ވިދާޅުވި އެވެ.

އެއާއެކު މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ނަޝީދު ވެރިކަން ކުރެއްވިއިރު އެމަނިކުފާނު އިސް ކުރެއްވީ "އެމްޑީޕީ މީހާ" ކަމަށެވެ. އަދި، އުނދަގޫ ނިންމުމެއް ނަމަވެސް، ނަޝީދު ކޯލިޝަން ރޫޅާލެއްވީ އެމްޑީޕީ މީހާއަށް އިސްކަން ދިނުމުގެ ގޮތުން "ސަރުކާރު ވެއްޓިގެން ދިޔަސް ހެޔޮ ކަމަށް" ބަލައިގެން ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އާދެ ވަރަށް ހިތިކޮށް ދިމާވީ ވެސް [ކޯލިޝަން ރޫޅާލުމުން]. އެއީ މިހާރު އެ [މީކާއިލްގެ] ޓީމުގައި ތިއްބެވި ބޭފުޅުން އިސްވެ ތިއްބަވައިގެން އެމްޑީޕީގެ 2008ގެ ސަރުކާރު ވައްޓާލެއްވީ،" އޭރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި މާރިޔާ ވިދާޅުވި އެވެ.

ރޭގެ ކެމްޕެއިން ހަރަކާތުގައި ނަޝީދު ސަޕޯޓަރުންނާ ސަލާމްކުރައްވަނީ (ފޮޓޯ/ކެމްޕެއިން ޓީމް)

'މީކާއިލް ގެނެސްގެން އެ އުޅެނީ ޕާޓީ ޖަހައިގަންނަން'

ނަޝީދުގެ ސަރުކާރު "ވައްޓާލި" މީހުން މީކާއިލްގެ ކެމްޕެއިންގައި ތިބި ކަމަށް މާރިޔާ ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއްނުވެ އެވެ. ތަކުރާރުކޮށް ވިދާޅުވީ، އެ ސަރުކާރު "ވަރަށް އަނިޔާވެރިކޮށް ވައްޓާލުމުގައި ހިއްސާ އެންމެ ބޮޑަށް އޮތް ބޭފުޅުން ތިއްބެވީ އެ ޓީމުގައި" ކަމަށެވެ.

"މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަމުން. ބައްލަވާ، އަޅުގަނޑުމެންގެ ވެރިކަން ޖަހައިގަތް. މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ތުހުމަތު ކުރެއްވި ގޮތުގައި ޕާޓީ "ޖަހައިގަންނަން" އުޅެނީ މީކާއިލް ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބުކޮށްގެންނެވެ. އަދި މީކާއިލްއަކީ "ކުޑަކުޑަ ކުއްޖެއް"ގެ ގޮތުގައި މާރިޔާ ސިފަ ކުރެއްވި އެވެ.

"ކުޑަކުޑަ ކުއްޖެއް ބައިންދައިގެން އެކަން ކުރުމަށްޓަކައި މަސައްކަތްކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

މާރިޔާ ދެން ވިދާޅުވީ މީކާއިލް އެމްޑީޕީއާ ވަކިވެވަޑައިގެންނެވި ނަމަވެސް އޭނާގެ ފަހަތުން ދާނެ މީހަކު ނެތް ކަމަށެވެ.

ކޮމެންޓް (9)

ލައްޗޭ

29 އޭޕްރީލު 2026
ނަޝީދުމެން ފައްޔާޒުމެން އެބުނާ ތަޖުރިބާހުރި، ހަރު މީހުން މި ފެންނަނީ. ޗެއާޕާސަންކަން ކުރަން ނަޝީދުއަށް ކަމުގޮސްގެން އެމްޑީޕީގެ ޗެއާޕާސަންކަންކުރި މީހެއް މާރިޔާއަކީ. މައުމޫނުގެ 30 އަހަރުގެ ވެރިކަން ބަދަލުކުރަން ނަޝީދު ނިކުތްއިރު މައުމޫނު ސަޕޯޓަތުންވެސް ނަޝީދުގެ ތަޖުރިބާ ނެތްވާހަކަ ދެއްކި. ނަޝީދު އެހުރީ މިޒަމާނުގެ މައުމޫނަށްވެފަ. 30 އަހަރު ވިޔަސް ވެރިކާމާހިފާނެ. މާރިޔާމެން ތިޔަ އުޅުއްވާހެން ކޮންމެ އެއްޗެއް ހެއްދެވިޔަސް ޒައީމު ފަހަތުން އެެއިރު އުޅުނު ބޭފުޅުންނަށް މާރިޔާމެން ޖޯކުޖެހި ހަނދާންނެތުނީ ތޯއްޗެއް.
5 0

ތެފައާސާ.

29 އޭޕްރީލު 2026
ހަނދާނަށް އައީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ކޮންމެވެސް ކަހަލަ މައުލޫމާތެއް އެ ހަމަލާ ދިނުމުގެ ކުރިން އޭރުގެ ޑިފެންސް މިނިސްޓަރ މާރިއާއަށް ލިބުމުން އެކަމާއެމެދު އަޅަންވާ އެކަށޭނެ ފިޔަވަޅު ނާޅާ ހުރިކަމަށް ތުހުމަތުކޮށް އޭރު ރައީސް ނަޝީދުގެ އައުވާނުންް ކުރި ތުހުމަތުތައް.
4 0

ކެޔޮގަނޑު

29 އޭޕްރީލު 2026
ތެދެއް. 2008 ގައި ނަޝީދު ހެދިހެން ކޯލިޝަނެއްގެ ސަޕޯޓާއެކު ވެރިކަމަށް އައުމަށްފަހު، އެ އެންމެން ބޭރުކޮށް ސޯލިހު އަމިއްލަ އަތަށް ހުރިހާ ބާރެއް ނަގަން އުޅެގެން ވެރިކަމާ ޕޓީއާއެކު އަނގަވަތަށް ނުވެއްޓުނުކަން ދެރައީ. ކެބިނެޓުގައި ތިބީ ޔާމީނު ވެރިކަމުން ބޭލުމަށް އެންމެން އެއްބަސްވިގޮތަށް. "މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަން" ކަމަށް ތިޔަ ވިދާޅުވަނީ ޕާޓީ ޕާޓީއަކީ ކާކުގެ އެއްޗެއްކަމަށްތޯ. ޕްރައިމަރީގައި ބަލިވީމާ ޕާޓީ ރޫޅާލަން ނިކުތް މީހާ ހޮވަން ނިކުންނަންޖެހޭ ހާލަތުގައި މާރިޔާމެންކަހަލަ ބޭފުޅުން އަދިވެސް ތިޔަ ތިއްބެވީ؟ ނަޝީދުއަށް ތާއީދުކޮށް ނުވަތަ ދިފާއުކުރަށް ދައްކަންޖެހެނީ ހުސް ކޮސްވާހަކަ. ހަނދާނަށް އަންނަނީ މައުމޫނު ވެރިކަމުގެ ފަހު ދުވަސްކޮޅު، މައުމޫނުގެ ދިފާއުގައި މަދުބަޔަކު ނިކުމެ ގޮވިހާ ކޮސް. ރޫޅާލާނަން، ރޫޅާލާނަން
5 0

އަލިބެ....

29 އޭޕްރީލު 2026
މޮޅުވާހަކަ ދެއްކިޔަސް ކަމަކު ނުދާނެ! 2008ގައި ނަޝީދު ވެރިކަމަށް ގެންނަން އުޅުނު ގިނަމީހުން ވެރިކަން ލިބުމާއެކު ބާކީވި. މާރިޔާމެންކަހަލަ ބަޔަކު މަހުޖަނުންނަށް ނުވާ ވާހަކައެއް ނޫން. ރަށްރަށުގައި ދިމާވީ އެހެން. ދެންވެސް ނަޝީދަށް ވެރިކަން ލިބުމުންވާނީއެހެން. އަބަދު ހަމަހޭގައި ނުހުރެވޭނަމަ ރަގަޅަށް ކަމެއްވާނެކަމަށް އުންމީދުކުރާނީވެސް މޮޔައިން.
5 1

ވަރަށްދެރަ

29 އޭޕްރީލު 2026
މާރިޔާމެންގެ ކިބައިން މި ފެންްނަނީ މެޗުއަރިޓީ ވަރަށް ދަށްކަމަށް. މާބޮޑަށް ދުވަސްވީކަމަށް ވާނީ! ޒުވާނުންނާ ހަވާލުކުރަންޖެހޭ! އެމްޑީޕީ ތެރެއިން މި ފެންނަނީ ހަމަ ރ. މައުމޫނު ދައުރުގެ ސިފަތައް. އެގޮތަކީ ރަގަޅުގޮތްކަަމަށް މިހާރު ވިސްްނުނީކަމަށްވާނީ!
3 0

ޙަސަންރަހާ

29 އޭޕްރީލު 2026
ޢިބޫ ވެރިކަމުގާ ވަޒީރު ކަމުގާ 5 އަހަރު ހުރިއިރު ތިޒާތުގެ އެއްޗެއް ބުނި އަޑެއް ނާހަން. ޢެހެންވީމާ ނަހުލާ އާއި އިމްރާނު އޭރުގަ އޯކޭތާދޯ؟ ދެން އިބޫގެ ދައުރުގާ ތުއްތު އަހަންމާދީގެ ދަރިންނާ ދަނބި ދަރިންނާ ކާފަ ދަރިންގެ ތެރެއިން ކިތައް މީހުންނަށް ސަރުކާރު ވަޒީރާ ދީފަ ތިބިކަން ބަލާލުން ބުއްދިވެރި! ފަހާ އިލްޔާސް ގެ އަބުދުއްލާ އާމިރުއަށް މޯލްޑިވިއަން ގެ ބޯޑަށް ލީ ކަމަނާ ބުނުގެން ނޫންތޯ؟
3 0

ގުޅި

29 އޭޕްރީލު 2026
ހެހެހެ ދެން މަ ހީހީ! އެމްޑީޕީގެ ދެ ވެރިކަންވެސް ގެއްލުނީ ކާކާ ހެދިކަން މާރިޔާ ހަދާން ނެތުނީތޯ؟ މިއަދު މިއީ ރާއްޖޭގައި ރީތިކޮށް އެމްޑީޕީގެ ވެރިކަމެއް އޮންނަންވީ ވަގުތެެއް. އަމިއްލަ އެދުމާ ހެދި ވެރިކަން ގެއްލުވާލީ. އަދިވެސް ފަހަތަށް އަރަންވީތޯ
6 1

ކޮސް

29 އޭޕްރީލު 2026
ދެން ކީއްވެބާ މާރިޔާ ޑިފެންސް މިނިސްޓަރަކަށް ހުރެ ޕާޓީ ހަމަޔަކަށް އަޅުވާނުލީ.. އޭރު ޞާލިހު ވަރެއްނެތް. މިހާރު މާރިޔާއަށް ފެންނަ މަންޒަރަކީ ޞާލިހެއް ނުހޮވޭނޭ. ނަޝީދޭ ހޮވޭނީ. އެހެންވީމަ މިގޮތަށް ވާހަކަ މިދައްކަނީ.
9 0

ޖާރިޔާ

28 އޭޕްރީލު 2026
މާރިޔާެއަކީ އޮޕޮޗިޔުނިސްޓެއް.ކީއްވެތޯ މިހުރިހާކަމެއް ހިނގިއިރު ސްލޯލިހު ސަރުކާރުން ވަކިވެ އަންނިއަށް ބައިއަތުނުހިފީ؟
15 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް